މީހުން / ރަމަޟާން 2024 މީހުން

މި ޒުވާނާގެ ވިންދަކީ މަހާއި ކަކުންޏާއި ބޯވަ

ށ. ފުނަދޫ، އަބްދުﷲ އާދަމް: މި ޒުވާނާގެ ހިތް އޮތީ މޫދުގައި.

14 މާޗް 2024 - 07:38

14 comments

ކަކުންޏެއް ނަގަނިކޮށް އެއް ދުވަހު އެ ސޮރު ވަރުގަދަ ލަނޑެއް ވެސް ދީފި އެވެ. ވާތު ޝަހާދަތް އިނގިލީގައި ދަތް އެޅީ އެވެ. އިނގިލި ކުރި އޮތީ ނިޔަފަތިގަނޑާ އެކު ޗަސްވެފަ އެވެ. އެ ވަރުން ވެސް މާ ބޮޑު ކަމަކަށް ނުހެދި އެވެ. ކެތްވާނެ ކަމަށް ހުރީ އެވެ. އެކަމަކު ތަދުވާ ވަރުން ކެތްނުވީމަ އެންމެ ފަހުން ހޮސްޕިޓަލަށް ދިޔައީ އެވެ.

މިއީ ށ. ފުނަދޫ، އަބްދުﷲ އާދަމްގެ ތަންކޮޅެއް ކުރީގެ ހަނދާނެކެވެ. މި 29 އަހަރުގެ ޒުވާނާ ބުނާ ގޮތުން ނަމަ ވަރަށް މަޖާ ހަނދާނެކެވެ.

"ދަތް އެޅިޔަސް ކަކުނި ނެގުން ހުއްޓައެއް ނުލަން، ދޫކޮށްލާ ވަރަށް ވުރެ ސަޅި ކަމެއް،" ހެމުންހެމުން އޭނާ ބުންޏެވެ.

ފުނަދޫގެ ދަށްފަޅުން އަބްދުﷲ ނެގި ކަކުންޏެއް އޭނާ ހިފައިގެން.

މޫދާއި ކަނޑާއި ކުޅިއަކީ އަބްދުﷲގެ ހިތެވެ. އެހެންވެ ލިބޭ ކޮންމެ ހުސްވަގުތެއްގައި އޭނާގެ ވިންދު ދޫކޮށްލަނީ މި ތަންތަނަށެވެ. މި މަހާއުލުތަކުގެ ގުދުރަތީ ރީތިކަމުން ހިތަށް ލިބޭ ހިތްހަމަޖެހުމާއި ފިނިކަން ލިބިގަތުމަށެވެ.

އޭނާ މަހަށް ދެ އެވެ. ފީނަން ދެ އެވެ. ބޯވަ ނަގަ އެވެ. އަދި ކަކުނި ވެސް ނަގަ އެވެ.

މި ޝައުގުވެރިކަން އަބްދުﷲގެ ހިތަށް ވެއްދީ، އެންމެ ތުއްތުއިރުއްސުރެ ފެށިގެން އޭނާގެ އަތުގައި ހިފައިގެން މަހަށް ގެންދިޔަ އޭނާގެ ބައްޕަ އެވެ. މަހާއި ކަކުންޏާއި ބޯވަތަކަށް ހިތްޖައްސުވައިދިން ބައްޕަ އެވެ.

