ބްރިޖް ހައިވޭގައި ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
08 ފެބުރުއަރީ 2024 - 10:07
އަދާކުރައްވަމުން ގެންދެވީ ޒިންމާދާރު ވަޒީފާއެކެވެ. ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލެނބި، އެތައް ދަރިވަރުންގެ އެދުރެކެވެ. އެކަމަކު، ދިރިއުޅުން ފުނޑުފުނޑުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ހަނި ގޯޅިއަކުން ގަވައިދަކަށް ބެލުމެއް ނެތި، ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ގޮސް އެ ޖެހުނީ، ފަތިސް ނަމާދުކޮށްގެން މިސްކިތުން ފައިބައިގެން ޒިބްރާ ކްރޮސް އިން ހިނގާފައި ދިޔަ އަލީ ހަފީޒްގެ ގައިގަ އެވެ.
ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާގެ ޒިންމާ އުފުއްލަމުން ގެންދެވި މެދު އުމުރުގެ ހަފީޒުގެ އެކްސިޑެންޓަށް އަންނަ ޖޫން 28 ގައި އަހަރެއް ފުރޭނެ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ފަރުވާއަކަށް ފަހު ނުރައްކަލުން އަރައިގަނެވުނަސް، އޭނާ އަދިވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެކަމަކު، ފަރުވާ ކުޑަކޮށް ސައިކަލު ދުއްވި މީހާ ގަދަވެ ސަލާމަތުންނެވެ. އިއްވި ދެ އަހަރުގެ ހުކުމަށް ފަހު އަންނަ އަހަރު އޭނާ މިނިވަންވާނެ އެވެ.
މަގުމަތީގެ އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތަކެއް ލިބިއްޖެ ނަމަ އަނިޔާ ލިބޭ މީހާ އާއި އެ އާއިލާއިން ބޮޑު ވޭނެއް އުފުލަ އެވެ. އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކީ، އެކަމުގައި އިހުމާލުވާ މީހުންނަށް ފިޔަވަޅެއް ނޭޅުމެވެ. ބާރު ސްޕީޑުގައި ދުއްވުމާއި އެހެން މީހުންނަށް ނުރައްކާވާ ގޮތަށް އުޅަނދުތައް ދުއްވިޔަސް ވާކަމެއް ނެތެވެ.
މާލޭ އޭރިޔާގެ ޕޮލިސް ހެޑް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓުތައް ތަހުގީގުކުރުމުގައި ދެ ގޮތަކަށް އަމަލުކުރާ ކަމަށެވެ. އެއީ، ޖިނާއީ ބަޔާއި މަދަނީ ގެއްލުން ހޯދައިދިނުމުގެ ދައުވާ އެވެ.
ސަމީރު ވިދާޅުވީ ޖިނާއީ ދައުވާކުރެވެނީ އެކްސިޑެންޓުގައި މިސާލަކަށް މީހަކަށް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ އެވެ. އެކަމަކު، ސަމީރު ވިދާޅުވީ އެކްސިޑެންޓުތަކުގައި ގިނަ ފަހަރަށް އޮންނަނީ ދެ ފަރާތުގެ މައްޗަށް ބިނާވެފައި ކަމަށާއި އެ ދެ ފަރާތުން ވާހަކަ ދައްކައިގެން މަދަނީ ބަދަލެއް ނަގައިދިނުން ނުވަތަ ހަލާކުވި އުޅަނދު ހަދައިދިނުމުގެ ހަރަދު ނަގައިދޭ ގޮތަށް ހަމަޖެއްސުމުން މައްސަލަ ނިންމާ ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި އަލީ ހަފީޒް ފުރުވާލަން ހޮސްޕިޓަލުން ނެރެގެން ގެންދަނީ.
