ރޯދަ މަސް / ރަމަޟާން 2024

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 13

ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު

24 މާޗް 2024 - 08:10

އިއްޔެގެ ނޫހާ ގުޅޭ

އަލްވަދާޢު ވިދާޅުވުމުގެ ދަތުރުފުޅު

ތޭވީސް އަހަރުގެ މުއްދަތު ފާއިތުވެގެން ދިޔައީއެވެ. އިސްލާމީ ރިސާލަތުގެ މަތިވެރި ނޫރު، ޢަރަބިކަރައާއި ދުނިޔޭގެ ކަންކޮޅުތަކަށް ވަނީ ފެތުރިފައެވެ.

ގިނިކަންޏާ ފެއްޓެވި މަތިވެރި ތައުޙީދުގެ ދަޢުވަތު ވަނީ ފެތުރިފައެވެ. ބަލިނުކުރެވޭނޭ ފަދަ ވަރުގަދަ ދައުލަތަކާއި އަސްކަރީ ބާރެއްވަނީ ތައުސީސްކުރެވިއެވެ. ޢަޤީދާގެ މައްޗަށް އުފަންކުރެވުނު ޙަޟާރަތުގެ ތަނބުތައް ވަރުގަދަ ވެފައިވެއެވެ. ޢިލްމީ ފިކުރާއި ޢުމްރާނީ ކުރިއެރުމުގެ ބިންގާތައް އުންމަތުގައި ޤާއިމުކުރެއްވިއެވެ. ބައިބައިވެފައި އޮތް މުޖުތަމަޢު އެއްބައިވަންތަވެ، އިޖުތިމާޢީ އަޚުލާޤިއްޔާތުގެ ވަރުގަދަ އިންޤިލާބެއް ވަނީ އައިސްފައެވެ.

ޙައްޖަށް ވަޑައިގަންނަވާކަން އިޢުލާންކުރެއްވުން

މުޙައްމަދުﷺގެ ނަބަވީ އިޞްލާޙީ ޙަރަކާތުގެ ތޭވީސް އަހަރުގެ މުއްދަތުގެ ތެރޭގައި، ކުރީން ޙައްޖުގެ ފަރުޟު އަދާކުރައްވައިފައިނުވެއެވެ. އެކަލޭގެފާނު ޤުރުބާންވެވަޑައިގަތީ އިސްލާމްދީނުގެ ހިދާޔަތުގެ ދަންމަރު އިންސާނިއްޔަތަށް ފެތުރުއްވުމުގައެވެ. މަދީނާއަށް ހިޖުރަކުރެއްވިތާ ދިހަވަނައަށްވީ އަހަރު، އިތުރުއެކަލޭގެފާނު ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރައްވާން ގަސްތުކުރައްވައި އެ ކަން އިޢުލާނުކުރެއްވިއެވެ.

މި އުފާވެރި ޚަބަރު މަދީނާއާއި ވަށައިގެންވާ ސަރުޙައްދުތަކަށް ފެތުރިގެން ދިއުމުން އިތުރުއެކަލޭގެފާނުގެ އަރިހުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާން އެތައް ހާސް ބަޔަކު ޝައުޤުވެރިވިއެވެ. މި ގޮތުން އެކި ސަރަޙައްދުތަކުން މަދީނާއަށް މީސްތަކުން ޖަމަޢަވާން ފެއްޓިއެވެ. ކޮންފަދަ މަތިވެރި ނަސީބެއްތޯއެވެ! އެންމެ މާތް މަތިވެރި ނަބިއްޔާގެ އަރިހުގައި ތަލްބިޔާ ކިޔައި އެކަލޭގެފާނުގެ އަރިހުގައި ތަވާފުކޮށް، އެކަލޭގެފާނާއެކު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބުމަކީ އާދައިގެ ކަމެއްނޫނެވެ.

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. މަދީނާއަށް ވަޑައިގެން ނުވަ އަހަރުވީ އިރު ވެސް އިތުރުއެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދައެއްނުކުރައްވައެވެ. ނަމަވެސް ދިހަވަނަ އަހަރުގައި ޙައްޖުގެ އަޅުކަން އަދާކުރައްވާން ވަޑައިގަންނަވާން ގަސްތުކުރެއްވި ހިނދު، އެތައް ބަޔަކު ބޭނުންވީ އެކަލޭގެފާނުގެ އަރިހުގައި އެ ބަރަކާތްތެރި ދަތުރުގައި ބައިވެރިވެ، އެކަލޭގެފާނު އެ އަޅުކަން އަދާކުރައްވާ ގޮތަށް އަދާކުރުމަށެވެ. ދެން ފަހެ، ތިމަން ބޭކަލުން އެންމެން އެކަލޭގެފާނުގެ އަރިހުގައި ނިކުތީއެވެ.

މުރައްރިޚުން ބަޔާންކޮށްފައިވާ ގޮތުން އިތުރުއެކަލޭގެފާނު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޓަކައި މުސްލިމުންނާއެކު މަދީނާއިން ނިކުމެވަޑައިގަތީ ހިޖުރައިން ދިހަވަނަ އަހަރު ޛުލްޤަޢިދާ މަހު ފަންސަވީސްވީ ހޮނިހިރު ދުވަހުގައެވެ. ލައްކައަކަށް ވުރެ ގިނަ މުސްލިމުންނާއެކު އެކަލޭގެފާނު ތަލްބިޔާގައި މައްކާއަށް ވަދެޑައިގަތީ ހައިބަތުން ފުރިގެންވާ މަތިވެރި ޤާފިލާގައެވެ.

