ރޯދަ މަސް / ދީން

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 10

ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު

21 މާޗް 2024 - 08:22

އިއްޔެގެ ނޫހާ ގުޅޭ

މަދީނާއަށް ވަޑައިގެން އެޅުއްވި ފިޔަވަޅުތައް

ކީރިތި ރަސޫލާﷺ މަދީނާއަށް ވަޑައިގެން މުހިންމު ފިޔަވަޅުތަކެއް އެޅުއްވިއެވެ. ނަބަވީ މިސްކިތް ބިނާކުރެއްވުން: މިސްކިތް ބިނާކުރުމުގެ މަޤުޞަދަކީ އުންމަތުގެ ފިކުރީ އަސާސްތަކުގެ މައްޗަށް މުޖުތަމަޢު އެއް ބަޔެއްގެ ގޮތުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ބިނާކުރުމެވެ. އަޅުކަންކުރުމުގެ އިތުރަށް ތަރުބަވީ އަދި މަޝްވަރާކުރުމާއި އިޖުތިމާޢީ މަރުކަޒަކަށް މިސްކިތް ވިއެވެ.

އަޚުކުރެއްވުން: މައްކާއިން މަދީނާއަށް ހިޖުރަކުރި މީހުންނަކީ މުދަލާއި ގެދޮރު ދޫކޮށް އައި ބައެއް ކަމުން އެމީހުންނަށް އެންމެންގެ މެދުގައި އަޚުވަންތަކަން ކަނޑައެޅުއްވިއެވެ. މިއީ ތާރީޚުގައި މި ގޮތަށް ޤާއިމުކުރެވުނު ފުރަތަމަ އަޚުވަންތަކަމުގެ ނިޒާމެވެ.

މުޢާހަދާތައް ޤާއިމުކުރެއްވުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުވެގެން އައި އިރު ވަށައިގެން ވަރަށް ގިނަ ގޮންޖެހުންތައް ހުށްޓެވެ. އެކި ދީންތަކުގެ މީހުން އުޅެމުން ދިޔައެވެ. މަދީނާގައި ޤާއިމުވި އިސްލާމީ ދައުލަތާއި ވަށައިގެންވާ ޔަހޫދީ ޤަބީލާތަކާ އެ ނޫން ވެސް ޤަބީލާތަކާ އެކު މުޢާހަދާތައް ހައްދަވައި ޞުލްޙަ ޤާއިމުކުރެއްވިއެވެ.

ސަފީރުން ފޮނުއްވުން: މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމާއެކު އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި އެކި ޤައުމުތަކަށް އިސްލާމްދީނުގެ ދަޢުވަތާއެކު ސަފީރުން ފޮނުއްވާން ފެއްޓެވިއެވެ. މި ގޮތުން ފާރިސީންގެ ވެރިއާ ކިސްރާއާއި ރޯމްގެ ވެރިޔާ ހިރަޤުލާއި މިޞްރުގެ މުޤައުޤިސާއި ޙަބަޝާގެ ނަޖާޝީގެ އަރިހަށް އިސްލާމްދީނުގެ ދަޢުވަތު ހިމެނޭ ފަތްކޮޅުތަކާއިގެން ސަފީރުން ފޮނުއްވިއެވެ.

ޞަޙީފަތުލްމަދީނާ (ދުސްތޫރު): ޞަޙީފަތުލްމަދީނާ ނުވަތަ ދުސްތޫރުލްމަދީނާއަކީ އިސްލާމީ ތާރީޚުގައި ލިޔެވުނު ފުރަތަމަ ޤާނޫނުއަސާސީއެވެ. މަދީނާގެ މުޖުތަމަޢުގައި ދިރިއުޅެމުން ދިޔަ އެންމެންގެ ޙައްޤުތައް އޭގައި ރައްކާތެރިކޮށްދީފައިވެއެވެ. ގާތްގަނޑަކަށް ސާޅީސް އަށް މާއްދާގެ މައްޗަށް އެކުލެވޭ އެ ދުސްތޫރުގައި މައިނޯރިޓީގެ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކޮށްދީފައިވެއެވެ. އަދި ހަނގުރާމައިގެ ޙާލުގައި މަދީނާ ދިފާޢުކުރާން މަދީނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާންޖެހޭނެކަމަށް ވެސް ކަޑައަޅުއްވައިފައިވެއެވެ. މިއީ އިސްލާމީ ތާރީޚުގައި ވެސް އަދި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޤާނޫނުއަސާސީއެކެވެ.

