ރޯދަ މަސް / ރަމަޟާން 2024

ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 14

ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު

25 މާޗް 2024 - 08:10

2 comments

އިއްޔެ ނޫހާ ގުޅޭ

ޙައްޖަތުލްވަދާޢުގެ އަސަރުގަދަ ޚުޠުބާ

ކީރިތި ރަސޫލާﷺ ޢަރަފާތުގައި ދެއްވި ޚުޠުބާ ފެއްޓެވީ ވަރަށް އަސަރު ގަދަ ޢިބާރާތަކުންނެވެ. އެއީ އެހައި ގިނަ ޢަދަދެއްގެ މުސްލިމުންނާއެކު އެއް ތަނަކުން، އެއަށް ފަހު ބައްދަލު ނުވެދާނެކަމުގެ އިޝާރާތް ދެއްވަމުންނެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވާ ވަގުތު އަތުވެއްޖެކަމުގެ އިޝާރާތް ދެއްވަމުންނެވެ. ޢަރަފާތުގައި ޖަބަލުއްރަޙުމާގައި ހުއްޓިވަޑައިގެން އިވެވި ޚުޠުބާއަކީ ވަދާޢީ ޚުޠުބާއެވެ.

މި ފޮތުގައި މި ބަޔާންކުރަނީ ޚުޠުބާގެ އަސާސީ މުހިންމު ބައިތަކެވެ. ވަދާޢީ ޚުޠުބާ ފަށްޓަވަމުން ވިދާޅުވިއެވެ.

"އޭ މާތް اللهގެ އަޅުތަކުންނޭވެ! الله އަށް ތަޤުވާވެރިވުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަމެވެ. އެކަލާނގެ އަށް ކިޔަމަންތެރިވުމަށް ބާރުއަޅުއްވަމެވެ. މީސްތަކުންނޭވެ! ތިމަންކަލޭގެފާނު މި ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހާށެވެ! މި އަހަރަށް ފަހު މި މަޤާމުގައި ތިޔަބައިމީހުންނާ ތިމަންކަލޭގެފާނު ބައްދަލު ނުވެދާނެއެވެ."

ހިތްތައް ފަޅައިގެން ކުދިކުދި ވެގެންދާ ފަދަ ޢިބާރާތެކެވެ. އަމިއްލަ ފުރާނައާއި އަނބިދަރީންނަށް ވުރެ އިތުރުއެކަލޭގެފާނު ދެކެ ލޯބިވާ އަޞްޙާބު ބޭކަލުންނަށް ތަޙައްމަލުކުރާން ދަތިވި ޢިބާރާތްތަކެވެ. އެ ބޭކަލުންގެ ލޯތަކުން ކަރުނަ އޮހޮރިގެން ދިޔައެވެ. އިތުރު އެކަލޭފާނު ޚުޠުބާ ކުރިއަށް ގެންދަވަމުން ޙަދީޘްކުރެއްވިއެވެ:

ލެއާއި އަބުރާއި މުދާ ޙިމާޔަތްކުރެއްވުން

އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެއާއި މުދަލާއި އަބުރު ވަނީ الله އާއި ބައްދަލުވެއްޖައުމަށް ދާންދެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް ޙަރާމްވެގެންނެވެ. އެއީ މި ދުވަސް (ޙައްޖު ދުވަސް) އާއި މި މަހާއި (ޙައްޖު މަސް) މި ރަށް (މައްކާ) ޙުރުމަތްތެރި ކުރެއްވި ފަދައިންނެވެ. އެއްވެސް މީހަކާ އަމާނާތެއް ޙަވާލު ކުރެވިފައިވާ ނަމަ އެ އަމާނާތް އޭގެ ވެރި ފަރާތާ ޙަވާލު ކުރުން ހުއްޓެވެ. ދަންނާށެވެ! ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

ރިބާ ޙަރާމް ކުރެއްވުން

އޭ މީސްތަކުންނޭވެ! ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ އެންމެހައި ރިބަވީ މުޢާމަލާތްތައް ބާޠިލުވެގެންވެއެވެ. ތިޔަބައިމީހުންގެ މުދަލުގެ ރައުސްމާލު ވަނީ ތިޔަބައިމީހުންނަށެވެ. އަނިޔާވެރިވުމާއި އަނިޔާ ލިބިގަތުމެއް ނެތް ގޮތުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ބާޠިލުކުރާ ރިބާއަކީ ބޮޑު ބޭބެ ޢައްބާސް ބިން ޢަބްދުލްމުއްޠަލިބު ގެ ރިބަވީ މުޢާމަލާތެވެ. އެ ކަންކަން ބާޠިލްވެގެންވެއެވެ. ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

ބަދަލު ހިފުން މަނާކުރެއްވުން

އޭ މީސްތަކުންނޭވެ! ނުޙައްޤުން ލޭ އޮހޮރުމާއި އެއްބަޔަކު އަނެއް ބަޔެއްގެ ކިބައިން ބަދަލުހިފުން ބާޠިލުވެގެންވެއެވެ. އޭ މީސްތަކުންނޭވެ! މާތް اللهގެ ޙަޟްރަތުގައި އަހަރަކީ ބާރަ މައްސަރެވެ. އެއިގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރި ވެގެންވެއެވެ. (ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް، ރަޖަބް) ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

ދެމަފިރިންގެ ޙައްޤުތައް

އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަނބިންނާ މެދު ތިޔަބައިމީހުންގެ މައްޗަށް ވާޖިބުތަކެއް ވެއެވެ. އަދި ތިޔަބައިމީހުންނާ މެދު އެ ކަނބަލުންގެ މައްޗަށް ވެސް ވާޖިބުތަކެއްވެއެވެ. އެކަނބަލުން ތިޔަބައިމީހުންނަށް ވަފާތެރިވުން ވާޖިބުވެގެންވެއެވެ. ފިރީން ނޫން ބަޔަކާ އެއްދާންކުރުމެއް ނެތެވެ. އަދި ފިރީން ނުރެހޭ މީހުން އެކަނބަލުންނާ މުޢާމަލާތު ކުރުމެއް ވެސް ނެތެވެ. ފިރީން ނުރެހޭ މީހުން ފިރީންގެ އިޒުނައެއް ނެތި ގެއަށް ވެއްދުމެއް ވެސް ނެތެވެ. އެ ފަދަ ކަމެއް އެ ކަނބަލުން ކޮށްފި ނަމަ، އެކަނބަލުންނާ ވަކިވެ ދުރުވުމަށް ތިޔަބައިމީހުންނަށް މާތްالله އިޒުނަ ދެއްވައިފައިވެއެވެ. އެ ކަނބަލުން ތެދުވެރިކަމާއެކު ވާ ނަމަ، އެ ކަނބަލުންނަށް ހެޔޮކޮށް ހިތައި، ހެޔޮ ގޮތުގައި ޚަރަދުބަރަދު ދިނުން ހުށްޓެވެ!

އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތްކުރެއްވުން

އޭ މީސްތަކުންނޭވެ! އަނބިންނަށް ހެޔޮކޮށް ހިތާށެވެ! އެ ކަނބަލުންނަކީ ތިޔަބައިމީހުންނާ الله ޙަވާލުކުރައްވައިފައިވާ އަމާނާތެކެވެ. ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނިކޮށްފައިވަނީ اللهގެ ކަލިމަފުޅުގެ މައްޗަށެވެ. މިހެންކަމުން، އެކަނބަލުންނާމެދު اللهއަށް ބިރުވެތިވާށެވެ! އެ ކަނބަލުންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރައްވަމެވެ. ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމުހެއްޔެވެ؟ އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

މުސްލިމުންނަކީ އަޚުވަންތަ ބައެއްކަން އެނގެވުން

އޭ މީސްތަކުންނޭވެ! އެންމެހައި މުސްލިމުންނަކީ އަޚުންނެވެ. އެކަކު އަނެކެއްގެ މުދާ އަޚާގެ ރުހުމެއްނެތި ކެއުން ހުއްދަވެގެންނެއްް ނުވެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމުހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

ޤުރުއާނާއި ސުންނަތުގައި ހިފުމަށް އެންގެވުން

އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، ތިޔަބައިމީހުންގެ ދީން ދޫކޮށް އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ނުކުރާށެވެ! ތިމަން ކަލޭގެފާނު މި ވަކިވެވަޑައިގަންނަވަނީ ދެ އެއްޗެއް ދޫކުރައްވައިފައެވެ. އެއީ اللهގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ! އޭގައި ހިފަހައްޓައިފި ނަމަ ތިޔަބައި މީހުން ގެއްލެނިވެގެން ނުދާނެއެވެ. ތިމަން ކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

