ޖޯޑަންގެ އިރުއުތުގައި އެމެރިކާއިން ހަދާފައިވާ އަސްކަރީ ބޭސް "ޓަވަ" ގެ މަތިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް. ޑްރޯން ހަމަލާ އަމާޒުކޮށްފައިވަނީ މިތަނަށް. -- ފޮޓޯ: ޕްލެނެޓް ލެބްސް/ޕީބީސީ، އޭޕީ
29 ޖެނުއަރީ 2024 - 06:18
ޖޯޑަންގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒަކަށް އިއްޔެ ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މިއީ އީރާނުން އެހީތެރިވާ ހަނގުރާމަވެރި ޖަމާއަތެއްގެ އަމަލެއް ކަމަށް އެމެރިކާއިން ތުހުމަތުކޮށް ރައީސް ޖޯ ބައިޑެން ވަނީ ބަދަލުހިފާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.
ސީރިޔާ، އިރާގު، ސައޫދީ އަރަބިއްޔާ އަދި އިޒްރޭލުން ހިފާފައިވާ ފަލަސްތީނާ އިންވެގެން އޮންނަ ޖޯޑަންގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވެފައި ވާއިރު މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މެދުއިރުމަތީގައި އެމެރިކާ ސިފައިންގެ ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ. އެހެންވެ މި ހަމަލާއާ އެކު މިހާރު ވަނީ ޣައްޒާގެ އިތުރުން މުޅި ސަހަރައްދަށް ހަނގުރާމަ ފުޅާވެދާނެ ކަމަށް އޮތް ބިރު އިތުރަށް ބޮޑުވެފަ އެވެ.
"މިހާރުވެސް މި ދަނީ މި ހަމަލާއާ ގުޅޭ އިތުރު ހެކިތައް ހޯދުމުގެ މަސައްކަތްކުރަމުން. އެކަމަކު މިހާތަނަށް ވެސް މިއީ އީރާންގެ މަދަދާ އެކު ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ އަމަލެއްކަން އެނގޭ،" ބައިޑެން ވިދާޅުވި އެވެ.
ބައިޑެން ވިދާޅުވީ މި ހަމަލާގެ ޒިންމާ އޮތް ބަޔަކު، އެމެރިކާއިން އިހުތިޔާރުކުރާ ގޮތަކަށް، އިހުތިޔާރުކުރާ ވަގުތެއްގައި ޒިންމާދާރުކުރުވާ ކަމަށެވެ.
ހަމަލާއާ ބެހޭ ގޮތުން ބައިޑެން އަށް އަސްކަރިއްޔާއިން ދިން ބްރީފިންއަށް ފަހު އޮތް އިވެންޓެއްގައި ނޫސްވެރިން ސުވާލުކުރުމުން ބައިޑެން ވިދާޅުވީ ހަމަލާއާ ގުޅިގެން އެމެރިކާއިން ރައްދު ދޭނެ ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ހަމަލާގައި ސިފައިންގެ ތިން މީހަކު މަރުވުމުގެ އިތުރުން 25 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އެ މީހުން އާއިލާތަކަށް މައުލޫމާތު ދީ ނިމެންދެން އެ މީހުންނާ ގުޅޭ ހުރިހާ މައުލޫމާތެއް އަދި ވަނީ ސިއްރުކޮށްފައި ކަމަށް ވެސް ސެންޓްކޮމް އިން ބުންޏެވެ.
ހަމާސްގެ ތަރުޖަމާނު ވަނީ މިއީ ފަލަސްތީނުގެ ޣައްޒާގައި ތިބި ކުށެއް ނެތް އާންމުންނަށް މަރަމުންދާ ދިއުމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރަށް ދިން މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ.
"ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދަށް ވަނީ ނުރައްކާވެފައި،" އަބޫ ޒުހުރީ ވިދާޅުވި އެވެ.
ޖޯޑަން ސަރުކާރުން ވަނީ މިއީ އެ ގައުމުގެ ތެރެއިން އައި ހަމަލާއެއް ނޫން ކަމަށް ބުނެ ހަމަލާ ކުށްވެރިކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
29 January 2024
ރަނގަޅު..އެމެރިކާ އަކީ މުސްލިމުންގެ ލެއިން ކަޅިވެފައިވާ ބައެއް. ތަނެއްގައި މުސްލިމުންނާ ދެކޮޅަށް ކަމެއް ކުރަންޔާ އެމެރިކާއިން މަދަދުވެރިވާނެ. ދުނިޔެ ސުލުހަވާން އޮތީ މި ޔަހޫދީ އެމެރިކާ ސައިޒު ކުރެވިގެން