24 މާޗް 2024 - 11:53
ސެލެޑަށް އަޅައިގެންނާއި ރިހަ ކެއްކިޔަސް ސަނާ މުގު މީރުވެފައި ވަރަށް ގިނަ ފައިދާތައް ލިބެ އެވެ. ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ސަނާމުގުން "ހުމުސް" ތައްޔާރުކުރާނެ ގޮތެވެ.
ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.
ސަނާމުގަކީ ޕްރޮޓީނާއި ފައިބާއިން މުއްސަނދިވެފައިވާ އެއްޗެކެވެ. މިއީ ތަފާތު އެކި ގޮތްގޮތަށް ރިހަ އާއި ބަތް ކައްކާއިރު އަޅައިގެން ވެސް ކެވިދާނެ އެއްޗެކެވެ. އަދި ސަޓަނި ހަދަން ވެސް ސަނާމުގަކީ ވަރަށް ވެސް ރަނގަޅު އެއްޗެކެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ވެސް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދޭ ސަނާމުގަކީ ޕޮޓޭސިއަމާއި އަޔަން، ކޮޕާ، މެގްނީޒިއަމް، މޮލިބްޑެނަމް، ވިޓަމިން ސީ އާއި ވިޓަމިން ބީ-6 ވެސް މަތީ މިންވަރަކަށް އެކުލެވިގެންވާ އެއްޗެކެވެ. އާންމުކޮށް ސަނާމުގު ބޭނުންކުރާ ނަމަ ކޮލެސްޓްރޯލް ލެވެލް ވެސް ދަށްކޮށްދީ، ހިތުގެ މައްސަލަތަކުން ވެސް ރައްކާތެރިކޮށް ދޭން އެހީވެ އެވެ.
1 ދަޅު ޗިކް ޕީސް
1 ލޮނުމެދު
1/2 ސައި ސަމްސާ މުގުރި ދިރި
ލޮނު
1 ލުނބޯގެ ހުތް
1/4 ޖޯޑު އޮލިވް އޮއިލް
1 މޭޒުމަތީ ސަމްސާ އައިސް ފެން
ހުމުސް ތައްޔާރު ކުރުމަށް ދަޅުގާ ބަންދުކޮށްފައި ހުންނަ ނުވަތަ ކައްކާ ރީތިކޮށް މަޑުވެފައި ހުންނަ ސަނާމުގު ވެސް ބޭނުން ކުރެވިދާނެ އެވެ.
ހުމުސް ތައްޔާރު ކުރުމަށް މިކްސަރަށް ސަނާމުގުކޮޅުގެ ތެރެއަށް ލޮނުމެދު، ދިރި، ލޮނު، ލުނބޯ، އޮލިވް އޮއިލް އަދި ފެން އަޅާ ރަނގަޅަށް މުގުރާލާށެވެ. ރަނގަޅަށް ހިމުންވުމުން ތައްޓަކަށް އަޅައި އޭގެ މައްޗަށް އޮލިވް އޮއިލް އާއި މުގުރި ހިކި މިރުސް ކޮޅެއް އަޅާލާށެވެ.
މި ކެއުމަށް ބަތް ނުވަތަ ފްރައިޑް ޕޮޓޭޓޯ، ކެރެޓް، ކިޔުކަމްބާ ފަދަ އެއްޗެއް ވެސް ބޭނުން ކުރެވިދާނެ އެވެ.
• ރޯދަ މަހު ރޯދައަށް ހުރުމަށްފަހު، ރޯދަ ވީއްލާއިރު ރަނގަޅަށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން މުހިންމު
• ހަށިގަނޑަށް ފައިދާވާ ކަސްރަތު ލިއްބައިދީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް.
• ހަށިގަނޑުގެ ހުޅުތަކާއި މަސްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި އެ ލެނބި، އެ ދެމި ބޭނުންވާ ކަސްރަތުތައް ވެސް ލިއްބައިދިނުން ވަރަށް މުހިންމު.
• ހާއްސަކޮށް މޮބިލިޓީ، ފްލެސިބިލިޓީ ކަސްރަތު ތަކަކީ ކޮންމެހެން ވެސް ކަސްރަތުގައި ހިމަންނަ ޖެހޭ ބަޔެއް
• މޮބިލިޓީ، ފްލެސިބިލިޓީ ކަސްރަތުތައް ނުކުރާނަމަ ވަރަށް ބޮޑެތި ގެއްލުން ލިބޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠޫން
24 March 2024
ޗިކް ޕީސްއަކީ ވައިގެ މައްސަލަ ހުންނަ މީހުންނަށް އެހާގިނައިން ކެއުން ރަނގަޅު އެއްޗެއް ނޫން.