އަބްދުﷲގެ ބައްޕަ އާދަމް އަބްދުﷲ އަކީ މަސްވެރިއެކެވެ. މިއީ މަސްވެރި އާއިލާއެކެވެ. އާދަމްގެ އަމިއްލަ މަސްއޮޑިއެއް ވެސް އޮވެ އެވެ. އޭނާ ބަލިވެ އުޅޭތީ އޮޑީގައި މިހާރު މަހަށް ދަނީ މަދު ފަހަރަކު އެވެ. އެކަމަކު އަދިވެސް ދަރިފުޅުގެ އަތުން އޭނާ ދޫކޮށްނުލަ އެވެ. އަދިވެސް ބައެއް ދުވަސްދުވަހު ފަތިހު ފަތިސްނަމާދުން ފައިބައިގެން އަބްދުﷲ ގޮވައިގެން ރަށުގެ ކޮންމެވެސް ދިމާލަކަށް ދޮށިއުކަން ދެ އެވެ. ބައެއް ދުވަސްދުވަހު އެންމެ ހަގު ދަރިފުޅު އުބައިދުﷲ އާދަމް ވެސް ގެންދެ އެވެ. އޭނާގެ ތިބެނީ މި ދެ ކުދިންނެވެ.

"ބޯވަ ނަގަން ވެސް ދަސްކުރީ ބައްޕަ ގާތުން. ބައްޕަ ވަރަށް މޮޅުވާނެ ބޯވަ ނަގަން. މިހާރު ބޯވަ ނަގަން އެކަނި ވެސް ދަން،" އަބްދުﷲ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި، ބޯވަ ނަގަން ދާ ދުވަހެއް ނަމަ އާންމުކޮށް ފަހެއް ނޫނީ ހަ ބޯވަ ނަގަ އެވެ. އަދި ސީޒަން ތެރެ ނަމަ 18-20 ބޯވަ ވެސް ލިބެ އެވެ. މި އެއްޗެހި ނަގައިގެން އޭނާ ވިއްކަނީ އެވެ. ގިނަ ފަހަރަށް ބޯވަ ނަގަނީ ވެސް ރަށު މީހުން އެކަން ކޮށްދޭން އެދިގެންނެވެ. ބައެއް ފަހަރު ކިލޯއެއް 60ރ. އަށް ވެސް ވިކެ އެވެ.

މި ހުރިހާ ކަމަކަށް އޭނާ ވަގުތު ހޯދަނީ އާމްދަނީ ހޯދަން މާ ޒިންމާދާރު އެހެން ވަޒީފާއެއްގައި ވެސް އުޅެމުންނެވެ. އަބްދުﷲ އަކީ ފުނަދޫ އެއާޕޯޓުގެ ސެކިއުރިޓީ އޮފިސަރެކެވެ.

"ޝިފްޓް ޑިއުޓީ އޮންނާތީ ވަރަށް ފަސޭހަ މިހެން އުޅެން. ހެނދުނު ޑިއުޓީ އޮންނަ ދުވަހެއް ވިއްޔާ ފަތިހު އާންމުކޮށް ދަން މަހަށް. ބައެއް ދުވަސްދުވަހު ޑިއުޓީ ނިންމައިފައި ހަވީރު ވެސް ނައްޓާލަން،" އޭނާ ބުންޏެވެ.

"މިތަނުން [އެއާޕޯޓުން] ދުވާލު ނުފެނިއްޖެއްޔާ ދެން އުޅޭނީ މޫދާ ގުޅޭ ކޮންމެވެސް ކަމެއްގައި ކަމަށް ބަލާ. މޫދުން އެ ލިބޭ ހިތްހަމަޖެހުން ނޭނގޭ ބުނެދޭން."

ދެން އޮތީ އަނެއްކާ ވެސް ކަކުނީގެ ވާހަކަ އެވެ.

މި ރަށުގެ ދަށްފަޅު ކުޅި ތެރޭގައި "މަޑްކްރެބް" އަކީ ވަރަށް ތިޔާގި އެއްޗެކެވެ. މިއީ ރާއްޖޭގެ ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ވައްތަރެއްގެ ކަކުންޏެކެވެ. މި ކަކުނި ފިލާ އޮންނަނީ ކުޅީގެ ކިސަޑުގަނޑުގެ ތެރޭގަ އެވެ. ކިސަޑުގަނޑުގެ ތެރެއިން މި ހޯދައި ނެގުމަކީ ވެސް ހުނަރެކެވެ. އަބްދުﷲ އަކީ މިކަމުގެ ހުނަރުވެރިއެކެވެ. މި ރަށުން މީހުން ބުނާ ގޮތުގައި މި ރަށުގައި ހުރި މިކަމަށް އެންމެ ކުޅަދާނަ އެކަކެވެ.

