ރޯދަ މަސް

މި ރަށުގައި މަގޫ ގަހުގައި އަޅަނީ "ފައިސާ"

ށ. ފީވަކުގައި މަގޫ ގަސް ހައްދައިގެން އޭގެ ވިޔަފާރިކުރާ އަދުނާން އަލީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

06 އެޕްރީލް 2024 - 11:28

3 comments

މަގޫ ގަހަކީ ރާއްޖޭގައި އެންމެ އާންމުކޮށް ހެދޭ އެއް ގަހެވެ. ރަށްރަށުގެ ގޮނޑުދޮށްތަކުގައި ގިނަވެފައި އޮންނަ ގަހެކެވެ. އެކަމަކު އުޅެއުޅެ ވެސް ށ. ފީވަކުގެ ހޭޅިފަށުން މީގެ ގަހެއް ނުފެނުނެވެ. އެއަށް ވުރެ މި ރަށުގައި އޭގެ އަގާއި ޑިމާންޑް މާ ބޮޑެވެ.

އުތުރުގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ފީވަކުގެ ކޮންމެ ދަނޑަކުހެން މަގޫ ގަސް އެބައޮތެވެ. މި ރަށު މީހުންގެ ޖީބުތައް ފުރާލަދޭ "ފައިސާ އަޅާ" ގަހަކަށް މި ގަސް މިހާރު ވެފައި ވާތީ އެވެ.

މަގޫ ގަސް ހައްދައި އެ ވިއްކައިގެން މި ރަށު މީހުން މިހާރު އާމްދަނީ ހޯދަ އެވެ. ޑިމާންޑް އޮންނަ ދުވަސްވަރު ވަރަށް ރަނގަޅު އެއްޗެއް ވެސް ލިބެ އެވެ.

ފީވަކުގެ ގެއެއްގައި ވިއްކަން މަގޫ ގަސް ހައްދައިފައި: މިއީ ޑިމާންޑް ބޮޑު ވިޔަފާރިއެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ދިވެހިންނަށް ހާއްސަ ގަހެއް

ދެވަނަ ބޮޑު ހަނގުރާމައިގައި ހައިހޫނުކަން އެންމެ ގަދަވި ދުވަސްވަރެވެ. ވިޔަފާރީގެ ދަތުރުތަކަށް ދިމާވި ހުރަސްތަކާ އެކު ކާޑުގެ ދަތިކަން އިންތިހާ އަށް ބޮޑުވި އެވެ. ރަށްރަށުގައި ހެދޭ ކާބޯތަކެތި އަޅާ ގަސްތައް ވެސް ގިނަ ދުވަސްތަކެއް ނުވެ މަދުވި އެވެ. މުޅި ރާއްޖެ ހާލުގައި ޖެހުނެވެ. އެ ބަނޑުހައި ހޫނުކަމުގައި އެތައް ދިވެހިންނެއް މަރުވި އެވެ.

އެ ތަކުލީފާއި ވޭނުން އަރައިގަތުމަށްޓަކައި ރާއްޖޭގެ ރަށްރަށުގައި ރުކާއި ގަސް އިންދުމަށާއި ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން އަންގަން ފެށި އެވެ. އަދި އެންމެ ފަސޭހައިން ލިބެން ހުރި ފަތްޕިލާވެލީގެ ބާވަތްތައް ކެއުމަށް ބޭނުންކުރުމަށް ވެސް އިރުޝާދު ދިނެވެ.

ކެއުމުގައި މަގޫ ފަތާއި ބޯށި ފަތް ބޭނުންކުރަން ފެށީ ވެސް ސަރުކާރުގެ އެންގުމަކަށެވެ. ނަމަވެސް ދިވެހިން އޭރު އެންމެ ގިނައިން ކެއި ކަމަށް ވަނީ ބޯށި ފަތާއި ފަތް ކޭލުގެ ކެޔޮ ދަޅި އެވެ.

