މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރުކުރަނީ: ހަނގުރާމައަށް ދާން ދިޔަ އެ ދެމަފިރިން ގެނައީ މި މަހުގެ ކުރީކޮޅު ކަމަށް މައުލޫމާތު ލިބޭ.-- ފޮޓޯ: ފަޔާޒް މުސާ / މިހާރު
19 ފެބުރުއަރީ 2024 - 12:11
ހަނގުރާމައެއްގައި ބައިވެރިވާން ރާއްޖެއިން ބޭރަށް ގޮސް އުޅެނިކޮށް ދިވެހި ދެމަފިރިއަކު ރާއްޖެ ގެނެސް ހައްޔަރުކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހިފެހެއްޓީ ސައޫދީ އަރަބިއްޔާއަށް ދިއުމާ އެކު އެ ގައުމުގެ ފުލުހުންނެވެ. އެ މީހުން ރާއްޖެ ގެނެސް ހައްޔަރުކުރީ މި މަހު ކުރީކޮޅު އެވެ.
އެ ދެމަފިރިންގެ މައުލޫމާތު އެނގޭ މީހަކު ބުނީ އެ މީހުން ހަނގުރާމައަށް ދާން އުޅުނީ ދެ ދަރިން ބައިތިއްބާފައި ކަމަށާއި އަންހެން މީހާ މިހާރު ވެސް އިނީ ބަލިވެ ކަމަށެވެ. ރާއްޖެ ގެނެސް ތިބީ ގޭ ބަންދުގައި ކަމަށް ވަނީ އެނގިފަ އެވެ.
އެ މީހުން ހަނގުރާމައަށް ދާން އުޅުނީ ކޮން ގައުމަކަށް ކަމެއް ނޭނގެ އެވެ. އެކަމަކު ހަނގުރާމައަށް ދާ ގިނަ ދިވެހިން ދަނީ ސީރިއާއަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭ ކުށެކެވެ. އެ ގާނޫނުގެ ދަށުން ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކުރިން ވަނީ ކަނޑައަޅާފަ އެވެ.
މިދިޔަ މަހު ސަރުކާރުން ވަނީ ސީރިއާގައި ހަނގުރާމައަށް ގޮސް ތިއްބާ ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެ ގެނެސްފަ އެވެ. އެއީ ހަ މީހަކާއި 15 ކުޑަ ކުއްޖެކެވެ. އެ މީހުން ސަރުކާރުގެ އެހީގައި ރާއްޖެ ގެނައުމަށް ފަހު އެ މީހުން މިހާރު ތިބީ ރިހެބިލިޓޭޝަން ސެންޓަރުގަ އެވެ.
ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހައްދުތަކަށް ދިއުމަކީ ރާއްޖޭގެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ވާތީ ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިއްބާ ރާއްޖެ ގެނައި ދިވެހިންގެ ތެރެއިން ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ. އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައަށް ގޮސް އެނބުރި ރާއްޖެ އަންނަން ބޭނުންވާ 100 ވަރަކަށް މީހުން އެބަ ތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކޫލަށް ނުފޮނުވާ ކުދިން
20 February 2024
ރާއްޖޭގައި މިހާރުވެސް ސްކޫލަށް ނުފޮނުވާ ބައިވަރު ކުދިން ހަރުކަށި ޚިޔާލުގެ އެބަ އުޅޭ. ސަރުކާރުން އަދި އެޑިއުކޭޝަން މިނިސްޓަރުވެސް މިކަމާ އަޅާނުލަނީ ކިޔައްވެތަ؟ އެ ކުދިންގެ މުސްތަގްބަލް ހަލާކުވުން އޯކޭތޯ
އަހުމަދުއަލޯ
19 February 2024
ފޮނުވާލާ. މިތާ ބަހައްޓާނެއް ތަނެއް ނެތް.
ދުންމާރި އާދަނު
19 February 2024
ދިވެހިން ހަގީގަތެއްނެތް ބިލާހީ ފިކުރުތަކަށް ތަބާވަމުންދަނީ، ވަރަށްވެސް ބާރަށް ހަލުވިކަމާއިއެކު،އިސާހިތަކު ސައިންސާ ޓެކް ކުޔަވާނެ ބަޔަކު ނެތިވެ ހުސްވެދާނެ، ބައެއް ދިރާސާތކުން މިހާރުވެސް ތައުލީމީ ފެންވަރު ދައްވަމުން އަންނަކަން ސާފުވޭ.
MySuperGreenDOTcom
19 February 2024
އަނބުރާނާދެވޭގޮތަށް ފޮނުވާލިނަމަ މައްސަލަނިމުނީ، އަދިވެސްދާނެ، އެމީހަކު ބޯންއުޅޭބޮނޑިއެއް ބޮވުނީމާނޫނީ ނުވިސްނޭނެ ހިއުމަންނޭޗަރ
އެމީލިއޯ
19 February 2024
ބަލަގަ.... ދަރިން ބަލަން އަމިއްލަ ގައުމުގަ ހުރުމަކީ ވެސް މިޒަމާނުގަ ކުޑަ ޖިހާދެއް ނޫނޭ.
ކޮމަން ސެންސް
19 February 2024
ދާން ބޭނުން މީހަކު ފޮނުވާލުމަކީ އެންމެ ބުއްދިވެރިގޮތް. އެކަމަކު އަނބުރާ ގެންނާނެކަމެއްނެތް.
އާދަނު33
19 February 2024
ހަނގުރާމައަށް ގޮސްއަންނައިރު މީހުން އެބަގިނަވޭ.. މިސާލަކަށް 10 މީހުން ދިޔައްޔާ ގެންނައިރު 20 މީހުނަށްއެބަވޭ،!!
ހާމިދު ޝާހިދު ޔ
19 February 2024
އެހައްދުވަހު މިސަރުކާރުން ކުރިން ހަނގުރާމައަށް ގޮސް ހާލުގައި ޖެހިފައި ތިބި 20 އަކަށް ދިވެހިން ވަނީ ގެނެސް ދޫކޮށްލާފައި. އެމީހުންނަށް ރިހެބިލިޓޭޝަން ފުރިހަމަ ކޮށްފަޔޯ ދޫކުރީ. އެކަމަކު ރާއްޖެއަކު ނެތް ރިހެބިލިޓޭޝަން ދެވޭނެ ވަސީލަތެއް. ހަނގުރާމައަށް ދާމީހުން އެއްގޮތަކަށްވެސް ރާއްޖެ ގެންނާނެކަމެއްނެތް. އެމީހުންގެ ސިޓިޒަންޝިޕް އަތުލާ ޕާސްޕޯޓްވެސް އުވާލާ.
މަހާރަދުން
19 February 2024
ތި އަނބުރާ ގެނަޔަސް ގައުމުގަ ކުރާނީ ހަނގުރާމަ...ކީއްކުރަން ގެންނަންވީ!!!
ބަރުބާދު
19 February 2024
ހަނގުރާމައައް މީހުންފޮނުވުމުގެ މުގުލުގަތިބިމީހުންނަކީ ޕޮލިހުންނައް ނޭގޭބައެއްކަމައް ބެލެވޭކައްނެތް. އެވަރައް ޕޮލިހުންނައް އެމީހުނާބެހޭ މައުލޫމާތު ލިބިފަހުންނާނީ. ތީ ބޮޑުގޮނޑިޔާ ބެހޭކަމެއްނަމަ ސައްކެއްވެލިޔަސް ހައްޔަރުކޮއް ވާނުވާޖަހާފަތިބޭނީ އުމުރައް.