އިއްޔެ ބޭއްވި މަޖިލީހުގެ އިންތިހާބުގައި އޮބްޒާވަރަކު ޝީޓެއް ބަލަނީ: ސަރުކާރަށް އަނެއްކާ ވެސް ވަނީ ބޮޑު މެޖޯރިޓީއެއް ލިބިފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
22 އެޕްރީލް 2024 - 11:10
އެއް ބަޔަކު ބުނާ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގަނީ ބާރާއި ނުފޫޒުގެ ހިޔަނީގަ އެވެ. އެކަމަކު، ސަރުކާރުން އެ މެޖޯރިޓީ ގުޅުވަނީ ހިފެހެއްޓުމެއް ނެތް ތާއިދާއި ރައްޔިތުންގެ އުއްމީދުތަކާ އެވެ. ފެންނަން އޮތް ހަގީގަތަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއިރަކު އޮންނަ ސަރުކާރަށް ދޭ ތާއިދު ފުޅާވަމުން އަންނަ ކަމެވެ.
އެކަމަކު އެންމެ ބޮޑު ހަގީގަތަކީ، ސަރުކާރަށް ރައްޔިތުން އަނެއްކާ ވެސް ވަރަށް ރަނގަޅު ފުރުސަތެއް ދީފި ކަމެވެ. ރާއްޖޭގެ ސިޔާސީ ނިޒާމް ޕްރެކްޓިސް ކުރާ ގޮތުން އެއް ބާރުގެ މައްޗަށް އަނެއް ބާރުން ނުފޫޒު ފޯރުވައި، ރައްޔިތުންގެ މަޖިލީހެއް ނެތި ސަރުކާރު ނުހިންގޭނެ ކަމަށް ގަބޫލު ކުރާތީ ރައްޔިތުން މި ވަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ވެސް ސާފު އަގުލަބިއްޔަތު ދީފަ އެވެ. ސަރުކާރަށް، ރަނގަޅު ވެރިކަމެއް ކުރަން ފުރުސަތެއް ދީފި އެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ފުރަތަމަ 2009 ވަނަ އަހަރު އިންތިހާބުކުރި ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އެމްޑީޕީގެ ސަރުކާރަށް މެޖޯރިޓީއެއް ނުލިބުނެވެ. އެކަމަކު، އޭގެފަހުން ދެން އައި ތިން އިންތިހާބުގައި ވެސް ސަރުކާރަށް މެޖޯރިޓީ ދިނުމުގެ ޓްރެންޑް ފުޅާވަމުން އައިކަން ނަތީޖާތަކުން ދައްކަ އެވެ.
ޕީޕީއެމްގެ ސަރުކާރުން 2014 ވަނަ އަހަރު މަޖިލީހުގެ އެކަށީގެންވާ ވަރުގެ މެޖޯރިޓީއެއް ޔަގީންކުރި އެވެ. އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުން 2019 ވަނަ އޮތް މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީގެ 65 ގޮނޑި ކާމިޔާބުކުރި އެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީން 67 ގޮނޑި ކާމިޔާބުކޮށް، ސަރުކާރަށް ތާއިދުކުރާ އެހެން ކެންޑިޑޭޓުންނާ އެކު 70 އަށްވުރެ ގިނަ ގޮނޑިއާ އެކު ސާފު ސުޕަ މެޖޯރިޓީއެއް ވަނީ ހޯދައިފަ އެވެ.
މަޖިލީހުގައި ސުޕަ މެޖޯރިޓީއަކާ އެކު އެމްޑީޕީގެ އާރާއި ބާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް ބަލިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގެންނެވީ މިހާތަނަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެ ތާއީދު ދަމަހައްޓައި، ސަރުކާރަށް ރައްޔިތުން އިތުބާރު އޮތްކަން ދައްކަން މަޖިލިސް އިންތިހާބުވެގެން ދިޔައީ ސަރުކާރަށް ވެސް ވަރުގަދަ ޓެސްޓަކަށެވެ.