ބައިތުލްމާލު އުފެއްދެވުން: މިހާރުގެ ގޮތުން ދަންވަނީ ނަމަ އެއީ (ސެންޓްރަލްބޭންކް) ކަމުގައި ދެންނެވިދާނެއެވެ. ދައުލަތަށް ލިބޭ ޓެކުހާއި ހަނގުރާމަތަކުން ލިބޭ ޣަނީމާއާއި ޒަކާތުގެ މުދަލާއި އެނޫން ގޮތްގޮތުން ބައިތުލްމާލަށް ލިބޭ ތަކެތި އެތަނަށް ޖަމާކޮށް އޭގެ ޙައްޤުވެރީންނަށް ދެއްވިއެވެ. ތަޢުލީމު ދެއްވުން: ރައްޔިތުންނަށް ތަޢުލީމުދެއްވާން ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވިއެވެ. ބައެއް ހަނގުރާމަތަކުން އަސީރުކުރެވުނު މީހުން މިނިވަންކުރުމުގެ ފިދުޔައެއްގެ ގޮތުން މުސްލިމުންގެ ދަރީންނަށް ލިޔާންކިޔާން ދަސްކޮށްދިނުން ހިމެނުއްވިއެވެ. މި ނޫން ވެސް މިފަދަ ކިތައްމެ ހެޔޮ ބަދަލެއް ޤާއިމުކުރެއްވިއެވެ. ޢިބުރަތްތެރި ފިލާވަޅުތައް

1. އިސްލާމީ މުޖުތަމަޢުގެ ފެށުމަކީ ރަނގަޅު ފަރުދަކު ބިނާކުރުން. 2. ދުރާލައި ކަންކަމަށް ތައްޔާރުވުން. 3. ތަފާތު ދާއިރާތަކުން މީހުން ބިނާކުރުން. 4. އިސްލާމީ ދައުލަތާއި މުޖުތަމަޢު އުފެއްދުމުގައި ދެ ޖިންސުގެ މީހުން ގުޅިގެން މަސައްކަތް ކުރުން. 5. އިސްލާމީ މުޖުތަމަޢުގައި އުޅޭ އެހެން ދީންތަކުގެ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުން.

ރަސޫލާﷺ ޤާއިމުކުރެއްވި ދައުލަތުގެ އިޤުތިޞާދު

އިޤުތިޞާދަކީ ކޮންމެ މުޖުތަމަޢެއްގެ ވެސް މައިބަދައެވެ. އަލްޤުރައިޝް ސޫރަތުގައި ބަޔާންވެގެންވާ ގޮތުން މާތްالله ޤުރައިޝުންނަށް ދެއްވި ނިޢުމަތްތައް ހަނދާންކޮށްދެއްވަމުން، އެ މީހުންގެ ވިޔަފާރީގެ ޤާފިލާތަކުގެ ވާހަކައާއި އެ މީހުންނަށް އިޤުތިޞާދީ ފުދުންތެރިކަން ދެއްވައި އަމާންކަން ދެއްވި ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އެ ސޫރަތުން ބަޔާންކުރައްވައިފައިވަނީ ފިނިމޫސުމާއި ހޫނު މޫސުމުގައި ޤުރައިޝުން ކުރަމުން ދިޔަ ބައިނަލްއަޤުވާމީ ވިޔަފާރީގެ ޤާފިލާތަކުގެ ވާހަކައެވެ.

އަދި އަމަން އަމާންކަމުގެ ކުރިއަށް އިޤުތިޞާދީ ފުދުންތެރިކަމުގެ ވާހަކަ އެ ސޫރަތުގައި ގެންނަވައިފައިވެއެވެ. އެއިން ދޭހަކޮށްދެނީ އިޤުތިޞާދީ ފުދުންތެރިކަމަކީ އަމަންއަމާންކަމުގެ އަސާސްކަމެވެ. އެ ތަނެއްގެ އިޤުތިޞާދަކީ ހީނަރު އިޤުތިޞާދެއް ނަމަ އެތަނެއްގެ ރައްޔިތުން އުޅެމުންދާނީ ފަޤީރުކަން މަތީގައެވެ. ފަޤީރުކަމަކީ ނާމާންކަމަށް މަގު ފަހިކުރުވާ ކަމެކެވެ.

