މުނައްވަރު: ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލަ ދިރާސާކުރަން ސަރުކާރުން ވަނީ އޭނާ އައްޔަން ކުރައްވާފައި --- ފޮޓޯ/މިހާރު
25 ޖެނުއަރީ 2024 - 15:20
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލުން ނިންމި ނިންމުން ދިރާސާ ކުރުމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ރާއްޖެއިން ބޭރުގެ ވަކީލުންގެ ޓީމެއް ސަރުކާރުން އައްޔަންކޮށްފި އެވެ.
ކަނޑުތަކާބެހޭ ޓްރައިބިއުނަލަށް މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ރާއްޖެ އަށް ބޮޑު ސަރަހައްދެއް ލިބޭ ގޮތަށް މައްސަލަ ނިންމައިފަ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އެ ބައި އަނބުރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެހެންވެ، އެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ކަނޑުތަކާ ބެހޭ ގާނޫނީ މާހިރެއްގެ ހައިސިއްޔަތުން ޑރ. މުނައްވަރުގެ ގާނޫނީ ލަފާ ހޯއްދެވުމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ނިންމަވާފައިވާ ކަމަށާއި އެ މަސައްކަތް މުނައްވަރު މިހާރު ފަށްޓަވާފައިވާ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، މުނައްވަރުގެ އިތުރުން އިނގިރޭސި ވިލާތުގެ ގާނޫނީ މާހިރަަކާއި މޯލްޓާގެ ގާނޫނީ ބޭފުޅަކު ވެސް އެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުން މިހާރު ވަނީ އައްޔަންކޮށްފަ އެވެ. ކަނޑުތަކާބެހޭ ޓްރައިބިއުނަލްގައި ކުރީގެ ސަރުކާރުން އަމަލުކުރި ގޮތާއި އެ މައްސަލާގައި ރާއްޖެ އަށް ނެގެން ހުރި ދިފާއުތަކާއި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅާއި ދެން އެ މައްސަލާގައި އަމަލު ކުރެވެން ހުރި ގޮތްތައް ވަކީލުން ޓީމުން ބަލާނެ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
އޭޖީ އޮފީހުން ވަނީ އެ މަސައްކަތް ނިންމުމަށް ފަހު، އަންނަ މަހުގެ ކުރީކޮޅު އެ ފަރާތްތަކުގެ ގާނޫނީ ލަފާ ސަރުކާރަށް ލިބޭނެ ކަމަށެވެ. ލަފާ ލިބުމުން އެކަމުގައި ދެން އަމަލު ކުރަންވީ ގޮތެއް ނިންމުމަށް ކެބިނެޓަށް ހުށަހަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން، ގާނޫނީ މާހިރުން ރިޕޯޓް ލިބުމުން އެ ރިޕޯޓް ރައީސް ޑރ. މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިތުރުން އާންމުންނަށް ފެންނާނެ ގޮތަށް އާންމު ކުރާނެ އެވެ. އެ ރިޕޯޓް އާންމު ކުރާއިރު އެކަމަށް ހިނގި ހަރަދުތައް ވެސް އާންމު ކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްސާނު
27 January 2024
މުނައްވަރު އެކަނި ހުއްޓަސް ތިކަންކުރާނެ. ދެން ކޮން ޓީމެއް.
އަލީބެ
27 January 2024
ތިމައްސަލާގަ ފުރަތަމަ އުޅެންވީ ޗާގޯސް ހޯދަން. އެއީ ދިވެހިންގެ ތަނެކޭ. ސްކޫލު ކުދިންނަށް މިވާހަކަ ކިޔާދޭން ދިވެހިޓީޗަރުން ބިރުގަންނަނީ ކީއްވެހޭ.
