ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ފޮރިން މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ.
26 މާޗް 2024 - 09:50
ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި ގަރާރު ފުރިހަމަ އަށް ތަންފީޒުކޮށް، ޣައްޒާގެ ރައްޔިތުން ކޮންމެހެން ބޭނުންޖެހިފައިވާ އެހީތެރިކަން މިހާރުން މިހާރަށް ފޯރުކޮށްދޭން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފި އެވެ.
އިޒްރޭލުން ހުއްޓާނުލައި ހަމަލާ ދެމުން ގެންދާއިރު ޣައްޒާގައި އާންމުން ބަނޑަށް ޖެހޭ ހާލަތަށް ވަނީ ގޮސްފަ އެވެ. އެކަމަކު އެހީގެ ސާމާނު ޣައްޒާ އަށް ވަންދަން އިޒްރޭލުން ގަސްދުގައި ހުރަސްއަޅަމުން ގެންދާ ކަމަށް އދ. އިން އެތައް ފަހަރަކު ވަނީ ބުނެފަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި ގަރާރަށް މަރުހަބާ ވިދާޅުވެ ޒަމީރު އެކްސްގައި ވިދާޅުވީ، މި ގަރާރަކީ ދެމެހެއްޓެނެވި ގޮތެއްގައި ޣައްޒާގައި ހަމަލާތައް ހުއްޓައިލުމުގެ އިތުރުން ސަރަހައްދުގައި ސުލްހަ ގާއިމުކުރަން އެޅުނު މުހިންމު ފިވަޔަޅެއް ކަމަށެވެ.
"މި ގަރާރު ފުރިހަމައަށް ތަންފީޒުކޮށް، ޣައްޒާގެ ރައްޔިތުން ކޮންމެހެން ބޭނުންޖެހިފައިވާ އެހީތެރިކަން މިހާރުން މިހާރަށް ފޯރުކޮށްދޭންޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި ގަރާރު ފާސްކުރުމުގެ ކުރިން އެކި ފަހަރުމަތިން ވަނީ ހަމަލާތައް ހުއްޓާލުމާ ބެހޭ ގަރާރަކާ މެދު އެއްބަސްވުމަކަށް އާދެވޭތޯ އެކި ގޮތްގޮތަށް މަސައްކަތްކޮށްފަ އެވެ. ކޮންމެ ފަހަރަކު ވެސް ގަރާރު ފާސް ނުވެ ފެއިލްވަނީ ބައެއް ގައުމުތަކުން، ގަރާރުގެ ބަސްމަގާ މެދު ހިތްހަމަނުޖެހޭތީ އެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލަން ގޮވާލައި މީގެ ކުރިން ހުށަހެޅި ގަރާރު އިޒްރޭލުގެ އެކުވެރި އެމެރިކާއިން ވީޓޯ ކުރިޔަސް މިފަހަރު ނިންމީ ވޯޓުގައި ބައިވެރި ނުވާށެވެ.
މިފަހަރު އެމެރިކާއިން ވީޓޯގެ ބާރު ބޭނުން ނުކުރުން މާނަކުރެވެނީ، ހަމަލާތައް ހުއްޓާނުލައި އިޒްރޭލުން ފަލަސްތީނުގެ 32،000 މީހަކު ޝަހީދުކޮށްލާފައި ވާއިރު އެކަމާ ދެކޮޅަށް އެމެރިކާގެ އޮތް ހިތްހަމަނުޖެހުން އިތުރަށް ބޮޑުވެ ގުޅުން ގޯސްވެފައި ވުމަށެވެ.
ގަރާރު ފާސްކުރުމާ އެކު އިޒްރޭލުން ވަނީ އެމެރިކާގެ މި ނިންމުމާ މެދު "ހިތާމަކޮށް" ވާހަކަ ދައްކައިފަ އެވެ. މިއީ ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމާގައި އިޒްރޭލަށް ދިން ދެރައެއްގެ ގޮތުގައި ސިފަކޮށް އެކަމާ ނުރުހުން ފާޅުުކުރުމުގެ ގޮތުން އިޒްރޭލުން ވަނީ ހަމަލާތައް ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިޒްރޭލުން އެމެރިކާއަށް ކުރަން އޮތް ދަތުރު ވެސް ކެންސަލްކޮށްފަ އެވެ.
އިޒްރޭލާއި ހަމާސް އިން ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލި ގަރާރުގައި، ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން ވެސް އެއްވެސް ޝަރުތަކާނުލައި ދޫކޮށްލަން ވެސް ވަނީ ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާނިލް
27 March 2024
ޑރ.މުއިއްޒުގެ ސަރުކާރުން މިކަން ކުއްވެރި ކުރާތީ ވަރަށް އުފާވޭ
އަދުގެ ހާލަތު
27 March 2024
ތިޔަހެން އަނގައިން ބުނެލާ ބަހަކުން ވާނެ ކަމެއްނެތް. އަމަލުން ދައްކަބަލަ. އެގައުމުގެ ޕްރޮޑަކްޓްތައް އެތެރެ ކުރުމާއި ޕާސްޕޯޓުމަނާ ކޮއްލަބަލަ. މިއީ މިހާރު އިސްލާމް ގައުމެއްގެ ގޮތުގައިއޮވެ ލަދުގަންނަން ޖެހޭވަރު ކަމެއް.