އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު: އޭނާ ވަނީ ދެވަނަ ދައުރަކަށް ސީއައިޖޭގެ ނައިބު ރައީސްގެ މަގާމަށް އިއްޔެ އިންތިހާބު ކޮށްފަ --- ފައިލް ފޮޓޯ؛ އެމްއޯސީ
14 ފެބުރުއަރީ 2024 - 21:27
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އޮގަނައިޒިން ކޮމިޓީ (ސީއައިޖޭ) ގެ ނައިބުރައީސަކަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދު ސައްތާރު (ޗަމްޕީ) ދެވަނަ ދައުރަކަށް އިންތިހާބުކޮށްފި އެވެ.
އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު ފެޑެރޭޝަންގެ ނައިބުރައީސްގެ މަގާމަށް، ސައްތާރު އެންމެ ފުރަތަމަ އިންތިހާބު ކުރީ 2020 ގަ އެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް އަދާކުރައްވަމުން އަންނަ ސައްތާރު ވަނީ ސީއައިޖޭގެ އެގްޒެކެޓިވް ކޮމިޓީ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވުމުގެ ކުރިން ވެސް އެ ކޮމިޓީގެ މެންބަރުންނާ އެކު މަސައްކަތް ކުރައްވައިފަ އެވެ.
ކޮމޮރޯސްގައި އިއްޔެ ކުރިއަށް ދިޔައ ސީއައިޖޭގެ ކޮންގްރެސްގެ ތެރެއިން
ރާއްޖޭން 2023 ގެ ގޭމްސް އަށް ބިޑް ކުރަން ހުށަހެޅުމުން ރާއްޖޭގެ ހާލަތު ބެލުމަށް ވަޑައިގެންނެވި ސީއައިޖޭގެ މެންބަރުން މާލެ ވަޑައިގެން ސަރުކާރުގެ މުއައްސަސާތަކާ ބައްދަލު ކުރެއްވި އިރު އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި ސައްތާރު ވަނީ އެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެމްއޯސީގެ ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ނައިބުރައީސްކަން ދެ ދައުރުގައި އޭނާ ކުރެއްވި އެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ޗެމްޕާ މުހައްމަދު މޫސާގެ ކޮއްކޮ ސައްތާރު އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ވަޑައިގެންނެވީ 2021 ގައި ބޭއްވި އިންތިހާބުގަ އެވެ.
ސީއައިޖޭގެ ކޮންގްރެސް އިއްޔެ ކުރިއަށް ގެންދިޔައީ، 2027 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާަން ހަމަޖެހިފައިވާ ކޮމޮރޯސްގެ ވެރިރަށް މޮރޯނީގަ އެވެ. އެ ކޮންގްރެސްގައި އެމްއޯސީގެ ސެކްރެޓަހީ ޖެނަރަލް ތަމޫހް އަހްމަދު ސައީދާއި ސީޑަބްލިއުޖީގެ އޮފިސަރު އިބްރާހިމް އީމާން ބައިވެރިވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހުދީ
17 February 2024
ޗަމްޕީ އަކީވަރަށް ގާބިލް ހީވާގި މީހެއް.