ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ
18 ފެބުރުއަރީ 2017 - 12:21
ލަންޑަން (ފެބްރުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތުމަކީ ޗެލްސީން އެފްއޭ ކަޕަށް ސަމާލުކަން ނުދޭއްވީ ސަަބަބެއް ނޫން ކަމަށާއި އެ މުބާރާތަކީ ވެސް ޗެލްސީގެ ޓާގެޓެއް ކަމަށް ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު 25 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގައި މިރޭ ޗެލްސީ ރަށުން ބޭރުގައި ކުޅޭނީ ވުލްވްސްއާ ދެކޮޅަށެވެ. ވުލްވްސް ފަސް ވަނަ ބުރުން ޖާގަ ހޯދީ ލިވަޕޫލް ކަޓުވާލުވުމަށް ފަހު އެވެ.
"މިއީ އަހަރެމެން ވަރަށް ހާއްސަކަމެއް ދޭ މުބާރާތެއް. ލީގުގައި ކުޅޭ ޓީމުގައި ނުހިމަނާ ކުޅުންތެރިންނަށް މި މުބާރާތުން ފުރުސަތު ދެނީ އެ ކުޅުންތެރިންނަށް އިތުބާރު އޮންނާތީ. ޕްރިމިއާ ލީގުގެ ރަނގަޅު މަގާމެއްގައި އޮތަސް އެފްއޭ ކަޕްގައި އަހަރެމެން ކާމިޔާބު ހޯދަން ބޭނުން،" ކޮންޓޭ ބުންޏެވެ.
ޗެލްސީ އެންމެ ފަހުން ލީގުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ކޮންޓޭ ބުނީ މިރޭގެ މެޗަށް ނުކުންނައިރު މޮޅެއް ހޯދުން މުހިއްމު ކަމަށެވެ.
"މިއީ ނޮކައުޓް މެޗެއް ކަމަށް ވިސްނައިގެން މި ނުކުންނަނީ. އެކަމަކު އަދި ވިސްނަން ޖެހޭ އެހެން ކަމެއް އެބަ އޮތް. އެންމެ ފަހުން ކުޅުނު މެޗުން ހެދުނު ގޯސްތައް ރަނގަޅުކޮށް އަލުން މޮޅެއް ހޯދުން މުހިއްމު. އެއީ ޓީމުގެ ފޯމު ގެއްލުމަކީ މި ދަނޑިވަޅުގައި ލިބޭނެ ބޮޑު ގެއްލުމެއް،" ކޮންޓޭ ބުންޏެވެ.
ޗެލްސީގެ އެންމެ އިތުބާރު ފޯވާޑް ޑިއޭގޯ ކޮސްޓާގެ މުސްތަގުބަލާ ގުޅޭ ގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. ނަމަވެސް ކޮންޓޭ ބުނީ ކޮސްޓާގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށެވެ.
"ކޮސްޓާގެ އެއްބަސްވުމުގައި ދެ އަހަރު އެބަ އޮތް. މި ދަނޑިވަޅުގައި ޓީމުގެ މެޗުތަކަށް ވުރެން ބޮޑަށް އެހެން ކަމަކަށް އިސްކަމެއް ނުދެން،" ކޮންޓޭ ބުންޏެވެ.
ޗެލްސީގެ ސްޕެއިނުގެ މިޑްފީލްޑަރު ޕެޑްރޯ ރޮޑްރިގޭޒް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ ވާހަކަތައް ފަށައިފަ އެވެ.
ޗެލްސީ އާއި ވުލްވްސް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy