ރޯދަ މަސް / ށ. މަރޮށި

މަރޮށި ފަޅުވެދާނެ، ދެން ތިބި މީހުން ވެސް ބަދަލުވާން ރެޑީ!

23 މާޗް 2024 - 11:51

49 comments

ށ. މަރޮއްޓަށް ފޭބުނީ މެންދުރުގެ އެންމެ އަވިގަދަ ގަޑީގަ އެވެ. ބަނދަރުމަތިން މީހަކު ފެންނާކަށް ނެތެވެ. މަގުތަކުގެ ކޮޅާކޮޅަށް މީހެއްގެ އެއްވެސް ހިލަމެއް ނެތެވެ. މި ދަތުރުގެ އެހެން ބައިވެރިން ގާތުގައި މި އާދެވުނީ ފަޅުރަށަކަށްތޯ ވެސް އެހުނެވެ. އަހަރެމެންގެ ތެރޭގައި ދެކެވުނު ވާހަކަތަކަށް ފަހުގައި ނިންމީ މެންދުރުގެ މި ދިލަ އަވީގައި ބަޔަކު ބޭރަށް ނުކުންނަން ބޭނުންނުވަނީ ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން، މި ރަށުގައި އަހަރެމެން ތިބެން ހަމަޖެއްސި ގެސްޓް ހައުސްގެ ދެ މީހަކު ރަށުޕިކަޕެއްގައި އަހަރެމެން ބަލާ ބަނދަރަށް އަ އެވެ. ގެސްޓް ހައުސަށް ދިޔަ މަގުމަތީގައި އެމީހުން ކައިރީގައި ވެސް ހަމަ މި ސުވާލުތައް ކުރީމެވެ. މި ރަށުގެ މީހުން ކޮބައިހެއްޔެވެ؟ އަބަދުވެސް މި ރަށުގެ މަގުތައް އޮންނަނީ މިހެން ހެއްޔެވެ؟

މަރޮށި: އާބާދީ އިތުރެއް ނުވޭ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މީހަކު ނުކުންނާނީ ފަތިހަށް ނޫނީ ހަވީރު. ދެން ވީ އެންމެން އުޅެނީ މާލޭގައި،" ރަށުޕިކަޕު ދުއްވަން އިން މީހާ ބުންޏެވެ.

އޭނާ އެ ބުނީ މި ރަށުގެ ގިނަ ބަޔަކު މިހާރު ދިރިއުޅެނީ މާލޭގައި ކަމަށެވެ.

މަރޮށީގެ އާބާދީގައި 997 މީހުން ތިބި އިރު، އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ އެންމެ 480 މީހުންނެވެ.

"އާބާދީ 900 އުޅޭތާ ވެސް މިހާރު ވިއްސަކަށް އަހަރު ވެދާނެ،" މި ރަށު ކައުންސިލްގެ ވަގުތީ އެސްޖީ މުހައްމަދު ހަމީދު ވިދާޅުވި އެވެ.

މަރޮށީގެ މަގަކުން މީހަކު ދަނީ: އާބާދީ އިތުރެއް ނުވޭ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މި ރަށުގެ އާބާދީ އިތުރެއް ނުވެ އެވެ. އަބަދުވެސް އޮންނަނީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ. މީގެ ސަބަބަކަށް ވަނީ ގިނަ ބަޔަކު ރަށް ދޫކޮށް ދިރިއުޅުން މާލެ ސަރަހައްދަށް ބަދަލުކުރުމެވެ. މި ރަށުގެ ގިނަ މީހުން މިހާރު ދިރިއުޅެނީ ހުޅުމާލޭގަ އެވެ. ސަރުކާރުން ހިންގާ ސޯޝަލް ހައުސިން ޕްރޮޖެކްޓެއްގައި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި މި ރަށުގެ މީހެއް ނުހިމެނި ނުދެ އެވެ.

ދިރިއުޅުން މާލެއަށް ބަދަލުކޮށް، ދަފްތަރުގައި ޖެހިގެން ވެސް ގިނަ ބަޔަކަށް ފްލެޓް ލިބިފައި އެބަހުއްޓެވެ.

މަރޮށި: ގިނަ ގެތައް ހުރީ ފަޅަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާލެ ބަދަލުނުވެ، ރަށުގައި ބާކީ ތިބި މީހުންގެ ތެރޭގައި ވެސް ގިނައީ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ފުރުސަތު ލިބިއްޖެ ނަމަ ބަދަލުވާން ތައްޔާރަށް ތިބި މީހުންނެވެ. ރަށް ދޫކޮށް ދާން މި މީހުން ރެޑީ އެވެ.

