ރިޕޯޓް / މަޖިލިސް އިންތިހާބު 2024

އީވާ: ގަލޮޅު އުތުރަށް އިމްތިހާނުވެފައި، ކާމިޔާބީއަކީ އިތުބާރު

އީވާ އަބްދުﷲ އޭނާގެ ކެމްޕެއިނަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ޖާޒީ ދައްކާލަނީ: އީވާގެ ކެމްޕެއިނަކީ ތަފާތު، ރީތި ކެމްޕެއިނެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދެއްކެވި ހިތްވަރާއި ކެރުމާއި ތެދަށް، ސީދަލަށް ވާހަކަ ދެއްކެވުމާއި ކުރެއްވި ބުރަ މަސައްކަތާ މެދު ސުވާލެއް ނުއުފެއްދޭނެ އެވެ. އޭނާއަކީ ޓްރެކް ރެކޯޑު އެންމެ ރަނގަޅު އެއް މެމްބަރެވެ. ވިދާޅުވާ ވާހަކައެއްގައި، ވިދާޅުވި ގޮތަކަށް ހުންނަވަ އެވެ.

ނުވިކޭނެ އެވެ؛ ބިރު ދެއްކުމަކަށް ނުގުޑާނެ އެވެ.

މަޖިލީހުގެ ތާރީޚުގައި ސިޔާސީ ގޮތުން އެންމެ ހަލަބޮލި އެއް ދުވަސްވަރު އޭނާ އަކީ ރިޔާސަތު ބެލެހެއްޓެވި އަންހެން ނައިބު ރައީސެވެ. ފިރިހެން މެމްބަރުންގެ ގަދަ އަޑާއި ނުފޫޒު އޮތް، ގާނޫނު ހަދާ މަޖިލީހުގެ އެ ގޮނޑީގައި އޭނާ ދެެއްކެވީ ސާބިތުކަމެވެ.

އީވާގެ ކާމިޔާބަކީ ރައްޔިތުންގެ އިތުބާރެވެ.

އަމިއްލަ ނަފުސާ ދޭތެރޭ ސުވާލު އުފައްދަން ނުޖެހޭ ހިސާބަށް، ތެދުވެރިކަމާ އެކު މަސައްކަތް ގެންދެވިއްޖެ--- އީވާ

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއުކުރައްވަން ނުކުންނެވީ އީވާ ވިދާޅުވި ގޮތުގައި، އެ އިތުބާރު ދެމެހެއްޓެވުމަށެވެ. ތެދުވެރިކަމާ އެކު ގަލޮޅުގެ ހިދުމަތުގައި ދެމިހުންނެވުމަށެވެ.

އޭނާ ވިދާޅުވީ ގަލޮޅު އުތުރުން ނުނަގާނެ ރިސްކެއް އެބައޮތެވެ. އެއީ، ގަލޮޅު އުތުރު މެމްބަރުގެ ގޮތުގައި ވިކިދާނެ ނުވަތަ ފިނޑިވެދާނެ މީހެއް އިންތިހާބު ކުރުމެވެ. އެ ސަތޭކަ ޕަސެންޓް ޔަގީންކަން 15 އަހަރު އެ ދާއިރާއާ ގާތުން ކުރި މަސައްކަތުން އޭނާ އަށް އެބައޮތެވެ.

ރައްޔިތުންގެ އެ އިތުބާރުގެ އަސްލަކީ އީވާ ވިދާޅުވި ގޮތުގައި ތެދުވެރިކަމެވެ. އެއީ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ؛ ގެއަށް ގޮސް ހަމަޖެހިލައިގެން ނިދާލެވެނީ އީވާ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންގެ އެ އިތުބާރު އޮތްކަން އެނގޭތީ އެވެ.

"އަމިއްލަ ނަފުސާ ދޭތެރޭ ސުވާލު އުފައްދަން ނުޖެހޭ ހިސާބަށް މަސައްކަތް ގެންދެވިއްޖެ. 'ޔޫ ސްލީޕް އޯކޭ އެޓް ނައިޓް' އެ ލެވްލަށް މަސައްކަތް ކުރެވިއްޖެ. ވަށައިގެން އެއްޗަކުން އެއްޗަކުން ވެއްޓެމުންދާއިރު ވަށައިގެން މީހުންގެ އިތުބާރު ނެއްޓެމުންދާއިރު އަޅުގަނޑާ ދޭތެރޭގައި އަޅުގަނޑުގެ ތެދުވެރިކަމާއި ހިތްވަރާ މަޖިލީހުގައި ކުރާ މަސައްކަތާ މެދު ސުވާލެއް ނުއުފެދޭނެއޭ ބުނާ ހިސާބުން ދެން އޯކޭއެއްނުން،" އީވާ ވިދާޅުވި އެވެ.

