ކުޅިވަރު / ބާސެލޯނާ

ބާސާގެ ކުރިމަގުގެ ތަރިއަކަށް ޒުވާން ރޯކީ ވާނެ: ޒަވީ

ރޯކޫ (ވ) ގޯލު ޖެހުމަށް ފަހު ޕެޑްރީ އާއެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

01 ފެބުރުއަރީ 2024 - 10:41

ބާސެލޯނާ (ފެބްރުއަރީ 1) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ މެޗުގައި ޖެހި ހަމަ އެކަނި ގޯލު ކާމިޔާބުކޮށްގެން އޮސަސޫނާގެ މައްޗަށް ބާސެލޯނާ މޮޅުކޮށް ޒުވާން ފޯވާޑް ވިޓޯ ރޯކީ، 18، އަކީ ކުރިމަގުގައި ބާސާގެ އިންމީދީ ކުޅުންތެރިޔަކަށް ވާނެ ކަމަށް ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މެޗުގެ ވަރަށް ކުރީކޮޅު ފެރާޏް ޓޮރޭޒް އަށް އަނިޔާވެގެން ކުޅެން އެރި ފާމިން ލޮޕޭޒްގެ ބަދަލުގައި، 62 ވަނަ މިނިޓުގައި ކުޅެން އެރި ރޯކީ ވަނީ މިނިޓެއް ތެރޭ ބާސެލޯނާ އަށް ލީޑު ހޯދައިދީފަ އެވެ.

މިއީ މި ޓްރާންސްފާ ބާޒާރުގައި 60 މިލިއަން ޑޮލަރުގެ އަގަކަށް ބާސާ އަށް ބަދަލުވެ، ބްރެޒިލްގެ އަރަމުން އަންނަ ތަރި ޖަހައިދިން ފުރަތަމަ ގޯލެވެ.

"ގޯލު ޖަހާ ކުޅުންތެރިން ވަރަށް ބޮޑަށް ބޭނުންވާނެ ގިނަ ގޯލުތަކެއް ޖަހަން، އޭނާ [ރޯކީ] އަށް ގޯލެއް މިހާތަނަށް މަދުވެފައި އޮތީ. މެޗުގައި އޭނާގެ ގޯލުން ޓީމު މޮޅު ކޮށްދީގެން އަހަރެންނަށް ގަބޫލު ކުރެވެނީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ހޯދައިފިއޭ،" މެޗަށް ފަހު ކޯޗު ޒަވީ ބުންޏެވެ.

"ގޯލު ޖެހުމުން އޭނާ އަށް ލިބުނު އުފާވެރިކަން އޭނާގެ މޫނުމަތިން ވަރަށް ސާފުކޮށް ފެނުނު. މީގެ ކުރިން ވެސް އޭނާ އަށް ބައިވަރު ފުރުސަތު ލިބިފައި ވޭ، އެކަމަކު އޭރު ނަސީބު ނެތީ."

ޒަވީ ބުނީ ރޯކީ އަށް ހާއްސަ އިސްކަމެއް ދީގެންއޭނާގެ ކުރިއެރުމަގަށް ވިސްނައިގެން ބާސާއިން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ރޭގެ މެޗުގައި ލެވަންޑޯސްކީ އެޓީމަށް ލީޑު ފުޅާ ކޯށްދޭން ގޯލެއް ޖެހި ނަމަވެސް އޮފްސައިޑް ވެގެން އެ ގޯލު ބަލައެއް ނުގަނެ އެވެ. އޭގެ ކުރިން އޮސަސޫނާގެ ޑިފެންޑަރު އުނައި ގާސިއާ އަށް ވަނީ ރެފްރީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އެތުލެޓިކޯ މެޑްރިޑް ވެސް ވަނީ ރޭ ލީގުގައި މުހިއްމު މޮޅެއް ހޯދައިފަ އެވެ. އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާ ވާދަކޮށް އެތުލެޓިކޯ މޮޅުވީ މެޗުގެ އިތުރު ވަގުތުގައި މެމްފިސް ޑިޕާއި ޖަހައިދިން ގޯލުން 2-1 އިންނެވެ.

މެޗުގެ 35 ވަނަ މިނިޓުގައި ރެއިނިލްޑޯ މަންޑާވާ އެތުލެޓިކޯ އަށް ލީޑު ނަގައިދީފައި ވަނިކޮށް ހަތް މިނިޓު ތެރޭ އަލްވާރޯ ގާސިއާ ވަނީ ވަޔެކާނޯ އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މި ނަތީޖާއާ އެކު އެތުލެޓިކޯ އާއި ބާސާ އަށް ވެސް ވަނީ 22 މެޗުން 47 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރީގައި އޮތީ އެތުލެޓިކޯ އެވެ. އެތުލެޓިކޯ، ލީގު ތާވަލްގެ ތިންވަނައިގައި އޮތްއިރު ބާސާ އޮތީ ހަތަރުވަނައިގަ އެވެ.

ލީގުގެ އެއްވަނައިގައި އޮތީ 22 މެޗުން 55 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ. ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 54 ޕޮއިންޓް ހޯދާފައިވާ ރެއާލް މެޑްރިޑެވެ. މިރޭ އަމިއްލަ ދަނޑުގައި ގެޓާފޭއާ ދެކޮޅަށް ރެއާލް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ރެއާލަށް އަލުން އެއްވަނައަށް ޖެހިލެވޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454