އިޒްރޭލާ ދެކޮޅަށް އައިސީޖޭގައި ކުރިއަށްދާ މައްސަލައިގެ މިރޭގެ އަޑުއެހުމުގައި ރާއްޖޭގެ ފަރާތުން ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު ބަޔާން އިއްވަވަނީ. --
26 ފެބުރުއަރީ 2024 - 21:59
ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ އެތައް މިލިއަން މީހުންނަށް ފެން ލިބުން ދަތިކޮށްފައި އޮތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އިޒްރޭލު ހިލާފުވެފައި ކަމުގެ ސާފު ހެއްކެއް ކަމަށް ރާއްޖޭން ބައިނަލްއަގުވާމީ ކޯޓުގައި ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތުމުގެ ގާނޫނީ ނަތީޖާއާ މެދު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލަައަށް ތާއީދުކޮށްފައިވާ 52 ގައުމުގެ ތެރޭގައި ހިމެނި ރާއްޖެއިން ވަނީ މިރޭ ބޭއްވި އަޑުއެހުމުގައި ބަޔާނެއް ދީފަ އެވެ.
އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރި ވަފްދުގައި އިސްކޮށް ހުންނެވި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު ވިދާޅުވީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު އެއް ބިންގާ ކަމަށެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ރިއާއަތްކޮށް، މިދަނޑިވަޅަކީ އަހަރުތަކެއް ވަންދެން ދެމިގެން ގޮސްފައިވާ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، 1967 ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، އެއީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ކަމަށް ހެދުމަކީ މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލު ކަމަށް ރާއްޖެއިން ޒަމާނުއްސުރެ ކުރާ ވަކާލާތު ސަފީރު މިރޭ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
މި މައްސަލާގައި ރާއްޖެ ތަމްސީލުކުރައްވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އޭމީ ސޭންޑާ ގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އެކިއެކި ލާއިންސާނީ އަމަލުތަކުގެ ތެރެއިން ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތް ފާހަގަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި، އޭނާ ވިދާޅުވި ގޮތުގައި އަސްކަރީ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް ގޮތަށް ފެނާއި ނަރުދަމާގެ ވަސީލަތްތަކަށް ސީދާ އަމާޒުކޮށްގެން ހަމަލާތައްދީ ސުންނާފަތި ކުރަމުންދިޔުމަކީ ކަނޑައެޅިގެން އިންސާނީ ހައްގުތައް ހިމަޔާތްކޮށްދީފައިވާ ބައިނަލްއަގުވާމީ އެކި ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އަމަލުކުރުމެވެ.
މިރޭގެ އަޑުއެހުމުގައި ރާއްޖޭގެ ވަފުދުން ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާއި އުސޫލުތަކަކީ "އެޕާތައިޑް" ނޫނީ ނަސްލީ ތަފާތުކުރުމެއް ކަމަށް ސިފަކޮށްފަ އެވެ.
Today, a delegation from the #Maldives, led by Ambassador of Maldives to Germany Aishath Shaan Shakir, appeared before the International Court of Justice (@CIJ_ICJ) to present our oral submissions in the case initiated on the request of @UN General Assembly, to render an Advisory…
— Moosa Zameer (@MoosaZameer) February 26, 2024
ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަވެރިން ގާތްގަނޑަކަށް 250 މީހުން ރަހީނުކުރި އިރު ގާތްގަނޑަކަށް 1،160 މީހުން ހަމަލާތަކުގައި އިޒްރޭލުން މަރާލި އެވެ. ބަދަލުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 29،000 އެއްހާ މީހުން މިހާތަނަށް ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ ސައުތު އެފްރިކާ އިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އަށް ވެސް ރާއްޖެއިން ވަނީ ތަދައްހުލުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަނާ
27 February 2024
1967 ބޯޑާސް އާންޓް ގުޑް އިނަފް. ދަ ބޯޑާ ލިމިޓޭޝަން ޓޭކްސް އަވޭ ފްރޮމް ދަ ސްޕިރިޓް އޮފް އަ ފްރީ ޕަލެސްޓައިން. ދަ ހޯލް ޕޮއިންޓް އޮފް ބްރިންގިންގ ދިސް އެކްޝަން ވޯޒް ޓު ގެޓް ރިޑް އޮފް ދަ ސެޓްލަރ ކޮލޮނީ.