އީވާ އަދިވެސް މަސައްކަތް ކުރައްވާނީ ހަމަ އެގޮތުގަ އެވެ.

"މަޖިލީހުގައި މިއަށް ވޯޓުލާށޭ ބުންޏަސް އެއީ މީހުންނަށް ގެއްލުންވާ ކަމެއް ނުވަތަ އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރާ ކަމެއް ނޫނީ ގެއަށް އަންނައިރު ރޭގަނޑު ނިދަން އުނދަގޫވާނެ ކަމެއް ނޫނީ އަޅުގަނޑުގެ މަންމަ އާއި ފިރިމީހާ އާއި ދަރިފުޅާ ލަދުވެތިވާނެ ކަމެއް ވިއްޔާ ނުކުރާނެ ކަން ރައްޔިތުން ގަބޫލު ކުރާނެ. ދާއިރާ ގަބޫލު ނުކުރާނެ ކަމެއް ނުކުރާނެކަން އެނގޭނެ،" އީވާ ވިދާޅުވި އެވެ."

ތަފާތު ރީތި ކެމްޕެއިނެއް

އީވާ އަބްދުﷲގެ ހިތާ ގުޅިފައިވާ ގަލޮޅު އުތުރުގެ ހާއްސަ މަންޒަރުތަކާއި އޭނާގެ ސިޔާސީ ހަޔާތުގެ މުހިންމު މަންޒަރުތައް އިލެސްޓްރޭޓްކޮށް ޒުވާނަކު ކުރާފައިވާ ކުރެހުންތަކަށް ދިރުން ލިބި އީވާގެ ކެމްޕެއިން ފެނިގެން ދަނީ އެހެން ކެންޑިޑޭޓުންނާ ތަފާތު، ރީތި ކެމްޕެއިނެއްގެ ގޮތުގަ އެވެ.

އެއްވެސް މީހަކު ބަދަލުކުރާކަށް ބޭނުމެއް ނުވާނެ ރަނގަޅަށް ކުރިއަށްދާ ކަމެއް. އަނެއްކާ ތެދުވެރިންނަކީ މިހާރު ރަށު ތެރޭގައި މަދު އެއްޗެއްގެ ގޮތުގައި ބަލައިގަންނަ ވަގުތެއްގައި ތެދުވެރިކަމާއި ތަޖުރިބާ އާއި ހިލްމާއި އިލްމް، ހުނަރު ހުރި މީހަކު ބަދަލު ކުރާ ވާހަކައެއް ރައްޔިތުން ނުދައްކާނެ. -- އީވާ

އެ ކެމްޕެއިންގައި އީވާ ބުނެދޭން ބޭނުންވަނީ، ރައްޔިތުން އޭނާއަށް ދީފައި އޮތް އިތުބާރު އެގޮތުގައި ދަމަހައްޓަވައި، ތެދުވެރިކަމާ އެކު މަސައްކަތް ކުރުން މަތީ ދެމިހުންނަވާނެ ކަމެވެ. ލާމަސީލް ޓްރެކް ރިކޯޑަކާ އެވެ. "ފާރަވެރި" މަޖިލީހަކަށް އެންމެ މުހިންމު ކެންޑިޑޭޓްގެ ގޮތުގައި އަދިވެސް މަސައްކަތް ކުރައްވާނެ ކަމެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވީ ފަހުން ކަންކަން ވަމުންދާ ގޮތުން މަޖިލީހުގެ މެންބަރުންގެ ދައުރު މި ފަސް އަހަރު ވެސް އިންތިހާއަށް މުހިންމުވީކަން ވަރަށް ރަނގަޅަށް އެނގިއްޖެ. މި ސަރުކާރަށް ވަރަށް ރަނގަޅަށް ފާރަވެރިވާން ޖެހޭނަކަމާއި އެ ފާރަވެރިވުމަށް ޓަކައި އެ ހުނަރާއި އެ އިލްމާއި ހިލްމާއި އެ ތެދުވެރިކަމާއި ހިތްވަރާއި ތަޖުރިބާ ހުރި މީހުން ވަރަށް މުހިންމުވާނެ ކަން ވަރަށް ރަނގަޅަށް އެނގިއްޖެ،" އީވާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މީހެއްގެ ގޮތަށް، އެ އިތުބާރު އޮތް ތަން ފެނޭ. މިސާލަކަށް ޕީއެންސީ މީހަކު ވެސް ވޯޓެއް ނުދޭނަމޭ ބުނާ މީހާ ވެސް މިހާރު ސުވާލެއް ނުކުރޭ އަޅުގަނޑު ގޮތުގައި ހުންނާނެ ކަމާއި ތެދު ބަހުން ސިދަލަށް ވާހަކަ ދައްކާނެ ކަމާ މެދު،"

