ޔާމީނާ އެކު މިހާރު އިސްކޮށް އުޅުއްވާ މަދު ބައެއް: އޭގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވަނީ ޑރ. ޖަމީލާއި މަލީހް
07 އެޕްރީލް 2024 - 17:37
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ، މި ސަރުކާރަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ފާޑުވިދާޅުވާއިރު، އެ މަނިކުފާނުގެ އަރިހުގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން ކުރިން ކަންކަން ކުރެއްވި ގޮތް ވިދާޅުވެ، އެ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޔާމީން ޖަލަށް ލާފައި ހުއްޓާ ޕީޕީއެމް/ޕީއެންސީ ހިންގެވި އަބްދުއްރަހީމް އެ އިޝާރާތް ކުރެއްވީ ޔާމީނާ އެކު، މިހާރު އެންމެ އިސްކޮށް ތިއްބަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެ މަނިކުފާނުގެ އާއިލީ ބޭފުޅެއް އަދި މިދިޔަ ސަރުކާރުގައި މިނިސްޓަރުކަން ވެސް ކުރެއްވި މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށެވެ.
މީގެ ތެރެއިން ޑރ. ޖަމީލާއި މަލީހަކީ މީގެ ކުރިން އެކިއެކި ފޯރަމްތަކުގައި ޔާމީނާ ދެކޮޅަށް ވަރަށް ގަދައަށް މަސައްކަތް ކުރެއްވި އަދި ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެމްޑީޕީއާ ގުޅިގެން އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންނެވެ. އަދި ޔާމީންގެ އަބުރަށް ހުތުރުވާ ގޮތަށް ޑރ. ޖަމީލް ވަނީ މީގެ ކުރިން އެމްޑީޕީގެ އެކި ފަރާތްތަކާ ގުޅިގެން އެކިއެކި ޕްލެޓްފޯމުތަކުގައި ވާހަކަފުޅު ދައްކަވައިފަ އެވެ.
ޕީއެންސީގެ ލީޑަޝިޕުން މިއަދުގެ މެންދުރު ފަހު ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި، އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އަށް ވުރެ އިހުލާސްތެރި އަންބަކު ނުވަތަ ދަރިއަކު ކުރީގެ ޔާމީންގެ ނެތް ކަމަށާއި އެކަމަކު އެ މަނިކުފާނު މިނިވަން ކުރުމަށް ރެ އާއި ދުވާލު ބުރަ މަސައްކަތްތައް ކުރުމުން އެ މަސައްކަތުގެ އަގަކީ މީހުން ތެރޭގައި ބަދުނާމުކޮށް، އަގު ވައްޓާލުންތޯ ސުވާލު އުފެދޭ ކަމަށެވެ.
ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން މެންދުރުފަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ޕީޕީއެމް/ ޕީއެންސީއަށް ވުރެ އިހުލާސްތެރި އަންބަކު ދަރިއަކު ނެތް ޔާމީންގެ. ވަރަށް އަސަރުކުރި އަޅުގަނޑުމެންނަށް. ހާދަ ބޮޑު ގުރުބާނީއެެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލެއްގައި އޭ އުޅުނީ. މަސައްކަތް އަޅުގަނޑުމެން ކުރީމާ އޭގެ އަގަކީ މުޅި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެން ބަދުނާމުކުރުންތޯ؟" ވަރަށް އަސަރާ އެކު އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ގައުމަށް އެންމެ ރަނގަޅު ގޮތަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަށް ވޯޓު ދިން ގޮތަށް މަޖިލިސް އިންތިހާބުގައި ވެސް ވޯޓު ދިނުން ކަމަށެވެ.
މި މަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ޕާޓީތަކުން ކުރަމުން އަންނައިރު އަބްދުއްރަހީމް ވަނީ އެ ޕާޓީ އަށް ނިސްބަތްކޮށް ޔާމީނާއި އެ މަނިކުފާނުގެ ގާތް ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދީނުގައި ވެސް އޮންނަނީ ޚަބަރެއް ހިފައިގެން މީހަކު އަންނަ ނަމަ އެ ޚަބަރެއް ހިފައިގެން އަންނަ މީހަކީ ކާކުތޯ ބަލަން ކަމަށެވެ. ޔާމީންގެ އަރިހުގައި މި ވަގުތު ތިއްބެވި ބޭފުޅުންނަކީ "ވަރަށް ރަނގަޅު" ކަމަށް ހެދިގެން އުޅޭ ބައެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭގެ ތެރެއިން އަބްދުއްރަހީމް ފުރަތަމަ ފާހަގަކުރެއްވީ ޔާމީންގެ ވެރިކަމުގައި ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ހުސެއިން ވަހީދުގެ ވާހަކަ އެވެ.
ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން މެންދުރުފަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ވެސް އެ ކަމުގެ މައުލޫމާތު ޔާމީނަށް ނުވަ މަސް ވަންދެން ހުސެއިން ވަހީދު ނުދެއްވާ ކަމަށާއި އެ މައުލޫމާތުތައް ހަމައެކަނި އޭރު ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު އަދީބަށް ހިއްސާ ކުރެއްވުމުން ޔާމީން އޭރު ވެސް ނުރުހުން ފާޅުކުރެއްވި ކަމަށެވެ.
ޔާމީން ޖަލަށް ލުމުން މިނިވަންކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާތަކާއި ކެމްޕެއިނު ހަރަކާތްތަކުގައި ވެސް ހުސެއިން ވަހީދު ބައިވެރިވެވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމިއުނިކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު މަލީހަކީ ވެސް "ފިނި ކޮޓަރިއެއް" ގައި އިންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ އަބްދުއްރަހީމް ފާޑުވިދާޅުވި އެވެ.
އެއީ މިހާރު ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް އުޅުއްވާ ބޭފުޅުންނެވެ. އެކަމަކު ޔާމީން މިނިވަން ކުރަން މާ ބުރަ މަސައްކަތްތަކެއް ނުކުރާ ބަޔަކު އަރިހުގައި މިހާރު ގެންގުޅުއްވާތީ އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އަދިވެސް މީހުން ދަސްނުވާ ކަމަށެވެ.
"އެ ތަނުގައި އިސްކޮށް ނެތް ގައުމަށް ހެޔޮ އެދޭ މީހެއް. ކޮން ކަމެއްތޯ ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.
ޔާމީން ޖަލަށް ލާފައި ހުރި ދުވަސްވަރު އަބްދުއްރަހީމް ކުރެއްވި މަސައްކަތްތަކުގެ ހަނދާން އާކުރައްވަމުން ވިދާޅުވީ، އޭރު ލޯކަލް ކައުންސިލު އިންތިހާބުގެ ދުވަސްވަރު ކޮވިޑާ ގުޅިގެން ލޮކްޑައުން އަކަށް ގައުމު ދިޔައީ ވެސް ކެމްޕެއިން ހަރަކާތަކަށް ފ. އަތޮޅަށް ވަޑައިގަތުމަށް ބަނދަރު މަތީގައި ހުންނަވަނިކޮށް ކަމަށެވެ. އޭރު ލީޑަޝިޕްގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ގެންދެވީ އަތޮޅު ތެރޭގައި ވެސް ކެމްޕެއިން ކުރައްވަމުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕުން މެންދުރުފަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެންމެ ފަހުން އޮންލައިންކޮށް ގިނަ ހަރަކާތްތަކެއް ބާއްވައި، ފަހުން މަގުމަތީގެ ހަރަކާތްތައް ވަރުގަދަކުރިއިރު ވެސް ޔާމީން އަރިހުގައި މިހާރު ތިއްބެވި ބޭފުޅުން ވަޑައިނުގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ ޕީއެންސީއަށް ވުރެ އިހުލާސްތެރި އަންބަކު ދަރިއަކު ނެތް ޔާމީންގެ. ވަރަށް އަސަރުކުރި އަޅުގަނޑުމެންނަށް. ހާދަ ބޮޑު ގުރުބާނީއެެކޭ އަޅުގަނޑުމެންވީ. ހާދަ ހިތްދަތި ހާލެއްގައި އޭ އުޅުނީ... މަސައްކަތް އަޅުގަނޑުމެން ކުރީމަ އޭގެ އަގަކީ މުޅި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑުމެން ބަދުނާމުކުރުންތޯ؟"--- އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަ ދައްކަވަން ޖެހުނީ ބުރަ މަސައްކަތްތަކެއް ކުރުމުން ވެސް އަގު ވަޒަން ނުކުރުމުން ކަމަށެވެ.
"އިހުލާސްތެރި މަސައްކަތްތަކެއް ކުރީމާ އަގުވަޒަން ނުކުރާތީ. މީހުން އަދިވެސް ދަސްނުވާތީ ދެރައީ. އަޅުގަނޑުމެނެއް ނޭދެން ރައީސް ޔާމީނަކީ ޖަމީލާއި މަލީހާއި ހުސެއިން ވަހީދު ގޮތަށް މީހުންގެ ކުރިމަތީގައި އަގުވެއްޓިގެންދާނެ ބޭފުޅަކަށް ވާކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ ޕީއެންސީގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދާތީ އެކަމުގެ ނުރުހުން ފާޅުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުން އެ ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ މުޒާހަރާތަކަށް ނުކުތް ނަމަވެސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި ދަރިކަލުން ޒެއިން ވެސް ނުކުމެވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ޕީޕީއެމް/ޕީއެންސީގެ އިސްބޭފުޅުންަނށް އަމާޒުކޮށް ވިދާޅުވެވޭނީ ކޮން ފާޑެއްތޯ ސުވާލު އުފެއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫނޭ.