އަބްދުﷲ ބުނި ގޮތުގައި، މި ކަކުނި ނަގަން އެންމެ ފަސޭހައީ ދިޔަވަރު ހިކިފައި އޮންނަ ގަޑީގަ އެވެ. އޭނާ މިކަން ކުރަނީ ވެސް އެއްވެސް އިތުރު އެހެން އެއްޗެއްގެ އެހީއާ ނުލައި އަމިއްލަ އަތުންނެވެ.

މި ކަކުނި އެތައް ގޮތަކުން ވެސް ހާއްސަވެ އެވެ. މި ކަކުނީގެ މަސް މީރު ކަމުން، މި ކާންވެގެން ރައީސުން ވެސް ދަތުރު ހަދައިފައި މި ރަށަށް އައި ކަމަށްވެ އެވެ. އެހެންވެ އޭނާ ގާތުގައި އަހާލެވުނީ މި ހަމަ އެހާ މީރީ ހެއްޔެވެ؟ މީގައި ލަނީ ކޮން ރަހައެއް ހެއްޔެވެ؟

"މީގައި ލާނީ ސީދާ މެގްނަމް ރަހަ. ހަހަހ،" ހިނިގަނޑެއް ޖަހާލައިފައި އޭނާ ބުންޏެވެ.

ރަށުން ބޭރުން އަންނަ މީހުން ބުނެގެން ވެސް އަބްދުﷲ ކަކުނި ނަގައިދެ އެވެ. އަދި ބައެއް ފަހަރު ރަށްޓެހިންނާ އެކު ބާބަކިއު ހަދާލަން ވެސް މި ނަގަ އެވެ. ތެއްލައިގެން ނޫނީ ފިހެލައިގެން ކާލަން މިއީ "ހަމަ މަރެކެވެ".

އެކަމަކު އޭނާ ބުނާ ގޮތުގައި، ދަށްފަޅުން މިހާރު ކަކުނި ފެންލެއް ވަރަށް މަދުވެއްޖެ އެވެ.

އަބްދުﷲގެ އާއިލާ އަކީ 1996 ގައި ށ. ފިރުނބައިދޫން ފުނަދުއަށް މީހުން ބަދަލުވި އިރު އެންމެ ފުރަތަމަ މި ރަށަށް ބަދަލުވި އެއް އާއިލާ އެވެ. އޭނާ ކަކުނި ނަގަން ދަސްކުރީ ވެސް މި ރަށަށް ބަދަލުވި ފަހުން ކުޑައިރު ރަށްޓެހި ކުދިންނާ އެކު ކުޅިއަށް ގޮސް މަޖާކުރަން އުޅުމުގެ ތެރޭގަ އެވެ.

"ކުރީގައި މި ރަށަށް އައި އިރާ ބަލައިފައި މިހާރު ވަރަށް މަދު ކަކުނި. ގިނައިން ފެންނަނީ ވެސް ވަރަށް ކުދިކުދި އެއްޗެހި،" އޭނާ ބުންޏެވެ.

ކުރިން ދަށްފަޅުން ވަރަށް ބޮޑެތި ކަކުނި ނަގައި އުޅުނެވެ. އޭނާ ބުނާ ގޮތުގައި، އެ އެއްޗެހި އަތެއް ވަރުވެ އެވެ. އެކަމަކު މިހާރު ކަކުނި ފެންނަ ވަރު މަދުވެފައި ގިނައިން ލިބެނީ ވެސް ކުދި ކަކުންޏެވެ. ކަކުނި ނަގާވަރު އިތުރުވުމާއި އެ އެއްޗެއްސަށް ކާނާ ލިބޭ ވަރު މަދުވުމަކީ ސަބަބަކަށް ވެދާނެ ކަމަށް އަބްދުﷲ އަށް ގަބޫލުކުރެވެ އެވެ.