ސިޔާސީ އެކި ގޮންޖެހުންތަކާ އެކު ވެސް ސަރުކާރަށް ނިސްބަތްވާ 70 އަށްވުރެ ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރުމަކީ ބޮޑު ކާމިޔާބީއެކެވެ. ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވާ ގޮތުގައި މި ބޮޑު ކާމިޔާބު ސަރުކާރަށް ލިބުމުގައި ގިނަ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ ހަމައެކަނި ސަރުކާރަށް މެޖޯރިޓީ ދިނުމުގެ ޓްރެންޑްގެ ތެރެއިން މިފަހަރު ސަރުކާރަށް ލިބުނު ކާމިޔާބީއެއް ނޫނެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެހާ ބޮޑު މެޖޯރިޓީއެއް ލިބުމާ އެންމެ ބޮޑަށް ގުޅިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި ތަރައްގީގެ އެކި ވައުދުތަކާއި މަޝްރޫއުތަކެވެ. ރައްޔިތުންގެ ވިސްނުމަކީ މިހާރު ވަކި މީހެއްގެ ވަށައިގެން ސިޔާސީ ގޮތުން އެނބުރުން ނޫން ކަމަށާއި އެ މީހުންގެ ވިސްނުން ފުޅާވެ، މިހާރު ބަލައިގަންނަނީ ތަރައްގީގެ ފިކުރާއި ފަލްސަފާތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފިކުރާ އެކު މި އިންތިހާބަށް ޕީއެންސީ/ޕީޕީއެމް އިން އިސްކުރާ ވަރަށް ތަފާތު ކެމްޕެއިނެއް ކަމަށާއި ސީދާ ރައްޔިތުންނާ ހަމައަށް ރައީސް ވެސް ވަޑައިގެން ރައްޔިތުންގެ ތާއިދު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކެންޑިޑޭޓުންނަށް ވަރަށް ބޮޑު އިތުބާރެއްދީ، ވަރަށް ރޭވިގެން ކެމްޕެއިން ކުރިއަށް ގެންދެވުނު ކަމަށް ވިދާޅުވި އެވެ.
އެއާ ހިލާފަށް އިދިކޮޅު އެމްޑީޕީން ހިންގީ އެންޓި-ކެމްޕެއިން ޕްރޮޕެގެންޑާއެއް ކަމަށާއި އެއީ މީގެކުރިން އެ ޕާޓީން ކުރާ ކަހަލަ ކެމްޕެއިނެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފެނިގެންދަނީ އެމްޑީޕީ މި ވަގުތު ހަމައެކަނި ތޮށިގަނޑެއްގެ ގޮތުގައި އޮތްތަނެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް ވަރަށް ބޮޑަށް އެކުވެގެން މި ނަތީޖާ މި އައީ. ރައްޔިތުން ތިބި ގޮތް ވަރަށް ސާފުކޮށް މި އޮތީ ފެންނަން. ރައްޔިތުން ތިބީ ސަރުކާރާ އެކު -- އާދަމް ޝަރީފު
"އެންޓި-ކެމްޕެއިން މުޅި ސިޔާސަތަކަށް އެމްޑީޕީން ހެދީ. އެއިން މީހެއްގެ ޝަހުސިއްޔަތު ގަތުލްކޮށްލެވިދާނެ އެކަމަކު އެއަކުން ލިބޭނެ ވޯޓެއް ނޯންނާނެ. އެމްޑީޕީގެ ކެންޑިޑޭޓުން މީގެކުރިން ވޯޓު ހޯދަން މަސައްކަތް ކުރޭ އެކަމަކު މިފަހަރު އެކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އިއްޔެ އޮތް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ދެއްވަނީ: މަޖިލީހުގެ ސުޕަ މެޖޯރިޓީ ވަނީ ހޯއްދަވާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
އެމްޑީޕީ ބަލިކަށިވުމާ އެކު ސަރުކާރަށް ރައްޔިތުންގެ ތާއިދު އިތުރުވެ، އެ ޔަގީން ބޮޑުވެގެން ދިޔަ ކަމެއްގެ ގޮތުގައި އާދަމް ޝަރީފް ދެން ފާހަގަކުރެއްވީ ޕީޕީއެމްގެ ރައީސްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމެވެ. އޭނާ ވިދާޅުވީ ޔާމީން މިނިވަންވުމާ އެކު ބައެއް ރައްޔިތުންގެ ވޯޓު ހޯދަން ސަރުކާރަށް ފަސޭހަވި ކަމަށާއި ހިޔާލު ތަފާތުވެފައި ތިބި ބައެއް މީހުންގެ ވޯޓު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ ކަމެއް ވަރަށް ބޮޑަށް އެކުވެގެން މި ނަތީޖާ މި އައީ. ރައްޔިތުން ތިބި ގޮތް ވަރަށް ސާފުކޮށް މި އޮތީ ފެންނަން. ރައްޔިތުން ތިބީ ސަރުކާރާ އެކު،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ނިމިގެންމިދާ މަޖިލީހަށް އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިހާބުވި މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ފާހަގަކުރެއްވީ އެހެން ޕޮއިންޓެކެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން މަޖިލިސް ތެރެއިން އުނދަގޫތައްކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ކަންކަން ކޮށް، ވެރިކަން ނުކުރެވޭ ވަރު އެ ސަރުކާރަށް މަޖިލިސް ތެރޭން ކުރި ކަމަށެވެ.
އެހެންވެ، އޭގެ ފަހުން އައި އިންތިހާބުތަކުގައި ސަރުކާރަށް މެޖޯރިޓީ ދޭ ސަބަބަކީ ނަޝީދުގެ ވެރިކަމަށް ވީގޮތް ތަކުރާރުވިޔަ ދޭން ރައްޔިތުން ބޭނުން ނުވުން ކަމަށް ގަބޫލުކުރެވޭ ކަމަށް އުޝާމް ވިދާޅުވި އެވެ.
ގިނަ ރައްޔިތުންނަށް މި ގަބޫލު ކުރެވެނީ މި ފަސް އަހަރު ވަރަށް ސްޓޭބަލްކޮށް ގައުމު ހިނގާނީ އަބަދުވެސް ވެރިކަން ކުރާ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް -- އުޝާމް
"ގިނަ ރައްޔިތުންނަށް މި ގަބޫލު ކުރެވެނީ މި ފަސް އަހަރު ވަރަށް ސްޓޭބަލްކޮށް ގައުމު ހިނގާނީ އަބަދުވެސް ވެރިކަން ކުރާ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް،" އުޝާމް ވިދާޅުވި އެވެ.
"މިސާލަކަށް ބަލާ ނަމަ، މިދިޔަ ފަސް އަހަރު ސިޔާސީ ގޮތުން މަޖިލިސް ތެރެއިން ވަރަށް ސްޓޭބަލްކޮށް ދިޔައީ. އެހެންވީމަ ސިޔާސީ ހަލަބޮލިކަން ނެތި ސްޓޭބަލްކޮށް ގައުމު ހިނގާނީ މަޖިލީހުގެ މެޖޯރިޓީ އޮވެގެން ކަމަށް ގަބޫލު ކުރެވެނީ."
އޭގެއިތުރުން އުޝާމް ވެސް ފާހަގަ ކުރެއްވީ އެމްޑީޕީ ބަދަލުކުރަން ރައްޔިތުން މި ފަހަރު ބޭނުންވެފައި ތިބި މިންވަރެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުން ވެސް އެއްވެސް ނަތީޖާއެއް ނެރެދެވިފައިނުވާތީ ވަރަށް ގިނަ ރައްޔިތުންގެ ނުތަނަވަސްކަން އޮތް ކަން ފާހަގަ ކުރެވުނު ކަމަށާއި އެހެންވެ ރައްޔިތުން ބޭނުންވީ ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ރައްޔިތުން ގަބޫލު ކުރަނީ މި ސަރުކާރަށް އެބަ ޖެހެއޭ ފުރުސަތު ދޭން. މި ސަރުކާރުން މެނިފެސްޓޯއާ އެއްގޮތަށް މަސައްކަތް ކުރަން ފުރުސަތު ދޭން ޖެހެއޭ. މިދިޔަ ފަސް މަހު ވެސް ސަރުކާރަށް އެއްވެސް އަސާސެއް ނެތި އެބަހުރި އެކި ކަންކަމުގައި މަޖިލިސް ތެރެއިން ޖެއްސުން ކޮށްފައި. އެއީ ރައްޔިތުންނަށް ގަބޫލު ކުރެވޭ ކަންކަމެއް ނޫން. އެހެންވެ ކަމަށް ގަބޫލު ކުރެވެނީ ސަރުކާރަށް މެޖޯރިޓީ މި ދިނީ،" އުޝާމް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އުޝާމް، މަޖިލީހަށް އިންތިހާބުވި ނާޒިމްއާ އެކު - ފޮޓޯ: މިހާރު
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގަބޫލުކުރައްވާ ގޮތުގައި ޕީއެންސީ އަށް މިހާ ބޮޑު މެޖޯރިޓީއެއް ލިބިގެންދިޔައީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އަޅައިދިން ކަނދުފަތީގެ މަތިން ދިޔުމުންނެވެ. އޭނާ ދެކެވަޑައިގަތީ ނުފޫޒާއި އާރާއި ބާރާއި ވަޒީފާ އާއި މަޝްރޫއުތައް ހުވަފެން ރައްޔިތުންނަށް ދައްކައިގެން ވޯޓު ހޯދުމަށް އެމްޑީޕީން ފައްކާކުރި މަގު ޕީއެންސީ ވެސް އިހްތިޔާރުކުރީ ކަމަށެވެ.