08 April 2024
ތީގެ ޖަވާބަކީ ސިޔާސީ ކަންކަމީ އަބަދު އެންމެން އެކީ ތިބެ ކުރާ ކަމެއް ނޫން. އޭގެ މިސާލަކީ ހަމަ އަދުރޭމެން. އޭރު އެކުވެރި މިއަދު ދުޝްްމިނުން. ހަގީގަތަކީ މިވަގުތު ޔާމީން ކައިރީ އެތިބީ ޔާމީންގެ ވަފާތެރިން. ސިޔާސީ މަސްރަޙު އަހަރުތަކެއް ފަހުން ބަދަލުވެ ކަން ހިނގާނެ ގޮތެއް ޔަގީން ކަމާއެކު އަހަރެމެންނަށް ވެސް އަދުުރޭ އަށް ވެެސް ބުނެނުދެވޭނެ.
ކަޅުއޮއް
08 April 2024
ޔާމީން އެނމެ ބޭނުންވާ ވެރިކަން ދަމައިގަތްމީހުން ޖަމީލާއި މަލީހުގެ ވާހަކަދެއްކީމަ ހިންޏެއްނާދޭތަ ???! !!!!!
މުހައްމަދު އަލީ.
08 April 2024
ޔާމީންއަށް ހަމަ ރަނގަޅަށް ވެސް އެމީހުން ލަޑު ދީފި. ޕާޓީވެސް ނެހެދިފަ ތިބީ
މުހައްމަދު ޝާން އައްބާސް
08 April 2024
ހެޔޮކޮށް ތިބުނީ. ހަމަ އެހެން ތިބި ބަޔެއް ތިބީ
މަ ބުނީ
08 April 2024
މަ ބުނީ އަދުރޭ އާއި މުޢިޒް އަށްވުރެ ޔާމިންއަށް އެއިން ކޮންމެމީހަކުވެސް ވަފާތެރިވެ އިޙްލާސްތެރިވާނެކަށް ޔަޤީނެވެ. އެކަށް ހުދް އަދުރޭއަށްވެސް އަދި ތިޔަ ދެމީހުންވެސް އެނގޭނެއެވެ އަދި ޔަޤީންވެސް ވާނެއެވެ.
އާސިފާާ
08 April 2024
ތި މަލީހުއާއި ޖަމީލް އަދި ރައީސް ޔާނުގެ ފޫވައްޓާލާނެ.
ބަރުބާދު
08 April 2024
ތީކީ ޔާމީން، މުއިއްޒު، ނޫނީ އިބޫ ވެގެން ހެޔޮއެދިގެން އުޅޭބައެއްނޫން. އިބޫވެސް އަދުރޭގެ ދަރިންނައް މިނިސްޓްރީތައްދީފަ ތިޖޫރީގެ ތަޅުދަނޑިދިންނަމަ މިހާރުވެސް ގޮވާނީ އިބޫ ހޯޕްހޯޕް.
ވާހ
08 April 2024
ކިޔާ އަދުރޭހޭ? ރަނގަޅު އެންމެން ތިތިބީ މުއީޒު އަރިހުގަ ވެރިކަން ކުރަން. ދެން އެމީހަކަށް ލިބުނު ވަރެއް ޝުކުރު ކޮށްގެން އުޅޭނީ
ރީ ދޫ ހުން
08 April 2024
ރީނދޫ ބައިގަނޑު ތިބީ ވެރިކަން ގެއްލުނީމަ ބޮލަށް ތެޔޮ އަރާފަ. ދޯ އަދުރޭ
އޮނަރަބްލް އަފީފު ދީދީ
08 April 2024
ޔާމީނުގެ ވެރިކަމުގައި ދައުލަތުގެ ޙަޒާނާ ހިތުހުރިގޮތަކަށް އަތްމަތިކޮށް ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ކަޑުވާލައިގެން ހުރެ ކ.އަތޮޅު މާލެ ސަރަޙައްދުގައި ކޮންކްރީޓް އިމާރާތް ތަކެއްކޮށް 300މ ޑޮލަރުގެ ބުރިޖެއް އަޅާފައި ތަސަރަޙައްދަށް "ކުލީއަޅުން ގިނަކުރިކަމުގައިވިޔަސް" ޔާމީނަކީ މަލްޓިޕާޓީ ޑެމޮކްރަޓިކް ދައުލަތެއްގެ ވެރިކަމުގައި ބަހައްޓަން ހެޔޮވާވަރު މީހެއްނޫން. އޭނާގެ ޝަރީޢަތް އިންސާވެރިކޮށް ކުރާވާހަކަ ދެއްކުމަކީ މުޅިން ތަފާތު ކަމެއް.
ފިދަނަ.
08 April 2024
އަފީފު ތިބުނީ ހަމަ ހެޔޮކޮށް.
ގުޑް
08 April 2024
މިއަށް ވުރެ މިނިވަންކޮށް ޒާތީ ނުވެ ދިވެއްސަކު ހިޔާލު ފާޅުކުރިތަން މި ނޫނީ ނުދެކެން. ސަޅި.