އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ރަފަހްގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ އިމާރާތެއްގެ ތެރޭގައި މީހަކު ކުޑަކުދިންތަކަކާ އެކު މަޑުކޮށްލައިގެން. --ފޮޓޯ: އޭއެފްޕީ
26 މެއި 2024 - 09:17
ޣައްޒާގެ ރަފަހްގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން ހުއްޓައިލުމަށް ދުނިޔޭގެ ކޯޓުން ނެރެފައިވާ އަމުރު ބޮލާލައި ޖަހައި، ފަލަސްތީނުގެ ދޮޅު މިލިއަނެއްހާ މީހުން ހިމާޔަތް ހޯދަމުން އަންނަ ސިޓީއަށް ދެމުންދާ ވައިގެ ހަމަލާތައް އިޒްރޭލުން ވަރުގަދަކޮށްފި އެވެ.
ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އިޒްރޭލުގެ މައްޗަށް މިދިޔަ ހުކުރު ދުވަހު އަމުރު ނެރެފައިވަނީ ޣައްޒާގެ ދުކުނުގައި އޮންނަ ރަފަހްގައި އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލައި، އެ ސިޓީއަށް ކޮންމެހެން ބޭނުންޖެހިފައިވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުފަހިކޮށްދިނުމަށެވެ.
އެކަމަކު އެ ކޯޓުން ގޯސް ހަދާފައިވާ ކަމަށް ބުނެ، އިޒްރޭލުން ވަނީ އިއްޔެ ވެސް ރަފަހްއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ފޮނުވައިފަ އެވެ.
މީގެއިތުރުން، ހަމަސް އާއި އިޒްރޭލާ ދެމެދު ހަމަލާތައް ދާއިމީކޮށް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ބޭރުގެ ގައުމުތަކުން މެދުވެރިވެގެން ފަށާފައިވާ މަޝްވަރާތައް ހުއްޓިފައިވާ އިރު، އެ މަޝްވަރާތައް އަލުން ފެށުމުގެ ޝައުގެއް ނެތް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ޣައްޒާ އަށް ދޭ ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް އެދިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގައި ވަނީ އެދިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،700 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.
އަދި ރަފަހްއަށް އަރައިގަތުމުގެ އޮޕަރޭޝަން އިޒްރޭލުން ފުޅާކުރަމުންދާ އިރު، 800،000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.
އެ ސަރަހައްދުގައި ހޮސްޕިޓަލުތައް ވެސް މިހާރު ނުހިންގޭ ހާލަތުގައި ހުރި އިރު، އެހީ ވެއްދޭނެ މަގުތައް އިޒްރޭލުން ބަންދުކޮށްފައިވާތީ، ޣައްޒާ ބަނޑަށްޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގެ އިންޒާރު ވެސް އދ. އިން ވަނީ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލާލައި
28 May 2024
ބޮލާލައި.. މި ނޫން ބަހެއް ނެތް ؟
ކޮން އދ އެއް
26 May 2024
"އެހީ ވެއްދޭނެ މަގުތައް އިޒްރޭލުން ބަންދުކޮށްފައިވާތީ، ޣައްޒާ ބަނޑަށްޖެހިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމުގެ އިންޒާރު ވެސް އދ. އިން ވަނީ ދީފަ އެވެ." ދުނިޔޭގެ ވެރިން އިޒްރޭލު ދަށުވެފަ، މި ދުނިޔޭގަ އެންމެ ހިތްވަރު ގަދަބަޔަކީ ފަލަސްތީނީން، އެހެން ބަޔަކަށް ކުރިމަތިލާން ނުކެރުނަސް އޮއްގާބުރި ހިފައިގެންވެސް އެމީހުންނަށްކެރޭނެ