"އޭގައި އަޅުގަނޑުމެންގެ ސައިޑުން ކޮށްދޭންޖެހޭ އެންމެހާ ގިނަ ކަންތައްތައް ކުރެވެމުންނޭ ދަނީ... ހިނގާ ކޮންމެ އެކްސިޑެންޓަކީ، ދެ ފަރާތް ނުވަތަ ތިން ވަނަ ފަރާތެއް ވިޔަސް އެކަންކަން އެއްބަސްވެގެން ދަނީ. އަޅުގަނޑުމެން ނިންމަނީ މި ވެނި ފަރާތެއްގެ އިހުމާލުންނޭ އެކަމެއް ހިނގާފައި އޮތީ. އެހެންވީމަ، އެ ފަރާތުން ބަދަލު ދޭންޖެހޭ ފަރާތަކަށް ބަދަލު ދިނުން، ފައިސާގެ މުއާމަލާތެއް ވިއްޔާ ދެ ފަރާތު ނިންމާ ނިންމުންތަކާއި ނުވަތަ ކޯޓުން މެދުވެރިކޮށް އެކަން ކުރިއަށް ގެންދެވޭ." ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގިނަ އެކްސިޑެންޓުތައް ހިނގަނީ މަގުމަތީގައި އުޅަނދުތައް ޕާކްކޮށްފައިވާ ގޮތުންނާއި ބާރަށް ދުއްވުން ފަދަ މަގުމަތީގެ އަދަބުތަކަށް ބޯނުލެނބުމުން ކަމަށެވެ. ބްރިޖާއި ހައިވޭގައި އެކްސިޑެންޓުތައް ހިނގަނީ، ސަމީރު ވިދާޅުވި ގޮތުގައި ބާރަށް ދުއްވުމާއި ދެ އުޅަނދު ދޭތެރޭގައި ބަހައްޓަންޖެހޭ ދުރުމިން ނުބެހެއްޓުމުންނެވެ.
އެކްސިޑެންޓެއްގައި ކިތަންމެ ބޮޑު އަނިޔާއެއް ވިޔަސް އިހުމާލުވި ފަރާތަށް ޖިނާއީ ދައުވާކުރަނީ އެކަށީގެންވާ ވަރަށް ހެކި ހުރެގެންނެވެ. ބައެއް ހާލަތްތަކުގައި ލިބޭ ގެއްލުމަށް ދައުވާ ކުރަން ބޭނުން ނުވެ އަދި ބައެއް މީހުން އެކަން ކުރިއަށްގެންދަން ބޭނުންވެ އެވެ.
ފުލުހުންގެ ތަހުގީގުތަކުން މިހާރު ވެސް، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި ޖިނާއީ ދައުވާކުރުމުގެ އިހުތިޔާރު އެބައޮތެވެ. ނުވަތަ ހަ މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުމަކީ ވެސް ތަހުގީގު ތެރެއިން ކުރަމުންދާ ކަންތައްތަކެވެ.
"ޖިނާއީ ދައުވާ ނުކުރިޔަސް އެ މީހާގެ ލައިސެންސް ހިފެހެއްޓުމުގެ ކަންތައްތައް ހިމެނޭ. އެގޮތަށް ހަމަ އަމަލުކުރަމުންދޭ." ސަމީރު ވިދާޅުވި އެވެ.
ފުލުހުންގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކަނި ވެސް މަގުމަތީގެ އެކްސިޑެންޓުގެ 1،116 މައްސަލަ ހުށަހެޅި އެވެ. އޭގެ ތެރެއިން ތަހުގީގުކޮށްފައި ވަނީ 606 މައްސަލައެކެވެ. އެ ހާދިސާތަކުގައި 47 މީހަކަށް އަނިޔާ ލިބުނެވެ. އެއް މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވިއިރު، އެކްސިޑެންޓަކާ ގުޅިގެން އެކަކު ހައްޔަރުކުރި އެވެ.
ޕީޕީއެމް އޮފީސް ކައިރީގައި މިރޭ އެކްސިޑެންޓު ހިނގި ސަރަހައްދުގައި ބަޔަކު އެއްވެގެން.
އެ މުއްދަތުގެ ތެރޭގައި ފުލުހުންނަށް ފާހަގަވި ކުށްތަކުގެ ތެރެއިން، އެހެން މީހުންނަށް ނުރައްކާވާ ގޮތަށް 113 މީހުން އުޅަނދު ދުއްވި އެވެ. އަދި ބާރަށް ދުއްވައިގެން 198 މީހުން ހިފެހެއްޓި އެވެ.
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި 1،115 މައްސަލަ ރިޕޯޓުކުރިއިރު، 524 މައްސަލަ ތަހުގީގުކޮށްފައިވެ އެވެ. އެ ހާދިސާތަކުގައި 48 މީހަކަށް އަނިޔާވިއިރު، އެ މުއްދަތުގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓުތަކުން ފަސް މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް، ދައުވާކޮށްފައިވަނީ އެންމެ މައްސަލައެއްގަ އެވެ.