ވައްޑެ ވިދާޅުވާ ގޮތުގައި ދައުލަތުގެ ހުރިހާ ވަސީލަތަކާ އާންމު ފަރުދަކަށް ވާދައެއް ނުކުރެވޭނެ އެވެ. މާނައަކީ، ސަރުކާރުގެ ކެންޑިޑޭޓަކަށް ލިބޭ ވަސީލަތްތަކެއް ކެމްޕެއިންގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ނެތް ކަމެވެ. ސަރުކާރު ވަޒީފާތަކުގެ ޔަގީންކަމާއި މަޝްރޫއުތަކުގެ ވައުދު ވެވެން އޮތީ ސަރުކާރު ކެންޑިޑޭޓުންނަށް ކަމަށްވާއިރު، އާންމު ކެންޑިޑޭޓަކަށް އެއާ ވާދައެއް ނުކޮށްލެވޭނެ އެވެ. އެހެންވީމަ މިހާރު ނިޒާމް ބައްޓަންވަމުން އަންނަ ގޮތުން، ވަހީދު ވިދާޅުވި ގޮތުގައި ސަރުކާރަށް މެނުވީ އިންތިހާބެއް އެފޯޑެއް ނުކުރެވޭނެ އެވެ.
ސަރުކާރުގެ ކެންޑިޑޭޓުންނާ އެހެން ކެންޑިޑޭޓުން ވާދަކުރަން ޖެހެނީ ހަމަހަމަ މައިދާނެއްގައި ކަމަށް ނުވުމުން އުފެދިގެން ދަނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ މަޖިލީހެއް ކަމަށާއި އެއަށް ރައްޔިތުންގެ މަޖިލީހެކޭ ކިޔަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ. ހަގީގީ މަޖިލީހެއްގެ ބޭނުމާއި މަގުސަދު ވެސް ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"..ވެރިކަމެއް ހިނގަނީ ރައްޔިތުންނަށްޓަކައި ކަން ކަށަވަރު ކުރުން އެއީ މަޖިލީހުގެ އެންމެ ބޮޑު ޒިންމާއަކީ. މެންބަރަކު ހުވާ މި ކުރަނީ ހައްގުތަކަށް ރައްކާތެރިވެ ހަމަހަމަކަމާ އެކު ތަފާތު ކުރުމެއް ނެތިކަން ކޮށްދެނީ ކަމަށް ކަށަވަރުކޮށްދޭން. އެކަމަކު އޭނާ މި ބަދަލުވަނީ ސަރުކާރުން ބުނާހާ އެއްޗަކަށް އަތް ޖަހައިދޭ މީހާއަށް. މި 19 ވަނަ މަޖިލީހުގައި އަޅުގަނޑުމެން ބައިބައިވި ސަބަބަކީ ވެސް އެއީ،" ވައްޑެ ވިދާޅުވި އެވެ.
ސަރުކާރުގެ ފުލް މެޖޯރިޓީއާ އެކު ރައީސަށް ލިބިގެން ދަނީ އިންތިހާ އަށް ބޮޑެތި ބާރުތަކެއް ކަން ފާހަގަ ކުރައްވައި ވަހީދު ސިފަކުރެއްވި ކުރެއްވި ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގައި ރައިސުލްޖުމްހޫރިއްޔާއަށް ލިބިދިން ބާރުތަކަށް ވުރެ ވެސް މިހާރު ލިބޭ ބާރުތައް ގިނަވެ އެވެ. އެހެންވެ ރާއްޖޭގެ މި އޮތް ނިޒާމް މި ގޮތަށް ބާއްވަނީ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދާއިރާތައް ކަނޑައަޅާފައި އޮތް އުސޫލަކީ ވެސް ބަދަލު ކުރަން ވިސްނަން ޖެހޭ ކަމެއް ކަން ވައްޑެ ފާހަގަކުރެއްވި އެވެ.
"ރައީސް މައުމޫނު އިރު ބަދަލުކުރަން އައި ހުރިހާ ކަމެއް، އެހެން ގޮތްގޮތުން އިހުނަށްވުރެ މާބޮޑަށް މިއޮތީ ވެރިކަމުގެ ފަރާތަށް ފުރޮޅި ހުސްވެފައި. މިއޮތް ނިޒާމު މިގޮތަށް އޮތުމަކީ ނުރައްކާތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރު ވައްޑެ: އޭނާ ވަނީ ސަރުކާރަށް މެޖޯރިޓީ ލިބޭތީ ކަންބޮޑުވުން ފާޅު ކުރައްވާފައި - ފޮޓޯ: މިހާރު
ވައްޑެ ވިދާޅުވީ މިހާރު ދާއިރާތައް ކަނޑައަޅާފައިވާ ގޮތުން މަދު ވޯޓު ކޮޅެއް ހޯދައިގެން ވެސް މަޖިލީހަށް އެބަ އާދެވޭ ކަމަށާއި އޭގެ ސަބަބުން ވޯޓު ވިއްކުމާއި ގަތުމުގެ ކަންކަމުގެ ވެސް ބޮޑުވެފައިވާ ކަމަށެވެ. އަދި އިންތިހާބުގެ ކެމްޕެއިންގައި ފައިސާ ހަރަދު ކުރާ ގޮތާއި ހޯދާ ގޮތާ މެދު ވެސް ހަރުދަނާ އުސޫލެއް ނެތުމަކީ ވޯޓު ގަތުމަށް ހުޅިފައި އޮތް ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އިންތިހާބާ ގުޅޭ ގޮތުން މިހާރު އެތުރިފައި މި ހުރި އެތުރުންގަނޑަކީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ގޮތެއްތޯ މިއީ މިހާރު ހަމަ ދައްކަން ޖެހޭ ވާހަކައެއް. ރައްޔިތުންގެ މަޖިލީހަކަށް ނުވާނެ ސަރުކާރުން ހަމަ ބުނާހާ ގޮތަކަށް ރަބަސްޓޭޕް ޖަހައިދޭ މަޖިލީހެއް،" ވައްޑެ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ބަޔާން ކުރާ މަޖިލީހުގެ ދައުރު މި ދަނީ ގެއްލެމުން. އެންމެ ކުޑަ މިނުން ކެންޑިޑޭޓުން ލެޖިސްލޭޓިވް އެޖެންޑާއެއްހާ ހިސާބު ވެސް ހުށައެއް ނާޅާ މިހާރަކު."
ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ގާނޫނުއަސާސީގައިވާ ގޮތުން މެންބަރުން ހިފަހައްޓަން ޖެހޭނީ ޕާޓީގެ މަސްލަހަތަށް ވުރެ މުޅި ރައްޔިތުންގެ މަސްލަތު ކަން ވަރަށް ސާފު ކަމަށާއި ސަރުކާރާއި މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުމާއި ގާނޫނީ ބިލްތައް ފާސްކުރުމަކީ މެންބަރުންގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.
އެގޮތަށް މެންބަރުން އަމަލުކުރާ ނަމަ، ރައްޔިތުންގެ ޝަކުވާ ވެސް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ ޝަކުވާ އަންނަ ސަބަބަކީ އުޝާމް ވިދާޅުވި ގޮތުގައި މިދިޔަ ދެ ދައުރުގައި ސަރުކާރު ހިންގާ ޕާޓީއަށް މެޖޯރިޓީ ލިބުމުން މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމެވެ. އަދި މީގެކުރިން ސަރުކާރުން ވެސް މަޖިލީހަށް ބޮޑެތި ނުފޫޒުތައް ފޯރުވާފައިވާތީ ކަމަށް ވިދާޅުވި އެވެ.
"މަގާމުތަކަށް ހޮވޭ ބޭފުޅުންގެ މަސްއޫލިއްޔަތާއި ބާރުތައް މަތިން ހަނދާން ނެތޭތި މައްސަލަ އުފެދެނީ. އަޅުގަނޑު އުއްމީދު ކުރަނީ މި ހޮވުނު މަޖިލީހަކީ އެފަދަ މަޖިލީހަކަށް ނުވުން. އެ ބޭފުޅުން ހުވާއާ އެއްގޮތަށް މަޖިލީހުގައި އަމަލު ކުރާ ނަމަ، ހަމަ ނަމޫނާ މަޖިލީހަކަށް ވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭނީ،" އުޝާމް ވިދާޅުވި އެވެ.
މެންބަރުން އެ ބޭފުޅުންގެ ހުވައާ އެއްގޮތަށް އަމަލު ކުރައްވާ ނަމަ، އެއް ޕާޓީއަކަށް ބޮޑު މެޖޯރިޓީއެއް އޮތަސް މަޖިލިސް ރަނގަޅަށް ހިނގާނެ ކަމަށާއި ސަރުކާރު ޖަވާބުދާރީ ވެސް ކުރެވޭނެ ކަމަށް އުޝާމް ގަބޫލު ކުރައްވަ އެވެ. އުޝާމްގެ މި ވާހަކަ މިނިސްޓަރު އާދަމް ޝަރީފް ވެސް ގަބޫލު ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތެރެއިން ވެސް ސަރުކާރަށް ފާރަވެރިވުމުގެ ކަންކަން މި ހާލަތުގައި ވަރުގަދަ ކުރަން ޖެހެ އެވެ.
އާދަމް ޝަރީފް: އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅަށް މައިނޯރިޓީ އޮތަސް މަޖިލީހުގައި ރަނގަޅު މަސައްކަތެއް ކުރެވޭނެ - ފޮޓޯ: މިހާރު
"ސަރުކާރަކަށް މިހާ ބޮޑު މެޖޯރިޓީއެއް ލިބުނީމަ ސަރުކާރަކުން ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭނެ އަދި ވަރަށް ބޮޑަށް ޓްރާންޕޭރެންސީއަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށް މަޝްރޫއުތައް ހިންގުމަށް އިސްކަން ދޭން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިތަންމެ ބޮޑު މެޖޯރިޓީއެއް ލިބިފައި އޮތް ނަމަވެސް، އޭގެ ނާޖައިޒު ފައިދާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުނަގާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ހަމަ އެއާއެކު ކިތަންމެ ކުޑަ މައިނޯރިޓީއެއް އޮތް ނަމަވެސް، މަޖިލިސް ތެރޭން ފުޅާ ގޮތެއްގައި މަސައްކަތް ކުރެވޭނެ ކަމުގެ ތަޖުރިބާ ވެސް އާދަމް ޝަރީފްގެ އެބަ ހުއްޓެވެ.
"އެމްޑީޕީގެ ވެސް އެބަ އުޅޭ 12 މެންބަރުން. އެއީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހަޅައިދެވޭނެ ވަރުގެ އަދަދެއް. އަޅުގަނޑުމެން ވެސް މި މަޖިލީހުގައި އިދިކޮޅުގައި ތިބީ ނުވަ މެންބަރުން. އެކަމަކު ސަރުކާރު ޖަވާބުދާރީކުރުވަން ވަރަށް ޒިންމާދާރު މަސައްކަތެއް ކުރެވުނު. އަޅުގަނޑަށް ހުށަހެޅިފައި އޮތް ކުއްލި މައްސަލަތަކާއި ގަރާރާއި ބިލްތަކާ އެކު 48 މައްސަލައެއް ވެއްދިފައި އެބަ އޮތް،" 19 ވަނަ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރެއްވި އާދަމް ވިދާޅުވި އެވެ.
އެއިރަކު އޮންނަ ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބޭ ޓްރެންޑާ ގުޅޭ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް އިން މި ލިޔުން ނިންމާލާނަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބަކަށް ފަހު، އަންނަ އިންތިހާބެއްގެ ނަތީޖާއިން އެނގެނީ ކިތަންމެ ބޮޑު ސިޔާސީ ލީޑަރަކަށް ވިއަސް، ރައްޔިތުން އެއް ފަހަރު ނޫނެކޭ ބުނެފި ނަމަ ދެން ވެސް ނޫނެކޭ ބުނާ ތަނެވެ. އަދި ރައްޔިތުންގެ ތާއިދު އެ ބޭފުޅަކަށް ދިނުމަށް ފަހު، އެ ތާއިދު ދަމަހައްޓާ ތަން ކަމަށެވެ.
ފާއިޒް ވިދާޅުވާ ގޮތުގައި، މިއީ ސިޔާސީ ގޮތުން ރައްޔިތުން ތަސައްރުފު ފުދިގެން އަންނަ ކަމުގެ ރީތި މިސާލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަކަރު
22 April 2024
މިދިޔަ 2 ރިޔާސީ އިންތިޚާބުގައި ވެސް ރައްޔިތުން ދައްކުވައިދިނީ ބަރުލަމަނީގެ ސިފަތަކެވެ. އެގޮތުން މަޖުލިސްގެ ބޮޑު އަގުލަބިއްޔަތުން އޮންނަށްޖެހޭނީ ވެރިކަމުގެ ބާރުތެރޭގައި ކަމަށް ރައްޔިތުން ގަބޫލު ކުރެވެއެވެ. ދެބާރު އެއްވީއެވެ. ތަފާތަކީ .މަޖުލިސްގެ ތެރެއިން މިނިސްޓަރުން އައްޔަން ނުކުރާކަމެވެ
ރައްޔިތުންބުނަނީ
22 April 2024
ރައްޔިތުން މިހާރުގެ ސަރުކާރައް ބުނަނީ ކުރީފަހަރު ސުޕަރމެޖޯރިޓީދިން މީހުންނައް ރައްޔިތުންބޭނުންވިގޮތައް ވެރިކަން ކޮއްނުދެވުނޭ. އިސްކުރީ އަމިއްލައެދުމޭ. ވެރިކަމުގެ ފަހުދުވަސްކޮޅު ގައުމުވިއްކާލައިގެންވެސް ބޭނުންވީ ވެރިކަމުގަ ތިބޭށޭ. މިއަދުގެ ސަރުކާރުވެސް އެމަގުންދާނަމަ ފަސްއަހަރުފަހުން އަހަރެމެން އަނެއްކާވެސް ބަސްބުނާނަމޭ.
އަލްއުސްތާޒް
22 April 2024
މިހާބޮޑު މެޖޯރިޓިއާއިއެކު ރައީސް އަށް އެލިބުނީ ދައުލަތުގެ 2 ބާރު އެއްކޮށް. އެންޓި ޑިފެކްޝަން ޤާނޫނާއިއެކު މުޅި ޤާނޫނުނު ހެދުމުގެ ބާރު ކޮންޓްރޯލް ކުރާނީ ރައީސް. މަޖްލިސް މެމްބަރުން ހިތްހަމަ ޖައްސަން ރައީސް ކުރައްވަނެޖެހޭ ހަރަދެއް ނޯންނާނެ. އެހެންވީމާ، ރިޔާސީ ނިޒާމުން ވެރިކަން ނުކުރެވެންޔާ މީ އަސްލް ބަރުލަމާނީ ނިޒާމަށް ވުރެންވެސް ނުރައްކާތެރި ނިޒާމެއްގެ ސިފަތައް. ރައްޔިތުންނަށް ވެރިން ޒިންމާދާރު ކުރެވޭނީ އަސްލު ސިފާގަ ބަރުލަމާނީ ގެނެސްގެން.
ކެނެޓް
22 April 2024
ތަބީއީގޮތުން ދިވެހިން ތާއިދު މިކުރެވެނީ ބަރުލަމާނީ ސިފަތަކަށް، އެކަމަކު ފުރިމަހަމަ ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނާކަށް ދިވެހިން ބޭނުމެއްނުވޭ. އެއީ ކީއްވެ؟ ދުނިޔޭގެ ތަހުޒީބު ހުރިހާ ގައުމެއްގައިވެސް އޮތީ ބަރުލަމާނީ ނިޒާމު. ދިވެހިރާއްޖެ ފުރިހަމަ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. ރައީސް މުއިއްޒުގެ 5 އަހަރުގެ ވެރިކަން ނިމުމަށްފަހު ބަރުލަމާނީ ނިޒާމެއް އޮންނަށް ފެނޭތޯ ބެލުން ވަރަށްވެސް މުޙިއްމު.