އެންމެ ފުރަތަމަ އިސްލާމްވީ ބޭކަލުންނާއި މާތް މުހާޖިރުންނާއި މަތިވެރި އަންޞާރުންނާއި މުސްލިމުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންނާއި ޢަރަބީންގެ ޤަބީލާތަކުގެ ޒަޢީމުންގެ ގިނަ ބަޔަކު އިތުރުއެކަލޭގެފާނުގެ ކަނާތްޕުޅު ފަރާތާއި ވާތްޕުޅު ފަރާތާއި ފަހަތްޕުޅުގައި ޢިހުރާމްގައި ތިއްބެވިއެވެ. އިތުރުއެކަލޭގެފާނަކީ އެ މީހުން ފަދަ ބޭކަލެކެވެ. އެއީ ރަސްކަލެއްނޫނެވެ. ނަބިއްޔެކެވެ. اللهގެ އަޅެކެވެ. ޞާލިޙު ބޭކަލެކެވެ.

ޙައްޖަތުލްވަދާޢު ކިއުނީ ކީއްވެ؟

ކީރިތި ރަސޫލާﷺ އަދާކުރެއްވި ޙައްޖަށް، ޙައްޖަތުލްވަދާޢު ކިއުނީ އެއީ އެކަލޭގެފާނު އުންމަތަށް އަލްވަދާޢުވިދާޅުވި މޭރުމަކުން ޢަރަފާތުގައި ޚުޠުބާވިދާޅުވި ޙައްޖު ކަމަށްވުމާއި އަދި އެކަލޭގެފާނުގެ ހަމަ އެކަނި ޙައްޖުކަމަށް ވުމުންކަމުގައި ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. ޙައްޖަތުލްވަދާޢުގެ ޚާއްޞަ ވެގެންވަނީ އެއީ އެންމެ މާތް ޙައްޖަށްވުމެވެ. އެއީ އިސްލާމީ އުންމަތުގެ އަހުލުވެރީން މާތް ނަބިއްޔާﷺގެ އަމީރުކަމުގެ ދަށުގައި ކުރި ޙައްޖެވެ.

މުސްލިމުންގެ އަދަދު

ޢިލްމުވެރީން ބަޔާންކުރައްވައިފައިވާ ގޮތުގައި ޙައްޖަތުލްވަދާޢުގައި އެއް ލައްކަ ސާޅީސް ހާސް މުސްލިމުން އިތުރުއެކަލޭގެފާނުގެ އަރިހުގައި ޙައްޖުކުރެއްވިއެވެ. އެއިގެ ތެރޭގައި ކުރީން ދެންނެވި ފަދައިން މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުންނާއި ޢަރަބި ޤަބީލާތަކާއި ޤުރައިޝުންގެ ތެރެއިން އިސްލާމްވީ އެތައް ބަޔަކާއި އެތައް އަންހެން ބޭކަނބަލުން ވެސް ހިމެނެއެވެ.

އެކަލޭގެފާނު ގިނި ކަންޏާ ފެއްޓެވި ރިސާލަތުގެ ދަޢުވަތު اللهގެ ރަޙުމަތުން ފުރިހަމަ ކުރައްވައި އަލްވަދާޢު އެ ވިދާޅުވީ ތައުޙީދުގެ ދިދަ މި ބިންމަތީގައި އުފުއްލަވާނެ އެތައް ލީޑަރުންނަކާއި އެތައް ޢާލިމުންނެއް ތަރުބިޔަތުކުރައްވައިފައެވެ. ދީން ފުރިހަމަވުން

ޙައްޖަތުލްވަދާޢު ޚުޠުބާގެ ފަހުން، މާތްالله އަލްމާއިދާ ސޫރަތުގެ ތިންވަނަ އާޔަތް ބާވައިލެއްވިއެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. "މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދީން ފުރިހަމަކުރައްވައިފީމުއެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިޢުމަތްތައް ފުރިހަމަކުރައްވައި، އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީންކަމުގައި ރުހިވޮޑިގެންފީމުއެވެ."

މި އާޔަތް ބާވައިލެއްވުމުން އެއްބަޔަކު އުފާކުރިއެވެ. އެއީ ދީން ފުރިހަމަކުރައްވައި ނިޢުމަތްތައް ފުރިހަމަކުރެއްވިކަމުގެ މައްޗަށެވެ. އަނެއްބަޔަކު، ހިތާމަ ކުރިއެވެ.

ހިތާމަ ކުރި މީހުން ހިތާމަކުރީ، އެ އާޔަތުން ދޭހަކޮށްދޭ ސިއްރު ޙިކުމަތާމެދުއެވެ. އެހެނީ ދީން ފުރިހަމަ ކުރައްވައި ނިންމެވުމުން ދޭހަކޮށްދެނީ މާތް ނަބިއްޔާގެ އަޖަލު ކުޑަތަންވެއްޖެކަމެވެ. އިތުރުއެކަލޭގެފާނު މި އުންމަތާ ވަކިވެވަޑައިގަންނަވާ ވަގުތު ޖެހިއްޖެކަމެވެ. އެއީ އަޞްޙާބު ބޭކަލުންނާއި އުންމަތަށް ތަޙަމަލްކުރާން ދަތިވި ކަމެއްކަން ކަށަވަރެވެ.

ނުނިމޭ

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މި ރޯދަ މަހުގެ ތެރޭގައި މި ފޮތުގެ ހުރިހާ ބައެއް "މިހާރު"ގައި ޝާއިއު ކުރަމުން ގެންދާނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454