މިދިޔަ މަހު އެކަނި ވެސް ޓްރެފިކް އެކްސިޑެންޓުގެ 260 މައްސަލައެއް ހުށަހެޅި އެވެ.
ސަމީރު ވިދާޅުވީ ތަހުގީގު މަރުހަލާގައި ހޭދަވާ މުއްދަތު އަވަސްކުރުމަށް އިތުރު މަސައްކަތްކުރަންޖެހޭ ކަމަށެވެ. ވީ އެންމެ އަވަހަކަށް ދައުވާކޮށްދިނުން ނުވަތަ ބަދަލު ހޯދައިދިނުމަށް ފުލުހުންގެ ފަރާތުން މަސައްކަތްކޮށްދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކްސިޑެންޓުތައް މަދުކުރުމަށް، ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް 30 ދުވަހަށް ހިފަހައްޓާ މިހާރު ވެސް. އެ ކަންކަމާ ޕާކިންނަށް ވެސް ގުޅިފައި އެބަހުރި. މާލެ ތެރޭގައި ހިނގާ އެކްސިޑެންޓުތަކަށް ޖުމްލަ ހައްލެއް ގެނެވޭނީ އެ ކަންކަމަށް ވެސް ހައްލެއް ގެނެވިގެން."
އެ ނިޒާމް އިތުރަށް މުރާޖައާކުރަން ޖެހޭ ކަމަށް ފުލުހުން ވެސް ގަބޫލުކުރާއިރު ލައިސަންސް ނެތި އޮޕަރޭޓްކުރުމާއި ނުރައްކާތެރިކޮށް އުޅަނދު ދުއްވުމަކީ އެހެން ބަޔަކު ނުރައްކަލަށް ހުށަހެޅޭނެ ކަންކަމަށް ވާތީ އެކަށީގެންވާ ވަރުގެ އަދަބެއް ނުވަތަ އެހެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ސަމީރު ފާހަގަކުރެއްވި އެވެ.
އެކަމަކު، ތަފާތު އެކި ހާދިސާތަކުގައި މަދަނީ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ މަގުމަތީގެ އެކްސިޑެންޓު ފަދަ ކަންކަމުގައި އެ ހާދިސާގެ މައުލޫމާތު ފުލުހުންގެ ފަރާތުން ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންވެ، އަވަހަށް މައްސަލަ ހުށަހަޅަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެއްލުމުގެ ބަދަލު ހޯދަން އެބަ ބޭނުންވޭ އެކްސިޑެންޓުގެ މައުލޫމާތުތައް. އެކަމަކު، ފުލުހުންގެ ފަރާތުން ފަސޭހައިން ނުލިބޭ އެ މައުލޫމާތުތަކެއް. ބުނަނީ ކޯޓަށް ހުށަހަޅައިގެން އަމުރު ހޯދައިގެން އަންނަން. އެކަމަކު، ކޯޓަށް ހުށަހަޅަން ވެސް އެބަ ބޭނުންވޭ މައުލޫމާތު."
"ސިވިލް ބައިގައި މިހެން ސިރިއަސް ގޮތުގައި ނުބަލާ އަސްލު،" ޝުނާނާ ވިދާޅުވި އެވެ.
އެކްސިޑެންޓުތަކުގައި މީހާ އަށް ސިއްހީ އަދި މާލީގޮތުން އެތައް ގެއްލުންތަކެއް ލިބޭއިރު އެންމެން ވެސް ގަބޫލުކުރާ ކަމެއް އެބައޮތެވެ؛ މަގުމަތީގެ އެކްސިޑެންޓުތަކުގައި މިހާރަށް ވުރެ ހަރުކަށި އަދަބުތަކެއް ދޭންޖެހެ އެވެ. އެހެން ނޫނީ އެކަމަށް ހައްލެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯބި ލޯބި
08 February 2024
ފުލުހުންނަކަށް ތިކަމެއް ނުބެލޭ. ބްރިޖްގެވެސް ލައިޓްކާރިން ކަދުފަތިކާރިން މަސްބާނާހެން އަންހެންކުދިންކޮޅެއް ހުއްޓުވާފައި ލައިސަންޗެއްކޮލީމަ ޑިއުޓީ ކުރުވީ. މިގއުމުގެ ހަލާކަކީ ފުލުހުން އެމީހުންގެ ޒިންމާ އަދާނުކުރުން. ގަލޮޅު ދަނޑުގައި ރޯމާދުވާލު ފުލުހުން ކުރުމަތީގައި މާރާމާރީ ހިންގި އިރު އެއްވެސް ގާބިލުކަމެއްނެތި ލާހޫރުނުތަން ފެނިގެންދިޔައީ.
