07 ފެބުރުއަރީ 2024 - 10:54
ރާއްޖޭގެ ކްލަބަކާ ކުޅެން ޖެހުނަސް، އިންޑިއާގެ ކްލަބަކަށް ކުޅެން އުނދަގޫވާއިރު އޭޝިއަން ކަޕްގައި އިންޑިއާގެ ގައުމީ ޓީމަށް ނަތީޖާ ނެރެވޭނީ ކިހިނެއްތޯ ބުނެ، އެ ޓީމުގެ ކޯޗު އިގޯ ސްޓިމަޗް ސުވާލު އުފައްދައިފި އެވެ.
ގަތަރުގައި މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ އޭޝިއަން ކަޕުގެ ގުރޫޕް ސްޓޭޖުން އިންޑިއާ ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. އެ ތިން މެޗުން ބައިކޮޅަށް ހަ ލަނޑު ވަން އިރު އެންމެ ލަނޑެއް ވެސް އިންޑިއާ އަށް ޖެހިފައެއް ނުވެ އެވެ.
އޭޝިއަން ކަޕާ ގުޅިގެން އިންޑިއާގެ އެފްއޭ އަށް ސްޓިމަޗް ހުށަހަޅަން ޖެހޭ ރިޕޯޓް ހޯމަ ދުވަހު އޭނާ ވަނީ ހުށަހަޅައިފަ އެވެ. އެ ރިޕޯޓްގައި ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުނީ އޭޝިއަން ކަޕުގައި އިންޑިއާ އާ މެދު އުންމީދު މަތިނުކޮށް ހަގީގަތާ ކުރިމަތިލާން ޖެހޭ ކަމަށެވެ.
އޭޝިއަން ކަޕުގައި އިންޑިއާގެ ނަތީޖާތަކާ މެދު މާޔޫސްވި ނަމަވެސް އެ ނަތީޖާ އެ ގޮތަށް ނުނިކުންނާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރާ ކަމަށް ސްޓިމަޗް ބުންޏެވެ.
"އަހަންނަކީ ހަގީގަތަކާ އެއްގޮތަށް ވާހަކަދައްކަން ބޭނުންވާ މީހެއް އަދި އެ ހަގީގަތާ ކުރިމަތިލާން ކެރޭނެ މީހެއް. ... މި ހާލަތުގައި އަހަރެމެން ޖެހޭނެ އުފާ ކުރަން ވެސް އިންޑިއާއިން މެދުކެނޑުމެއް ނެތި ގަވާއިދުން އޭޝިއަން ކަޕަށް ކޮލިފައިވަމުންދާ ކަމަށްޓަކައި ވެސް،" 2021 ގައި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި މިދިޔަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ވެސް އިންޑިއާ އަށް ހޯދައި ދިން ކޯޗު ބުންޏެވެ.
ގަވާއިދުން އޭޝިއަން ކަޕަށް ކޮލިފައިވާ ކަމަށްޓަކައި އުފާ ކުރަން ޖެހެނީ ވަރަށް ފަސޭހަ އަދި ބުއްދި އަށް ވެސް ގަބޫލު ކުރެވޭ ސަބަބުތަކެއް ހުރުމުން ކަމަށް އޭނާ ބުންޏެވެ.
"އިންޑިއާގެ ސުޕަ ލީގުގެ އެންމެ މޮޅެތި ކްލަބްތައް އޭއެފްސީ ޗެމްޕިއަންސް ލީގުގައި ބޮޑު ނަތީތަކަކުން ބަލިވެގެން އަންނައިރު، އަހަރެމެން ކިހިނެއް އިންޑިއާގެ ގައުމީ ޓީމު އޭޝިއަން ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެގެން އަންނާނެ ކަމަށް އުންމީދު ކުރާނީ؟ އަދި އޭއެފްސީގެ އެހެން ކްލަބް މުބާރާތްތަކުގައި ބަންގްލަދޭޝް އާއި ދިވެހިރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅޭ އިރު ވެސް އަހަރެމެންގެ ކްލަބްތަކަށް ރަނގަޅަށް ނުކުޅެވޭ އިރު އޭޝިއަން ކަޕުގައި އިންޑިއާގެ ގައުމީ ޓީމަށް ނަތީޖާ ނެރެވޭނެކަމަށް އަހަރެމެން އުންމީދު ކުރާނީ ކިހިނެތް؟،" ސްޓިމަޗް ލިޔެފައި ވެއެވެ.
އޭނާ ބުނީ މިފަހަރުގެ އޭޝިއަން ކަޕުގައި ވާދަކުރި 24 ގައުމުގެ ތެރެއިން، ގައުމުން ބޭރުގެ ވަރުގަދަ ލީގެއްގައި އެންމެ ކުޅުންތެރިއަކު ވެސް ނުކުޅޭ ހަމައެކަނި ގައުމަކީ އިންޑިއާ ކަމަށެވެ.
އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން، ގައުމީ ޓީމު އޭޝިއަން ކަޕަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު އޭނާ އަށް ދީފައި ނުވުމުން ވެސް ސްޓިމަޗް ވަނީ އޭނާގެ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަދި ޖަޕާން (އެ ޓީމުތަކުގެ ގިނަ ކުޅުންތެރިން ނަކީ ޔޫރަޕްގެ އެންމެ މޮޅު ލީގުތަކުގައި ކުޅެމުން އަންނަ ކުޅުންތެރިން) ފިޔަވައި، އޭއެފްސީ އޭޝިއަން ކަޕުގައި ވާދަ ކުރި އެހެން ހުރިހާ ޓީމަކަށް މުބާރާތަށް ތައްޔާރުވާން އެވްރެޖްކޮށް 27 ދުވަހުގެ މުއްދަތެއް ލިބުނު. އެކަމަކު އަހަންނަށް ލިބުނީ އެންމެ 13 ދުވަސް،" ސްޓިމަޗް ލިޔެފައި ވެއެވެ.
ޓްރޭނިންގައި ކުޅުންތެރިންގެ ފިޒިކަލް މިންގަނޑާއި ޓެކްނިކަލް ކުރިއެރުން ބެލުމަށް ޑިޖިޓަލް ވަސީލަތްތައް ނެތުމުން ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
08 February 2024
''ގުރޫޕް ސްޓޭޖުން އިންޑިއާ ކެޓީ ކުޅުނު ތިން މެޗުން ވެސް ބަލިވެގެންނެވެ. އެ ތިން މެޗުން ބައިކޮޅަށް ހަ ލަނޑު ވަން އިރު އެންމެ ލަނޑެއް ވެސް އިންޑިއާ އަށް ޖެހިފައެއް ނުވެ އެވެ.'' މީތި ވަރަށް ސަޅި. ހެހެހެހެހެހެހެހެ
2222
07 February 2024
ކޯޗް އެބުނެދިނީ ރާއްޖޭގެ ޓީމްތަކުގެ ފެންވަރު. ރާއްޖޭގެ ޓީމްތައް އެހާ ދަށައް ވައްޓާލީ ޓިމްތައް އަމިއްލައަށް.