އެމްޑީޕީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން: މިއަދުން މިއަދަށް ބިލް ތަސްދީގު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި
28 ފެބުރުއަރީ 2024 - 17:10
ސުޕްރީމް ކޯޓުން މީގެ ކުރިން އިއްވާފައިވާ ހުކުމްގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ވަގުތުން ވަގުތަށް ތަސްދީގު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލެއްމުން ދެ ވަނަ ފަހަރަށް އެ ބިލް މިއަދު ވަނީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފަ އެވެ.
ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލެއް ތަސްދީގު ނުކޮށް ލަސްކުރުމުން އޭރު ފޮނަދޫ ދާއިރާގެ މެންބަރު އަދި މިހާރުގެ ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލާގެ ހުކުމްގައި ބުނެފައިވަނީ އިންސާނީ ބާރު ނުފޯރާ ފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާ ނުލައި ރައޫސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރަން ވާނެ ކަމަށެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އެގޮތަށް އޮތުމުން ބިލް ތަސްދީގު ނުކުރައްވައި ލަސްކުރުމުގެ އެއްވެސް އިހުތިޔާރެއް ރައީސަށް ނެތް ކަމަށެވެ.
"ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ މިއަދުތޯ މާދަމާތޯ އަނެއް ދުވަސް ތޯ، އެ ސުވާލުގައި ތިއްބެވޭނެ ޒާތުގެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އެ ބިލް މިއަދުން މިއަދަށް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެ. އެއީ ގާނޫނުއަސާސީގެ ރޫހަކީ އަދި ސުޕްރީމް ކޯޓުން މާނަކޮށްފައި އޮތް ގޮތަކީ ވެސް،" ހިސާން ވިދާޅުވި އެވެ.
ބިލް ތަސްދީގު ނުކުރައްވައި، ރައީސް ކޯޓަށް ވަޑައިގަންނަވަން ވިސްނަވާ ނަަމަވެސް، ހިސާން ވިދާޅުވީ އެއީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. ކޯޓުތައް މެދުވެރިކޮށް އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީ ނޫން ސަރުކާރުތަކުން އާންމުކޮށް ކުރާ ކަމެއް ކަމަށާއި ސުޕްރީމް ކޯޓުން ވެސް ތާރީހުގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ މިއަދުގެ ސުޕްރީމް ކޯޓުން މިއަދުގެ ސަރުކާރަށް ސުޕްރީމް ކޯޓު މެދުވެރިކޮށް އިންތިހާބުތަކަށް ނުފޫޒު ފޯރުވަން މަގު ނުދެއްވުން،" ހިސާން ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.
އެ ބިލް ތަސްދީގު ނުކުރައްވަން ރައީސް ނިންމެވީ މައިގަނޑު ފަސް ސަބަބެއްގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އޮތީ ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ރޯދަމަހު އިންތިހާބުތައް ނުބާއްވާ ގޮތަށް ގާނޫނަށް އެ އިސްލާހު ގެނައީ ވެސް މަޖިލިސް އިންތިހާބު ފަސްކުރުމަށެވެ. އިދިކޮޅުން ގާނޫނަށް މި އިސްލާހު ގެނައީ، ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާއާ އެކު އިންތިހާބުގެ ތާރީހުތައް ކަނޑައަޅައި ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން އީސީން ތައްޔާރުވެފައި ވަނިކޮށެވެ.
ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ މި އަހަރުގެ އޭޕްރީލް 20 ގަ އެވެ. ރައީސް މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންތިހާބާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި އިންތިހާބު ލަސްނުކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވައިފަ އެވެ.
ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވި ގޮތުގައި ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާއިޝްް
29 February 2024
ކޮން ބިރެއްތަ މީނަ މި ދައްކަނީ މާ ވެފަ. ހިސާން ކަލޭ ތީ ކާކު މީހުންނަށް ބިރު ދައްކަން. މަޖިލިސް އިންތިހާބު އޮތީ ކުރިޔަށް.