އިންސާނުންގެ ހަމަހަމަކަން ބަޔާންކުރެއްވުން

އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެންގެ ވެރި ރައްބަކީ اللهއެވެ. ތިޔަބައިމީހުން އެންމެންގެ ބައްޕައަކީ އާދަމުގެފާނެވެ. އާދަމްގެފާނު އުފެއްދެވީ މަށީންނެވެ. اللهގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ ތިޔަބައިމީހުންގެ ތެރެއިން އެކަލާނގެއަށް ތަޤުވާވެރިވި މީހާއެވެ. ތަޤުވާވެރިކަމުން މެނުވީ ޢަރަބީންގެ މީހަކަށް ޢަޖަމީންގެ މީހެއްގެ މައްޗަށް ވަކި މަތިވެރިކަމެއް ނެތެވެ. އެންމެނަކީ ހަމަހަމަ ބަޔެކެވެ. ތިމަންކަލޭގެފާނު މި ބަސްފުޅު ފޯރުކޮށް ނުދެއްވަމު ހެއްޔެވެ؟ އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މި ކަމުގެ މައްޗަށް ހެކިވޮޑިގަންނަވާނދޭވެ!

ތަރިކަ މުދަލާއި ވަޞިއްޔަތުގެ އުޞޫލު

އޭ މީސްތަކުންނޭވެ! މާތް الله ވަނީ ތަރިކަ މުދާ ބަހާންވީ ގޮތް ކަނޑައަޅުއްވައިފައެވެ. ކޮންމެ ވާރިސަކަށް އޭނާގެ ޙައްޤު ލިބުން ހުށްޓެވެ! ވާރިސަކަށް މުދަލުން ވަޞިއްޔަތެއް ނެތެވެ. މުދަލުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ޢަދަދަކުން ވަޞިއްޔަތް ކުރުމެއް ވެސް ނެތެވެ.

ނަސަބު ދެމެހެއްޓުން

ދަރި ލައްވާހުށީ ތަންމައްޗަށެވެ. ޒިނޭކުރި މީހާގެ މައްޗަށް އޮތީ ޙައްދެވެ. އަމިއްލަ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތްކޮށްފި މީހާއަށް الله އާއި އެކަލާނގެ މަލާއިކަތުންނާއި އެންމެހައި މީސްތަކުންގެ ފަރާތުން ލަޢުނަތް ހުށްޓެވެ. ވައްސަލާމް!

ޚުޠުބާ އިއްވެވުމަށް ފަހު، މުސްލިމުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނާ މެދު ތިޔަބައި މީހުންނާ ސުވާލު ކުރެއްވޭނެއެވެ. އެ ދުވަހަކުން ތިޔަބައިމީހުން ބުނާނީ ކީކޭހެއްޔެވެ؟ ދެން އެއްވެފައި ތިބި މުސްލިމުން ދެންނެވިއެވެ. ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވައިފިއެވެ. ތިމަންމެން އެކަމުގެ މައްޗަށް ހެކިވަމުއެވެ. ދެން އިތުރު އެކަލޭގެފާނު ވިދާޅުވިއެވެ. ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މިކަމުގެ މައްޗަށް ހެކިވެވޮޑިގަންނަވާނދޭވެ! މިގޮތައް ތިން ފަހަރު ވިދާޅުވުމަށް ފަހު، ދެން ވިދާޅުވިއެވެ. މިތަނަށް ހާޒިރުވި މީހުން، ހާޒިރުނުވާ މީހުންނަށް މި ވާހަކަތައް ފޯރުކޮށްދޭށެވެ.

ޙައްޖުގެ ޚުޠުބާގައި އެކަލޭގެފާނު އިއްވެވި އަސަރުގަދަ ނަސޭޙަތްޕުޅުތަކަކީ އިންސާނީ ޙައްޤުތަކުގެ އިސްލާމީ ޗާޓަރެވެ. އެ ޚުޠުބާގައިވަނީ އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމަތު ރައްކާތެރިކުރުމާއި މީސްތަކުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއި އަނބީންނަށް ހެޔޮކޮށް ހިތުމާއި ފިރީންނަށް ހެޔޮކޮށްހިތުމާއި މުދަލާއި އަބުރު ޙިމާޔަތްކުރުމާއި ނަސްލީ ތަފާތު ނައްތައިލުމާއި ރިބަވީ މުޢާމަލާތްތައް ނައްތައިލުމާއި މިފަދަ އެތައް އަސާސެއް ޤާއިމުކުރައްވައިފައެވެ. ކީރިތި ރަސޫލާﷺގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާއަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤުވާމީ އެތައް ޤަރާރެއްގެ މަޞްދަރެކެވެ.