ތަންދޮރު ބަލާ
27 February 2024
މި މައްސަލައިގަ ލިޔުމުން ބަޔާން ހުށަހެޅީ ކުރީ ސަރުކާރުން ޖުލައި މަހު. އައީސީޖޭ ގަ ވާހަކަ އެ ދެއްކީ ކަނޑުގެ މައްސަލައިގަ ރާއްޖެ ތަމްސީލުކުރި ދެ ވަކީލުން، ޑޮކްޓަރ ނައޯމީ ހާޓް އަދި އޭމީ ސެންޑަރ.
ޒިލްމާ
27 February 2024
ރައީސް މުއިއްޒު ދިވެހިންނަށް ދިން ޔަގީންކަމަކީ ފަލަސްތިނު އެކަނިވެރިޔެއް ނުވާނެކަން.
ނިޝާމްް
27 February 2024
ނުފޫޒުން އެއްކިބާވީމާ ބުނަންބޭނުންވާއެތި ބުނެވޭނެ. އެ މިނިވަންކަން ރާއްޖެއަށް ހޯދަދެއްވީތީ ރައީސް އަށް ޝުކުރުއަދާކުރަން.
ބަނާތްް
27 February 2024
ފަލަސްތީނުގެ އަޑު ދުނިޔެއަށް އިއްވުމުގައި ރާއްޖެއިން ކުރަންޖެހުނު ކަމެއް ކުރާނެ. މި ސަރުކާރުގެ ސްޓޭންޑްއަކީ އެއީ.
ނިއުމާާ
27 February 2024
ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތިނާ އެކު. މިކަމެއް ދުވަހަކުވެސް ބަދަލެއް ނުކުރެވޭނެ.
އަބްދުﷲ މަޝްއޫދު
27 February 2024
މުސްލިމުންގެ ހައްގުގައި ނިންމި ވަރަށް މުހިއްމު ނިންމުމެއް.
ސާމް ނާފިޒް
27 February 2024
ކޮބާ އިބޫ މިސަރުކާރުން ސްޓޭންޑް ނަގާ ގޮތް ފެނޭތަ؟ މިއީ ހަގީގީ ސަރުކާރަކީ.
ރީންދޫބެ
27 February 2024
މުޢިއްޒު ބުނި ތިމަންނާގެ ޕޮޒިޝަނަކީ 1967ގެ ބޯޑަރޭ. އެއީ 1947ގައި އަލިފްދާލުން ފަލަސްތީންގެ ބިން ދެބައި ކޮށް އިޒްރޭލް އުފައްދައި ދިން ބިންތަކާއި އޭގެ ފަހުން 1948ގައި ކުރެވުނު ހަނގުރާމައިގައި (އަލިފްދާލުން ޖެހި ބޯޑަރުގެ އިތުރުން) ދަމައިގަތް ބިންތަކާއި ލައިގެން. ދެން އޭގެ ފަހުން 1967ގައި ހިފީ ހުޅަނގު އައްސޭރިޔާއި ޣައްޒާޔާއި ޤުދުސް. އެ ތިން ތަނުން ފައިބާށޭ އެ ބުނަނީ. އޭގެ ކުރީގެ 2 ބުރުގެ ބިންތައް އިޒްރޭލަށް. މޮޅެއްނު.
އަފްޝަން
27 February 2024
ޝުކުރިއްޔާ ސަރުކާރު. ވަރާށް އުފާވެއްޖެ.
ޢަމްރު
27 February 2024
ޓޫ-ސްޓޭޓް ސޮލިޔުޝަން- ފަލަސްތީންގެ އެއްފަޅި ޔަހޫދީނަށް. އެއީ މިސަރުކާރުގެ ސިޔާސަތަކީ. ޒަޔަނިސްޓުންގެ ޗައްކަރުގައި ތިޔަ ޖެހެނީ
ހަސަން ނިހާމް
27 February 2024
މިއީ ރާއްޖޭގެ ތާރީހުގައިވެސް އެއްމެ ރަނގަޅަށް ފަލަސްތީނުގެ ދިފާއުގައި މަސައްކަތް ކުރާ ސަރުކާރު
ކިނބުލާ
27 February 2024
އެހެންވެގެންތާ އެމެރިކާޔާއި އަޑިއަޑިން ގުޅުން އުފައްދަމުން އެދަނީ