ފުރަތަމަ ފަހަރަށް ޔޫރޯއިން ޖާގަ ހޯދުމަށް ފަހު ޖޯޖިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ
27 މާޗް 2024 - 11:47
ޓްބިލީސީ، ޖޯޖިއާ (މާޗް 27) – ކުރީގެ ޗެމްޕިއަން ގްރީސްގެ މައްޗަށް ޕެނަލްޓީޝޫޓްއައުޓްގައި ކާމިޔާބު ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުން، ފުރަތަމަ ފަހަރަށް ޖޯޖިއާ ޖާގަ ހޯދައިފި އެވެ.
މެޗު ލަނޑެއް ނުޖެހި އެއްވަރުވެ އިތުރަށް ކުޅުނު 15 މިނެޓްގެ ދެ ހާފުގައި ވެސް ލަނޑެއް ނުޖެހުނެވެ. ޕެނަލްޓީގައި ޖޯޖިއާގެ ހަތަރު ޕެނަލްޓީ ވެސް ގޯލަށް ވައްދާލި އެވެ.
ޕޯޗުގަލް ބަލިކޮށް 2004 ގެ ޔޫރޯ ޗެމްޕިއަންކަން ހޯދި ގްރީސްގެ ފުރަތަމަ ޕެނަލްޓީ އަދި ހަތަރުވަނަ ޕެނަލްޓީ ނާކާމިޔާބުވެ، 4-2 ން ޖޯޖިއާ މޮޅުވި އެވެ.
ޖޯޖިއާގެ ކޯޗު ކަމާ ބެޔާން މިޔުނިކްގެ ކުރީގެ ޑިފެންޑަރު ވިލީ ސެންޔޯލް ހަވާލުވީ ފެބްރުއީ 2021 ގަ އެވެ.
ފްރާންސްގެ ބޯޑޯގެ ކުރީގެ ކޯޗަށް ކޮލިފައިންގެ ގުރޫޕް ސްޓޭޖްގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުނެވެ، ކުޅުނު އަށް މެޗުން އެ ޓީމު މޮޅުވީ ދެ މެޗުންނެވެ. އެކަމަކު ޔޫއެފާ ނޭޝަން ލީގުގައި އެ ޓީމު ހިމޭ ލީގުގައި ނަތީޖާ ރަނގަޅުވުމުން، ޔޫރޯގެ ޕްލޭއޮފުން ޖާގަ ލިބުނެވެ. ޕްލޭއޮފްގެ ފައިނަލަށް އެޓީމު ދަތުރު ކުރީ ލަގްޒަމްބާގް ބަލިކުރުމުންނެވެ.
ޔޫރޯއިން ޖާގަ ހޯދި ޔޫކްރޭންގެ ކުޅުންތެރިން \މެޗަށް ފަހު އުފާފަޅު ކުރަނީ
ޔޫރޯގެ ގުރޫޕް ސްޓޭޖުގައި ޖީޖިއާ ކުޅެން ޖެހޭނީ ޕޯޗުގަލް އާއި ތުރުކީ އަދި ޗެކް ރިޕަބްލިކާ އެކު ގުރޫޕް އެފްގަ އެވެ،
ޕޮލެންޑާއި ޔޫކްރޭން ވެސް ވަނީ ރޭ، މުބާރާތުން ޖާގަ ހޯދައިފަ އެވެ.
ޕޮލެންޑް ޔޫރޯއިން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ވޭލްސް ބަލިކުރުމަށް ފަހު އެވެ. ޔޫކްރޭން މުބާރާތުން ޖާގަ ހޯދީ އައިސްލެންޑް ބަލި ކުރުމަށް ފަހު އެވެ.
ޕޮލެންޑް ލައްވާލީ ފްރާންސާއި ނެދަލެންޑްސް އަދި އޮސްޓްރިއާ އާ އެކު ގުރޫޕް ޑީ ގަ އެވެ. ޔޫކްރޭން ލައްވާލީ ބެލްޖިއަމާއި ސްލޮވޭނިއާ އަދި ރޮމޭނިއާއާ އެކު ގުރޫޕް އީ ގަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޮރޭ
27 March 2024
ޔޫކްރޭނަށް ހަމަލާދޭތީ ކަމަށް ބުނެ ފީފާ އާއި ޔުއެއްފާގެ ހުރިހާ ހަރަކާތަކުން ރަޝިޔާ ސަސްޕެންޑް ކޮށްފައި ވާއިރު ފަލަސްތީނަށް ހަމަލާދީ އެތައް ހާސް އަންހެނުންނާ ކުޑަކުދިން ޝަހީދުކުކޮށް މުޅި ގައުމު ސުންނާފަތި ކުރާއިރު ޔަހޫދީ އިޒްރާއީލް ދަނީ ފީފާ އާއި ޔުއެއްފާގެ މުބާރާތްތަކުގައި ވާދަކުރަމުން