އީވާ "މިހާރު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން: އޭނާ ވިދާޅުވާ ގޮތުގައި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މަޖިލީހުގައި ކުރެވުނު މަސައްކަތާ އެކު ލިބިފައިވާ ރައްޔިތުންގެ އިތުބާރު. - ފޮޓޯ: ނިޝާން އަލީ / މިހާރު

އީވާ އެ އިތުބާރު ހޯއްދެވީ ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު މަޖިލީހުގެ ތިން ދައުރުގައި ވެސް ކުރެއްވި ބޮޑު މަސައްކަތުންނެވެ. އެއިރަކު އޮތީ ކޮން ސަރުކާރެއްތޯ ނުބަލައި، ނިޒާމީ ބޮޑެތި ބަދަލުތައް އަންނަ ގާނޫނުތައް ވުޖޫދުކުރުމާއި ގާނޫނީ އިސްލާހުތަކާއި ބިލްތައް އަދި ގަރާރުތައް އީވާ ވަނީ ވަރަށް ގިނައިން ހުށަހަޅުއްވައިފަ އެވެ.

ސުވާލެއް ނެތް، އެންމެ ޓްރެކް ރަނގަޅު އެއް މެންބަރު

އީވާ ވަނީ މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގައި މުހިއްމު ގިނަ ބިލްތަކެއް ހުށަހަޅުއްވައިފަ އެވެ. ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ފާސްކުރި ގާނޫނާއި ވިސުލްބްލޯވާގެ ގާނޫނަކީ އޭގެ ތެރެއިން ގައުމަށް މުހިއްމު ދެ ގާނޫނެވެ.

އޭނާ ގެންދަވަނީ ގާނޫނުއަސާސީއަށް ވެސް މުހިއްމު އިސްލާހުތަކެއް ހުށަހަޅުއްވަމުންނެވެ.

ސިޔާސީ މަގާމުތައް ލިމިޓްކުރަން ދެ ފަހަރެއްގެ މަތިން މިހާރު ވެސް ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. ދައުލަތުގެ ދަރަނި މެނޭޖްކުރުމާއި މާލީ ކަންކަން ހަރުދަނާ ކުރަން ގޮވާލައި ތިން ފަހަރެއްގެ މަތިން ގަރާރު ހުށަހަޅުއްވާފައިވާއިރު އީވާ ވިދާޅުވާ ގޮތުގައި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އޭނާ އެންމެ އިސްކަންދޭ ކަމެވެ. އަދި ކޮރަޕްޝަނާއި ސަރުކާރުން ކުރާ ބޭކާރު ހަރަދު ނައްތާލުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ.

ކޮވިޑްގެ ހަރަދުތައް އޮޑިޓް ކުރަން އީވާ ހުށަހަޅުއްވައިގެން ކުރި މަސައްކަތުން ވެންޓިލޭޓަރުތަކުގެ ވައްކަން ފަޅާއެރި އެވެ. އޭނާ ދައްކަވަން ބޭނުންވާ މިސާލަކީ، މަޖިލީހުގައި ފާޅުކުރާ ކޮންމެ ކަންބޮޑުވުމަކާއި ކުރައްވާ ކޮންމެ ވަކާލަތަކާ ގުޅޭ މާނަ ހުރި މަސައްކަތެއް ކުރުމެވެ.

"ދެއްކި ކޮންމެ ވާހަކައަކަށް ކޮމިޓީއަށް ނުވަތަ ސުވާލެއް ނުވަތަ ބިލެއް، އިސްލާހެއް، ގަރާރެއް ލާފައި އޮންނާނެ. ދައްކާ ކޮންމެ ވާހަކައަކަށް. ހަމަ ވާހަކައެއް ދައްކަނީއެއް ނޫން. އެއަށް ހަމަ އެކްޝަނަބަލް މަސައްކަތް ކޮށްފައި ހުންނާނެ،" އީވާ ވިދާޅުވި އެވެ.

ކުރިއަށް ވެސް އީވާގެ ވިސްނުމުގައި ހުރީ މިފަދަ އެތައް މަސައްކަތެކެވެ. ދައުލަތުގެ މާލީ ކަންކަން ހަމައަކަށް އެޅުވުމާއި އެކަމަށް ވީއެންމެ ބޮޑަކަށް ފާރަވެރިވުމާ އެކު، ދިވެހި ރައްޔިތުންނަކީ ތަނަވަސް ބަޔަކަށް ހެދުމަށް އީވާ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭނާގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބައެއް ކަންކަން:

- އަމިއްލަ މީހުންގެ ވިޔަފާރި ފަސޭހަކުރުން

- ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުން

- އާންމުންގެ ތަނަވަސްކަން އިތުރު ކުރުން

- އާސަންދަ އާއި އެންސްޕާ ހަރުދަނާ ކުރުން

- ސަރުކާރަށް ސަލާން ޖެހުމުގެ ނިޒާމް ހުއްޓުވުމާއި ސަރުކާރުގެ ވޭސްޓް ކުޑަކުރުން

- ދައުލަތުގެ މާލީ ކަންކަން ހަމައަކަށް އެޅުމުން

އީވާ "މިހާރު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން: އޭނާ ވިދާޅުވާ ގޮތުގައި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މަޖިލީހުގައި ކުރެވުނު މަސައްކަތާ އެކު ލިބިފައިވާ ރައްޔިތުންގެ އިތުބާރު. - ފޮޓޯ: ނިޝާން އަލީ | މިހާރު

އެންޓި ޓޯޗާ ގާނޫނޫ؛ އީވާގެ އެންމެ ބޮޑު އެއް މަސައްކަތް

ނިޒާމީ ބޮޑެތި ބަދަލުތައް ގެނައި ގިނަ ގާނޫނުތަކެއް އީވާ ހުށަހަޅުއްވައިގެން ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ވެސް އެންމެ ބޮޑު ބަދަލެއް ގެނައި އެއް ގާނޫނަކީ 2013 ވަނަ އަހަރު ފާސްކުރި އެންޓި ޓޯޗާގެ ގާނޫނެވެ. އެއީ އީވާ ވެސް އެހާމެ އުފާވާ، ހިތްހަމަޖެހިވަޑައިގަންނަވާ މަސައްކަތެކެވެ.

"މިހާރު އަހަރެމެން 15 އަހަރު ފަހުން މިތާ ތިބޭއިރު ހަނދާން ނެތުނަސް ރާއްޖޭގައި ޖަލުތަކުގައި އެ ކުރި އަނިޔާ އެ އޮތީ ހުއްޓިފައި. އެއީ ހާދަ ބޮޑު މަސައްކަތެކޭ. ހަނދާން ނެތިފައި ތިއްބަސް އެއީ ހާދަ ހާދަ ބޮޑު ކަމެކޭ. މިހާރު ގޮޅިތަކަށް ވަދެފައި ހެސްކިޔާފައި ހޭނެތޭ ވަރަށް ފުރާނަ ދާވަރަށް އަނިޔާއެއް ނުކުރެވޭނެ. މިހެންދާ ސެކިއުރިޓީ ގާޑެއް ބޫޓުން ނުޖަހާލާނެއެކޭ ނޫން އެކަމަކު މިދިޔަ އަހަރު ވެސް 241 ކޮމިޓީން ޖަލުތަކަށް ވިޒިޓްކޮށް ބަލާލީމަ އެންމެ އިންމޭޓެއް ވެސް ޓޯޗާކުރިއޭ ނުބުންޏޭ... އެއީ ހާދަ... ހާދަ ބޮޑު މަސައްކަތެކޭ،" އީވާ އުފަލުން އިންނަވައި ވިދާޅުވި އެވެ.

އީވާ ދެން ކިޔައިދެއްވީ އެންޓި ޓޯޗާގެ ގާނޫނަކަށް އޭނާ މަސައްކަތް ފެއްޓެވި ދުވަސްތަކުގެ ހަނދާންތަކެވެ. އެއީ، އޭނާ މެންބަރަކަށް ވެސް ވުމުގެ ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރެވެ.

"...އަހަރެންނަކީ އަންޑަ ގްރައުންޑް އެންޖީއޯއެއް ހިންގި މީހެއް ފެހި ގާނޫނުއަސާސީގެ ކުރިން، ވިހައިގެން އިން އިރު އެއްކޮޅުން ގާތުން ދެމުން އަނެއް އަތުން ޓައިޕް ކުރަމުން ދިޔައިން އަންޑަ ގްރައުންޑް އެންޓި ޓޯޗާ ގާނޫނެއް. އެއީ ވަގަށް ޖަލަށް ފޯނާ އެއްޗެއްހި ވައްދައިގެން އެތާ ތިބި މީހުންނަށް ގުޅައިގެންނާއި ޖަލުން ދޫކޮށްލާފައި ތިބި މީހުންނާ ވާހަކަ ދައްކައިގެން. އޭރު ދަރިފުޅަށް ދެ މަސް ވެސް ނުވާނެ. އެއްބައިފަހަރު ޖެހޭ މީހުންގެ ވާހަކަތައް އަޅާފައިވާ ޓޭޕް ރިކޯޑަރު އަޑު އަހަން އުނދަގޫ ކަމުން ބޭރަށް ނުކުންނަން ވެސް. އަޑު އަހަން އުނދަގޫ ފަދަ ތަޖުރިބާތައް ކިޔައިދީފައި ހުރޭ،" އީވާ ކިޔައިދެއްވި އެވެ.

"އެ ހުރިހާ އަޑެއް އިވި ގާތުން ފެނުނު މީހަކާ ބަލާފައި ޖަލުތަކުގެ އަނިޔާ މިހާރު ހުއްޓިފައި އޮތުމަކީ ނަފުސަށް ހިތްހަމަޖެހުން ލިބޭ ކަމެއް."

ހިތާ އެންމެ ގާތް؛ ފަލަސްތީނަށް ޓަކައި ކުރައްވާ ވަކާލާތު

އީވާ އަށް މިފަހުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަތީ، އިޒްރޭލު ބޮއިކޮޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިފަހުން ފާސްކުރި ގަރާރެވެ. ދުނިޔޭގެ އެތައް ގައުމަކަށްވުރެ ކުރިން މިފަދަ ފިޔަވަޅެއް އަނިޔާވެރި އިސްރާއިލްއާ ދެކޮޅަށް ކުޑަކުޑަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ނިންމުމަކީ، އީވާ ވަރަށް ފަހުރުވެރިވާ ކަމެކެވެ. އީވާ ވިދާޅުވާ ގޮތުގައި އިސްރާއިލް ބޮއިކޮޓް ކުރުމަކީ އަހަރެމެންގެ އަހްލާގީ ޒިންމާއެކެވެ.

އޭނާގެ ހިތުގައި ފަލަސްތީނަށްޓަކައި އޮތް ލޯތްބަކީ ދުވަސްވީ ޒަމަންވީ ލޯތްބެކެވެ. މުޅި ތައުލީމީ ހަޔާތް ބައްޓަން ކޮށްފައިވަނީ ވެސް އެކަމުގެ މައްޗަށެވެ.

އީވާ "މިހާރު"އަށް ދެއްވި އިންޓަވިއުގެ ތެރެއިން: ފަލަސްތީނަށް ޓަކައި އޭނާގެ ހިތުގައި އޮތީ ނުހަނު ބޮޑު ލޯތްބެއް. - ފޮޓޯ: ނިޝާން އަލީ / މިހާރު

ވޯލްޑް ޕޮލިޓިކްސް އިން އިނގިރޭސިވިލާތުގައި މާސްޓަ ހެދުމަށް އީވާ ނިންމެވި އެއް ސަބަބަކީ ވެސް އޭގައި އިސްލާމިކް އިކޮނޮމީ އާއި ޕޮލިޓިކްސްގެ ބައި ހިމެނޭތީ އެވެ. އެއީ ދުނިޔޭގެ އަޅާލުމެއް ނެތް ފަލަސްތީނާ ގުޅޭ މައުލޫމާތާއި ތައުލީމު ހޯދުމުގެ އަޒުމުގަ އެވެ. ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމުގެ ހަރަކާތްތެރި އެކްޓިވިސްޓަކަށްވުމަށެވެ.

"އޭރު އުމުރުން 20 އަކަށް އަހަރު. އެއޮތް ކުޑައިރު ވެސް މާސްޓާސް އެ ދާއިރާ އިން ހަދަން ޗޫސް ކުރި ސަބަބަކީ ވެސް ހަމަ ފަލަސްތީނުގެ މައްސަލަ. ހިތަށް ކެތްނުވާވަރު ކަމަކަށްވުމާއި އެވަރަށް އަޅާނުލާތީވެ،" އީވާގެ ގޭގައި ހަރުކޮށްފައިވާ ފަލަސްތީނުގެ ދިދައަށް އިޝާރަތް ކުރައްވަމުން، ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ވެސް ފަލަސްތީނުގެ ހައްގުގައި އީވާ މިހާރު ވެސް ވަކާލާތު ހުއްޓުމެއް ނެތި ކުރައްވަމުންދާއިރު، އޭނާގެ އެންމެ ބޮޑު އޯޑިއެންސްއެއް އޮތް އިންސްޓަގްރާމުން ވަނީ ޝެޑޯ ބޭން ވެސް ކޮށްފަ އެވެ. ކެމްޕެއިންގެ މި ދުވަސްވަރު އެކަމުގެ ސަބަބުން އޭނާ އަށް އުނދަގޫތަކެއްވީ ނަމަވެސް، ފަލަސްތީނުގެ ވަކާލާތު އީވާ ހުއްޓައެއް ނުލައްވާނެ އެވެ.

"ހުއްޓާ ނުލައި ދައްކަން ބޭނުންވާ ވާހަކައަކީ އެއީ،" އީވާ ވިދާޅުވި އެވެ.

ސިޔާސީ ހަޔާތުގެ ކާމިޔާބީ: އުނދަގުލެއް ނެތި ނިދާލެވޭނެ، އިތުބާރު ލިބިއްޖެ!

އީވާ ވިދާޅުވީ ވަރަށް ޅަ އުމުރުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބުވެވަޑައިގެން، ސިޔާސީ މަސައްކަތްތައް ފެއްޓެވި އިރު، ސިޔާސީ ހަޔާތުގައި އެންމެ ބޮޑު ކާމިޔާބަކީ ތެދުވެރިކަމާ އެކު ރައްޔިތުންގެ ފަޅީގައި އަބަދުވެސް ހުރުމުން އޮތް ދެގޮތެއް ނުވާ އިތުބާރު ކަމަށެވެ.

