16 ފެބުރުއަރީ 2024 - 19:59
ފައިނަލުގައި ވިކްޓަރީގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރި ހޯދައި، ހުރިހާ މެޗަކުން މޮޅުވެ ދެވަނަ ޑިވިޝަނުގެ ތަށި މަސްއޮޑިން އުފުލާލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު ފައިނަލަށް ނުކުތް އިރު ވެސް ދެ ޓީމަށް އޮތީ މުބާރާތުން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ޓާގެޓް ހާސިލުކޮށްފަ އެވެ. ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ އޮތީ ޔަގީން ވެފަ އެވެ.
ބައިގަރުނު ފުރި ފުޓްބޯޅައިގެ ޒަމާންވީ ތާރީހެއް އޮތް ވިކްޓަރީއާ ދެކޮޅަށް މަސްއޮޑިން ވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ގެންގޮސްފަ އެވެ. އެ ޓީމުގެ ބެންޗުގެ ފަހަތުގައި އެ ޓީމުގެ ސަޕޯޓަރުންނަށް ހާއްސަ ކުރި ސަރަހައްދު އޮތީ ގާތްގަނޑަކަށް ފުރާލާފަ އެވެ. ވިކްޓަރީ ފަޅީގައި މާ ގިނަ ބަޔަކު ނެތެވެ.
މެޗުގައި މަސްއޮޑިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، މަސްއޮޑިން ވަނީ މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފަ އެވެ.
އެ ޓީމަށް ފުރަތަމަ ލީޑް ނަގައި ދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. މެޗުގެ 24 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އަބްދުﷲ ޒިޔާން އޭރިއާ ތެރެއަށް ފޮނުވާލި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ ހަތަރު މިނެޓް ފަހުން ހުސައިން ޝަރީފް ވަނީ މަސްއޮޑި ލީޑް ނަގައި ދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސައިން ނިޔާޒު މުހައްމަދު (ބޮކްރީ) ވިކްޓަރީ އަށް ލަނޑު ޖަހައިދީ ނަތީޖާ ފަރަގު ކުޑަކޮށްދިނެވެ.
ދެވަނަ ހާފުގެ ފަހުކުޅުގައި ވިކްޓަރީ އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ އެވެ. އޭގެ ފަހުން މަސްއޮޑިއަށް ލިބުނު ހިލޭ ޖެހުމެއްގައި އިއްބެ ފޮނުވާލި ހަމަލާއެއް ނުރައްކާކޮށް ދިޔަނަމަވެސް އެ ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.
މަސްއޮޑި މެޗުން މޮޅުކޮށް ދިން ލަނޑު އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ކާމިޔާބު ކުރީ އޮޑެލީ ފިލިކްސް ޗީޑީ އެވެ. އޭނާ ލަނޑު ޖެހީ އަލީ ޝާމިސް (ތޮއްޕެ) ދިން ބޯޅަ އަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
18 February 2024
ގޭންގު މީހުންތައް ދޯ! މިހާރު އެއީވެސް ނަންހިނގާ ގައުމުގެ ބައެއް. މި ގައުމެއް ވާ ނެތް. މިިއީ އަހަރެން ލޯބިވާ އުފަން ފަސްގަނޑު ނަމަވެސް އަމިއްލަ މިނިވަންކަން އަދި އަމާންކަމަށް ބާރު ނުހިންގޭ ދަރަޖައަށް ކަންކަން ދިޔައީމަ މިތަން ދޫކޮށް ދާން މިޖެހެނީ.
އަހުމަދު ސައިފުލް
18 February 2024
ކޮބާތަ ދިވެހި ރާއްޖޭގައި އުޅޭ އެ ބުނާ ޔުނިފޯމްޑް ބޮޑީސް؟ ބޮޑެތި ސިންގާހާ ގޭންގް ތަކުން ރާއްޖޭގެ މުޖުތަމައު އެކި ދާއިރާތަކެއް ވަދެ ވަކި ހިތްޕާލައިގެން އުޅޭތަން ބަލަން އަހަރުމެން މި ތިބެނީ އަތް ޖަހަން! ކީކޭ ދެން ފަހެ އަޅެ ބުނާނީ ވިއްޔާ! މިހާރު މި އޮތީ ދިވެހިން އެންމެ ލޯބިވި ފުޓުބޯޅަ އަށް ވަދެފަ!