ވާހިދުބެ
08 February 2024
މިހުރިހާ އުޅަނދެއް އެލައީޑުގަ އިންށުރެންސް ކުރާ ސަބަބެއް ބުނެބަލާށެވެ. ދުވަހަކު އިންށުރެންސުން ވާކަމެއް ހަރާމުން ހަރާން
ޖުލައި2021
08 February 2024
ހުޅުމާލޭގަ ފޭސް2ގަ ސައިލަންސަރު ފަޅާލައިގެން ބާރުސުޕީޑްގަ ދުއްވާ ގުރޫޕްތަށް ހުއްޓުވާ ދީބަލަ. ކުއްލި ކުއްލިއަށް ބާރު އަޑުފައްގަނޑު އިވި. ކުޑަކުދިންނަށް ނުނިދީ، މީހުން ސިއްސަ ސިއްސައިގެން ގޮސް ނަފްސާނީ ވެފަ ތިބެނީ. އެހެންވީމާ މިކަން ހުއްޓުވައިދިނުމަށް ޕޮލިސް އިން އަޅެ ކަމެއްކޮށްދީބަލަ
ފަހީމާ
08 February 2024
މަގުމަތި ބެލެހެއްޓޭނީ ވިސްނުމުގާ ތެތްކަމެއް ހުރެގެން. ފިނިކޮޓަރީ އިނދެގެން އެކަމެއް ނުވާނެ. ފިސާރި ގަޔަށް ކަންއަރާ މީހުން ކަންކަމާ ހަވާލުވެގެން މަގުމަތި ބެލެހެއްޓޭނީ
ސަމަރޭ
08 February 2024
މުޅިންވެސް އެކްސިޑެންޓުވީމަ އުޅަނދު ހަދާ ވާހަކަ ދައްކަނީ.. ދުވަހަކުވެސް ނުދައްކާ އަނެކާއަށް ލިބުނު އަނިޔާއާ އޭނަގެ ބޭސްފަރުވާޔާ އޭގެ ހަރަދުތަކާ ތަކުލީފަށް ބަދަލެއް ހޯދާ ނުވަތަ ބަދަލެއްދޭ ވާހަކައެއް.. 3 ތަނުން ކޯޓޭ ނަގާފަ އުޅަނދު ހެދުން ހަމައެކަނި އޮންނަނީ.. ހިމުންވި ވީމާ އެނދުމަތިވެ ހަރަދު ކުރެވޭނެ ފަދައެއް ނޯވޭ..އެމީހާ ދުނިޔެ އުމުރު ބަލި އެނދުގަ.. ހޭބަލިވެގެން ދުއްވިމީހާ މާދަމާވެސް ހަމަ އެ ސްޕީޑުގަ މަގުމަތީގަ..
ރަންދެލި
08 February 2024
ބުރިޖު / ބުރިޖު މަގުން މާލެ / ހުޅުމާލެ އާ ދެމެދު ދަތުރެއް ކޮށްލީމާ މައްސަލައިގެ ކުޑަ ބޮޑު މިން ވަރަށް ސާފު ވާނެއެވެ. ދައުލަތުގެ ޔުނީފޯމު އެޅި ލޯ އެންފޯސްމެންޓް އިދާރާ ތަކުގެ އިސް ބޭ ބޭފުޅުން ރަސްމީ ޔުނީފޯމު ގައި ތިބެ ބުރިޖު / ބުރިޖު މަގުގާ ދުއްވާ ދުވެލި ހުންނަނީ ޤަވާޢިދުގާ ބުނާ ވަރަށް ވުރެ 2 ގުނަ ބާރަށެވެ. ފުރަތަމަ އެ ބޭފުޅުން މިކަން ސިރިއަސް ކޮން ނަގަން ޖެހެއެވެ. މިކަން މިހެން އޮވެ އެބޭފުޅުންނަށް އަދަބެއް ނުލިބި އާއްމު މީހާ އަށް އަދަބެއް ދެވޭހޭ؟
ދަލޭކަ ދައިތަ
08 February 2024
ބުރިޖު ބުރިޖު މަގެއްނޫން މަދުން ނަމަވެސް މާލޭގެ ހަނިގޯޅިންވެސް ނަންނުގައްޗެެއްހެން ތެޅެމުން ފޮޅެނުން ނައްޓާލާ، މިކަންކަން ހައްލުކުރަން އުޅޭ ޔުނީފޯމުއެޅި ބޭކަލުން ޔުނީފޯމުގައިތިބެ. މަގޭ ހިތަންއަރަނީ މި ބޭކަލުންގެ ނުރަސްމީ ގަޑީގައި އާދައިގެ ހެދުމުގައި ކިހާވަރަކުން ދާނެބާވައޭ.
