20 މާޗް 2024 - 10:58
މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު، ނިމުނު ފެބްރުއަރީ މަހު ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ އަދަދު މަދުވެ، އާމްދަނީ 30 ޕަސަންޓު ދަށްވެއްޖެ އެވެ.
ކަސްޓަމްސްއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ 2023 ގައި 232 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވިޔަސް، އެ އަދަދު މިދިޔަ މަހު ވަނީ 191 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެވެ.
އެއާ އެކު، މިދިޔަ އަހަރު 297 މިލިއަން ރުފިޔާގެ އާމްދަނީ، މިދިޔަ މަހު ވަނީ 208 މިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ. އެއީ ގާތްގަނޑަކަށް 30 ޕަސަންޓުގެ ދަށްވުމެކެވެ.
އެކްސްޕޯޓު ދަށްވެފައިވިޔަސް، މިދިޔަ މަހު އިމްޕޯޓު ވަނީ ކުޑަކޮށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރެވުނުއިރު، އެ އަދަދު ނިމުނު ފެބްރުއަރީ މަހު ހުރީ 4.4 ބިލިއަން ރުފިޔާގަ އެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އޮމާން އިން 657 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 606 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.
ރާއްޖޭން މިދިޔަ މަހު އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެކްސްޕޯޓުގެ ދެބައިކުޅަ އެއްބައި ހިއްސާކުރަނީ ތައިލެންޑަށެވެ. ދެން އެންމެ ގިނައިން ރާއްޖޭން މުދާ ބޭރު ކުރި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަނު، ބަންގްލަދޭޝް އަދި ފްރާންސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްޕޯޓް
20 March 2024
އެކްސްޕޯޓް އިތުރުކުރުމައް ހިފުމައްވުރެ ކާމިޔާބުވާނެކަމައްފެނޭ އިންޕޯޓް މަދުކުރެވޭނެގޮތްތައްހޯދުން.
މާހިރު
20 March 2024
ދިވެއްސަކަށްވީތީ އެކްސްޕޯރޓްގެ ވާހަކަދައްކަން ލަދުގަނެއެވެ. އެކްސްޕޯރޓްކުރާ ހަމައެކަނި މަހުގެ ބާވަތްތަކުގެ ތެރެއިންވެސް ބޮޑުބަޔަކީ މާބޮޑު ފައިދާއެއްނުލިބޭގޮތަށްބޭރުކުރާ ރޯމަހެވެ. ދިވެހިން އިޚްތިޔާރުކޮށްފައިވަނީ ހަމައެކަނި ޓޫރިޒަމުން ހުރިހާކަމެއް ހަމަޖެއްސުމަށެވެ. އެސަބަބާހެދި ފަތުރުވެރިން އައުން ހުއްޓިއްޖެނަމަ ޤައުމު ބަނޑަށްޖެހޭހިސާބަށް ދެއެވެ. އެހެންކަމުން ރަނގަޅު އާމްދަނީއެއް ލިބޭނެފަދަ އިތުރު ވިޔަފާރިތަކުގެ ވިސްނުން ގެންނާކަށް ނުވޭތޯއެވެ.
ހަމަދޯ
20 March 2024
ކޮންމެ ރޯދަމަހަކު ވަމުންދާގޮތް އިމްޕޯޓް އިތުރުވުން
ކޮރަލް
20 March 2024
އެކްސްޕޯޓް އިތުރުވާނީ ލުއި ތަކެއް ދީގެންނެވެ. އެކަމުގެ ތެރެއަށް ސަރުކާރު ނުވަދެ ލުއި ދޭން ވީ އެވެ.