"އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުހާތަބު ކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ."
ރައީސް ޑރ. މުހައްމަދު މުއިއްޒު: އަލިރަސްގެފާނުގެ ޖިހާދުން ގޮވާލަނީ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
11 ފެބުރުއަރީ 2024 - 11:19
އަލިރަސްގެފާނުގެ މަތިވެރި ޖިހާދުން ދިވެހިންނަށް ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވެ ގައުމަށް ތެދުވެރިވާން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދުން ދިވެހިންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތްﷲ ހައްގަށް ނަސްރުދެއްވާނެ ކަމެވެ. އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަހަކީ މީގެ 480 އަަހަރު ކުރިން ދިވެހިންގެ ދީނާއި މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރަމާކުރައްވައި އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަން ފެށިތާ އަދި ވީ 46 އަހަރެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ އަލީ ރާޖާގެ އެހީތެރިކަން ހޯއްދެވުމުގައި ކަޅުމުހައްމަދު ރަސްގެފާނު ގައުމަށް ހިޔާނާތްތެރިވެވަޑައިގަތީ ވަރަށް ބޮޑަށް ކަމަށެވެ. އޭގެ ތެރޭގައި އޭރު ދިވެހިން ކުރަމުން ގެންދިޔަ ކަނޑުމަހާއި ރޯނުގެ ވިޔަފާރި މުޅިން މަލާބާރީންނަށް ދޫކޮށްލެއްވި ކަމަށާއި ރާއްޖޭގެ ރަސްކަން ހޯއްދަވަން އަލީ ރާޖާއާ އެކު ހެއްދެވި މުއާހަދާއެއްގެ ދަށުން ކަނޑުން ލިބޭހާ މާވަހަރާއި ރާއްޖެއަށް ލިބޭ ރަނާއި ބޮއްޔާއި އުފައްދާހާ ރޯނުގެ ދެބައިކުޅަ އެއްބައި އަލީ ރާޖާއަށް ދޭ ގޮތަށް ނިންމި ކަމަށް ރައީސް ވިދާޅުވި އެވެ.
އަލިރަސްގެފާނު ޒިޔާރަތް އިހުގައި ހުރި ގޮތް.
އޭގެ އިތުރަށް ވެސް އެ މުއާހަދާގެ ދަށުން، ރ. ނިކޮޅަހާއި ނ. ކެނދިކޮޅުދޫ އަލީ ރާޖާއަށް ދޫކޮށްލެއްވި ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޝަހީދުންގެ ދުވަހެއް ރާއްޖޭގެ ތާރީހުގައި ލިޔެވުނީ ކަޅުމުހައްމަދު ރަސްގެފާނުގެ ކާފަ ދަރިކަލުން، އުމުރުން 19 އަހަރުގެ ހަސަން ރަސްގެފާނު ޕޯޗުގީޒުންނާ އެކު އުފެއްދި ގުޅުމުގެ ތެރެއިންނެވެ.
"ރާއްޖޭން ލިބޭ މާވަހަރާއި ރޯނާއި ބޮއްޔަކީ އެ ޒަމާނަށް ވަރަށް އަގުހުރި ތަކެތި. އޭގެ އިތުރަށް ރާއްޖެ އޮންނަ ތަނަކީ ވަރަށް މުހިންމު އޮޅިއެއް. އެކަން ވަސްކޮޑިގާމާ އޭނާގެ ޑައިރީގައި ވެސް ފާހަގަކޮށްފައިވޭ. މި ހުރިހާ ސަބަބުތަކަށްޓަކާ ޒުވާން ނުވަވަނަ ހަސަން ރަސްގެފާނު އެދިވަޑައިގަތުމަށް ޕޯޗުގީޒުން ރާއްޖެއަށް މިސްރާބު ޖެހި،" ރައީސް ވިދާޅުވި އެވެ.
ދިވެހިންނާއި ޕޯޗުގީޒުން ކުރި ހަނގުރާމަ އާއި ހާދިސާގެ ފަސްމަންޒަރަށް ބަލައިލުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ ގައުމީ ވާޖިބެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގައުމަށް ހިޔާނަތްތެރިވުން. ހަމައެއާ އެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެމީހުންގެ ހީލަތްތެރި ރޭވުން: ރައީސް
"އެއް ފަރާތުން މި ފެންނަނީ އަމިއްލަ އެދުން. ދިވެހީން ދިވެހި ގައުމަށް ހިޔާނަތްތެރިވުން. ހަމައެއާ އެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތްކުރާ ގޮތް. އެމީހުންގެ ހީލަތްތެރި ރޭވުން. ދިވެއްސެއްގެ އެދުމަށް އެ މީހުން ދިވެހިރާއްޖެ އަޅުވެތިކޮށްފި. ނަމަވެސް އޭނާއަށް އޭނާ އެދޭ ބާރެއް، ރަސްކަމެއް ހޯދައެއް ނުދިން،" ރައީސް ވިދާޅުވި އެވެ.
އަލިރަސްގެފާނު ޝަހީދުކޮށްލެވި ތަނުގައި ހަދާފައިވާ އަލިރަސްގެފާނުގެ ޒިޔާރަތް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއަދު ދިވެހިން ބަލައިލަން ޖެހޭ ހަގީގަތްތަކަކީ އަލިރަސްގެފާނުގެ އީމާނުގެ މަތިވެރިކަމާއި އެ ރަދުން ގައުމާ މެދު އޮތް ލޯބީގެ ފުންކަމާއި ހިތްވަރުފުޅު ގަދަކަމާއި ދައުލަތަށް ހުރި ވަފާތެރިކަމާއި ދިވެހިންނާ މެދު ހިތްޕުޅުގައި އޮތް ކުލުނާއި އިހްސާންތެރިކަމެވެ.
"އަލިރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ އެބަ މުހާތަބު ކުރޭ. ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން އެބަ ގޮވާލާ. ދިވެހީންގެ ސަލާމަތް ދިވެހީން ހޯދަން އެބަ ގޮވާލާ. އަލިރަސްގެފާނު ޖިހާދުން މީޑިއާއާ އެބަ މުހާތަބު ކުރޭ. ދޮގު ހަބަރުތައް ނުފަތުރަން އެބަ އިންޒާރު ދޭ. އަލިރަސްގެފާނުގެ ޖިހާދު ދިވެހި ޒުވާނުންނާ އެބަ މުހާތަބު ކުރޭ. ޒުވާންކަމުގެ އޮއިވަރުގައި އަމިއްލަ ދީނާއި ގައުމު ފަހަނައަޅާ ނުދާން އެބަ ނަސޭހަތްތެރިވޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް ކަޅުމުހައްމަދު ރަސްގެފާނު ދޫކުރެއްވި ކިނޮޅަހާއި އެހެން ރަށްރަށް ކާބަފައިން، ދިވެހީންނަށް އަލުން ހޯދައިދިން ކަމަށެވެ. އެހެންވެ، އެމަނިކުފާނުގެ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް އަނބުރާ ހޯދައިދޭނެ ކަމުގެ ވައުދު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ދިވެހި ދިދަ ބަހައްޓައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމަށް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްތީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު: ރައީސް
"އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު އެބައެއްގެ އަތުގައި ނެތް ގައުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްތީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު މި ފާހަގަކުރާ ޝަހީދުންގެ ދުވަހު އެމަނިކުފާނު ދިވެހިންނަށް ކުރައްވާ އެންމެ އިހުލާސްތެރި އިލްތިމާސްއަކީ ގައުމަށް ތެދުވެރިވުން ކަމަށެވެ. އަދި ދީނަށް ހުރުމަތްތެރިކޮށް ހިތައި ދައުލަތަށް ވަފާތެރިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާނިމް މުހައްމަދު
12 February 2024
އިބޫ ބަލިކޮށް މަނިކުފާނު މި މަގާމަށް ގެނައުން އެއީ ރައްޔިތުން ކުރި ޖިހާދެއް.
މުހައްމަދު ސަމީއު
12 February 2024
ފަހުގެ ތާރީހުގައި ރާއްޖޭގޭ ރައީސަކު ދިން އެއްމެ ފުރިހަމަ އެއްމެ އަސަރުގަދަ އެއް ސްޕީޗް.
ޔޫޓޫ
12 February 2024
3ނޮވެމްބަރ1988 ދިވެހިންއަސްކަރީ ޖިހާދުކުރި އިންޑިއާ ޢަސްކަރީ ޢެހީހޯދި އެއީފައިބުޑައްވެއްޓުންތޯ؟؟؟؟؟
ކޮބާތަފާތެއް
11 February 2024
ދުލުން ތިހިންވިދާޅުވާއިރު ޢަމަލުންމިފެންނަނީ ދަރަނިވެރިވެ ބޭރުގެފަރާތްތަކުގެ ވަކިދަށުވާތަން. ދަރާވިކި ވެއްޔާއިމޮޑެވިފައޮތް އިޤުތިޞާދު ކޮޅަށްޖަހަން ވިދާޅުވާއިރު ރައްޔިތުންނަށް ނުފެންނަ އެއްވެސްގޮތަކަށް އެއްވެސްއެއްޗެއް ރައްޔިތުންނާއި ހިއްސާނުކުރާ އެއްބަސްވުންތަކެއް އެކިޤައުމުޤައުމާ އެއްބަސްވެ ސޮއިކުރާތަން. ކެޔޮކެއިވަރެއް އެނގޭނީ ބިތުފަންގެ ހިއްލާލީމަ. ކުރީސަރުކާރުން އިންޑިޔާއާއި އެތަކެއް އެއްބަސްވުމެއްގައި ސޮއިކުރި. މިމީހުން ސޮއިކުރަނީ ޗައިނާއާއި.
މޫސާކުއްދާ
11 February 2024
ކޮން ޖިހާދެއް؟ އަނެއްކާ އަނެއްކަންތައް މިޖެހެނީ. ތިހެން އުޅެނިކޮށް ޓެރަރިސްޓުންގެ ގޮތުގައި ލިސްޓު ކޮށްފާނެ.
ހުސްގޮނޑި މިނިވަން ކުރާށޭ
11 February 2024
އަލި ރަސްގެފާނު ބުނި ޔަހޫދިން ސިފަ ނުގެންގުޅޭށޭ، ވައުދެއްވިއްޔާ އެ ފުއްދާށޭ
ޅިންޑި
11 February 2024
އަލިރަސްގެފާނު ބުނީ މި އިންތިހާބުގާ ވޯޓު ލާނީ ސަރުކާރުގެ ކޯލިށަން އައްށޭ. ރަށުގެ ހުރެގެން ވޯޓުލާން ރަޖިސްޓުރީވެސް ވެއްޖެ.
ނަސޫ
11 February 2024
ގަދަ މީހުން ދައްކާފަތިބި ހިތްވަރުނެތް މީހަކު މި ކަހަލަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް
ހަރުގެ
11 February 2024
އިންޑިޔާ ސިފައިން އާދައިގެ ގަމީހުގަ މި ގައުމުގަ ތިބީމާ މިނިވަންކަނަ ލިބޭނެ.
އަލިރަސްގެފާނުފ
11 February 2024
އަލިރަސްގެފާނޭ ކިޔައިގެން އަނެއް ބޮޑު ދޮގު. އަލިރަސްގެފާނެއް ނުގޮވާނެތިހެނެއް މިހާރު.