"އެހެންވެ ވަރަށް ބޮޑަށް ބަލަން ކަކުނި ނަގާއިރު ވެސް، އަންހެން ކަކުނި އެއްވެސް ވަރަކަށް ނުނަގަން. އެއީ އެ އެއްޗެހި އާލާވާ މިންވަރު މަދުވިޔަ ނުދިނުމަށް،" އޭނާ ބުންޏެވެ.

މޫދަށް ގޮސް އުޅޭއިރު ވެސް އޭނާ ވަރަށް ދެރަވާ މަންޒަރެއް މިހާރު އެބަ ފެނެ އެވެ.

"ފަރުމަތިން ވެސް މިހާރު ގިނައިން ފެންނަނީ ގާތަކާއި މުރަކަތަކާ އެއްޗެހި މަރުވާތަން،" އޭނާ ބުންޏެވެ.

14 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖީކާނު

16 March 2024

މާގިނައިން މިހާރު ތި އެއްޗެހި ތިހިފަނީ! ސަރުކާރަށް ގޮވާލަން މިތަކެތި ހިފާ މީހުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރަން. ޓޫރިޒަމަށް އެބަ ގެއްލުންވޭ! ވެލައެއް މިޔަރެއް ނުހިފެ. މިހާރު މިތަކެތިވެސް ހުސްވެއްޖެ. އަވަހަށް މިސޮރު ޖޫރިމަނާކުރޭ!

The name is already taken The name is available. Register?

ސަރުކާރު މީހާ

14 March 2024

ތިވާނި ފިރުބައިދޫ ގޮލަޔަކަށް

The name is already taken The name is available. Register?

ލ.އަތޮޅު

14 March 2024

ތިއަށްވުރެ މާ ބޮޑެތި ކަކުނި ހިފާ އަޅުގަނޑުމެންގެ ކުޅިންވެސް..

The name is already taken The name is available. Register?

ޢިބުރަހިމްރިސް

14 March 2024

“ މި ކަކުނީގެ މަސް މީރު ކަމުން، މި ކާންވެގެން ރައީސުން ވެސް ދަތުރު ހަދައިފައި މި ރަށަށް އައި ކަމަށްވެ އެވެ. ” ހާދަ ނާތަހުޒީބު ދުނިޔަެގަ ވާނުވާވެސް ނޭންގޭ މީހުނޭދޯ އަހަރުމެން ރައިސުންނަސްވެސް މި ހޮވަނީ. މި އުޅެވެނީ 1970 ގަ ތަ އަޅެފަހެ؟ ޢަޖައިބު އަންތަރީސް.

The name is already taken The name is available. Register?

ޕްރޭމްޗޯޕްރާ

14 March 2024

އެވާނީ ރކއކޮމެޓީގެ ރައީސް ކަމަށް .

The name is already taken The name is available. Register?

ތޮޅި

14 March 2024

ރާއްޖޭގެ ގިނަ މީހުން "ކޮންސަވޭސަން" އެއީ ދަންނަވެސް އެއްޗެއް ނޫން.

The name is already taken The name is available. Register?

ޜއހދ

14 March 2024

“ އޭނާ ބުނާ ގޮތުގައި، ދަށްފަޅުން މިހާރު ކަކުނި ފެންލެއް ވަރަށް މަދުވެއްޖެ އެވެ.” އެކަމަކު ވެސް ހަމަ މަޖަލަކަށް މި އެއްޗިހި ނަގައިގެން ކެެއުން ހުއްޓާލާފަ މި އެއްޗިހި އާލާ ވޭތޯ ދިރުން ދެވޭތޯ އުޅުމުގެ ވިސްނުމެއް ހަމަ ނާދޭ! ކިހާ ދެރަ ދެން.

