ފަލަސްތީނުގެ ގާޒާގައި ދިރިއުޅޭ އެތައް މިލިއަން މީހުންނަށް ފެން ލިބުން ދަތިކޮށްފައި އޮތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އިޒްރޭލު ހިލާފުވެފައި ކަމުގެ ސާފު ހެއްކެއް ކަމަށް ރާއްޖޭން ބައިނަލްއަގުވާމީ ކޯޓުގައި ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށްފައި އޮތުމުގެ ގާނޫނީ ނަތީޖާއާ މެދު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލަައަށް ތާއީދުކޮށްފައިވާ 52 ގައުމުގެ ތެރޭގައި ހިމެނި ރާއްޖެއިން ވަނީ މިރޭ ބޭއްވި އަޑުއެހުމުގައި ބަޔާނެއް ދީފަ އެވެ.
އަޑުއެހުމުގައި ރާއްޖެ ތަމްސީލު ކުރި ވަފްދުގައި އިސްކޮށް ހުންނެވި ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު ވިދާޅުވީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މުހިންމު އެއް ބިންގާ ކަމަށެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ރިއާއަތްކޮށް، މިދަނޑިވަޅަކީ އަހަރުތަކެއް ވަންދެން ދެމިގެން ގޮސްފައިވާ މި މައްސަލައަށް އައިސީޖޭ މެދުވެރިކޮށް އިންސާފު ހޯދުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމުގައި ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، 1967 ގެ ކުރިން ކަނޑައެޅިފައި އޮތް ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅައި، އެއީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ކަމަށް ހެދުމަކީ މި ހަމަނުޖެހުމަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލު ކަމަށް ރާއްޖެއިން ޒަމާނުއްސުރެ ކުރާ ވަކާލާތު ސަފީރު މިރޭ ވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.
މި މައްސަލާގައި ރާއްޖެ ތަމްސީލުކުރައްވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އޭމީ ސޭންޑާ ގެ ބަޔާނުގައި ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އެކިއެކި ލާއިންސާނީ އަމަލުތަކުގެ ތެރެއިން ފެނުގެ ވަސީލަތްތަކާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތް ފާހަގަކުރައްވައިފަ އެވެ.
އޭގެ ތެރޭގައި، އޭނާ ވިދާޅުވި ގޮތުގައި އަސްކަރީ ހަރަކާތްތަކާ އެއްވެސް ގުޅުމެއް ނެތް ގޮތަށް ފެނާއި ނަރުދަމާގެ ވަސީލަތްތަކަށް ސީދާ އަމާޒުކޮށްގެން ހަމަލާތައްދީ ސުންނާފަތި ކުރަމުންދިޔުމަކީ ކަނޑައެޅިގެން އިންސާނީ ހައްގުތައް ހިމަޔާތްކޮށްދީފައިވާ ބައިނަލްއަގުވާމީ އެކި ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އަމަލުކުރުމެވެ.
މިރޭގެ އަޑުއެހުމުގައި ރާއްޖޭގެ ވަފުދުން ވަނީ އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ތަންފީޒު ކުރަމުންދާ ސިޔާސަތުތަކާއި އުސޫލުތަކަކީ "އެޕާތައިޑް" ނޫނީ ނަސްލީ ތަފާތުކުރުމެއް ކަމަށް ސިފަކޮށްފަ އެވެ.
ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަނގުރާމަވެރިން ގާތްގަނޑަކަށް 250 މީހުން ރަހީނުކުރި އިރު ގާތްގަނޑަކަށް 1،160 މީހުން ހަމަލާތަކުގައި އިޒްރޭލުން މަރާލި އެވެ. ބަދަލުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 29،000 އެއްހާ މީހުން މިހާތަނަށް ޝަހީދުކޮށްލާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ ސައުތު އެފްރިކާ އިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އަށް ވެސް ރާއްޖެއިން ވަނީ ތަދައްހުލުވެފަ އެވެ.