އިޒުރޭލުގެ ހައްދުފަހަނައަޅާފައިވާ ވަޒަންވެރިން އެ މީހުންގެ ހަތިޔާރު އެޅި ސިފައިންގެ ހިމާޔަތުގައި އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެ، އެ ތަނުގައި އިޒުރޭލުގެ ދިދަ ނަގައި އަދި އެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް ހުރަސް އަޅަމުންދާ ދިއުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފި އެވެ.

އެކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިޒުރޭލުގެ އެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަންތައްތަކެއް ކަމަށެވެ.

އިޒުރޭލުން އެގޮތަށް ކަންތައްތައް ކުރަނީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ހުރުމަތާއި ގާނޫނީ ހައިސިއްޔަތާއި ތާރީހީ އަދި ދީނީ މުހިންމުކަން ކަނޑުވާލުމަށް ގަސްތުގައި ރާވައިގެން ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

އަލްއަގްސާ މިސްކިތުގެ "ސްޓޭޓަސް ކޯ" ނުވަތަ މިހާރު އޮތް ގޮތް ދެމެހެއްޓުމަށް ހުރި އުސޫލުތަކަށް ބެލުމެއް ނެތި، އިޒުރޭލުން ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ހުއްޓުވައި، ޒިންމާދާރުކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ބަޔާނުގައި ދިވެހި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. 

އެ ބަޔާނުގައި ބުނީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. 

އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.