ރިމާހު
17 February 2024
ގޭންގު ތައް ކުޅިވަރަށް ވަދެ ވަކިހިއްޕާލީމަ ބަލަން ވެސް ފޫހި
ވާވާ
17 February 2024
ބައިގަރުނު ފުރި ފުޓްބޯޅައިގެ ޒަމާންވީ ތާރީހެއް އޮތް ވިކްޓަރީއާ ދެކޮޅަށް މަސްއޮޑިން ވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ގެންގޮސްފަ އެވެ. މިކަމުން މި އިނގެނީ ރާއްޖޭގައި ގޭންގް އާލާވެފައިވާ ވަރު!
ހެހެހެހެހެހެ
17 February 2024
ވިކްޓްރީ ޓީމުގެ އެންމެ މޮޅު ބޭރު ކުޅުންތެރިޔާ ވަނީ މި ގޭންގް ތަކުގެ ބިރަށް ރާއްޖޭން ފުރައިގެން ގޮސްފައި! އޭނާ ފައިނަލް މެޗް ކުޅެންވެސް މަޑު ނުކުރި! ޢެނާ އަކީ ވިކްޓްރީގެ މައި ޕްލޭ މޭކަރ!
މެކްސިކޯ
17 February 2024
ކުޅިވަރުގައި ގޭންގުތައް، ވިޔަފާރިތަކުގައި ގޭންގުތައް، ސްކޫލްތަކުގައި ގޭންގުތައް، ސަރުކާރުގައި ގޭންގުތައް،.. ގޭންގުތައް ނެތް ތަނެއް ނެތް މި ޤައުމުގައި. މެކްސިކޯ އަށް ވަމުންދާތަން މި ފެންނަނީ.
އަންތަރީސް
17 February 2024
ވިކްޓިރީ އެއީ ގެންގް އެއް ނޫން ތޯ؟
މޮޑަފްް
17 February 2024
މަސްއޮޑިޔާ ބެހޭ ޚަބަރެއް ލިޔާއިރު ނޫސްވެރިޔާގެ ނަން ސިއްރުކުރަނީ ކޮންކަހަލަ ބިރުވެރިކަމެއް ލައިގަނެގެންތޯ؟ އެހެޔޮ އެމީހުންނަށް ކާމިޔާބު ލިބުނު ވާހަކަ ލިޔާއިރުވެސް. މިފެންވަރަށް އަދި ދިވެހި ފުޓުބޯޅަ ނުވެއްޓޭ. އިހުޒަމާނުގަ މަސްއޮޑިއާ ގުޅިފަ އޮންނަނީ މިރާއްޖޭގަ އުފެދުނު ވަރުގަދަ ލަވަ ކިއުންތެރިންނާ. އެކަމަކު ޒަމާން ބަދަލުވީތާ. ފަހުގެ ޖީލު މިބަދަލުވީ އަދި އެހެން ކަމަކަށް.
އެނދިމަރިޔަނބު
17 February 2024
މީ ފުޓުބޯޅަ ކްލަބެއްތަ ގޭންގެއްތަ؟ ތިނަން ކިޔާ ގޭންގެއް އުޅޭތީ އަހާލީ.
ްޤައުމުގެ ޙާލަތު
17 February 2024
"ބައިގަރުނު ފުރި ފުޓްބޯޅައިގެ ޒަމާންވީ ތާރީހެއް އޮތް ވިކްޓަރީއާ ދެކޮޅަށް މަސްއޮޑިން ވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ގެންގޮސްފަ އެވެ. އެ ޓީމުގެ ބެންޗުގެ ފަހަތުގައި އެ ޓީމުގެ ސަޕޯޓަރުންނަށް ހާއްސަ ކުރި ސަރަހައްދު އޮތީ ގާތްގަނޑަކަށް ފުރާލާފަ އެވެ. ވިކްޓަރީ ފަޅީގައި މާ ގިނަ ބަޔަކު ނެތެވެ." ވިސްނާލީމަ ހިތްހަލާކު ވެއްޖެ، ޤައުމުގެ ޙާލަތާމެދު އިތުރަށް ބުނާނެ އެއްޗެއްނެތް،