ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރުން ދާވަން އާއި ޖާންވީ ކަޕޫރް.
23 ފެބުރުއަރީ 2024 - 06:21
ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރުން ދާވަން އާއި ޖާންވީ ކަޕޫރް އެކުގައި ކުޅޭ ދެވަނަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަންނަ އަހަރު އެޕްރީލް 18 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެކެވެ.
ދަރްމާ ޕްރޮޑަކްޝަނުން ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ މި ފިލްމުގެ ނަމާއި ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފަ އެވެ.
މި ފިލްމު ޑައިރެކްޓުކުރަނީ ޖާންވީ ބޮލީވުޑަށް ތައާރަފުވި "ދަޅަކް" އާއި ވަރުން ކުޅުނު "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" ކަހަލަ ފިލްމުތައް ގެނެސްދިން ޝަޝަންކް ކައިތަން އެވެ.
ވަރުން އާއި ޖާންވީ އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު އެމެޒަން ޕްރައިމް ވީޑިއޯ އިން ގެނެސްދިން "ބަވާލް" އެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.
ޖާންވީގެ ފިލްމަށް ދެން އެންމެ އަވަހަށް ނުކުންނާނީ މި އަހަރު މެދުތެރޭގައި ރިލީޒްކުރަން ހަމަޖެހިފައިވާ "މިސް އެންޑް މިސިޒް މާހީ" އެވެ. އޭނާގެ އިތުރު ދެ ފިލްމެއް ވެސް މި އަހަރު ސިނަމާތަކަށް ގެންނާނެ އެވެ. އެއީ ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "ދެވާރާ: ޕާޓް ވަން" އާއި "އުލަޖް" އެވެ.
ވަރުންގެ ފިލްމަކަށް ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ މެއި މަހު 31 ގައި ރިލީޒްކުރާ އެކްޝަން ފިލްމު "ބޭބީ ޖޯން" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy