ފަލަސްތީނުގެ ރެފިއުޖީން ކޭމްޕެއްގައި: ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ހިފައިގެން ދިޔަ ވެހިކަލްތަކަށް އިޒްރޭލުން އަނެއްކާވެސް ވަނީ ހަމަލާ ދީފައި. -- ފޮޓޯ: ޢޭއެފްޕީ
06 ފެބުރުއަރީ 2024 - 06:17
ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާއިން އިއްޔެ ހެނދުނު ޣައްޒާއަށް އެހީ ހިފައިގެން ވަންނަން އުޅެނިކޮށް އިޒްރޭލުން ހަމަލާ ދީފި އެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓައިން ރެފިއުޖީސް (އަންރުވާ) އިން ޣައްޒާ އަށް ކަނޑައަޅާފައި ހުންނަވާ ވެރިޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެހީ ހިފައިގެން ޣައްޒާއަށް ވަންނަން މަޑުކޮށްގެން ތިބި ވެހިކަލްތަކަށް އަމާޒުވީ އިޒްރޭލުގެ ކަނޑުގެ ސިފައިންގެ ހަމަލާއެއް ކަމަށެވެ.
އިޒްރޭލުން ވަރުގަދައަށް ހަމަލާ ދެމުން ގެންދާ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާން ގެންދާ ސާމާނަށް މީގެ ކުރިން ވެސް އިޒްރޭލުން ހުރަސް އަޅާފައިވެ އެވެ. އެކަމަކު މިފަހަރު ހަމަލާ ދީފައި މި ވަނީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އުންރުވާގެ ބައެއް މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް އިޒްރޭލުން ތުހުމަތުކޮށްފައި ވަނިކޮށެވެ.
އުންރުވާ އިން ވަނީ އިޒްރޭލުން ތުހުމަތުކުރާ މުވައްޒަފުން ސަސްޕެންޑްކޮށް ތަހުގީގެއް ފަށައިފަ އެވެ. އަދި މިކަމާ އެކު، އެމެރިކާ އާއި ބޮޑެތި އެހެން ގައުމުތަކުން ވަނީ އުންރުވާ މެދުވެރިކޮށް ޣައްޒާއަށް އެހީ ނުވާނެ ކަމަށް ބުނެ އެ ޖަމިއްޔާއަށް ފަންޑުކުރުން ވެސް ހުއްޓާލައިފަ އެވެ.
އުންރުވާ އަށް ތުހުމަތުކޮށް، އެ ޖަމާއަތް ހުއްޓުވަން އިޒްރޭލުން މަސައްކަތްކުރާއިރު އދ. އިން ބުނެފައި ވަނީ އެ ޖަމާއަތުން ކުރާ ގޮތަށް ޣައްޒާގައި މަސައްކަތްކުރެވޭ ވަރުގެ އެހެން ބަޔަކު ނޫޅޭނެ ކަމަށް ބުނެފަ އެވެ. --އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
06 February 2024
މި އެންމެން ބައިވެ އެކުވެގެން ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖައްސާ މަރަން ބޭޏުންވަނީ. އެމެރިކާ އާއި ބައިވެރިން މިކަމުގަ އިޒްރޭލަށް މަދަދު ދެނީ.