މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ޓީސީގެ އިއްބެ އެޓީމަށް ލިބުނު ޕެނަލްޓީ ގޯލަށް ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
14 ފެބުރުއަރީ 2017 - 17:50
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ޔޫތު ފުޓްބޯޅަ މުބާރާތް މި އަހަރު ވެސް ބާއްވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމުން މި އަހަރު އާ ފޯމެޓަކަށް މުބާރާތްތައް ކުރިއަށް ގެންދާއިރު ދާދި ފަހުން އާއްމުކުރި އެފްއޭއެމްގެ އަހަރީ ކަލަންޑަރުގައި ޔޫތު ޗެމްޕިއަންޝިޕް ހިމަނާފައެއް ނުވެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް މިއަދު "މިހާރަ"ށް ވިދާޅުވީ އަހަރީ ކަލަންޑަރު އެކުލަވާލިއިރު ޔޫތު މުބާރާތް ހިމަނާފައިނުވި ނަމަވެސް މުބާރާތް އޮންނާނެ ކަމަށެވެ.
"އަހަަރީ ކަލަންޑަރު އާންމުކުރިއިރު ޔޫތު ޗެމްޕިއަންޝިޕް ހިމަނާފައިނެތީ މި އަހަރަކީ ގިނަ މެޗުތަކެއް އެކި މުބާރާތްތަކުގައި އޮތް އަހަރަކަށް ވެފައި ދަނޑު ޝެޑިއުލް އަށް ބެލުމަށް ފަހު އެންމެ ފަސޭހަ ދުވަސްވަރެއްގައި މުބާރާތް ރޭވުމަށް،" ޖަވާޒް ވިދާޅުވި އެވެ. "މިހާރު އޮތްގޮތުން މުބާރާތް ބޭއްވޭނެ ކަމަށް ބެލެވެނީ އަހަރުގެ މެދުތެރޭގައި ނޫނީ ފަހުކޮޅުގައި."
އެފްއޭއެމުން 2011 ވަނަ އަހަރު ބާއްވަން ފެށި މުބާރާތް މެދުކެނޑުނީ 2014 ވަނަ އަހަރު ބޭއްވުމަށް ފަހު އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކަކީ މާޒިޔާ، ވެލެންސިއާ، ވިކްޓަރީ އަދި ކްލަބް އީގަލްސް އެވެ. މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އިން ދެ ވަނަ ފަހަރަށް ހޯދީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.
ޔޫތު ޓީމެއްގެ ކޯޗަކު ބުނީ މުބާރާތް ބާއްވަން އެންމެ ރަނގަޅީ އަހަރުގެ ކުރީކޮޅު ކަމަށެވެ.
"ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ޓީމުތަކަށް ކުޅުންތެރިން ނަގަން ޓްރަޔަލްތަކެއް ޕްރީ ސީޒަނުގައި މި ބާއްވަނީ. އޭގެން އަންނަ ޒުވާން ކުޅުންތެރިންނަށް ކުޅެލަން ފުރުސަތު ދެވެނީ ޔޫތު ޗެމްޕިއަންޝިޕުން. އަސްލު މި މުބާރާތް ބޭއްވުން އެންމެ ރަނގަޅީ ސީޒަންގެ ކުރީކޮޅުގައި. އޭރުން ކްލަބްތަކަށް ފައިދާކުރާނީ،" ޔޫތު ޗެމްޕިއަންޝިޕް މިދިޔަ އަހަރު އިރުޝާދު ދިން ކޯޗަކު ބުންޏެވެ.
ޔޫތު ޗެމްޕިއަންޝިޕަކީ ފުރަތަމަ ޑިވިޝަނަށް ޒުވާން ކުޅުންތެރިން ތައާރަފް ވުމަށް ރަނގަޅު މުބާރާތެކެވެ. މި މުބާރާތުގެ ތެރެއިން އައި ބައެއް ކުޅުންތެރިން މިހާރު އަންނަނީ ގައުމީ ޓީމަށް ކުޅެމުންނެވެ. އޭގެ ތެރޭގައި އީގަލްސްގެ މިހާރުގެ ފޯވާޑް އިބްރާހިމް މުބީން (މުއްކި) އާއި އަންސަރު އިބްރާހިމް އަދި މާޒިޔާގެ އަހުމަދު އިމާޒް (އާއްކޮ) އާއި އަމްދާން އަލީ (އެންޑީ) އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު ރިޒުވާން (ރިޒޭ) ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާައާދަމް
15 February 2017
އަސްލު ޔޫތު މުބާރާތެއް އަތޮޅުތެރޭގަވެސް ކުޅުން ފެނޭ.
ާަާއަލީ
14 February 2017
ކޮބާ ހަންޕު... އެއީވެސް ޔޫތު މުބާރާތުންޥިދާލި ކުޅުންތެރިއެއް