14 މެއި 2024 - 16:24
އދ.ގެ އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމި ނިންމުމުގެ އަޑުއަހައި، ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދޭން ރާއްޖޭން އދ. ގެ ސަލާމަތީ މަޖިލީހަށް މިއަދު ގޮވާލައިފި އެވެ.
އދ.ގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފަ އެވެ. ރާއްޖޭން ކޯ ސްޕޮންސާކޮށް ހުށަހެޅި ގަރާރަށް މިދިޔަ ހުކުރު ދުވަހު ނެގުނު ވޯޓުގައި 143 ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ. އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓުދިންއިރު، އެއްވެސް ކޮޅަކަށް ވޯޓުދޭން 25 ގައުމަކުން ބޭނުމެއް ނުވި އެވެ.
އާންމު މަޖިލީހުން މި ގަރާރު ފާސްކުރިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްވުމުންނެވެ. މިދިޔަ މަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްތީނަށް މެމްބަރުކަން ނުލިބުނީ، އެމެރިކާ އިން އެ ހުށަހެޅުން ވީޓޯކޮށް ފެއިލް ކޮށްލުމުންނެވެ.
މިއަދު ބޭއްވި އދ.ގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިއްވި ބަޔާނުގައި ބުނީ އާންމު މަޖިލީހުގެ ތަނަވަސް އަޣުލަބިއްޔަތަކުން ނިންމި ނިންމުމުން، ސަލަމާތީ މަޖިލީހަށް ވަރުގަދަ މެސެޖެއް ދީފައިވާ ކަމަށެވެ.
އެހެންކަމުން، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ދިނުމަށް ސަލާމަތީ މަޖިލީހުން ދެވަނަ ވިސްނުމަކަށް ދިޔުމަށް ރާއްޖޭން ގޮވައިލި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"މީގެއިތުރުން، ފަލަސްތީނުގެ މައުސޫމް ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތައް އެޅުމާ އެކު، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމަށް އިޒްރޭލަށް ބާރުއެޅުމަށް ވެސް ރާއްޖޭން ވަނީ އދ.ގެ މެމްބަރު ގައުމުތަކަށް ގޮވާލާފައި،" މިނިސްޓްރީން ބުންޏެވެ.
އަދި މެދުއިރުމަތީގެ ޒަމާންވީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދީގެން ކަމަށް ރާއްޖޭން ކުރަމުންދާ ވަކާލާތު މިއަދުވެސް ވަނީ ތަކުރާރުކޮށްފަ އެވެ.
އާންމު މަޖިލީހުން ހުކުރު ދުވަހު ފާސްކުރި ގަރާރާ އެކު ދެން އަންނަ ބައްދަލުވުމުން ފެށިގެން، ފަލަސްތީނަށް މިހާރު ނުލިބޭ އިތުރު ހައްގުތަކެއް ލިބޭނެ އެވެ.
އޭގެތެރޭގައި، އދ.ގެ އެހެން މެމްބަރު ގައުމުތަކާއެކު ކަނޑައެޅިފައިވާ ތަރުތީބުން އިށީނދެގެން ތިބުމާއި އދ.ގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގައި ވާހަކަދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
15 May 2024
ރަގަނޅު، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ލިބެންދެން ދޫނުކޮށް ހިފަހަށްޓާލާތި .
ޖައްސާ
15 May 2024
އިރާން ސީރިޔާ އިރާގް ފަދަ އިސްލާމީ ގައުމުތަކުގައި އެއް ބަޔަކު އަނެއް ބަޔަކު މަރަމުންދާ މުސްލިމުންގެ އަދަދު ގުނެނީ ލައްކަލައްކައިން. އިޒްރޭލް ތިތާގައި ނެތިއްޔާ ހަމާސް، އިސްލާމިކް ޖިހާދު، ޚަލީލް، ޖުއްބަތުލް ނުސްރާ(އަލްޤައިދާ)، އައިސިސް، ހިޒްބްﷲ މި ކޮންމެ ބަޔަކީ ވެސް އެއްބަޔަކު އަނެއް ބަޔަކު މަރަން ބޭނުންވާ އިސްލާމީ ތަފާތު ފިރްޤާތައް، އިޒްރޭލް ނެތް ދުވަހަކުން އެންމެ ތަޅާގަނެ މަރުވާނެ މަރާނެ. ކޮންމެ ބަޔަކުވެސް ބުނަނީ އަނެއްބަޔަކީ މުރުތައްދުން ކަމަށް.