ޙަސަންތަކުރުބެ
27 January 2024
މާލަސްވެއްޖެ ތިޔަކަމުން ކުރެވޭނީ އިތުރު ޚަރަދުތަކެއް ރައީސް އިބްރާހިމް ގެ ސިޓީފުޅަކުން ތިޔަކަންތައް އޮތީ ވަރަށް ބޮޑު އަގެއް ނަގައިގެން އިންޑިއާ ބާރުވެރިކަމާއެކު ވިއްކާލައްވާފަ. ފައިސާފޮތި ވަންތަނެއް ހަމަނޭގުނީ މިލިއަންއޮފް ޑޮލަރސްއަށް ޑީލް ނިއްމަވާ ލެއްވީ. އެނިއްމުން ބާތިލްކުރެވޭނެ އެއްވެސް ގޮތެއްނެތް.
÷ ހުސްވެއްޖެ
26 January 2024
ޗާގޯހޭ ކިޔައިން މުނައްވަރު ކުރާނެ މަސައްކަތެއް ތިހޯދީ. ދީނާ ގައުމަށްޓަކައޭ ކިޔާފަ ފޮނުވާލާ ބިލްތައް ރައްޔިތުންނަށް ހާމަވާ ދުވަހަކުން ރައްޔިތުމީހާ ބުނާ "ޗާގޯހޭ"
ނަންތައްކޮބާ
26 January 2024
މުނައްވަރުގެ ނަން އެނގިއްޖެ. ދެން ތިބިމީހުންގެ ނަންތައް އަދިވެސް ނޭނގޭތަ. އަހަރެން ބުންޏޭ ބުނާތި. ތިކަންވާނީ ހަމަ ސައިބޯނި ބޮއްކަކަށް.
ޚަރަންފޫ
26 January 2024
ކީއްވެތަ މުނައްވަރު ގެ ބަންޑާރަނާއިބު ކަމުގަ ތިކަން ހައްލު ނުކުރީ ؟
ކާފުރުތޮޅި
26 January 2024
މުނައްވަރަށްވެސް މިދިޔަ ސަރުކާރުން ހެދި މަރުކޮމިޝަންގައި އުޅުނު ބޭފުޅުން އުޅުއްވިގޮތަށް މުސާރަ ނަންގަވައިގެން ދުވާލުގައި އަވަހާރަފުޅު ލައްޕަވާން ފުރުސަތުލިބުނީއެވެ. ސާލިހްއަށް ވުރެން މުއިއްޒު މާގޯހެވެ. ވެރިކަން ހޯއްދަވަން ހެެއްދެވީ މުޅީން އިތުރުފުޅެވެ. ސިޔާސީ މަގާމުތަކަށް ލެއްވީ އެއްވެސް ތަނެއްދޮރެއް ނުދަންނަ މީހުންނެވެ.
ކަނޑު ހޯދުން
25 January 2024
އަނބުރާ ހޯދާނެ ބައި އިހަށް ދައްކާ. އެހެން ނޫނީ ތި ވާހަކަތައް ގަބޫލުކުރެވޭކަށް ނެތް.
ދޮންހުސޭނު
25 January 2024
" އެ ރިޕޯޓް ރައީސް ޑރ. މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ އިތުރުން އާންމުންނަށް ފެންނާނެ ގޮތަށް އާންމު ކުރާނެ " - މި ހިސާބުން ތިކަން ނިމޭނެކަމަށް ފަލަކީ ހިސާނުތަކުން ދައްކައެވެ.
ސީޒަން ޖެކްޝަން
25 January 2024
އޭ މިހިރަފެންނަ ދިދައާއެވެ. މުނައްވަރު ތިކަމަށް ވަރަށް ރަނގަޅުވާނެއެވެ. އޭނާގެ އަތްދަށުވަޑިއަކަށް އާޒިމާވެސް ގެންގުޅޭންވާނެއެވެ. އެކަމަނާގެ "އެބް އިނީޝިއޯ ވޮއިޑް" ބޭނުންކޮށްގެން ހުކުމް ބަދަލުކުރެވިދާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އޭ މިހިރަފެންނަ ދިދައާއެވެ. އުންމީދު ވަރަށްވެސް ބޮޑެވެ.