08 އެޕްރީލް 2024 - 12:03
ދޮންކޭލަކީ ދިވެހިންގެ ސުފުރާމަތި ފަޅުފިލުވައިދޭ އެންމެ އާންމު އެއް މޭވާ އެވެ. ރާއްޖެއިން ލިބެން ހުންނަ ކޭލުގެ ބާވަތްތަކުގެ ތެރޭގައި ރަތް ކެޔޮ، އޮށިކެޔޮ، ސަންފާކެޔޮ، މާޅޮސްކެޔޮ، ފުސްކެޔޮ ހިމެނެ އެވެ.
ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ދޮންކެޔޮ ބޭނުންކޮށްގެން "ޕޭންކޭކް" ތައްޔާރުކުރާނެ ގޮތެވެ.
ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.
ދޮންކޭލަކީ ވިޓަމިންސް އާއި މިނެރަލްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ހަށިގަނޑަށް ފައިދާ ހުރި މޭވާއެކެވެ. ދޮންކޭލަކީ ހަންގަނޑަށާއި ދިފާއީ ނިޒާމަށް ވެސް ވަރަށް ފައިދާހުރި މޭވާއެކެވެ.
1/2 ޖޯޑު ކިރު
4 ދޮންކެޔޮ
1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
3 ބިސް
1 ސައިސަމްސާ ބޭކިން ޕައުޑާ
1 ޖޯޑާއި ބައި ފުށް
1/4 ޖޯޑު މާމުއި
1 ސައިސަމްސާ ވެނީލާ އެސެންސް
ތައްޓަކަށް ދޮންކެޔޮ އަޅައި، އުލަކުން ޗަސްކޮށްލުމަށް ފަހު އޭގެ ތެރެއަށް ކިރާއި މާމުއި އަދި ބިހާއި އެސެންސް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ފުށުގެ ތެރެއަށް ބޭކިން ޕައުޑާ އެޅުމަށްފަހު ކުރިން ތައްޔާރުކުރި ބައިގެ ތެރެއަށް ފުއް އަޅާށެވެ. ފުއް އަޅައި ރަނގަޅަށް އެއްވުމުން އޮލިވް އޮއިލް އަލައި އެއްކޮށްލުމަށްފަހު މަޑު ގިނީގައި ތަވާއެއްގައި ފިހެލާށެވެ.
- ހަފުތާއަކު ދެތިން ފަހަރަށް ފޮނި އެއްޗެހި ކެޔަސް އެއިން ގެއްލުމެއް ނުލިބޭނެ
- ފޮނި އެއްޗެހި ތައްޔާރު ކުރާއިރު ހަކުރުގެ ބަދަލުގައި މޭވާގައި ހުންނަ ފޮނިކަމުން ފޮނި ރަހަ ހެޔޮވަރުކުރުން މުހިންމު
- ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުމުގެ ކުރިން ދޮންކެޔޮ ކެއުމަކީ ހަކަތަ އުފައްދައިދޭ މާއްދާތަކަށް ވަރަށް އެހީވެދޭ މޭވާއެއް
- ދޮންކޭލަކީ އަކުނިވަޔަށް ދެމުމާއި މަސްތައް ވެސް ރަނގަޅުކޮށްދޭ މޭވާއެއް
- ބަޓަރާއި މާޖިރިންގެ ބަދަލުގައި އޮލިވް އޮއިލް ބޭނުން ކުރުން މުހިންމު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy