13 ފެބުރުއަރީ 2024 - 12:23
ފަލަސްތީނުގެ ބިންތަކަށް ނުހައްގުން ވެރިވެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލްގެ މީހުންގެ ޕާސްޕޯޓު ރާއްޖެ އިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން ހުއްޓުވުމަށް އެދިފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު އެދިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެ މައްސަލަ ހާރިޖީ ކޮމިޓީން ބަލަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލިސް ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރުމުން، އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވުމުގެ ނިންމުން ނިންމަވައި ދެއްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވަނީ ހުށަހަޅައިފަ އެވެ.
އެކަމަކު، އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވުމަށް ފަހު ވެސް މަޖިލީހުގެ އެ އެދުމަށް މިހާތަނަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.
އެ މައްސަލަ ދިގުލައިގެން ގޮސްފައިވާ އިރު، މިއަދު ބޭއްވި ހާރިޖީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ، މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގެ ތެރޭގައި މިނިސްޓަރު ޒަމީރު ހާޒިރުކުރަން ކޮމިޓީން އެދުނު ކަމަށެވެ.
އެކަމަކު ތިން ވަނަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، މިނިސްޓަރަށް ވަގުތު ނުވާތީ ކޮމިޓީ އަށް ވަޑައިނުގެންނެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން، އެ މައްސަލާގައި ކޮމިޓީ އަށް ވަޑައިގެންނެވުމަށް ޒަމީރަށް އަލުން ދެންނެވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އެވެ.
އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވައި ދިނުމަށް ގޮވާލައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފޮރިން މިނިސްޓްރީ ދޮށުގައި ބޭއްވި މުޒާހަރާއެއްގައި ޒަމީރު ވެސް ބައިވެރިވެވަޑައިގެން ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުއްލަވައިފަ އެވެ.
އެކަމަކު، ކޮމިޓީން ރައީސަ މުއިއްޒަށް ފޮނުވި ސިޓީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ޒަމީރު ވަނީ އެ ދުވަހު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަހަރޯއެވެ
25 February 2024
ކޮންފަދަ ކޮމެންޓުތަކެއް. ކަލޭމެންނަށް މިވެސް މީ ޕާޓީ ކުޅިވަރެއްދޯ. ވަކިބައެއް މިކަމަށް އުޅޭތީ އިދިކޮޅު މީހަކަށް މިކަމެއް ކަމަކު ނުދޭ. ބައިނަލްއަގުވާމީ ގުޅުމޭ އޭއްޗެކޭ މީއްޗެކޭ ކިޔާއިރު އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް. އިޒްރާއިލް ޕާސްޕޯޓު މަނާ ކުރަނީ ރާއްޖެ ކަހަލަ ކުޑަ ގައުމަކުންވެސް އެ ޒަޔަނިސްޓުން ސެންޝަން ކުރަން. އެމީހުންގެ އަނިޔާވެރިކަމަށް ދަތިކުރަން. ގައުމެއް ސުންނާފަތިކޮށް ބިމާ ހަމަ ކުރާއިރުވެސް ކަލޭމެން ޕާޓީ ޕާޓީ އަށް ގޮވަގޮވާ ތިބޭތި.
ޔޫޓޫ
14 February 2024
ހޭފުޅު ބަހައްޓަވާ ސޯލިހުބެ ދަމުން ގޮވި 2މިލިއަންމަސްދަޅު ފަލަސްތީނަށޭ ގެސްޓުން އައުންތިޔަކަމުން ހީނަރުވެއްޖެނަމަ ފަލަސްތީނައް ދިވެހިންމިދޭ އެތިކޮޅުގެ ބަދަލުގަ ދޭނެމިންވަރު ނުދެވިދާނެ
ބައުކަލޯ
13 February 2024
ޒަމީރުލައްވާގޯސްހައްދަންނޫޅުއްވާ!!!
ބާބް
13 February 2024
އިޒްރޭލްގެ ޕާސްޕޯޓް މަނާކުރާށޭ ކިޔައިގެން ތިއުޅެނީވެސް ސަރުކާރަށް ޖެއްސުން ކުރަން. ބައިނަލްއަގުވާމީ ގުޅުމަކީ ކޮބައިކަން ނުދަންނަ ރޯނުފިލައިތިބި ބަޔަކު ތިހެން އުޅުނަސް ސަރުކާރުން އެކަމާ އަޅާލާނެކަމެއް ނެތް. ޒަމީރު އެމީހުން އެބުނާ ކޮމިޓީޔަކަށް ދާނެކަމެއްވެސް ނެތް. ހަޅޭއް ޖަހަން އޮތީ 2 މަސް. ޙަމަގައިމުވެސް އެމްޑީޕީއަކަށް ނުވަތަ އެހެންވެސް ބަޔަކަށް ދެން ސުޕަރމެޖޯރިޓީއެއް ނުލިބޭނެ.
ހެއި
25 February 2024
ބައިނަލްއަގުވާމީ ގުޅުމޭ ކިޔާ އެއްޗެއް އިޒްރޭލުގެ ޒަޔަނިސްޓުންނާއެކު ބޭނުމެއް ނެތް. ކަލޭމެންނަށް ރޯފިލާފަ ތިބޭ ބަޔަކަށް ވަނީ ހަމައެކަނި ގައުމު ދޮވެލަން ލާރި ޖީބަށް އަޅަން އުޅޭ މީހުން ދޯ. މީ އެމްޑީޕީ ނޫނީ ޕީއެންސީ ނޫނީ ޕީޕީއެމް އަދި ސަރުކާރުގެ ވާހަކައެއްނޫން. މީ އިންސާނިއްޔަތުގެ ވާހަކައެއް. ތިމީހުންގެ ހިތައް އެއްޗެއް ނޭރިޔަސް ދުނިޔޭގެ ގިނަ މީހުން އަދި ރާއްޖޭގެ ގިނަ މީހުންވެސް ބޭނުންވާކަމެއް.
ޢަލިމާ1
13 February 2024
އިޒްރާލްގަ ވަޒަން ވެރިކުރުވައިގެން އުޅެނީ އެކި ޤައުމުތަކުގެ ޔަހޫދީން. އެހެންވީމަ 2 ޕާސްޕޯރޓް އޮންނާނެ. ބޯގޯސް ކަންތައް ކުރަން ނޫޅެބަލަ
ސަިސ
13 February 2024
ހާދަ ދެފުއްކެހެރި ބަޔެކޭދޯ. އޭރު ވެރިކަމުގަ އެވަރުކަމެއް ކުރަން ނުކެރުނީ ހަމަ ބިޒީކަމުންދޯ
ޢ. ޙަޚީމް
13 February 2024
އިޒްރޭލް މީހުން މިޤައުމައް އައުން ހުއްޓުވުމަކީ ވަރަށް ގިނަ ދިވެހިން އެދޭ ކަމެއްނަމަވެސް ފަތުރުވެރިން އަންނަހާ ހިނދަކު އެކަން ކުރުމަކީ ވަރައް އުނދަގޫ ކަމެއް. ސަބަބަކީ އިޒްރޭލްގެ ގިނަ ރައްޔިތުންނަކީ 2 ޤައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ވުން. ވީމާ ޤާނޫނަކުން މަނާކުރިނަމަވެސް އެކަން ކުރުމުގެ މަޤްސަދު ޙާސިލް ވާނޭ ކަމަކަށް ނުފެނޭ.
ހަސީނާާ
13 February 2024
ބަހާ އަމަލާ ދިމާ ނުވުމުގައި އެމް.ޑީ.ޕީ އަށްވެސް މިސަރުކާރު ކައިރީ ފަތިގަނޑު ފިރުކާލެވޭވަރެއް ނުވޭ. މާ ކުރީގައި އުޅެނީ
ބަލަންތިބޭ
13 February 2024
ލިބޭ ޢާއްމުދަނީއަށް ހުރަސް ނާޅަ ބަލަ.!!!!!!
އިންސާނާ
25 February 2024
ޒަޔަނިސްޓުން ގެންނަ ފައިސާ ޖީބަށް އަޅަން ހެޔޮވެސް ނުވާނެ. ކަލޭމެންނަށް ހެޔޮދޯ ލެއިންތަތްތެޅިފަ ހުއްޓަސް ފައިސާ ލިބެންޔާ. ފައިސާ ފައިސާ ގޮވަގޮވާ ތިބޭތި އާޚިރަތުގަވެސް.
ޔޫޝާއު
13 February 2024
މިއީ ކުރަން ބޭނުން ވެގެން އުޅޭ ކަމެއްނޫން! މަޖިލީހުން ބުނަނީ ސަރުކާރު ކަމެކޭ. ސަރުކާރުން ބުނަނީ މަޖިލިސް ކަމެކޭ. ކުރަން ބޭނުންވާ ކަމެއްނަމަ މިހާރު އޮއްނާނީ ކޮއްފަ.