ކުޅިވަރު / އޭއެސް ރޯމާ

ރޯމްގައި މިވަގުތު ބަތަލަކީ ސާބިއާގެ ކީޕަރު މިލީ ސިލްވާ

ރޯމާގެ ކީޕަރު ސިލްވާ ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރުމަށްފަހު.- ފޮޓޯ: އޭއެފްޕީ

23 ފެބުރުއަރީ 2024 - 21:10

ރޯމް (ފެބްރުއަރީ 23) - ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސްގެ ޗެމްޕިއަން ފެއިނޫޑް ބަލިކޮށް، އިޓަލީގެ އޭއެސް ރޯމާ މުބާރާޓުގެ ގަދަ 16 އިން ޖާގަ ހޯދައި ދިނުމަށް ކީޕަރު މިލީ ސިލްވާ ރޯމާގައި ބަތަލަކަށް ވެއްޖެ އެވެ.

އޭނާ އަށް އޮހުނު ތައުރީފާ އެކު އޭނާ ވަނީ ރޯމާގެކޯޗު ޑެނިއެލް ޑި ރޮސީ އަށް އެޓީމުގެ ކީޕަރު ޝުކުރު އަދާކޮށްފި އެވެ.

ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ރޭ ރޯމާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ ފަސްވަނަ މިނިޓުގައި ސެންޓިއާގޯ ޖިމެނޭޒް ފެއިނޫޑަށް ލީޑު ނަގައިދިން އިރު، އޭގެ 10 މިނިޓު ފަހުން އެއްވަރު ކޮށްދިނީ ކެޕްޓަން ލޮރެންޒޯ ޕެލެގްރިނީ އެވެ.

ދެވަނަ ލެގުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ވެސް ނިމުނު އިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރު ވެފަ އެވެ. ރޯމާ މޮޅުވީ ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ. ސާބިއާ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ބެލްޖިއަމް އަށް އުފަން 24 އަހަރުގެ ކީޕަރު ވަނީ ޝޫޓައުޓްގައި ދެ ޕެނަލްޓީ މަތަކޮށްފަ އެވެ.

ޑި ރޮސީ، ރޭގެ މެޗުގެ ޕެނަލްޓީ ޝޫޓައުޓަށް ފަހު އުފާފާޅު ކުރަނީ .- ފޮޓޯ: އޭއެފްޕީ

"އަހަރެންނާއި އަހަރެންގެ އާއިލާ އަށް މިފަދަ ވަގުތުކޮޅެއް ފާހަގަ ކޮށްލާނެ ފުރުސަތެއް ދިން ކަމަށްޓަކައި ކޯޗަށް ޝުކުރު އަދާކުރަން. މިއީ ވަރަށް މުހިއްމު ކަމެއް، ދަނޑުމަތީގައި އިތުބާރާ އެކު ކުޅެވެނީ ކޯޗު ކުރާ އިތުބާރުގެ ސަބަބުން. މި ދަނޑުގައި މިފަދަ ކާމިޔާބެއްގެ ވަގުތުކޮޅެއް ފާހަގަ ކޮށްލަން ލިބުމުން ބުނާނެ އިތުރު އެއްޗެއް ނެތް،" މެޗަށް ފަހު ސިލްވާ ބުންޏެވެ.

އިޓާލިއަން ލީގުގައި ސިލްވާ މިހާތަނަށް ކުޅުނީ އެންމެ ދެ މެޗުގަ އެވެ. ނަމަވެސް ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުގެ ހަ މެޗާއި ނޮކައުޓް ބުރުގެ ޕްލޭއޮފް ދެ މެޗުގައި ވެސް ރޯމާގެ ގޯލު ބެލެހެއްޓީ އޭނާ އެވެ.

"އަހަރެންގެ ގޯލްކީޕިން ކޯޗާ އެކު ބައިވަރު ވީޑިއޯ ބަލައި އެނާލިސިސް ހެދިން، އަދި ޕެނަލްޓީ ޝޫޓައުޓަކާ ހަމައިން އަހަރެން ޑައިވް ކުރާނެ ދިމާތައް ވެސް ކަނޑައެޅިން. އަހަރެން ތިން ޕެނަލްޓީގައި ޖަހާ ކޮޅު ދިމާ ކުރެވުނު. އެއްގޮތަކަށް ވެސް ޕްރެޝަރެއް އިހުސާސެއް ނުކުރެވޭ، ދެ ޕެނަލްޓީ ހިފެހެއްޓުން. ތިންވަނަ ޕެނަލްޓީ މަތަ ނުކުރެވުނަސް އަހަރެމެން މޮޅުވި، އެއީ އެންމެ މުހިއްމު ކަމަކީ."

ހޯޒޭ މޮރީނިއޯ މަގާމުން ވަކިކޮށް ރޯމާގެ ކޯޗަކަށް ޑި ރޮސީ ހަމަޖެއްސީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

ޑި ރޮސީގެ އިރުޝާދުގެ ދަށުން ޔޫރޮޕާ ލީގުގެ ގަދަ 16 އިން ރޯމާ ޖާގަ ހޯދި އިރު، ލީގުގައި ޑި ރޮސީގެ އިރުޝާދުގެ ދަށުން ރޯމާ މިހާތަނަށްކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ. ބަލި ވެފައި ވަނީ ލީގުގެ އެއްވަނައިގައި އޮތް އިންޓަ މިލާން އަތުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454