ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓު ލުމުގެ ކިއު ބަންދު ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން، ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ| މިހާރު
25 އެޕްރީލް 2024 - 10:49
މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބެހެއްޓި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެދިފައި ވިޔަސް ގުނަން ޖެހޭ ހާލަތެއް ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އެ ދާއިރާގެ ފޮށިތައް އަލުން ގުނައިދޭން އީސީގެ ކޮމްޕްލެއިން ބިއުރޯއަށް ހުށަހަޅާފައި ވަނީ އެންމެ ހަތަރު ވޯޓުގެ ތަފާތުން ޕީއެންސީގެ ކެންޑިޑޭޓް، މުހައްމަދު އަލީ ކާމިޔާބު ކުރުމުންނެވެ. އޭނާއަށް ލިބުނީ 1،074 ވޯޓެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއާ އެންމެ ގާތުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1،070 ވޯޓެވެ. އެ ދާއިރާ އަށް ވޯޓުލީ މީހުންގެ މެދުގައި 41 ވޯޓު ބާތިލުކަމަށް ވެސް އީސީގެ ވަގުތީ ނަތީޖާ އިން ދައްކަ އެވެ.
އެހެންވެ، އެ ދާއިރާގެ ވޯޓު ފޮށިތައް ގުނައިދޭން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުގެ ފަރާތުން އީސީގައި އެދިފައި ވިޔަސް އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ، "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ކޮމިޝަނުން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ އެ ދާއިރާގެ ފޮށިތައް ގުނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އެކަން ރަސްމީކޮށް އެ ބޭފުޅުންނަށް އެންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން،" މިއަދު އީސީން ނިންމި ނިންމުމާ ގުޅިގެން އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި ހަސަން ކުރިން ވެސް ވިދާޅުވީ ވޯޓުލީ ދުވަހު އެ ދާއިރާގައި ވޯޓުގެ ނަތީޖާއަށް ބަދަލެއް އަތުވެދާނެ ފަދަ ހަމަނުޖެހުމެއް ހިނގި ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ.
މީގެ ކުރިން ވަނީ ތިނަދޫ ދެކުނު ދާއިރާގެ ވޯޓު ފޮއްޓެއް ވެސް އަލުން ގުނައިދޭން އެދިފަ އެވެ. އެކަމަކު ކޮމިޝަނުން ނިންމާފައި ވަނީ އެ ދާއިރާގެ ފޮށި ވެސް އަލުން ގުނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސީނާ
25 April 2024
ބާތިލް 41 ވޯޓް ވޭތޯ؟ އެހެން ނޫންނަމަ ގުނުމުގެ މާނައެއް ނެތް..
ފެންނަގޮތް
25 April 2024
41 އެއްވޯޓް ބާތިލުވެފަ، 4 ވޯޓް ތަފާތުވީމާ، އަލުން ބެލުން ރަނގަޅު. އެއިރުންވެސް ހަމަ ހަޤީގަތުގައިވެސް ހައްޤުވާ މީހާއަށް ލިބެންވާނީ. 3000 ވޯޓުން އެވަރުގެ ކުށެއް އޮތުމަކީ އެކަށީގެންވާ ކަމެއް.
ބާބް
25 April 2024
މަރުކަޒުތަކުގައި ވޯޓު ގުނަނީ ދެފަރާތުގެ މަންދޫބުންގެ ހާޒިރުގައި ކޮންމެ ކަރުދާސްކޮޅެއް ވަކިވަކިން ދައްކައިގެން. މަންދޫބުން ކުރާ ސުވާލުތަކަށް ޖަވާބުވެސް ދީގެން. ޝައްކު އުފެދޭ ނިންމުމެއް މަރުކަޒުގެ ވެރިޔާ ނިންމިނަމަ އެވޯޓު ފޮށި އަލުން ގުނާނެ. އެފަދަ ނިންމުމެއް އޮތްނަމަ މައްސަލަ ޖެއްސޭނެ. އެފަދަ ނިންމުމެއް ނެތީމާ 100 ވޯޓު ބާތިލްވިޔަސް ނަތީޖާއަކަށް ކިތަންމެ ވަރަކަށް ގުނިޔަސް ބަދަލެއް ނާންނާނެ.
ޓެރޭސްސް
25 April 2024
1 ވޯޓުގެ ތަފާތެއް އަޔަސް އަލު ގުނާކަށް ނުޖެހޭނެ. ވޯޓު އަލުން ގުނަން ޖެހޭ ސަބަބެއްނޫން އެއީކީ.