ވީއޭއެމުން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ބައިވެރިވި މަންދޫބުން: އެ އެސޯސިއޭޝަންގެ އިންތިހާބު ފަސް ކުރުމަށް ފަހު އަލުން ވަނީ ކުރިމަތިލާން ހުޅުވާލާފަ
19 މާޗް 2024 - 13:15
ވީއޭއެމްގެ އިންތިހާބަށް ކުރިން ކުރި އިއުލާން ބާތިލުކޮށް، އިންތިހާބު މި މަހު 26 އަށް ފަސްކޮށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.
ވީއޭއެމްގެ މިހާރު ހިނގަމުންދާ ދައުރުގެ ބާކީ އޮތް އެއް އަހަރަށް ރައީސް އާއި އެކްސްކޯގެ އަނެއް އަށް މަގާމަށް ކުރިމަތިލާން މި މަހު ތިންވަނަ ދުވަހު އިއުލާންކޮށް، ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ވެސް މި މަހު 10 ވަނަ ދުވަހު ކެއެ އެސޯސިއޭޝަނުން އިއުލާން ކުރި އެވެ.
އޭރު އޮތީ އޭގެ ފަސް ދުވަސް ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ނަމަވެސް މި މަހު 11 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި އިންތިހާބު މި މަހު 19 ވަނަ ދުވަހަށް ފަސް ކުރުމަށް ނިންމި އެވެ.
އޭރު އާންމު ކުރި އިއުލާން އިއްޔެ ބާތިލު ކުރި އިރު، ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވަނީ، އޭރު އިއުލާން ކުރި އިންތިހާބާ ގުޅިގެން ވީއޭއެމުން ނިންމާފައިވާ ނިންމުންތައް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންތިހާބާ ގުޅިގެން އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުސިލުން، ވީއޭއެމްގެ މިހާރުގެ އެކްސްކޯއާ ބައްދަލުކޮށް ގޮތްތަކެއް ހަމަޖެހެން ދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް ތޮލާލް އެދިވަޑައިގަތެވެ. އެ ބައްދަލުވުމަށް ވީއޭއެމުން އިޖާބަ ނުދީ އޮތުމުން ތޮލާލް މިދިޔަ ބުދަ ދުވަހު ވިދާޅުވީ އެ އިންތިހާބާ ގުޅޭ ނިންމުންތައް ބަލައި ނުގަންނާނެ ކަމަށެވެ.
ރޭ ތޮލާލް ވިދާޅުވީ ވީއޭއެމުން އިންތިހާބަށް އަލުން އިއުލާން ކުރީ ހުރި ކަންބޮޑުވުންތައް ކަންކަން ހައްލު ކުރުމަށް ފަހު ކަމަށެވެ.
ވީއޭއެމުން، އިއްޔެ އިއުލާން ކުރި އިންތިހާބުގައި ކުރިމަތިލުމުގެ ސުންގަޑިއަކީ މި އަންނަ އާދިއްތަ ދުވަހުގެ ދޭއް ޖެހުމުގެ ކުރިންނެވެ.
ކުރިން އިއުލާން ކުރި އިންތިހާބުގައި ކޮންމެ މަގާމަކަށް ވެސް ކުރިމަތިލީ އެއް ކެންޑިޑޭޓެވެ. ރައީސް ކަމަށް ކުރިމަތިލެއްވީ ކުރީ ދައުރުގެ ރައީސް މުހައްމަދު ލަތީފެވެ. ރައީސްކަމުގެ މަގާމު ހުސްވީ، އޭޕްރީލް 2021 ގައި ބޭއްވި އިންތިހާބުގައި ރައީސް ކަމަށް ވަޑައިގެންނެވި މުހައްމަދު ރަނޭޝް މިދިޔަ މަހު އިސްތިއުފާ ދިނުމުންނެވެ.
ވީއޭއެމްގެ އާ ހިންގާގަވާއިދުގެ 22 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުން މަގާމަކަށް އެންމެ ފަރާތެއް ކުރިމަތިލާފައި ވާނަމަ އެ ފަރާތެއް ހޮވޭނެ އެވެ. އެ ގަވާއިދުގެ ދަށުން ވީއޭއެމްގެ އެކްސްކޯގައި 15 މެންބަރުން ތިއްބަވާނެ އެވެ. މިހާރު އެކްސްކޯގެ ތިބި ހަ މެންބަރުން އެކްސްކޯގެ މަގާމުތަކުގައި ދެމި ތިބޭނެ އެވެ. އެހެންވެ، އިއުލާން ކޮށްފައި ވަނީ އެކްސްކޯގެ އަނެއް ނުވަ މަގާމަށް ކުރިމަތިލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy