އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި އަހަރީ އާންމު ޖަލްސާގައި، އެ އެސޯސިއޭޝަންގެ އެކްސްކޯ އާއި ކްލަބްތަކުގެ މަންދޫބުން --- ފޮޓޯ: އެތުލެޓިކްސް
29 އެޕްރީލް 2024 - 11:46
އެތުލެޓިކްސް އެސޯސިއޭޝަންގެ އިންތިހާބު މެއި މަހުގެ 24 ބާއްވަން އެ އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.
މި އަހަރު ދައުރު ހަމަވާ، މިހާރުގެ އެކްސްކޯގެ ހަތް މަގާމަކަށް މީހުން އިންތިހާބު ކުރާނެ އެވެ.
ރައީސާއި ނައިބުރައީސް އަދި ހަޒާންދާރުކަމަށް ކުރިމަތިލެވޭނީ އެސޯސިއޭޝަން މެންބަރު ކްލަބްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ކްލަބެއްގެ ރުހުން ލިބިގެންނެވެ.
އެ އެސޯސިއޭޝަނުން ބުނީ އެކްސްކޯގެ މަގާމުތައް ތަމްސީލު ކުރާނީ ކްލަބްތަކުންކަމަށެވެ. އެއް ކްލަބަކަށް އެއް މަގާމަށް ވުރެ އިތުރަކަށް ތަމްސީލު ނުކުރެވޭނެ އެވެ.
"ތިން މަގާމަށް ވެސް އެއް ކްލަބަކުން ތިން ބޭފުޅުން ކުރިމަތިލެވިދާނެ. ނަމަވެސް މިސާލަކަށް އެއް ކްލަބަކުން ނަން ހުށަހަޅާ ބޭފުޅަކު މި އިންތިހާބުވީ ރައީސް ކަމަށް. އެހެން ވެއްޖެއްޔާ އެކްސްކޯގެ އެހެން މަގާމެއް ދެން އެ ކްލަބަކަށް ތަމްސީލެއް ނުކުރެވޭނެ،" އެތުލެޓިކްސް އެސޯސިއޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އިންތިހާބަށް ކުރިމަތިލާން ހުޅުވާލަނީ އަންނަ އާދިއްތަ ދުވަހު އެވެ. ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 15 ވަނަ ދުވަސްކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާނީ މެއި 17 ވަނަ ދުވަހު އެވެ.
އެތުލެޓިކްސްގެ ރައީސް މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. އެއީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ތޮލާލް، ސްޕޯޓްސް ކޮމިޝަނާގެ މަގާމަށް ވަޑައިގަންނަވަން އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.
އޭނާ އިސްތިއުފާ ދެއްވުމުން، އިންތިހާބުގެ ނިޔަލަށް އެ އެސޯސިއޭޝަންގެ އެންމެ އިސްވެރިޔެއްގެ ހައިސިއްޔަތުން އެސޯސިއޭޝަން ތަމްސީލުކުރައްވަނީ ނައިބު ރައީސް އަހުމަދު އަޒީލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy