ކުޅިވަރު / ދިވެހި ކުޅިވަރު

ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރެއްގެ ވާހަކަ ދިވެހިންނަށް؛ ކުޅިވަރުތައް ހަމަހަމަ ކުރުމުގައި ފަރުވާތެރިވާން ޖެހޭ

ނިގެލް ހެތެރިންޓަން ވަނީ ސިންގަޕޫރުގެ ސްޕޯޓްސް ސްކޫލްގެ ޑައިރެކްޓާގެ މަގާމު ކުރިން އަދާކޮށްފަ

ސްކޮޓްލެންޑްގެ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރު ނިގެލް ހެތެރިންޓަން (ކ) އާއި ކުރީގެ ދުވުންތެރިޔާ ނަސީރު

ކުރީގެ އެއްވަނަ ދުވުންތެރިޔާ އަދި މިހާރުގެ ކޯޗު ނަސީރު އިސްމާއީލްގެ ގެއިން، މިދިޔަ ހުކުރު ދުވަހު އޭނާ މަރުހަބާކީ ސްކޮޓްލެންޑްގެ ސްޕޯޓްސް ސައިންސްގެ ތަޖރިބާކާރަކާ އެވެ. ނިގެލް ހެތެރިންޓަން އަކީ ސިންގަޕޫރުގެ ސްޕޯޓްސް ސްކޫލްގެ ކުރީގެ ޑައިރެކްޓަރެވެ. އެންޓި ޑޯޕިންގެ ތަޖުރިބާކާރެކެވެ.

ރާއްޖޭގައި 15 ދުވަހުގެ ޗުއްޓީއެއް ހޭދަ ކުރުމަށް ފަހު، ސްކޮޓްލޭންޑަށް ފުރުމުގެ ކުރިން ނަސީރުގެ ގެއަށް އޭނާ ޒިޔާރަތް ކުރީ ނަސީރާއި އޭނާގެ އާއިލާއާ ބައްދަލުކޮށްލުމަށެވެ. އެ އާއިލާގެ ރޯދަ ވީއްލުމުގައި އޭނާ ބައިވެރިވެ ދެކެވުނު ވާހަކަތަކުން ކިޔައި ދިނީ، ދިވެހި ކުޅިވަރަށް ފިލާވަޅުތަކެކެވެ.

މަލްޓި ސްޕޯޓްސް މެނޭޖުކުރުމުގެ އިލްމާއި ހުނަރުގެ ދާއިރާ އޭނާ ހާއްސަ ވިޔަސް، އެ ފުޅާ ދާއިރާގައި އޭނާ އަށް އެންމެ ޝައުގުވެރި ކުޅިވަރަކީ އެތުލެޓިކްސް އެވެ. އިންޑިއާގެ ނިއުދިއްލީގެ ސްޕޯޓްސް ޕްރޮޖެކްޓެއްގައި ވެސް ކޮންސަލްޓަންޓެއްގެ ދައުރު އަދާކޮށްފައި ވުމުން ދެކުނު އޭޝިއާގެ ކުޅިވަރުގައި ހުރި ތަފާތުތައް އޭނާ އަށް ދެނެގަނެވެ އެވެ.

"އިންޑިއާގައި އަހަރެން މަސައްކަތް ކުރި ޕްރޮޖެކްޓުން އެނގުނު އެންމެ ބޮޑު ކަމަކީ އެތުލީޓުންގެ މޯޓިވޭޝަން ހުންނަންޖެހޭ މިންވަރަށް ނުހުންނަކަން،" އޭނާ ކިޔައި ދިނެވެ.

"މިސާލަކަށް 100 މީޓަރުގެ ސްޕްރިންޓް ރޭސް 11 ސިކުންތުން ނިންމާލެވުނަސް ބައެއް އެތުލީޓުން ތިބެނީ އެވަރުން ފުދިފަ. އެކަމަކު ސިންގަޕޫރުގައި އެ މޯޓިވޭޝަން ތަފާތު، 11 ސިކުންތުން ނިންމުނަސް އެމީހުން ހިތްހަމައެއް ނުޖެހޭނެ. އަނެއްކާ ވެސް މަސައްކަތްކޮށްގެން އެއަށްވުރެ އަވަހަށް. އަނެއްކާ ވެސް އެއަށް ވުރެ އަވަހަށް ނިންމަން އެ ވިސްނުން އެ އެތުލީޓުންގެ ކިބައިގައި ހުރޭ."

ސްޕޯޓްސް ސައިކޮލޮޖީ ވަރަށް މުހިންމު

ކުރިމަގުގެ އެތުލީޓުން ބިނާ ކުރުމުގައި އެ ކުދިންނަށް ރޯލް މޮޑެލުން ދައްކައި ދޭން ޖެހޭނެ

ރާއްޖޭގައި ވެސް ޒުވާން އެތުލީޓުންގެ މެދުގައި ރޯލް މޮޑެލުން ތިބި އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނެލް މެސީ، އުސައިން ބޯލްޓް އަދި މައިކަލް ފެލެޕްސް، ލެބްރޯން ޖޭމްސް، ނޮވާކް ޖޮކޮވިޗާއި ކާލޯސް އަލްކަރާޒު ފްލޯ ކުރާ އުމުރުން ހަގު އެތުލީޓުން ދިވެހި ކުޅިވަރުގައި ވެސް ގިނަ އެވެ. އެކަމަކު އެ އެތުލީޓުންގެ މަސައްކަތުގެ ރޭޓާ ކައިރިކުރާ ވަރަށް ވެސް ރާއްޖޭގެ އެތުލީޓުންނަށް މަސައްކަތެއް ނުކުރެވެ އެވެ. އެ މަހުލެއް ވެސް ނެތެވެ.

އުމުރުން ހަގު އެތުލީޓުންގެ މެދުގައި ވެސް ހަގީގީ ރޯލް މޮޑެލްއެއް ދައްކައި އެކަން އެތުލީޓުންގެ މެދުގައި އެކަށައެޅުމަށާއި ހަރުދަނާ މޯޓިވޭޝަނެއް މައްޗަށް އެތުލީޓުންގެ ވިސްނުން ތަންފީޒު ކުރެވޭނީ ސްކޫލް މުގައްރަރުގެ ތެރެއިން އެ ވިސްނުމުގެ މައްޗަށް ދަރިވަރުން ބިނާކޮށްގެން ކަމަށް ނިގެލް ބުންޏެވެ. އޭނާ ބުނީ ސިންގަޕޫރުގެ އެތުލީޓުންގެ ވިސްނުން ތަފާތު ވަނީ ސްކޫލް މަރުހަލާގައި ވެސް އެ ވިސްނުމުގެ މައްޗަށް ދަރިވަރުން ބިނާކުރެވޭނެ ތައުލީމީ ފަލްސަފާއެއްގެ މައްޗަށް ސްކޫލްތަކާއި މުގައްރަރު ބައްޓަން ކޮށްފައި އޮތުމުންނެވެ.

ސްކޮޓްލެންޑްގެ އެންޓި ޑޯޕިންގެ ތަޖުރިބާކާރު ނިގެލް ބުނީ ސްކޫލްތަކުގެ ސްޕޯޓްސް ޓީޗަރުންނާއި ސްޕޯޓްސް ސައިކޮލޮޖިސްޓުންގެ ދައުރު ވެސް އަންނަ ޖީލުގެ އެތުލީޓުން އުފެއްދުމުގައި ފުޅާކުރަން ޖެހޭނެ ކަމަށެވެ.

ކުޅިވަރުތައް ހަމަހަމަ ކުރުމުގައި ފަރުވާތެރި ވާން ޖެހޭ

މިދިޔަ ފަސް އަހަރު، ރާއްޖޭގެ ކުޅިވަރުތައް ހަމަހަމަ ކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅުނެވެ. ރާއްޖޭގެ ބައެއް ތަޖުރިބާކާރުން ބުނި ގޮތުގައި ހުރިހާ ކުޅިވަރެއް ހަމަހަމަ ކުރުމުން، ކުރިން ބޮޑު ސަމާލުކަމެއް ދިން ކުޅިވަރުތަކަށް އެކަށީގެންވާ ވަރަށް އަޅައެއް ނުލެވުނެވެ. އޭގެ ސަބަބުން އެ ކުޅިވަރުތަކުގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށް ރާއްޖޭގެ ކުޅިވަރުގެ ތަޖުރިބާކާރުން ބުންޏެވެ.

ނިގެލް ބުނީ، ކުޅިވަރުތައް ހަމަހަމަ ކުރުމަކީ އޭނާ އަށް މައްސަލައެއް ނޫން ކަމަށެވެ.

"އެއްގޮތަކުން އަހަންނަށް އެއީ މައްސަލައެއް ނޫން. އެކަމަކު އެކަން ކުރަން ޖެހޭނީ ވަރަށް ފަރުވާތެރި ކަމާ އެކު. ވަރަށް ކުދިކުދި ކޮމިޔުނިޓީތެރޭގައި ވެސް ހުރެދާނެ އަންނަ ޖީލުގެ ގައުމުގެ ކުޅިވަރުގެ ބަތަލަކަށް ވެދާނެ ކުއްޖަކު ވެސް،" އޭނާ ކިޔައި ދިނެވެ.

"އެވަރަށް ހުނަރު ދެނެގަނޭވޭ ޓެކްނިކަލް ގާބިލުކަން ބިނާކުރަން މަސައްކަތް ކުރަން ޖެހޭ. އެކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވެގެން ކުރިއަށް ދާންވީ."

ނިގެލްގެ މި ވާހަކަތައް ނިމުނު އިރު ރާއްޖެއިން ފުރަން ޖެހޭ ވަގުތު ކައިރި ވެއްޖެ އެވެ. އަޅުގަނޑާ ވެސް ސަލާންކޮށްފައި ނިގެލް އެއާޕޯޓަށް ދާން ކާރަށް އެރީ، އަބަދު ވެސް ރާއްޖެ އަށް ޒިޔާރަތް ކުރާ ހިތްވާކަމަށް ބުނަމުންނެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލިންޑި125

20 March 2024

ޖެނެޓިކްސްއުން ވާކަމެއް. އިންޑިޔާ، ރާއްޖެ، ސިންގަޕޯ، ޗައިނާ މޮޅެއް ނުވާނެ ޕިޒިކަލް ކުޅިވަރުތަކަކަ. ދުވުން، ފެތުން. އެކަމަކު ބެޑްމިންޓަން، ޓީޓީ، ކިރިކެޓް، ޑިގު، ކެރަމް، ރާޒުވާ މިކަހަލަ ކުޅިވަރުތަކުން ތިބުނާ މޯޓިވޭސަން ނެރެވިއްޖެއްޔާ ވަރަށް ބާރައް ކުރިއަރައިގެންދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454