މާސްކް އަޅައިގެން ބަޔަކު ކިއުގައި މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
17 އެޕްރީލް 2024 - 11:51
ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން އާއްމުކޮށް ފެންނަ ހަތަރު ބަލި ޖެހިގެން މިދިޔަ މަހު ރިޕޯޓުކުރި މީހުން އިތުރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ވައިރަލް ހުމާއި ޑެންގީ ހުމާއި ބޭރަށް ހިނގުން އަދި އަރިދަފުސް ރޯގާ ޖެހިގެން، މިދިޔަ އަހަރުގެ ފެބްރުއަރީއަށް ވުރެ މިދިޔަ މަހު ރިޕޯޓުކުރި މީހުން ގިނަ ކަމަށެވެ. އޭގެ ތެރެއިން، ބޭރަށް ހިނގުމާއި ހޮޑުލާތީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ، މިދިޔަ މަހު ރިޕޯޓުކުރި އަދަދު އިތުރުވެފައިވެ އެވެ.
ދެން އެހެން ބަލިތައް، މިދިޔަ އަހަރަށް ވުރެ މަދު ވިޔަސް، ކުރީ މަހަށް ވުރެ މިދިޔަ މަހު އެ ބަލިތައް ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުން ވަނީ ގިނަވެފަ އެވެ.
ޑެންގީ ހުން ޖެހިގެން މިދިޔަ ފެބްރުއަރީ މަހު 116 މީހުން އަދި މިދިޔަ މަހު 119 މީހުން ރިޕޯޓުކޮށްފައިވެ އެވެ. އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ މަހު 33،637 މީހުން އަދި އޭގެ ކުރީ މަހު 29،184 މީހުން ރިޕޯޓުކުރި އެވެ.
ވައިރަލް ހުން ޖެހިގެން މިދިޔަ ފެބްރުއަރީ މަހު 8،871 މީހުން އަދި މިދިޔަ މަހު 11،760 މީހުން ޑޮކްޓަރަށް ދައްކާފައިވެ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލައިގެން މިދިޔަ ފެބްރުއަރީ މަހު 5،149 މީހުން އަދި މިދިޔަ މަހު 5،428 މީހުން ފަރުވާ ހޯދި އެވެ.
އެޗްޕީއޭއިން ބުނީ މާލޭގައި ވައިރަލް ހުމާއި ޑެންގީ އަދި ބޭރަށް ހިނގުން އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ހއ، ހދ، ނ، ކ، ގދ، ލ، ފުވައްމުލަކު އަދި އައްޑު އަތޮޅުގެ ރަށްތަކުން ވެސް ޑެންގީ ހުން ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.
ވައިރަލް ހުން ދެން އެންމެ ގިނައީ ހއ، ހދ، ނ، އއ، ފ، ގދ، އަދި އައްޑު އަތޮޅުގަ އެވެ. ބޭރަށް ހިންގުމުގައި ހއ، ހދ. ބ، ޅ، ކ، އއ، ވ، މ، ފ، ދ އަދި ލ، އަތޮޅުގައި ގިނަ އެވެ.
ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އަރިދަފުސް ރޯގާ އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އިންފްލުއެންޒާއަށް ވެސް މި އަހަރު 850 މީހުން ޓެސްޓުކުރި އެވެ. އޭގެ ތެރެއިން 125 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ ފެބްރުއަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، ކޮވިޑާއި އިންފްލުއެންޒާ ފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
އެގޮތުން، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމާއި އާއްމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުން ހިމެނެ އެވެ. ޑެންގީ ހުން ޖެހިއްޖެނަމަ އަރާމު ކުރުމަށް އެޗްޕީއޭއިން ލަފާދެ އެވެ. އޭގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވެ، ބަލި ފެތުރެމުން ވެސް ރައްކާތެރިކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
18 April 2024
ޑެންގޫ ގައިން ގަޔަށް އަރާ؟
މުއީއްޓެ
17 April 2024
ތިވާނީ ކުރީ ސަރުކާރުގެ ކަމަކަށް،
ޯކޮކީ
17 April 2024
މާލޭގެ މަގުތައް އޮންނަގޮތް ބަލާބަލަ ވާރޭވެހުނީމަ މުޅި މާލެ އޮންނަނީ ބޮޑު ޖަންގުށަނަކައް ބަދަލުވެފަ.. ދެން ރޯގާނުފެތުރުނީޔާ ދެރަ..
އެބަވިއްކާ
17 April 2024
ބޭރަށްހިންގުމާ ހޮޑުލުން ގިނަވެދާނެ ކެފޭތަކުން އެހެރަ ވިއްކާ ހެދިކާއިން. 2 ދުވަސްވަންދެން އެކައްޗެއް ވިއްކަފާނެ އެއްދުވަހު ނުވިކުނީމަ އަނެއްދުވަހު ތެލުލާފަ. ބައެއް ތަންތަނުން ބޯލާ ކޮފީއަށް ފަހު ދުއްވައިގަންނަންޖެހެނީ ފާޚާނާއެއް ހޯދަން. ކެފޭތައް އަދިވެސް ވަނީ ގިނަ. އެހުރިހާ ތަންތަން ސުޕަވައިޒް ކުރަންވާ ވަރަކަށް ސުޕަވައިޒެއް ނުކުރެވޭނެ. ހާންތިވެފަ ތިބޭ މީހުން މާލޭގަ އެހާ ގިނަވީމަ ކޮންމެ 5 ފޫޓަކުން ކެފޭއެއް ނެތިއްޔާ ހޭނެތިގެން ވެއްޓިދާނެ