އުސްމާނު
15 May 2024
1840ގެ ބޯ ހިމެނުންތައް ބެލިޔަސް އެގޭ ގުދުސްގެ މެޖޯރިޓީއަކީ ޔަހޫދީންކަން. އޭރު ޒަޔަނިޒަމް ވީ ކޮންތާކު؟ އުސްމާނީ ހިލާފަތުގައި ތިބި ޔަހޫދީން ވާނީ ސައްހަ ރައްޔިތުނަށް. ރާއްޖޭގައިވެސް ބަބުރުން، ޢަރަބި ސައްޔިދުން ވެސް ވަޒަންވެރިވި. މިހާރު އެއީ ދިވެހިނަށް ނުވާ ގޮތެއް ނެތް.
މުހައްމަދު ސަނީހް
15 May 2024
ވަރަށް އުފާވެއްޖެ. ސަރުކާރެއްގެ ކިބައިން އެއްމެ ބޭނުންވާ ކަންތައް މިއީ.
މުހައްމަދު އައިމަން
15 May 2024
ބޮޑެތި ގައުމުތައް ލަދު ގަންނަންޖެހޭ ރާއްޖެ ކައިރީ. ނުކުރެނު ރާއްޖެއިން ނެރުނު ވަރުގެ ސްޓޭންޑެއްވެސް ނެރޭކަށް.
ނިހާލް ސަލީމް
15 May 2024
ދިވެހި ރައްޔިތުންގެ އަޑު މިއީ. ޝުކުރިއްޔާ ސަރުކާރު
ދީމުގުރާތުސް
15 May 2024
ދެން ރާއްޖެއިން ހުށަހަޅަންވީ ރިސޮލިއުޝަނަކީ "ޔުނައިޓެޑް ނޭޝަންސްގެ ނަން ނޭޝަންސް ވިތް އެމެރިކަން އެންޑް އިޒްރާއީލް އޮޓޯކްރަޓިކް ރެޖީމް (އެން.އޭ.އޭ.އައި.އާރު)" އަށް ބަދަލުކުރުމަށް. ޔޫއެން އެދަނީ ކެންސަރާއި ހަނގުރާމަކުރަމުން. އެކެންސަރު ޓިއުމަރުހުރީ ސެކިއުރިޓީ ކައުންސިލްގެ އެމެރިކާގެ ގޮނޑީގެގޮތުގައި.
ސައްސާމް އިސްމާއިލް
15 May 2024
އިސްލާމީ ދުނިޔޭގައި މި ސަރުކާރުން މިގައުމުގެ ނަން ފަވާލައިފި. ކުޑަޔަސް
ޝާމިލްް
15 May 2024
ރާއްޖެއަކީ ކުޑަ ގައުމަކަށްވިޔަސް ރާއްޖޭގެ އަޑު ނިކަން ހަރުވާނެ.
ބޯބުރާންތި
14 May 2024
ކަންދެއްކުމުގެގޮތުން ގޮވާލާ ގޮވާލުމެއް އަޑުއަހާނެ މީހެއް ނުހުންނާނެ. ހަނދާންވަނީ، މައުމޫން މަލިކާ ބެހޭގޮތުން ވާހަކައެއް ދއްކީމަ އިންޑިޔާ ޫސްތަކުަ ޖެހި ކާޓުންމަތިން. " ކުޑަމީހެއް ބޮޑު އަގައެއް"