މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާ. --ފޮޓޯ: ނިޝާން އަލީ | މިހާރު
22 އެޕްރީލް 2024 - 22:43
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އެކު ވާދަވެރިކަން ނިމިއްޖެ ކަމަށާއި ދެން އޮތީ ސިޔާސީ ޕާޓީތަކުން އެކުވެރިވެ ގަައުމު ކުރިއަށް ގެންދަން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި، އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެތައް ސަތޭކަ ބަަޔަކާ އެކު ބޭއްވި ބައްދަލުވުމުގައި ރަައީސް ވިދާޅުވީ އިންތިހާބު ނިމިއްޖެ ކަމަށާއި އެހެންކަމުން ހިޔާލު ތަފާތުވުން ވެސް ދޫކޮށްލަންވީ ކަމަށެވެ.
ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު އެދިވަޑައިގަތީ ހުރިހާ ސިޔާސީ ވެރިންނާއި ޕާޓީތަކުން އެކުގައި ގައުމީ މަސައްކަތުގައި ކުރިއަށް ދިއުމަށެވެ.
"މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ގައުމު، މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް ގައުމު، އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާ އެކު އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށް ދާން. އޭގެން އެންމެންނަށް ވެސް ލިބޭނީ އުފާވެރިކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކު ހަމަހަމަ، ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް އެ ރައްޔިތަކީ މުހިންމު ރައްޔިތެއް. އެ އިން ކޮންމެ ރައްޔިތެއް ދެކެ އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ގަދަރު. އެހެންވީމާ އެއްވެސް ބޭފުޅަކަށް ތަފާތެއް ނުކުރާނަން. އެ ބޭފުޅަކަށް އަޅާނެ ފިޔަވަޅެއް ނޯންނާނެ ސިޔާސީ ވިސްނުން ހުރި ގޮތަކުން."
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާއަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އެންމެންގެ ވެސް ފަހުރަކަށް ހަދަން ޖެހޭ ކަމަށާއި އެންމެން އެކުވެރިކަމާ އެކު ކުރިއަށް ދިއުމުން އެންމެން ވެސް ތިބޭނީ އުފަލުން ކަމަށެވެ.
"އަޅުގަނޑު މި ގޮވާލަނީ އެންމެން އެކުގައި ކުރިއަށް ދާން ހިނގާށޭ،" ރައީސް ވިދާޅުވި އެވެ.
އާޓިފިޝަލް ބީޗްގައި އެއްވެ ތިބި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދު އާ ކުރަންވީ އަޒުމަކީ މި މުޖުތަމައުގައި ހަގީގީ މާނައިގައި ހަމަޖެހުން ގާއިމް ކުރުމުގެ އަޒުމު ކަމަށާއި ނުތަނަވަސްކަން އޮތް މާޒީ، މާޒީއަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.
އެކުވެރިކަމާ އެކު ކުރި މަސައްކަތުން ސަރުކާރަށް ވަނީ ބޮޑު ކާމިޔާބެއް ހާސިލް ކުރެވިފައިވާ ކަމަށާއި އެހެންކަމުން މިއަދު އާ ފެށުމަކުން ފަށަން ޖެހިފައިވަނީ ގައުމު އާރާސްތު ކުރުމުގެ ބޮޑު، މުހިންމު މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ދިވެހިންގެ މުސްތަގުބަލް އުޖާލާ ކުރުމުގެ އަޒުމާއި އިސްލާމް ދީނަށް ނަސްރު ދިނުމުގެ އަޒުމާއި އެކުވެރިކަން ވަރުގަދަ ކުރުމުގެ އަަޒުމާއި މިނިވަންކަން ޔަގީން ކުރުމުގެ އަޒުމު އާ ކުރަން ޖެހޭ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހަފްލާއަށް ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ | މިހާރު
"އިރާދަކުރެވިއްޔާ މުސްތަގުބަލް އުޖާލާކޮށް އޮތީ. މި ގޮތުގައި ކުރިއަށް ދާން މަސައްކަތް ކޮށްފިއްޔާ އަޅުގަނޑުމެންނަށް ފެނިގެން ދާނީ އުއްމީދު ކުރި ދުވަސް، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ކޮންމެ ރައްޔިތަކު ވެސް އެ ރައްޔިތަކު އެދެމުން އައި ގޮތް ފަހިކޮށް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިސްކުރާނީ އަމިއްލަ މަސްލަހަތަށް ވުރެ މި އަޒުމު އާ ކުރުމުގެ މަސްލަހަތު. މި ވަތަނީ އަޒުމު އާ ކުރީމަ މި އޮތްހާ ދުވަހު ނުވެގެން އުޅުނު ކަންކަން ވާތަން ފެންނާނީ. މި އޮތްހާ ދުވަހު ބޭނުންވެ އާދޭސްކޮށް ނުވި ކަންކަން އިރާދަކުރެއްވިއްޔާ ވާތަން ފެންނާނީ."
ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި މީހެއް ނަމަވެސް، ވަތަނީ އަޒުމު އާކޮށްފި ނަމަ އެ ފެށެނީ ގައުމު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކުން ފަހުރުވެރިވާނެ މަސައްކަތަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑު ދޭ ޔަގީން ކަމަކީ މިއަދު މި ފެށޭ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ކޮށްފައި އަޅުގަނޑުމެން ނިންމާލަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިއްޔެގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން ސުޕަ މެޖޯރިޓީ ނެގީ އެ ޕާޓީ އަށް އެކަނި ނެގި 66 ގޮނޑީގެ އިތުރުން ޕީއެންސީގެ ތާއީދާ އެކު އިންތިހާބުވި މެމްބަރުން އަދި ޖޭޕީ އާއި އެމްއެންޕީ އާއި އެމްޑީއޭގެ ގޮނޑިތަކުގެ ކެންޑިޑޭޓުން ހިމަނައިގެންނެވެ. އޭރުން ޕީއެންސީ އަށް 74 ގޮނޑި 20 ވަނަ މަޖިލިހުން ލިބެ އެވެ.
އާ މަޖިލިހުގެ މެމްބަރުންގެ އަދަދަކީ 93 އެވެ.
ޕީއެންސީގެ ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ ބޭއްވި ހަފުލާގައި މާފަންނު އުތުރު ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމާއި މީދޫ ދާއިރާ ކާމިޔާބު ކުރެއްވި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާ އަނެއްކާވެސް ކަށަވަރު ކުރެއްވި ގާސިމް މިރޭގެ ހަފުލާ އަށް ވަޑައިނުގަތަސް އޭނާގެ ނަން ވެސް ޖަލްސާގައި ފާހަގަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
23 April 2024
މޮޅުވެގެން ބޭއްވި އެއްވުމަގައި ދެއްކީ ސިޔާސީ ވާހަކަ އެއް ނޫނެވެ. ގައުމީ ވާހަކަ އެވެ. މިއީ އެންމެންގެ ގައުމު ކަމުގައެވެ. އެންމެން އެކުވެރިވާން ވިކަމެވެ. އިސްލާމީ ރިވެތި އުސޫލުތައް ނަގަހައްޓައި އަމަން އުފާވެެރި މުޖުތަމައެއް ބިނާ ކުރާވާހަކައެވެ. އެންމެން ހޫރުވީ ގައުމީ ދިދައެވެ.. އެންމެން ކިޔީ ގައުމީ ސަލާމެވެ. އެންމެން އެކީ އެންމެންގެ ދިވެހި ރާއްޖެއާއިގެން ކުރިއަށް ދަމާ ހިނގާށެވެ.
އަލިމަނިކުފާނު
23 April 2024
ވަރަށް އުފާވެފަ މިހިރީ. މަޖިލިސް އިންތިޚާބުގަ ސުޕަރ މެޖޯރިޓީ ނަގައި ކާމިޔާބީ ފާހަގަ ކުރަން ޕީއެންސީން ބޭއްވި ބޮޑު ބިޔަ އެއްވުމުގައި ޕާޓީ ދިޔައިގެ ބަދަލުގަ، އެދިދައަކަށް އަހަރެން ފަޚުރުވެރިވާ ދިވެހި ޤައުމީ ދިދަ ވިހުރެމުންދިޔަތަން ފެނުނީމަ. އެއީ މިޑިމޮކްރަސިއެއް ގެނައިފަހުން މިހާތަނަށް ފެނުނު މަންޒަރެއް ނޫން. ކުރިން ފެންނަނީ ޕާޓީގެ ކުލަވަރު. ރައީސް ޑރ.މުޢިއްޒު މިއީ މަގޭ ޙަޔާތުގައި މިހާތަނަށް ފެނުނު އެންމެ ވަޠަނީ ރައީސް. ބޮޑުކަމެއް ނުފެންނަ ރައީސް
ހުއްބުލްކަލްބު
23 April 2024
މި ނިޒާމުގަ ނުވެވެޔޯ އެއްބަޔެއް އެމީހުންބުނީ. އެބަޔަކު ތި ޕާރޓީ އެެއްގެ ބޮޑުން ޖަހާ ބެރަކަށޯ ނަށަން ވާޖިބުވާނީ. އައިޑެންޓިޓީ ގެއްލުވާލީމާ އެފުނޑާލެވުނީ އެމީހުން ގެ ދީން ކަމަށް ވާ ޑިމޮކުރަސީ ޔޯ ކިޔާ.
ބާސިތް
23 April 2024
މުއިއްޒު ސަޅިވަނީ އެހެން ހުރިހާ ކަމަށްވުރެ ގައުމު އިސް ކުރާތީ
އަނާނު
23 April 2024
ޕާޓީ ވިސްނުން ދޫކޮށް ގައުމު އިސް ކުރަން ޖެހޭ
އަސީލު
23 April 2024
ކީއްކުރަން ބައިބާވުން އުފައްދަނީ. އެންމެނައްވެސް އެންމެ ފައިދާ ބޮޑީ އެއްބައިވެގެން ގައުމު ކުރިއެރުވީމަ
ކަލާމު
23 April 2024
ގައުކު ދެކެ މިހާ ލޯބިވާ ރައީސެއް މަ އަދި ނުދެކެން
ވަސީޢު
23 April 2024
ގައުމު ކުރިއަރާނީ އެންމެން އެއްބައިވެގެން. ބައިބާވުން ނައްތާލަން ޖެހޭ
ޖަމީލުބެ
23 April 2024
އެއްބައިވުމަށްޓަކައި، ގައުމީ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަންވީ. އަދި އެޕާޓީގައި ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވާންވީ. އެހެން ހުރިހާ ޕާޓީއެއް ގާނޫނަކުން އުވާލަންވީ. އޭރުން އޮންނާނީ، ދިވެހި ވަންތަ، ގައުމީ ވަންތަ، އެއްބައިވަންތަ - ޤައުމީ ޕާޓީ. ޤައުމީ ޕާޓީ - ޒިންދާ ބާދު!
އަޅި އަލީ
23 April 2024
މިއީ މުއިއްޒު ތަފާތު ވާ ތަންކޮލަކީ! އެމްޑީޕީ ބަލިވީމަވެސް ޖެއްސުން ނުކޮށް ދައުވަތު އެދެއްވީ އެކުގައި މަސައްކަތް ކުރުމަށް! ޝުކުރިއްޔާ ރައީސް!
ސުފްޔާން
23 April 2024
ހަމަ ހަގީގަތުގަވެސް މާޒީގަ ވީ ކަންކަން ދޫކޮށް ގައުމު ހިންގަން އެންމެ އަތްގުޅާލަންވީ ވަގުތު މީ. މުއިއްޒުއަށް ވާނެ މިކަން