އިސްލާމީ ރިސާލަތު ބާވައިލެއްވުނީ ދުނިޔެއާއި އާޚިރަތަށް ޓަކައެވެ. މާތް الله ރުހިވޮޑިގަންނަވާ މަގުން ދުނިޔެ ތަޢުމީރުކުރުމާ އެކު އާޚިރަތް ހޯދުމަށް ޓަކައެވެ. ވަޒަންހަމަ ފިޠުރީ އުޞޫލުތަކެއްގެ މަތީގައި އިންސާނާ ލައްވައިފައިވެއެވެ. އެހެންކަމުން އިސްލާމް ދީނަކީ އަޤީދާއާއި އަޅުކަމާއި މުޢާމަލާތުގެ ދީނެވެ. ދައުލަތާއި އިޤުތިޞާދާއި ޢުމްރާނީ ތަރައްޤީއާއި މަކާރިމުލްއަޚުލާޤާއި އިޖުތިމާޢީ އެއްބައިވަންތަކަމުގެ ދީނެވެ.

އިސްލާމީ ދައުލަތަކީ ޢަރަބި ޖަޒީރާގައި މުޅިން އަލަށް އުފަންވެގެން އައި ދައުލަތެއްކަމުން ދައުލަތުގައި ދެމެހެއްޓެނިވި އިޤުތިޞާދެއް ޤާއިމުކުރައްވާން ވަރުގަދަ އަސާސްތަކެއް މުޙައްމަދުﷺ ޤާއިމުކުރެއްވިއެވެ. އިސްލާމީ ދައުލަތް ޤާއިމުވެގެން އައީ މަދީނާގައެވެ. މުޙައްމަދުﷺ އަކީ ނަބިއްޔާގެ އިތުރަށް ދައުލަތުގެ އެންމެ މަތީވެރިޔާއެވެ. އަދި ޢަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ވެސް މެއެވެ.

މުޙައްމަދުﷺ ޤާއިމުކުރެއްވި ދައުލަތުގައި އިޤުތިޞާދީ އަސާސްތަކެއް ޤާއިމުކުރެއްވިއެވެ. އިތުރުއެކަލޭގެފާނު މަދީނާއަށް ވަޑައިގަތް އިރު މަދީނާގެ ނަމަކީ ޔަޘްރިބެވެ. ނަމަވެސް އެ ރަށުގެ ނަން ބަދަލު ކުރައްވައި އެ ރަށަށް މަދީނާގެ ނަމުން ނަން ދެއްވިއެވެ. އެ ތަނުގައި މިސްކިތް ބިނާކުރެވުނެވެ. އެ މިސްކިތް ވެފައިވަނީ އަޅުކަމުގެ މަރުކަޒުގެ އިތުރަށް ތަޢުލީމު ދޭ މަރުކަޒުގެ ގޮތުގައެވެ. އަދި މަޝްވަރާކުރާ ބަރުލަމާނުގެ ގޮތުގައެވެ. އަދި ދައުލަތް ހިންގާ އިދާރާކަމުގައެވެ. އަދި މެހުމާނުންނަށް އިސްތިޤުބާލު ކުރައްވާ މެހުމާންޚާނާކަމުގައެވެ.

މަދީނާގެ މާނައަކީ "ސިޓީ" އެވެ. އަލްމަދީނަތުއްނަބަވިއްޔާގެ މާނައަކީ "ނަބަވީ ސިޓީ" އެވެ. އެޒަމާނުގައި ވެސް ރަށެއް ސިޓީއަކަށް ބަދަލުވަނީ ވަކި ކަންކަމެއް އެ ތަނުގައި ފުރިހަމަވެގެންނެވެ. އެތަނުގެ އާބާދީއަށް ވެސް ބަދަލުތަކެއް އައިސްގެންނެވެ. މި ކަންކަން ފުރިހަމަވުމަށް ފަހު ޔަޘްރިބުގެ ނަން މަދީނާއަށް ބަދަލުވީއެވެ. މަދީނާ ވެފައިވަނީ މުޙައްމަދުﷺ ޤާއިމުކުރެއްވި ދައުލަތުގެ ވެރިރަށަށެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454