މަޖިލިސް19،20
22 April 2024
ރައްޔިތުން އެ ބުނަނީ ރާއްޖެ އަށް ބޭނުމީ ބަރުލަމާނީ ނިޒާމެކޭ. ޤާނޫނު ހަދާ ބާރާއި ވެރިކަން ކުރާ ބާރު އެއް ބަޔަކަށް ދިނުމުން.
ކިރު. ސައި
22 April 2024
ރައްޔިތުން އެބުނަނީ ތިމަންމެނަކީ ކޮރަޕްޓް ބައެކޭ.
ހފހދދހހދ
22 April 2024
ރައްޔިތުން މިބުނަނީ ބޭކާރު ހަރަދުނުކޮށް ގައުމު ތަރައްގީ ކޮށްދޭށޭ. ބޭރު ބިދޭސީންނަށް ހެޔޮވެރިކަމެއް ކޮށްދޭން ނޫޅެ ދިވެހިންނަށް ރަނގަޅު ގޮތް ހޯދަދޭށޭ. އެހެން ނޫނީ ފަސްއަހަރޭ އޮތީ ބަދަލު ކުރާނަމޭ! ބިދޭސީންނަށް މޮޅުގޮތް ހަދަދިނުމުގެ މިސާލެއް މާލެ ވެހިކަލުން ތޮއްޖެހިފަ އޮއްވަ ބިދޭސީންނަށް މަގުގަ އިންޖީނުލީ އުޅަނދުދުއްވޭގޮތަށް އެގައުމުތަކުގެ ލައިސަންސް ބަލައިގަތުމަކީވެސް. އެމީހުންކުރާ ގާނޫނާ ހިލާފު ވިޔަފާރި ނުހުއްޓުވުމަކީވެސް. މިދެކަން އިސްލާހުކުރޭ!!!!
ފެންނަގޮތް
22 April 2024
ވަކި ބަޔަކު ނުހޮވޭ ކޮންމެ ފަހަރަކު ނިޒާމް ގޯސްވެ، ވަކި އަންހެނަކު ނުހޮވޭ ފަހަރަކު ގާނޫނުން އަންހެނުންނަށް ގޮނޑި ކަށަވަރުކުރަން ޖެހި، މީ ކިހިނެއް ވާކަމެއް.. އެންޑީޕީން ފާއިތުވި 5 މަހުގައި ސުޕަ މެޖޯރިޓީއާއި މެޖޯރިޓި އޮވެގެން ރައްޔަތުންނަށް ދައްކުވައިދިނީ ވެރިކަން ކުރެވޭނީ މަޖިލިސަ ސަރުކާރަށް އޮވެގެން ކަމާ ، ރިޔާސީ ނިޒާމަކުވިޔަސް ހޮވާ ރައީސަކަށް ހުރެވޭނީ މަޖިލިސް އޮވެގެން ކަމެވެ. ދެއް ގޮވާނީ މަޖިލިސް އިންތިހާބު ބާއްވާނެކަމެއް ނެތޭ..އަމިއްލަ އެދުން
އަލިމަނިކުފާނު
22 April 2024
ރައްޔިތުން ބުނަނީ ބޭނުމީ އަމާންކަމާ ޞުލްޙަމަސަލަސްކަމޭ. ހަލަބޮލިކަމެއްނޫނޭ. ހަލުވި ތަރައްޤީއާއި ކުރިއެރުމޭ. އަމިއްލަ ވަންތަކަމާއި ޤައުމުގެ މިނިވަންކަމޭ. ބޯހިޔާވަހިކަމަށް އަވަސް ޙައްލެކޭ. ތެދުވެރިކަމާއެކު ޤައުމު ކުރިޔަށް ގެންދާނެ އިޚްލާޞްތެރި ދަރިންނޭ. ކުރިމަގަށް ރަނގަޅު ޖީލެއް ބިނާކުރުމޭ. ދެބޯގެރި ދުއްވުން ބޭނުމެއް ނޫނޭ. ކުށްކުރާ މީހުންނަށް ޙައްޤު އަދަބުދިނުމޭ.
ސަަސި
22 April 2024
ގިނަ ވޯޓުތަކަކީ ބޮޑު އަގުދީފަ ގަންނައެއްޗެއް. ރުފިޔާ، މަގާމު