ހުސެއިން މުހައްމަދު
29 February 2024
އަނެއްކާ ދައުލަތުގެ ހަރަދުތައް ބޮޑު ކުރަން އިންތިހާބު ލަސްކުރުމުގެ ބޭނުމަކީ ކޮބާ؟ އީސީ އަށްވެސް ބޮޑެތި އުދަގޫތަކާ ކުރިމަތި ލާން ޖެހޭނެ އިންތިހާބު ލަސްކޮށްފި ނަމަ. ބަޔަކު މޮޔަވެދާނެ މި އެމްޑީޕީ މީހުން އުޅޭ ފާޑުން. އިންތިހާޞު ގޮސް މި އަންނަ އަހަރަށް ހެދިޔަސް މިފަހަރު މަޖިލިސް އިންތިހާބެއް އެމްޑީޕީ އަކަށް ކާމިޔާބެއް ނުުވާނެ، ވަރަށް ސާފު
އާތިފްް
29 February 2024
ކޯޓު ތަކަށް ނުފޫޒް ފޯރުވާ ވާހަކަ ހިސާން މެން ދެއްކުންތޯ އެންމެ ބުއްދިވެރީ؟ މީ ރަނގަޅު ސުވާލެއް ހިސާނު އަމިއްލަ ނަފްސާ ކޮށްލަން. މިއަދާ ހަމަޔަށް ނުފޫޒް ބޭނުން ނުކޮށް އެއް ކަމެއްވެސް ނުކުރޭ
ޕިކްސް
29 February 2024
މިމީހުން ކައިރީ ސްޕްރީމް ކޯޓުން ވަކިގޮތަކަށް ކަންކުރަންބުނީމަ ބޮލާލާ ޖަހާފަ މިހާރު މިކަޔަނީ ސްޕްރީމްކޯޓުން އޮބައޮތޭ މިއަނިގޮތަކަށް ކަންކުރަން ބުނެފަ.
ޖީހާންް އާރިފްް
29 February 2024
ކޮންމެ ސަކަރާތެއް ޖަހަން އުޅުނަސް މިފަހަރު ލާހިކު ކުޅަދާނަޔެއްނޫން އިންތިހާބު ބާއްވާ ތާރީހަށް ބަދަލުގެންނާކަށް.
ދޮހޮއްތު
29 February 2024
ވެރިކަންް ކުރާ ބާރައް ކަލޭމެނައް ބާރެއް ނުފޯރުވޭނެ
އިފާޝާާ
29 February 2024
ރައީސަށް ލިބިގެންވާ ބާރާއެއްގޮތަށް އެމަނިކުފާނު އެދަނީ މަސައްކަތްކުރައްވަމުން. ސުޕްރީމްކޯޓުގެ ހުކުމު އޮތްގޮތުން ކޮންމެހެން މި އަވަސް ކުރާކަށް ނުޖެހޭ.
ނިއުމާާ
29 February 2024
އަމިއްލަ ފައިދާއަށް މިމީހުން މަސައްކަތް ކުރުން ހުއްޓާލާނީ ކޮންދުވަހަކުތޯ.
ސޮލާހި
29 February 2024
ކައިރި ގައުމަކުން ލާރިގަނޑެއް ހަމަޖެހެންދެން އިންތިހާބު ލަަސްކުރުމަކީ ރަނގަޅު ކަމެއް ނޫން
އޭތިމީތި
29 February 2024
އެމްޑީޕީ އިބޫ ގެ ވެރިކަމަކީ މެނިފެސްޓޯއާއި ވައުދުތައް ކޮޅުފައިންޖަހާ އިންޑިއާ ޕަޕެޓް ވެރިކަމެއްކޮށް. ރާވައިގެން މުޅި ގައުމު ބަނގުރޫޓްކޮށް އިންޑިއާގެ އަޅުވެތިކަމަށް ގައުމު ގެންދަން ހީލަތްތެރި ނުބާވެރިކަމެއް ކުރިބައެއް. ވެރިކަން ބަދަލުވީމާ ޕުލޭން ފެއިލްވީމާ ހަޖަމު ނުވެގެން ދެކޮޅުން ބައިވެގެން ވެރިކަން ވައްޓާލަން ޖަރީމާ ހިންގަން އުޅެނީ. އިންޑިއާގެ ބައެއް މީޑިއާތަކުގައި މާޗް މަހު ވެރިކަން މަޖލީސް ތެރެއިން ވައްޓާ ދޭނެކަމަށް ބުނެފަވާކަމަށް އެބަކިޔާ.