މީގެ ތެރެއިން މަގޫ ގަހަކީ ރާއްޖޭގައި އެންމެ އާންމުކޮށް ހެދޭ އެއް ގަހެވެ. ރަށްރަށުގެ ހޭޅިފަށާއި ގޮނޑުދޮށްތަކުގައި އާންމުކޮށް ހެދޭ މި ގަހަކީ ދިވެހިންގެ ދިރިއުޅުމުގެ ހަޔާތާއި ގުޅިފައިވާ ހާއްސަ ގަހެކެވެ. ދެވަނަ ބޮޑުހަނގުރާމާގައި ދިވެހިން އުޅެން ޖެހުނު ދަތި ހާލު ކިޔައިދޭއިރު ކޮންމެ މީހެއްގެ ދުލަށް ވެސް އެންމެ ފުރަތަމަ އަންނަނީ މަގޫ ފަތް ކައި އުޅުނު ވާހަކަ އެވެ.

ފީވަކުގެ ގެއެއްގައި ވިއްކަން މަގޫ ގަސް ހައްދައިފައި: މިއީ ޑިމާންޑް ބޮޑު ވިޔަފާރިއެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަގޫ ފަތަކީ ވަރަށް ހިތި އެއްޗަކަށް ވާތީ އޭގެ ހިތިކަން ފިލުވަން ވަރަށް ގިނައިރު ކައްކަން ޖެހެ އެވެ. އަދި އާންމުކޮށް މަގޫ ފަތް ކައި އުޅުނީ ގަބުޅި އާއި ބިންބިއާ އެއްކޮށްގެން ކަމަށްވެ އެވެ.

މަގޫ ގަހުގައި "ފައިސާ" އަޅަން ފެށިގޮތް

ފީވަކުގައި މިހާރު ވަރަށް ގިނަ މީހުން މަގޫ ގަސް ހައްދަ އެވެ. އެ މަސައްކަތް ކުރާ އެކަކީ މި ރަށުގެ ދަނޑުވެރިއެއް ކަމަށްވާ އަދުނާން އަލީ އެވެ.

އުމުރުން 55 އަހަރުގެ އަދުނާން އޭނާގެ މުޅި އުމުރު ހޭދަކުރަމުން މި އަންނަނީ ދަނޑުވެރިކަމުގަ އެވެ. މި ރަށަކީ އަބަދުވެސް ދަނޑުވެރިކަމުގައި ފައްކާ ރަށަކަށް ވުމާއި ޅައިރުއްސުރެ އެކަމުގެ ތެރޭގައި އޭނާ އަށް އުޅެވިފައި ހުރުމުން މި މަސައްކަތަށް ލޯބި ޖެހުނީ އެވެ. އޭނާ އަދިވެސް ދަނޑު ހައްދަ އެވެ. އެކަމަކު ޒަމާނާ އެކު ގިނަ ބަދަލުތަކެއް ވެސް އަތުވެއްޖެ އެވެ.

"ދަނޑުވެރިކަމަށް ލިބޭ އެއްބާރުލުން ކުޑަވެ، މާކެޓް ނުލިބެން ފެށުމުން ދަނޑު ހައްދާ މީހުން ހުސްބިން ނުބާއްވަން ވެގެން ފެށި މަސައްކަތެއް މަގޫ ގަސް ހެއްދުމަކީ،" އޭނާ ކިޔައިދިނެވެ.

ށ. ފީވަކުގައި މަގޫ ގަސް ހައްދައިގެން އޭގެ ވިޔަފާރިކުރާ އަދުނާން އަލީ "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މީގެ މާކެޓަކީ ރާއްޖޭގައި ހަދަމުން އަންނަ ރިސޯޓުތަކެވެ.

ރިސޯޓުތައް ފެހިކޮށް، ރީތިކުރުމަށްޓަކައި ކުރާ މަސައްކަތުގައި މަގޫ ގަހުގެ ދަނޑުވެރިކަން ފެށުނީ އެވެ.

"މިހާރު ރިސޯޓުތައް މި ހަދާ ގިނަ ރަށްރަށަކީ ރަށްރަށެއް ނޫން. ވެލިގަނޑު ހިއްކައިގެން ރިސޯޓުތައް މި ހަދަނީ. އެހެންވެ އެކި ބާވަތުގެ ގަސްތައް އިންދައިގެން ރަށްތައް ފެހިކުރަން ޖެހެނީ،" އޭނާ ބުންޏެވެ.

މަގޫ ގަހަކީ އާންމުކޮށް ނަގަން ފެށުމުން ޅަގަސް ލިބޭ އެއްޗެއް ނޫނެވެ. މި ރަށުގެ ހޭޅިފަށުން މަގޫ ގަސްތައް ހުސްވި ސަބަބަކީ ވެސް އެއީ އެވެ. އެހެންވެ، މި ރަށުގައި މިހާރު މަގޫ ގަސް ހައްދަނީ އޭގެ ކުރި ފުޅިބުރިތަކުގައި އިންދައިގެން ރޯކޮށްގެންނެވެ.