ކީއްވެ؟

މި ރަށުގެ ގިނަ މީހުން ވެސް މާލެއަށް ބަދަލުވީ މަޖުބޫރީ ހާލަތްތަކުގަ އެވެ؛ ދަރިންނަށް މަތީ ތައުލީމު އުނގަންނައިދިނުމަށެވެ. ވަޒީފާގެ ފުރުސަތުތައް ހޯދުމަށެވެ. މި ކަހަލަ އެކި ސަބަބުތަކަށްޓަކަ އެވެ.

"ހިޖުރައިގެ ރޭޓު ފުދޭވަރަކަށް މަތި މި ރަށުގައި، އެއީ އެންމެ ބޮޑަށް ދިމާވެފައި އޮތް މައްސަލައަކީ،" ހަމީދު ވިދާޅުވި އެވެ.

މަރޮއްޓަކީ ތައުލީމީ ރޮނގުން ވެސް ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. މި ރަށުގެ ކުރީގެ ކަތީބު ހުސެއިން އަބްދުﷲ (އެމްއެޗްއޭ) އަކީ މި ރަށުގެ ފުރަތަމަ ތައުލީމީ ބިންގާ އަޅުއްވައިދެއްވި ބޭފުޅާ އެވެ. އެ ބޭފުޅާގެ އަމިއްލަ ގެ ސްކޫލަކަށް ހައްދަވައި 1978 ގައި ރަށުގެ ކުދިންނަށް ހިލޭސާބަހަށް، ވަކި ކުއްޖެއް އިސްތިސްނާނުކޮށް ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ފަހިކޮށްދެއްވި އެވެ.

މަރޮށި މަދްރުސަތުލް އަލް މުނައްވަރާ އަކީ ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސްގެން ކިޔަވައިދިން އަތޮޅު ތެރޭގެ ފުރަތަމަ ސްކޫލަށް ވި އެވެ. އެ ސްކޫލުން އެތައް ދަރިވަރުންނެއް ދަސްވެނިވި އެވެ.

"އެ ބޭފުޅާއަކީ މަރޮށި ރައްޔިތުންނަށް ވަރަށް ލޯބިކުރެއްވި ބޭފުޅެއް. ހިތްހެޔޮ އޯގާތެރި ބޭފުޅެއް. އެ ބޭފުޅާ ދެކެމުން އައި ހުވަފެނެއް މަރޮށި ރައްޔިތުންނަކީ ތައުލީމީ ބަޔަކަށް ވުން. އޭގެ ހެއްކެއްގެ ގޮތުން ށ. އަތޮޅުގައި އެންމެ ފުރަތަމަ ޑިގްރީއެއް ހެއްދެވީ ވެސް މި ރަށު ބޭފުޅެއް. މާސްޓާސް ވެސް ހެދީ. ޕީއެޗްޑީ ވެސް،" ހަމީދު ވިދާޅުވި އެވެ.

ށ. މަރޮށި: ސްކޫލް ދަރިވަރަކު ގޮވައިގެން ދެ މީހަކު ހިނގާފައި ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެހެންވެ، މި ރަށު މީހުންނަކީ ތައުލީމީ ރޮނގުން ކުރިއަށް ދެވޭނެ ފުރުސަތަަކަށް އަބަދުވެސް ފެންބޮވައިގެންފައި ތިބޭ ބައެކެވެ. ރަށް ދޫކޮށް ގިނަ ބަޔަކު މާލެ އަށް ދިރިއުޅުން ބަދަލުކުރަން ޖެހުނު މައިގަނޑު އެއް ސަބަބަކީ ވެސް އެއީ އެވެ. ރަށުގައި އެ ފުރުސަތު ނެތުމުންނެވެ.

މި ރަށުގެ ގިނަ ގެތައް ވެސް މިހާރު ހުރީ ފަޅަށެވެ. މި ރަށުގައި އެންމެ ފުރަތަމަ މީހުން އާބާދުވި ކަމަށް ބުނާ އުތުރުކޮޅުގައި މަދު ގެއެއްގައި ނޫނީ މީހަކު ދިރިއެއް ނޫޅެ އެވެ.

މި ގެތަކާއި މި ގެތައް ހުންނަ މަގުތަކުން ވަރަށް ހާއްސަ ކަމެއް ވެސް އަހަރެމެންނަށް ފާހަގަކުރެވުނެވެ. އެހެން ރަށްތަކާއި ހިލާފަށް މި ރަށުގެ މަގުތައް ވަރަށް ސީދަލެވެ. މި ޒަމާނުގެ މާސްޓަޕްލޭނެއްގެ ދަށުން ތަރުތީބުކޮށްފައިވާ މަގުތަކެއް ކަހަލަ އެވެ.

"މަގުތަކަކީ ވެސް ހުސެއިން އަބްދުﷲ، އެ ބޭފުޅާގެ ޕްލޭން،" ހަމީދު ވިދާޅުވި އެވެ.

ށ. މަރޮށި މަގެއް: މި ރަށުގެ މަގުތައް ހުންނަނީ ވަރަށް ތަރުތީބުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް އަމީން ދީދީގެ ވެރިކަމުގައި ރަށްރަށުގެ މަގުތައް ހެއްދެވި އިރު، ހުސެއިން އަބްދުﷲ ކަތީބު ކަމުގައި ހުންނަވައިގެން މި ރަށުގެ މަގުތައް ތެދުކޮށް ވަކި ތަރުތީބެއްގައި ބެހެއްޓެވި އެވެ. އަދި މަގަށް އަރާ ގޮތަށް ހުރި ގެތައް ނަގައި، ރަށުގެ އެހެން ސަރަހައްދުތަކުން އެ މީހުންނަށް ގޯތި ދީގެން މަގުތައް އެއްވަރު ކުރެއްވި އެވެ.

"ފާހަގަކުރެވޭ ކަމަކީ އަޅުގަނޑުމެން ކުޑައިރު ވެސް، އަށް ފޫޓު މަގު ފާރާއި ގޭ ފާރާ ދޭތެރޭގައި، އިމާރާތާ ދޭތެރޭގައި ހުންނާނެ، ހުރިހާ ގެއެއްގައި ވެސް. އެހެންވީމަ، ވަރަށް ތަރުތީބުން ހުރިހާ ގެއެއް ވެސް ދެފަރާތުގައި ހުންނާނީ އެއް ލައިނަކަށް ގެތައް އަޅާފައި،" ހަމީދު ވިދާޅުވި އެވެ.

"އެކަމަކު މިފަހަކަށް އައިއްސަ މިހާރު އިންފާރާ އެކީގައި ގޭގެ މި ހުންނަނީ ނަގައިފައި."

ށ. މަރޮށި: ހިޖުރަކުރާ މީހުން ގިނަވެ މި ރަށަގެ ގިނަ ގެތައް މިހާރު ހުރީ ފަޅަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭރު ހުސެއިން އަބްދުﷲ މި މަސައްކަތްކުރެއްވީ ދުރުވިސްނުމަކުންނެވެ. މުސްތަގުބަލުގައި ރަށް ތަރައްގީވެ ކުރިއަރައިގެން ދާއިރު، މި ކަހަލަ ޕްލޭންތަކުން އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު މިއަދުގެ ހާލަތު މި އޮތީ، އުއްމީދުކުރި ވަރާ ގާތަށް ވެސް ނުގޮސް، ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

"އެއް ކަމަކީ މާލޭގައި ކިޔަވަން ގިނަ ދުވަސްތަކެއް ހޭދަކުރީމަ، އެ ކުދިންގެ ގުޅުންތައް މި އޮންނަނީ، މިސާލަކަށް މި ދެންނެވީ ޒަވާޖީ ހަޔާތް ފެށިފައި މި އޮންނަނީ މާލޭގައި އުޅޭ މީހަކާ އެކު ނޫނީ ރަށުން ބޭރު މީހަކާ އެކު. އެހެންވީމަ ކައިވެނިކޮށްގެން ވަޒީފާގެ ބޭނުމަށް ވެސް މާލޭގައި ވަޒަންވެރިވެގެން ތިބެނީ،" އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި، އޭނާ ވެސް އަދި ރަށުގެ ގިނަ ބަޔަކު ވެސް ގަބޫލުކުރާ އެއް ކަމަކީ މި ދާ ގޮތަށް ކަންކަން ދާ ކަމަށް ވަންޏާ މި ރަށަށް މުސްތަގުބަލެއް ނެތް ކަމެވެ.

"މިއަދު އަޅުގަނޑުމެންގެ ޕްރީސްކޫލް، ކައުންސިލުން ހިންގާ ބޭބީ ނާސަރީގައި ތިބީ ތިން ކުދިން. އޭގެ ތެރެއިން އެއް ކުއްޖަކު މާލެ ބަދަލުވާނެ. މާލޭގައި އުޅޭ ކުއްޖެއް ވަގުތީ ގޮތުން ރަށަށް އައީމަ ތިން ކުދިންނަށް ވީ ވެސް. އެހެންވީމަ ދެ ކުދިން ކަމަށް ބަލަމާ. ކޮންމެވެސް ދުވަހަކުން އެ ކުދިން ދެ ކުދިންގެ ކުލާހަކަށް ބަދަލުވާނެ،" އޭނާ ވިދާޅުވި އެވެ.