The name is already taken The name is available. Register?

އިސްމާލި

14 March 2024

""އެހެންވެ ވަރަށް ބޮޑަށް ބަލަން ކަކުނި ނަގާއިރު ވެސް، އަންހެން ކަކުނި އެއްވެސް ވަރަކަށް ނުނަގަން. އެއީ އެ އެއްޗެހި އާލާވާ މިންވަރު މަދުވިޔަ ނުދިނުމަށް،" އޭނާ ބުންޏެވެ." ވަރަށް ރަނގަޅު ކަމެއް. އަދި މުހިއްމު އެންމެ ބޮޑެތި ކަކުނު ނުނެގުންވެސް. ސަބަބަކީ ބޮޑެތި އެއްޗެތި ނުވަތަ "މެގަ ސްޕޯނަރސް" އަޅާ ބިހުގެ އަދަދު ގިނަވެފައި ކޮލިޓީ ރަނގަޅުވާނެ. މިހެންކަމުން އާބާދީއަށް އިތުރުވާ މިންވަރު ގިނަވާނެ. ކައުންސިލުން މިކަން މެނޭޖްކުރުން މުހިއްމު.

The name is already taken The name is available. Register?

ގާނޫނީމީހާ

14 March 2024

“ މިއީ ރާއްޖޭގެ ވަރަށް މަދު ރަށަކުން ނޫނީ ނުފެންނަ ވައްތަރެއްގެ ކަކުންޏެކެވެ.” ޢެހާމަދުން އުޅޭ އެއްޗެއް ހަމަ ނަގާ ކައި ހުސްކޮށްލާ! ޢެ ނަގާ މީހުންވެސް ހީރޯ އިންގެ ގޮތުގަ ސެލެބްރޭތު ކުރޭ!

The name is already taken The name is available. Register?

ފުނަދޫ މީހާ

14 March 2024

1996 އަށް ވުރެ މާ ފަހުން ތިސޮރަށް ފުނަދޫއަށް އާދެވިފަ ހުންނާނި

The name is already taken The name is available. Register?

މުދިމުގޭ ސޮރު

14 March 2024

“ ކުރީގައި މި ރަށަށް އައި އިރާ ބަލައިފައި މިހާރު ވަރަށް މަދު ކަކުނި. ގިނައިން ފެންނަނީ ވެސް ވަރަށް ކުދިކުދި އެއްޗެހި،” ދެންވެސް ހަމަ މިހާރު ނުހުންވެސް މިކަން ކުރާ ޒުވާނުން ހީރޯ އިންނަށް ހަދައިގެން ތި ރިޕޯޓު ގެންނަނީ. ޥެލާ ކަހަނބު ހިފައިގެން ކާމީހުންވެސް ހީރޯއަށް ނުހަދަނީކީއްވެ؟ ދެން މިއޮއްފަދަ ޒަމާނުގަ ކޮންޒަވޭޝަން މަސައްކަތް ކުރާ ކުދިން ހީރޯއިން ގޮތުގަ ގެނެސްދީބަލަ! ޙެޔޮނުވާނެ!

The name is already taken The name is available. Register?

ބައެއް މީހުން

14 March 2024

އަބަދުވެސް ދިވެހިން ކަމަކީ މައްސަލަ އުފެއްދުން. ލޭގައި ހުންނަ ކަމެއް ތޯއްޗެއް.

The name is already taken The name is available. Register?

ސުމާރީ

14 March 2024

ރަންބިސްއަޅާ ކުކުޅު ގެންގުޅޭ މީހުން ނަށް މާ މުހިންމު ނުވާތީ ކަކުންޏާ ބޯވަ ނެގުން ހަލާލު ވެފައޮތީ. ވެލާ ހަރާމް ބޮޑުތަނުން. އެބަލަން ދޭ ދޮންމީހުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454