ޥާހިދު
08 February 2024
99% މީހުން ސިގުނަލް ދެނީ ހުންގާނާއެކީ. ގޯޅއަޅާއިރު ސިގުނަލް ދޭށްވާނޭ ބުނާތީ. ކާރާ ސައިކަލަށް ދެލޭން ހުންނައިރު ގޯޅއަޅާ ހާލަތު ލޭން ބަދަލުކުރަންޖެހޭ ހިސާބެއް ބުނެދީފަ ނެތުމަކީވެސް މައްސަލައެއް.
ހާލިދުބެ
08 February 2024
ތިބުނާ ދުރުމިން ބަހައްޓައިގެން ބުރިޖު މައްޗަށް އެރޭނީ އެއްފަހަރާ 20 ސައިކަލަށް މަގުމަތީގެ ރައްޖާތެރިކަމަށް ކޮށްފަހުރި ކަމެއް ބުނެލާބަލަ. މަގުހުރަސްކުރާރަނެއް ފެންނަގޮތަށް ނިޝާނެއް ނުހުރޭ. ޙައިވޭގަ ލޭންބަދަލުކުރަންޖެހޭ ތަންތަން ބުނެދީފަނެތް. 4 ލޭނުން 2 ލޭނަށް ބަދަލުވާއިރު ޓާންކުރާހިސާބު ނިޝާނެއް ނުހުރޭ. އެކްސިޑެބްޓް ހިނގީމަ އަބަދުބަލަނޫ ބާރަށް ދުއްވިމީހާ. މުޅިސީން ނުބަލާ
އުދުހޭ
08 February 2024
ބާރު ސްޕީޑުގަ ދުއްވައިގެން އެކްސިޑެންޓް ގިނަވަންޏާ ޖަރުމަނުގަ އެދުއްވަނީ 120 ގަ. ގަވާއިދުގައި ދުއްވަން އޮންނަނީ ވައަތްފަރާތުން ނަމަވެސް މަގުގެ މެދުން ދުއްވާ މީހުން އުޅޭ ބައިވަރު. މެދުން ދުއްވީމާ އޯވަރޓޭކް ކުރަން އުޅޭ މީހުން އެކްސިޑެންޓް ވަނީ.
ކޮއިފުޅާ
08 February 2024
ކޮއިފުޅާ، ޖަރުމަނުގެ މަގުތައްހާ މި ގައުމުގެ މަގު ތައް ބޮޑީތަ އެހާ ބާރަށް ދުއްވަން. ނޫނީ ބާރަށް ދުއްވާ ވަރަކަށް މަގުތައް ފުޅާވަނީތަ؟ މި ޤައުމުގެ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި އާމީން .
ކަނބުރުގެ
08 February 2024
މީގަ އަސްލު ވާގޮތަކީ ގާނޫނުގަ ހަރުކަށި އަދަބު ކަނޑައެޅިފަ އޮތަސް ތަހުގީގުގެ މަރުހަލާއާ ޕްރޮސެކިއުޓް މަރުހަލާއާ ޝަރީއަތުގެ ހުރިހާ މަރުހަލާތައް ނިމޭއިރު ކުށްވެރިޔާއަކީ ކޮންމެވެސް ސަބަބަކާހުރެ އަދަބުގެ ޒިންމާ އުފުލުމަށް ނުވަތަ އަދަބުގެ ތަކުލީފު އުފުލުމަށް ނުކުޅެދޭ މީހަކަށްވެފަ އޮންނަނީ. ބައެއްފަހަރު ވާނުވާ ބަންދުގަ ހުރެ ހުކުމްކުރާ ހިސާބަށް ދާއިރު އަދަބުގެ މުއްދަތު އޮންނަނީ ހަމަވެފަ.. ދެން ސީރިއަސް ވާންވީ މިންވަރެއް އާސިމާ ނިޒާރު ބުނެދީބަލަ.