"އާބާދީ އިތުރު ނުވާތީ މުސްތަގުބަލެއް ނެތް ކަމަށް ގަބޫލުކުރެވެނީ."

މަރޮށި-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް އޮންނަ ގޮތުން ރަށްރަށަށް އެހީ އާއި ކައުންސިލްތަކަށް ބަޖެޓް ގްރާންޓް ވެސް ދެނީ ދިރިއުޅޭ އާބާދީއަށް ބަލައިގެން ކަމަށެވެ. އެހެންވެ، އެއީ ކުޑަ އާބާދީއެއް ދިރިއުޅޭ ރަށަކަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި، މަރޮށި ކައުންސިލުން އިސްކުރާނީ ރައްޔިތުން ބޭނުންވާ ގޮތެކެވެ. އެއީ ރަށުގައި ތިބުން ކަމަށް ވިޔަސް ނުވަތަ ރަށް ދޫކޮށް ދިއުން ކަމަށް ވިޔަސް މެ އެވެ.

ކައުންސިލްތައް އެންމެ ފުރަތަމަ އުފެދިގެން އައި ދުވަސްވަރު، 2011 ވަނަ އަހަރު މި ރަށު ކައުންސިލުން ސަރުކާރާ މަޝްވަރާކޮށްގެން މި ރަށު އެންމެން ހުޅުމާލެއަށް ބަދަލުކުރަން ވެސް އުޅުނެވެ. ނަމަވެސް، އޭރު ސަރުކާރުން އެކަމަށް އިޖާބަނުދިނީ އެވެ.

މި ރަށް ބަޔަކަށް ކުއްޔަށް ދީގެން ރަށުގެ އެންމެނަށް ބޭނުންވާ ވަރަށް ފްލެޓް އެޅުމުގެ ވިސްނުމެއް ވެސް ކައުންސިލުން ކުރިން ގެންގުޅުނެވެ. ނަމަވެސް، އޭގެ އެއްވެސް ކަމެއްގައި އަމަލީ ސިފައެއް ނުޖެހި، އެ ވިސްނުންތައް ވެސް ފަނޑުވެގެން ދިޔައީ އެވެ. އޭރު ލާމަރުކަޒީ ގާނޫނު އޮތްގޮތުން ކައުންސިލަކަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތީމަ އެވެ.

ރަށުގައި ތިބެގެން އާމްދަނީ ހޯދަން ކުރެވޭ މާ ގިނަ މަސައްކަތްތަކެއް ވެސް ނެތެވެ. ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރަށުން ބޭރުގަ އެވެ. މާލޭގައި ނޫނީ ރިސޯޓެއްގަ އެވެ. ރަށުގައި ތިބި މަދު ބަޔަކު ހުއިފިލަނޑާ ހިއްކުމުގެ މަސައްކަތް ކުރެ އެވެ. މަސްވެރިކަމަށް ދަނީ މަދު ބައެކެވެ. ދެން ތިބީ ސަރުކާރުގެ މުވައްޒަފުންނެވެ.

މަރޮށި: އާބާދީ އިތުރެއް ނުވޭ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ ފުރުސަތު ލިބިއްޖެއްޔާ އަޅުގަނޑުމެން [މި ރަށް ދޫކޮށް] ދާނެއޭ، މިހާރު ވެސް ގިނަ ބަޔަކު ދާނެއޭ އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު އަޅުގަނޑުމެން ދާނީ މާލެ ސަރަހައްދަށް،" ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މާލެ ސަރަހައްދުން ލިބިއްޖެއްޔާ މި ރަށުގެ ކޮންމެ މީހަކު ވެސް ބަދަލުވާން ރެޑީވާނެހެން."

49 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 68%
icon angry icon angry 3%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމްސިއްޔާ

25 March 2024

"ކައުންސިލްތައް އެންމެ ފުރަތަމަ އުފެދިގެން އައި ދުވަސްވަރު، 2011 ވަނަ އަހަރު މި ރަށު ކައުންސިލުން ސަރުކާރާ މަޝްވަރާކޮށްގެން މި ރަށު އެންމެން ހުޅުމާލެއަށް ބަދަލުކުރަން ވެސް އުޅުނެވެ. ނަމަވެސް، އޭރު ސަރުކާރުން އެކަމަށް އިޖާބަނުދިނީ އެވެ" މޮޔަވީތަ؟؟ ތިއަގޮތަށް ކިތައް ރަށުގެ މީހުން ތިބޭނެ! ސަރުކާރުން އިޖާބަ ނުދިނީއޭ ބުނީމަ ކަމަކުނެދޭ.