މަތީ ތައުލީމް ހާސިލް ކުރެއްވުމަށް ފަހު އދ.ގެ ވަޒީފާއެއްގައި އުޅުއްވަމުން އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރައްވަން ކުއްލިއަކަށް އޭނާ ނިންމެވީ ވެސް އިސްލާހީ މަސައްކަތަށް އޮތް އާދަޔާހިލާފު ޖޯޝެއްގެ ސަބަބުންނެވެ. ސިޔާސީ ގޮތުން އެއްވެސް ތަޖުރިބާއެއް ނެތި އީވާ ވަނީ އެމްޑީޕީގެ ފުރަތަމަ ގައުމީ މަޖިލީހަށް މުޅި ރާއްޖޭން ހޮވި 53 މެންބަރުންގެ ތެރޭގައި އިންތިހާބުވެވަޑައިގެންފަ އެވެ.

"...ގައުމީ މަޖިލީހަކީ ކޯޗެއް ކަމެއް ވެސް ކިހިނެއް ހިންގަން އެއްޗެއް ކަމެއް ވެސް ނޭނގެ. މުޅި ރާއްޖެއިން 53 މީހުން ހޮވަނީ، އަޅުގަނޑު ހޮވިއްޖެ. އެއްބައި ފަހަރަށް ހިތަށް އަރާ ކުޑަ ކުޑަ އަންހެން ކުއްޖެއް ފަހަތުން މިވަރަކަށް އުޅޭތި މީހުން ވޯޓުދިނީއޭ ވެސް،" ސިޔާސީ މަސައްކަތް އީވާ ފެއްޓެވި ގޮތް އީވާ ކިޔައިދެއްވި އެވެ.

މާލޭގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި އީވާ ފުލުހަކާ ވާހަކަ ދައްކަނީ: އޭނާގެ ސިޔާސީ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު

ގައުމީ މަޖިލީހުގެ އިންތިހާބަށް ފަހު، ސިސްޓެމެޓިކްކޮށް ސިޔާސީ މަސައްކަތަށް އީވާއަށް ނުކުންނެވުނީ ރާއްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމް ކަނޑައަޅަން ބޭއްވި އިންތިހާބާ އެކު އެވެ. އޭރު އެމްޑީޕީން ތާއިދުކުރި ބަރުލަމާނީ ނިޒާމް މީހުންނަށް ކިޔައިދޭން މާލެ އާއި ހަތަރު އަތޮޅެއްގައި އީވާ ދޮރުން ދޮރަށް ހިންގެވި އެވެ.

އެއަށް ފަހު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމުގެ މަތިން އީވާ ހަވާލުވެވަޑައިގަތީ ގަލޮޅު ކެމްޕޭން އޮފީހާ އެވެ. އޭރު އޮތް ބަދަލެއްގެ ރޫހުގައި އީވާ އިސްކޮށް ހުންނެވި ޓީމަށް ގަލޮޅު އަވަށުގެ އެތައް ބަޔަކު ވަރަށް ފޯރީގައި އެ މަސައްކަތްކޮށް، އިންތިހާބުގައި ކާމިޔާބު ހޯދައި، ސިޔާސީ ހަޔާތުގައި ރާއްޖެއަށް ބޮޑު އިންގިލާބެއް ގެނަ އެވެ.

އީވާގެ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުނީ އެ ކާމިޔާބީންނެވެ.

"ރިޔާސީ އިންތިހާބު ނިންމާލިތަނާ އެނގޭނެތާ ދެން މަޖިލީހަށް ރެޑީވާންވީކަން. އަޅުގަނޑާ އެކު ކެމްޕެއިންގައި މަސައްކަތް ކުރި ގުރޫފް ބުނެފި ހިނގާށޭ މަޖިލީހަށް ނުކުންނަން. އެ ވަގުތާ ޖެހެންދެން ވަކި ގަލޮޅު ގޮނޑިއަށް ކުރިމަތިލާން ހިތަށް ވެސް ނާރާ. އޭރު މަޖިލިސް މެންބަރުންނަކީ ވަކި ސްޓައިލެއްގެ ވަރަށް އެހެން ކަހަލަ ބައެއް. އެއީ ވަޒީރުންތަކާއި ބޮޑު ސިންގާހާ ބޭބޭފުޅުން. އަޅުގަނޑުމެން ދަންނަ ކަހަލަ ބައެއް ނޫން،" އީވާ ވިދާޅުވި އެވެ.

އެކަމަކު، އީވާ ވެގެންދިޔައީ ރައްޔިތުންގެ މަޖިލީހަށް އައި ބޮޑު ބަދަލާއި ޒުވާން ޖީލުގެ ރަމުޒަށެވެ.

އެ އިންތިހާބަށް ފަހު ދެން އައި މަޖިލީހުގެ ދެ ދައުރުގެ އިންތިހާބުގައި ވެސް ގަލޮޅު އުތުރުގެ ގޮނޑި އީވާ ދިފާއި ކުރެއްވީ ރައްޔިތުންގެ ފުރިހަމަ ތާއިދާ އެކު އެވެ. ކޮންމެ އިންތިހާބަކުން އޭނާ ގެންދެވީ ލިބޭ ވޯޓު އިތުރު ކުރަމުންނެވެ. އީވާ ގަބޫލު ކުރައްވާ ގޮތުގައި، އެއީ އޭނާއަށް އޮތް ރައްޔިތުންގެ އިތުބާރު ދައްކުވައިދޭ ކަމެކެވެ.

"ގަލޮޅު އުތުރަށް ވަރަށް ރަނގަޅަށް އެނގޭ އަޅުގަނޑު ރައްޔިތުންގެ ވަކާލާތު ހިންގާނެކަން. އެހެންވީމަ ގަލޮޅު އުތުރުގެ ވެލިއުސްއާ ދިމާވަނީ ކާކުކަން. ގަލޮޅު އުތުރުގެ ރައްޔިތުންގެ ގަބޫލުކުރުންތަކާ ދިމާވަނީ ކާކުކަން ވެސް ވަރަށް ބޮޑަށް ސާފު،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މަތިން ޖުމްލަކޮށް ރައްޔިތުން ފޫހިވެ ނާއުއްމީދުވެފައި ދަނޑިވަޅެއްގައި މަޖިލީހަށް ބޭނުން ވަނީ ރައްޔިތުން އެ އެދޭ ގޮތަށް އައިސް އޭގައި ހިފަހައްޓާނެ މީހުން ކަމަށެވެ. އަދި ސަރުކާރަކުން ބާރު ދައްކާ ވަގުތު ރައްޔިތުންގެ ދިފާއުގައި ހިފަހައްޓާލާނެ މީހާ މަޖިލީހަށް މުހިންމު ކަމަށް ވިދާޅުވި އެވެ. އެގޮތަށް އަމަލު ކުރައްވާ މެންބަރުން ބަދަލު ކުރަން ވެސް ރައްޔިތުން ބޭނުން ނުވާނެ ކަމަށް ހަތަރު ވަނަ ދައުރަކަށް ވާދަކުރައްވާ އީވާ ވިދާޅުވި އެވެ.

"އެއްވެސް މީހަކު ބަދަލުކުރާކަށް ބޭނުމެއް ނުވާނެ ރަނގަޅަށް ކުރިއަށްދާ ކަމެއް. އަނެއްކާ ތެދުވެރިންނަކީ މިހާރު ރަށު ތެރޭގައި މަދު އެއްޗެއްގެ ގޮތުގައި ބަލައިގަންނަ ވަގުތެއްގައި ތެދުވެރިކަމާއި ތަޖުރިބާ އާއި ހިލްމާއި އިލްމް، ހުނަރު ހުރި މީހަކު ބަދަލު ކުރާ ވާހަކައެއް ރައްޔިތުން ނުދައްކާނެ. ބަދަލު ކުރުމަކީ ވެސް ނަގާ ބޮޑު ރިސްކެއް ރަނގަޅަށް ހުއްޓާ،" އީވާ ވިދާޅުވި އެވެ.

28 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަޖެހޭ ވާހަކަ

12 April 2024

އީވާގެ ކެރުމާއި ހިތްވަރާ ތެދުވެރިކަމާއި ރިވެތި އަޚުލާޤު އަހަރުމެންނަށް ފެނިގެން ދިޔައީ ނިމިދިޔަ ވެރިކަމުގައި އިބޫ ސޯލިހުގެ ވެރިކަން ނިމުމަކަށް ގެންނަށް އީވާ ދެއްކި ރިވެތި މިސާލާއި ރިވެތި އަޙުލާޤުން. އީވާއަކީ އެހާމެ ހިތްތިރި، ކެތްތެރި، އިސްތިރި، ބަސްމަގު ނުލާހިކު ރީތި، ކަނބަލެއް. ހުރިހާ ދިވެހި އަންހެނުން ވެސް އީވާ މިސާލަކަށް ނަގަމާ.

The name is already taken The name is available. Register?

ސްމޭޝް-ފވމލއ

11 April 2024

ކޮންމެ ހެން މަޖުލީހުގައި އީވާ ބަހައްޓަން ޖެހޭ! އޮއްތަރު ހުރި، މުހިންމު ވާހަކަތަކެއް ހެއްކާއެކު ދައްކަވާ! އީވާގެ ތައުލީމީ ގާބިލުކަން މަޖުލީހުގައި ދައްކަވާ ވާހަކަ އިން ވަރަށް ސާފުކޯށް އެނގޭ. ފާއިތުވި މަޖުލިސް ތަކުން ކޮންމެހެން ވެސް އަޑު އަހާލަން އިންތިޒާރުކުރެވޭ މަދު މެމްބަރުންގެ ތެރޭގައި އިވާ ހިމެނެނީ ސަފުގެ ކުރީގައި. އަދިވެސް އެދެނީ އީވާ އާއި އީވާ ފަދަ ގާބިލު މީހުން މަޖުލީހުގައި ތިބެން.

The name is already taken The name is available. Register?

ގޮއްޔެ.

10 April 2024

ކަމަނާއަކީ މަޖްލީހުގައި އިންނަންޖެހޭ މީހެއްކަމަށް ޤަބޫލުކުރަން. އެއީ ހެޔޮ ކޮންމެ ދާއިރާއަކުންކަމަށް ވިއަސް. ފުރަތަމަ ސަބަބަކީ ހާޒިރީ. ބައެއްމެމްބަރުންނަކީ ހަމައެކަނި މުސާރަކޮޅަށް ވޯޓްގަނެގެން މަޖްލީހަށް ހޮވޭ ބައެއް. ގޮނޑި ކާމިޔާބުވުމަށްފަހު ގޮނޑިއަށް މީހާ ގެއްލޭ. ބައެއްފަހަރު ވޯޓަކަށް އަހާފަހަރަކު ގޮނޑިއަށް މީހާ ފެންނަނީ. ކަމަނާއަކީ ޤައުމަށް މުހިންމު ބިލްތަކެއް ހުށަހަޅާ އެއަށް ވަކާލާތު ކުރައްވާ ބޭފުޅެއް.

The name is already taken The name is available. Register?

ޒިޔާދާ

10 April 2024

އީވާ އަކީ މަޖްލިސް ގަ ކޮންމެހެންވެސް އިންނަން ޖެހޭ ފަރާތެއް، ހަމައެނަނި ގަލޯޅު އުތުރު ދާއިރާ އަކަށް ނޫން މުޅި ދިވެހިރާއްޖެ އަށްވެސް އީވާގެ މުހިންމު ކަން ވ ބޮޑު.

The name is already taken The name is available. Register?

މަރްޔަމް ފާއިޒް

10 April 2024

މުޅި މަޖިލީހުގައި އަންހެން ފިރިހެން ހިމެނޭގޮތަށް އެންމެ ގާބިލު މީހަކީ އީވާ! ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

ކަނބަލުން

10 April 2024

އަހުރެންދެކެނީ 20 ވަނަ މަޖްލިސްގަ ކޮންމެހެންވެސް އިންނަންޖެހޭ ހިތްވަރު ގަދަ ފިސާރި ކަނބަލެއްް ގޮތުގަ.ފުރިހަމަ ކާމިޔާބައް އެދެން

The name is already taken The name is available. Register?

ނަސްރު އަލީ

10 April 2024

މަގޭ ވޯޓު ޔަގީން އީވާ އަށް

The name is already taken The name is available. Register?

ީތާތު

10 April 2024

ސިޔާސީ މައިދާނުގަ އަޅުގަޑުގެ ފޭވަރިޓް އިރާދަ ކުރެއްވިއްޔާ މިފަހަރުވެސް ކާމިޔާބުވާނެ ލޮޓްސް އޮފް ލަވް އިވާ ?

The name is already taken The name is available. Register?

ފައިސަލް ޖަމީލް

10 April 2024

އޯގާތެރިކަން. އިންސާނިއްޔަތުކަން. އެއީ އީވާ. ހާއްސަކޮށް ފަލަސްތީނުގެ ދިފާއުގަ ވާހަކަ ދައްކާތީ އުފާވޭ. މަޖްލީހުގައި ވެސް އެންމެ މަސައްކަތް ރަނގަޅު، ހާޒިރީ ރަނގަޅު އެއް މެންބަރު. ވޯޓް ދޭނަން

The name is already taken The name is available. Register?

ހޯދަނޑު

10 April 2024

ކުރިން އީވާއަށް އެހާ ތާއީދެއް ނުކުރަން. ސިޔާސީ ގޮތުން އެހާ ކަމު ނުދިޔަ. އީވާ ފަލަސްތީނުގެ ދިފާއުގަ އުފުލަން ފެށި އަޑު ވަރަށް ބޮޑަށް ބަލައިގަނެވޭ. ފަލަސްތީނު މައްސަލައިގަ އެންމެ ބޮޑު ވަކާލާތެއް މިހާރު ކުރާ މެންބަރަކީ އީވާ. ވަރަށް ބޮޑަށް ބަލައިގަންނަން. ވޯޓް ދެވޭ ދާއިރާ ނަމަ ވޯޓް ދިނީމުސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454