ސުވަރުގެ ވަޑައިގަތުން

ކީރިތި ރަސޫލާﷺ ޙައްޖުގެ ފަރުޟު އަދާކުރެއްވުމަށް ފަހު މަދީނާއަށް ވަޑައިގަތެވެ. އެކަލޭގެފާނުގެ އަޖަލު ކުޑަތަންވަމުން ދިޔައެވެ. މާތްالله ރުއްސުންލެއްވި މާތް ޞަޙާބީ މުޢާޒް ބުން ޖަބަލު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އިސްލާމްދީނަށް ގޮވައިލައްވާން ޔަމަނަށް ވަޑައިގަންނަވާން ކީރިތި ރަސޫލާﷺ އެދިވަޑައިގަތެވެ.

އަދި ތިމަންކަލޭގެފާނު ދަތުރަށް ނިކުންނަވާން މަދީނާގެ ރަށްބޭރަށް ނިކުމެވަޑައިގަތުމާ ހަމައަށް ކީރިތި ރަސޫލާﷺ ތިމަންކަލޭގެފާނުގެ އަރިހުގައި ނިކުމެވަޑައިގަތެވެ. އަދި ތިމަންކަލޭގެފާނަށް އަލްވަދާޢު ވިދާޅުވަމުން ސަލާމްކުރައްވައި ވިދާޅުވިއެވެ. "އޭ މުޢާޒެވެ! ފަހަރުގައި ކަލޭގެފާނު ޔަމަނުން މަދީނާއަށް އެނބުރި ވަޑައިގަންނަވާއިރު، ތިމަންކަލޭގެފާނާ ބައްދަލުވެވަޑައިނުގެންފާނެއެވެ. އެހެން ވެއްޖެނަމަ ތިމަން ކަލޭގެފާނުގެ މިސްކިތަށް ޒިޔާރަތް ކޮށްދެއްވާށެވެ! ތިމަންކަލޭގެފާނުގެ ޤަބުރުފުޅުވާނީ އެތަނުގައެވެ."

އެ ވާހަކަ އަޑު އައްސަވައި މުޢާޒު ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. ކަން ވީ ވެސް ހަމަ އެހެންނެވެ. މުޢާޒު ޔަމަނުން އެނބުރި ވަޑައިގަތް އިރު، އިތުރުއެކަލޭގެފާނު ސުވަރުގެ ވަޑައިގެންފިއެވެ. ކީރިތި ރަސޫލާﷺ ސުވަރުގެވަޑައިގަތީ ހިޖުރައިން އެގާރަ ވަނަ އަހަރު ރަބީޢުލްއައްވަލު މަހު ބާރަވީ ހޯމަ ދުވަހުގައެވެ. އެއީ ޙައްޖަތުލްވަދާޢުގެ ދެމަސް ދުވަސް ފަހުންނެވެ.

އިތުރުއެކަލޭގެފާނު ސުވަރުގެ ވަޑައިގަތް ދުވަހަކީ އިސްލާމީ އުންމަތަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. މަދީނާގެ ތެރޭގައި އޮތީ ގިސްލައި ރުއިމުގެ އަޑެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރީ އިމާމަކާ ނުލައެވެ. ތިން ދުވަސް ފަހުން ފަސްދާނު ލެވުނީ ސުވަރުގެވަޑައިގަތް މަޤާމުގައެވެ. އެއީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން، އުންމުލްމުއުމިނީން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. މާތްالله އިތުރު އެކަލޭގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވައި، އަޅަމެން އެންމެނަށް އެކަލޭގެފާނުގެ ޝަފާޢަތް މިންވަރު ކުރައްވާށިއެވެ.

އާމީން.

އެޑިޓަރުގެ ނޯޓް: މިއީ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ލިޔުއްވައި ޝާއިއުކުރައްވާފައިވާ "މުޙައްމަދުﷺ: ނަބީކަލޭގެފާނުގެ ޙަޔާތްޕުޅުން" މި ފޮތެވެ. މިއީ މި ފޮތުގެ އެންމެ ފަހު ބަޔެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަނައްޓޭ

25 March 2024

އާމީން

The name is already taken The name is available. Register?

މުސްލިމެއް

25 March 2024

އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454