The name is already taken The name is available. Register?

ނިލިސް

24 March 2024

ހިޖުރަކުރުމަކީ ހުރިހާ ރަށެއްގައިވެސް ހިނގާ ކަމެއް. ޢެހެންނަމަވެސް އެއީ ރަށް ފަޅުވުމެއް ނޫން.

The name is already taken The name is available. Register?

ތާއީދު

23 March 2024

ރަށް ވިއްކައިގެން ލިބޭރުފިޔާއިން މާލެ ސަރަޙައްދުން ދިރިއުޅެވެން ޖެހޭނެ. ހަމައެކަނި މާލޭމީހުންނަށް ފަސޭހަވާ ގޮތަކަން ނޫން ދައުލަތް ހުސްކޮން ލުއި ފަސޭހަ ހޯދަށް ޖެހޭނީ. މުޅި މާލޭސަރަޙައްދުން ހިލޭގޯތި ލިބެން ޖެހޭނީ

The name is already taken The name is available. Register?

ބޮޑުރޮށި

23 March 2024

ތިރަށަށް ކިޔާ ނަން ބަދަލުކޮށްގެންނޫނީ އަހަރެމެން ތިރަށުގަ ވަޒަންވެރިވާކަށްނެތިން.

The name is already taken The name is available. Register?

ތާއްޓޭ

23 March 2024

ބޭރު ޓީޗަރުން ފުރަތަމަ އުޅުނީ ތިތާކުނޫން...ތިޔައީ މައުލޫމާތުގަ ގޯހެއް...އިނގިރޭސިން ޒަމާނުގަވެސް އައްޑޫގަ ކިޔަވާދޭން ބޭރުމީހުން ތިބި. މިދެކެވެނީ ތިޔަބުނާ އެމްއެޗްއޭ ނުފިރުކެނީސް ވާހަކަ...ފޮނިބާސާ ތެޅިއަސް ތަންކޮޅެއް ބަލައިގެންދޯ ތަޅަންވާނީ.

The name is already taken The name is available. Register?

އަތޮޅޭ11

24 March 2024

އެބުނީ އެ އަތޮޅުގެ ވާހަކަ. ސާބަހޭ.

The name is already taken The name is available. Register?

‫ވަސީފު / ގަން މެޓް

23 March 2024

ރާއްޖޭގެ ހުރިހާަ ރަށެއް ފަޅުކޮށް މާލެ ތޮއްޖެއްސުމުގެ ސިޔާސަތުގެ ނަތީޖާ ތިފެންނަނީ

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

23 March 2024

މަރޮށި ފަޅު ވެއްޖެއްޔާ ދެން އެތަން ބޭނުންކުރާނެ މީހަކު ވާނެބާ؟ މަމިހުރީ ބިރުން!

The name is already taken The name is available. Register?

ބަބޫ

23 March 2024

އައްޑު އަތޮޅުގަ ވަރަށްގިނަ ފަޅު ރޮށި އެބަހުރި

The name is already taken The name is available. Register?

ާރަފޯ

23 March 2024

ބޭރު ޓީޗަރުން ތި ސްކޫލް އުފަން ނުވަނީސް ތިބި

The name is already taken The name is available. Register?

ކުރު އާދަނު

23 March 2024

ސަރުކާރުން އެބަޖެހޭ މި ކަމަށް އެދެވޭ ހައްލެއް ގެންނަން. މި ރަށުގައި އާބާދީ މިހެން އެއްވަރެއްގައި ހިފެހެއްޓިފައި އޮންނަތާ އެތައް އަހަރެއްް ވެދާނެ. މައުމޫނުގެ ވެރިކަމުގެ ޒައާމަތުގައި އާބާދީ ކޮންޓްރޯލް ކޮށްގެން ޖައްސަ ޖައްސާގެން ވަނީ ހަނދާނީ ފިލާ ތަކެއްވެސް ހޯދާފައެވެ. ދަރިން ނުވިހާ ބޭސް ދީގެން ވެސް އޭރުގެ މައުމޫނު ސަރުކާރުން އާބާދީ ކޮންޓްރޯލް ކޮށްފަ އެބަހުއްޓެވެ. މި ސަރުކާރުން އެބަޖެހޭ މަރޮއްޓަށް ގޮސް މީގެ ސާވެއް ކުރުން. ހައްލެއް ހޯދުން މުހިންމު.?

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454