އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
08 ފެބުރުއަރީ 2024 - 06:04
އދ.ގެ ސަލާމަތީ މަޖިލިސް އޮތީ މުހިންމު ކަންކަމާ އަޅާނުލެވޭ ވަރަށް ބައިބައިވެފައި ކަމަށާއި އެއާ އެކު ދުނިޔެ މި ދަނީ ހައިޖާނަކާ ދިމާލަށް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށިތާ ފަސް މަސް ވެފައި ވާއިރު ގުޓަރެސް ވިދާޅުވީ ޣައްޒާގައި އިޒްރޭލު ސިފައިން ދެކުނުގެ ރަފާ ސިޓީއަށް ވަދެފި ނަމަ ޣައްޒާގައި މިހާރު ވެސް ގޯސް ވެފައި އޮތް ހާލަތު އިތުރަށް ގޯހުން ގޯހަށް ދާނެ ކަމަށެވެ. އަދި މިއީ އިންސާނީ ބޮޑު ކާރިސާއެއްގެ ވެސް އިންތިހާ އަށް ކަންކަން ގޯސްވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7 ގައި ދިން ހަމަލާތަކުގައި 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ޣައްޒާއަށް ވައިގެ މަގުން ދިން ވަރުގަދަ ހަމަލާތަކަށް ފަހު އެއްގަމު މަގުން ވެސް ވަނީ އަރައިފަ އެވެ. އެއާ އެކު މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ވިއްސިވިހާލިވެ ހާލުގައިޖެހިފަ އެވެ.
"މިއީ އެއްވެސް ޝަރުތަކާ ނުލައި، އިންސާނިއްޔަތަށްޓަކައި ހަމަލާތައް ހުއްޓާލައި އަދި ރަހީނުން ވެސް މިނިވަންކުރަންވީ ވަގުތު،" މި އަހަރަށް އިސްކަން ދެއްވާ ކަންކަން ހާމަކުރެއްވުމަށް ގުޓަރެސް އދ.ގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ މައްސަލަތަކާ މެދު މަޝްވަރާކޮށް ހައްލު ހޯދަށް އޮތް އެންމެ މުހިންމު ތަން ކަމަށްވާ ސަލާމަތީ މަޖިލިސް އޮތީ ޖިއޮޕޮލިޓިކްސްގެ ތެރޭގައި ތާށިވެ ކުރިއަށް ނުދެވިފަ އެވެ.
"މިއީ މި ކައުންސިލް ބައިބައިވި ފުރަތަމަ ފަހަރެއް ނޫން -- އެކަމަކު މިއީ އެންމެ ބޮޑަށް ބައިބައިވި ފަހަރު. މިއަދު ހުއްޓުމަކަށް އައިސް މި ތިބީ ވަރަށް ފުން އަދި ނުރައްކާ ހިސާބެއްގައި،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދުނިޔެ ވަންނަމުން މި ދަނީ ބޮޑު ހައިޖާނެއްގެ ތެރެއަށެވެ. މިއީ ކުރިން ލަފާކުރެވިފައި ނެތް، އެ މީހަކު ބޭނުން ގޮތަކަށް އުޅެ އެކަމުގެ އަދަބެއް ވެސް ނުލިބޭ ހާލަތަކަށް ނުރައްކާތެރި ހާލަތެކެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
10 February 2024
މި ދިވެހިރާއްޖެއިންވެސް ފެންނަމުުން މި ދަނީ ތި މަންޒަރު. ޙެޔޮ ސިޔާސީ ކަމެއްކަމުގަ ވިޔަސް ނޫނީ ކުޅިވަރުކަމެއްކަމުގަ ވިޔަސް. ޖިއޯ ޕޮލިޓިކްަްސް ގެ ބައި އޮތީ ޕާޓީތަކަށް.