އަދުނާން ބުނި ގޮތުގައި، ރަށު މީހުންނަށް އޮންނަނީ ޑިމާންޑާ އެއްވަރަށް މި މަސައްކަތް ނުކުރެވިފަ އެވެ. ހައްދާވަރު އަބަދުވެސް އޮންނަނީ މަދުވެފަ އެވެ.

"މިސާލަކަށް އެންމެފަހުން އަޅުގަނޑުމެން ނެގި އޯޑަރުގައި 5،000 މަގޫ ގަސް ގެންދަން ޖެހުނު. އެކަމަކު މި ވާގޮތަކީ އެގޮތަށް އޯޑަރު ލިބޭއިރުގައި މިގޮތަށް ހެއްދިފައި ނެތިއްޖެއްޔާމުން ދެނެއް ނުލިބޭ ބޭރުކުރާކަށް، އެ ހަމަކޮށްދޭކަށެއް،" އޭނާ ބުންޏެވެ.

ސަބްކޮންޓްރެކްޓް ކޮށްގެންނާއި އަމިއްލަ ކޮންޓްރެކްޓުގެ ދަށުން ވެސް މީހުން ރިސޯޓުތަކަށް މަގޫ ގަސް ސަޕްލައިކުރާ ކަމަށް އޭނާ ބުންޏެވެ.

އާންމުކޮށް ހަތަރު ފޫޓުގެ މަގޫ ގަހެއް ވިއްކަނީ 3-4 ޑޮލަރަށެވެ.

ފީވަކުގެ ގެއެއްގައި ވިއްކަން މަގޫ ގަސް ހައްދައިފައި: މިއީ ޑިމާންޑް ބޮޑު ވިޔަފާރިއެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިހާރު ކޮންމެ އެއްޗަކީ ވެސް ވިޔަފާރި،" އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެއްލައިނުލާނަން މަގޫ ގަހެއް ވެސް. އަޅުގަނޑުމެން އެއްލައިނުލާނަން މިހިރަ ފެންނަ އެއްވެސް ގަހެއް. މިއީ ގިނަ ރަށްރަށުގައި ހޭޅިފަށާއި ވަލުގައި ގިނަވެފައި އޮންނަ އެއްޗެހި. މި ހުރިހާ އެއްޗެއް އަޅުގަނޑުމެން ބޭނުންކުރަން ވިޔަފާރިއަށް. މިއީ ހަމަ ރުފިޔާ."

އަދުނާން އަކީ ކުރިން ކިއުކަންބާއި ބަރަބޮލާއި ކަރާ ކަހަލަ އެއްޗެހި އޭނާގެ ދަނޑުގައި ހެއްދި މީހެކެވެ.

"މިހާރު މި ރަށުން މަގޫ ކުރިއެއް ވެސް ހިލޭ ނުލިބޭނެ. އެހާ ވެސް ޑިމާންޑް ބޮޑު،" އޭނާ ބުންޏެވެ.

ފީވަކަށް މަގޫ ގަހަކީ މިހާރު ރަނެވެ.

3 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 11%
icon angry icon angry 0%
icon wow icon wow 11%
icon inlove icon inlove 63%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިމާވެށި

07 April 2024

ފައިސާއަކީ މުހިންމު އެއްޗެކެވެ. އެކަމަކު ފައިސާގެ ބޭނުމުގަ ރަށުގެ ހޭޅިފަށުގައިވާ ރީތި ގަސްތައް އެއްކޮށް ހުސްކޮށްލުމަކީ ރަނގަޅު ކަމެއްނޫނެވެ.

The name is already taken The name is available. Register?

ބަރުން

06 April 2024

މަގޫފަތަކީ ހިތި އެއްޗެއް ނޫން. މީހުނަށް ކަން ކަން އޮޅުން އަރާގޮތަށް ލިޔުން ގޯސް.

The name is already taken The name is available. Register?

ގުލްދަމް

06 April 2024

ރަނަށްވެދާނެ ކޮންމެއެއްޗެއްވެސް. އެއްޒަމާނެއްގާ ދުނިޔޭގާ ދޫނިގުޔަކީވެސް ރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454