ލައިފްސްޓައިލް

ކަށިހަރައިގެން ދޭ ފަރުވާއިން މައިގްރޭނުގެ ވޭން ލުއިވޭ: ދިރާސާ

ދިރާސާއެއްގައި ބުނަނީ މައިގްރެެއިންގެ އުނދަގުލާ ކުރިމަތިވާ މީހުންގެ ހަށިގަނޑުގައި ބައެއް ވިޓަމިންތައް މަދުކަން ފާހަގަވެފައިވާ ކަމަށް

22 ފެބުރުއަރީ 2017 - 06:15

އެކިއުޕަންޗާ ނުވަތަ ކަށި ހަރައިގެން ދޭ ފަރުވާއަކީ މައިގްރެއިނުން ދިފާއުވުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ޗައިނާގައި ކުރި ޓެސްޓްތަކަކުން ދައްކައިފި އެވެ.

މި ޓްރަޔަލްގައި ހިމެނެނީ ކަށިހަރައިގެން ދިން އަސްލު ފަރުވާ އާއި ކަށިހަރައިގެން، އެކަމަކު ފަރުވާއަކަށް ނުވާ ގޮތަށް ދިން ފަރުވާ އެވެ. އަދި ވެއިޓް-ލިސްޓްކޮށްފައިވާ ކޮންޓްރޯލް ގްރޫޕެއް ވެސް ހިމެނެ އެވެ.

ސޯޅަ ހަފުތާއަށް ކުރިޔަށް ގެންދިޔަ މި ޓްރައަލްގައި ކަށިހަރައިގެން ފަރުވާ ދިން މީހުންގެ މައިގްރޭން އެޓޭކް އަންނަ މިންވަރު ފާހަގަކޮށްލެވޭ ވަރަކަށް ދަށްވެފައިވާކަން އެނގުނެވެ. ނަމަވެސް ފަރުވާއަކަށް ނުވާ ގޮތަށް ކަށިހެރި މީހުންނަށް މައިގްރޭން އެޓޭކްތައް ގިނައިން އައިސްފައިވެ އެވެ. އަދި ކޮންޓްރޯލް ގްރޫޕްގެ މީހުންނަށް ވެސް އެޓޭކްތައް އައިކަން ފާހަގަކުރެވޭ ކަމަށް ޗައިނާގެ ސީޗުއާންގެ ޗެންގްޑޫ ޔުނިވަސިޓީ އޮފް ޓްރެޑިޝަނަލް ޗައިނީޒް މެޑިސިންގެ އެމްޑީ ފެންރޮންގް ލިއަންގް ވިދާޅުވި އެވެ.

ޖާމާ އިންޓާނަލް މެޑިސިންގެ އޮންލައިން އަދަދުގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކަށިހަރައިގެން ދޭ ފަރުވާ އަކީ މައިގްރޭނަށް ދޭން އެންމެ ރަނގަޅު އެއް ފަރުވާކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ނަމަވެސް ޔުނިވަސިޓީ އޮފް ކެލިފޯނިއާ ސެން ފްރެންސިސްކޯގެ އެމްޑީ އެމީ ފެލްފޭންޑް ލިޔުއްވާފައިވާ މިކަމާ ގުޅޭ ލިޔުމެއްގައި ވިދާޅުވެފައިވަނީ މި ދިރާސާއަކީ ވަރަށް މަދުބައެއްގެ މެދުގައި ކޮށްފައިވާ އެހާ އިތުބާރު ހިފޭ ދިރާސާއެއް ނޫން ކަމަށެވެ. އަދި ކަށިހަރާ މީހުން އެ ކަށިތައް ހަރާ ގޮތުން އެއީ އަސްލުކަން ނުވަތަ ނޫންކަން ގިނަ މީހުންނަށް ފާހަގަކުރަން އެނގޭނެ ކަމަށާއި އެހެންވެ އެމީހުންގެ ތަދަށް ހަގީގަތުގައި ވީ ގޮތް އޮޅުން ނުފިލާނެ ކަމަށެވެ.

ކަށިހަރައިދޭ އޮކިއުޕަންޗަރިސްޓުންނަކީ ތަމްރީނާއި ޝައުގު ހުރި ބަޔަކަށް ވާތީ އެމީހުންނަށް ނޭނގި ނަމަވެސް ކަންތައް ކުރެވޭ ގޮތުން ދިރާސާގެ ބައިވެރިންނަށް ފޭކް އެކިއުޕަންޗާ އާއި އަސްލު ކަށިހެރުން ދެނެގަންނަން އެނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

މައިގްރޭނުން ދިފާއުވުމަށް މިހާރު ދޭ ބޭސްތަކުގެ ތެރޭގައި ހިމެނެނީ ޑިވަލްޕްރޮއެކްސް ސޯޑިއަމް އާއި ޓޮޕިރަމޭޓް، މެޓޮޕްރޮލޯލް އަދި ޕްރޮޕްރަނޮލޯލް ފަދަ ބޭހެވެ. ނަމަވެސް މިފަދަ ބޭސްތައް އާއްމުކޮށް ބޭނުންކުރާ މީހުންނަށް ބަރުދަން އިތުރުވުމާއި ވަރުބަލިވުން އަދި ނިދަން އުނދަގޫވުމާއި ބަނޑުގައި ވައި ހެދުން ފަދަ މައްސަލަތައް ދިމާވެ އެވެ.

އަދި މާގިނަ ދުވަހު ބޭސް ބޭނުންކުރެވިއްޖެނަމަ ބޮލުގައި ރިހުން އިތުރުވުމާއި ރިހުން އަންނަ ދޭތެރެ އަވަސް ވުން ވެސް އެއީ ދިމާވެދާނެ ކަންކަމެވެ.

އެހެންވެ ބައެއް މީހުން ކަށިހަރައިގެންދޭ ފަރުވާ ޚިޔާޜު ކުރަނީ އެވެ. ނަމަވެސް ކްލިނިކަލް ނަތީޖާތަކުން މިއީވެސް މި ބައްޔަށް އެހާ ބަރާބަރުކަމާއެކު ދެވިދާނެ އެއްޗެއް ކަމަކަށް ދައްކާފައެއް ނުވެ އެވެ. ޗައނާގެ ތިން ހިސާބެއްގައި މި ދިރާސާ ހެދީ އެހެންވެ އެވެ.

މި ދިރާސާގައި އެބޭފުޅުން ބައިވެރިކުރީ 249 މީހުންނެވެ. މި އެންމެންނަކީ ވެސް މައިގްރޭންގެ އުނދަގޫ ހުންނަ ބައެކެވެ. މި މީހުންނަށް އާއްމުކޮށް މަހަކު ދެ އެޓޭކާއި އަށް އެޓޭކާއި ދެމެދުގެ އަދަދަކަށް މައިގްރޭންގެ އުނދަގޫ ކުރިމަތިވެ އެވެ. މި މީހުންގެ ތެރެއިން 77 ޕަސެންޓަކީ އަންހެނުންނެވެ. ހަތަރު ހަފުތާގެ މުއްދަތަކަށް މި މީހުންގެ ޗެކް ކުރުމަށްފަހު ތިން ގްރޫޕަކަށް ބަހާލި އެވެ.

ހަގީގަތުގައި ކަށި ހެރި މީހުންނަށް ހަތަރު ހަފުތާ ވަންދެން ހަފުތާއަކު ފަސް ދުވަހު ބައި ގަޑިއިރަށް ފަރުވާ ދިނެވެ. ކަށިތައް ހެރީ ވަކި ޚާއްސަ ހަތަރު ޕޮއިންޓަކަށެވެ. އަދި ކަށި ހެރުމުން ބޮލު ތެރޭގައި ހުރި ތަދުތައް ބޭރަށް ނުކުންނަ ކަހަލަ އިހްސާސެއްވެ އެވެ.

ފޭކް އޮކިއުޕަންޗާ ނުވަތަ އަސްލުނޫން ގޮތަށް ކަށިހެރި މީހުންގެ ކަށި ހެރީ އެކްޓީވް ނޫން ކަމަށް ބެލެވޭ ތަންތަން ބަލައިގެންނެވެ. އަދިި ބޮލުގައިވާ ރިހުންތައް ދަމައިގަތުމަށް އެއްވެސް ކަމެއް ނުކުރެ އެވެ. މި ފަރުވާއަށްފަހު 16 ހަފުތާ ފަހުން މި 245 މީހުންގެ ހާލަތު ދެނެގަތެވެ. އަސްލު ކަށި ހެރި މީހުންގެ މައިގްރޭން މައްސަލަ ވަރަށް ބޮޑަށް ރަނގަޅުވެފައިވާއިރު އަނެއް ދެ ގްރޫޕުގެ މީހުންނަށް މައިގްރޭން އެޓޭކްތައް އާދައިގެ ގޮތުގައި އައިސްފައިެވ އެވެ.

މި ދިރާސާގައި ބައިވެރިކުރީ މަދު ބަޔަކަށް ވާތީ އެ މީހުން ފަސޭހަވި ކަމަށް ބެލެވޭތީ އާއި މިއީ ބޭހަށް ވުރެ ކޮންމެ ގޮތަކުން ވެސް ރަނގަޅު އެއްޗެއް ކަމަށް ގެލްފަންޑް ވެސް ފާހަގަ ކުރައްވަ އެވެ.

"މިއީ އަޖުމަ ބަލާލަން ރައްކާތެރި ގޮތެއް ކަމަށް ފެނޭ. ނަމަވެސް މިއިން އެކަށީގެންވާ ރަނގަޅު އަސަރެއް ކުރާކަމެއް ސާފެއް ނުވޭ،" އޭނާ ލިޔުއްވާފައިވެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454