ީޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު: އޭނާ ވިދާޅުވީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ޓީޓީގެ އެންމެ ބޮޑު ޗެލެންޖް ކަމަށް --- ފައިލް ފޮޓޯ: ރައީސް އޮފީސް
26 މެއި 2024 - 11:20
ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމަށް، އިތުރު ދައުރަކަށް ވާދަކުރައްވާނެކަމަށް މިހާރުގެ ރައީސް އަލީ ރަޝީދު ވިދާޅުވެއްޖެ އެވެ.
ޓީޓީގެ އިންތިހާބު މި އަހަރު އޮންނާނެ އެވެ. ރައީސްކަމުގައި ދެވަނަ ދައުރު ފުރިހަމަ ކުރަމުންދާ އަލީ ވިދާޅުވީ ރާއްޖޭގެ ޓީޓީ އެހެން ހަރުފަތަކަށް ގެންދެވުނުކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ. އެއާ އެކު އިތުރު ދައުރަކަށް ކުރިމަތިލާން ނިންމީ އެ މަސައްކަތް އިތުރު ގިޔަރެއްގައި ކުރިއަށް ގެންދިއުމުގެ އުންމީދުގައި ކަމަށެވެ.
"އަލްހަމްދުﷲ، މިދިޔަ ދެ ދައުރުގައި ކުރެވުނު މަސައްކަތާ މެދު ހަމްދުކުރަން. ރާއްޖޭގެ ޓީޓީ އެހެން ހަރުފަތަކަށް ގެންދެވިއްޖެކަމުގެ އިހްސާސް ކުރެވޭ،" އިތުރު ދައުރަކަށް ކުރިމަތިލައްވަން އިއުލާންކުރަމުން އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގެ އިތުރުން އެހެނިހެން ގޭމްސްތަކުގައި ވެސް ރަނގަޅު ނަތީޖާ ނެރެވޭ ފެންވަރަށް ރާއްޖޭގެ ޓީޓީ ކުޅުންތެރިންނާއި ޓީމުތައް ކުރިއެރުން ހޯދައިފި ކަމަށެވެ.
ފުވައްމުލަކު ޓީޓީ ހޯލްގައި އަލީ (ވ) ކުއްޖަކަށް ބޯޅަ ޖަހަންވީ ގޮތް ކިޔައި ދެނީ: ފުވައްމުލަކުގެ ޓީޓީ ސެންޓަރު ހުޅުވިގެން ދިއުމުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް
"ޓީމު އިވެންޓްތަކުގައި ވެސް އަޅުގަނޑުމެންގެ ދެ ޓީމު ވެސް ކުރިން ނުހޯދާ ކާމިޔާބުތަކާ ހަމައަށް ވާސިލުވެވިއްޖެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަދަ ބޮޑެތި ގޭމްސްތަކުގައި ރާއްޖޭން ފުރަތަމަ ފަހަރަށް މެޑަލް ގެނެއުމާއި ކުރިން ފާހަގަ ނުވެ އޮތް ފިރިހެން ޓީމުން ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދިތަން ފެނިގެން ހިނގައްޖެ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުބާރާތަށް ޓީމުތައް ތައްޔާރުވާން ފޯރުކޮށްދެވޭ ފުރުސަތުތަކާ އެކު، ގޭމްސްތަކާއި މުބާރާތްތަކަށް އެންމެ ރަނގަޅަށް ތައްޔާރު ވެގެންދާ ގައުމީ ޓީމުތަކަކީ ޓީޓީގެ ޓީމުތައް ކަމަށެވެ.
"މިކަމުގައި ސްޕޯޓްސް މިނިސްޓްރީ، އޮޅިމްޕިކް ކޮމިޓީ، ޗައިނާ އާއި ސައުދީ އަރަބިއާގެ އެމްބަސީން ދިން އެހީތެރިކަން ފާހަގަ ކުރަން،" އަލީ ވިދާޅުވި އެވެ.
ޓީޓީ ކުޅުންތެރިން ވަނީ މިދިޔަ އަހަރު ކްރޮއޭޝިއާގައި ވެސް ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ޗައިނާގެ ހައިޕާފޯމަންސް ޓީޓީ ޓްރޭނިން ޓީމެއް ރާއްޖެ އައިސް މާލޭގައި ވެސް ދިވެހި ކުޅުންތެރިންނަށް ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންދިޔަ އެވެ.
ޓީޓީއެމްގެ ރައީސް އަލީ (ވ) އާއި ނައިބު ރައީސް ޝިއުރީ (ކ): އެހެން ކުޅިވަރުތަކުގެ ވެރިން ވަޑައިގެން ޓީޓީ ޓީމަށް ސަޕޯޓް ދެއްވުމުން ހިތްހަމަޖެހި ވަޑައިގަންނަވާ ކަމަށް އަލީ ވިދާޅުވި
އަލީ ވިދާޅުވީ ފުވައްމުލަކުގައި ގާއިމު ކުރި ޓީޓީގެ ޓްރޭނިން ސެންޓަރު ހުޅިވިތާ ކުރު މުއްދަތެއްގެ ތެރޭގައި އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށެވެ. އެ ފަދަ ސެންޓަރުތައް އެހެން ރަށްރަށުގައި ގާއިމު ކުރުމުގެ މަސައްކަތް މިއަހަރު ވެސް ފާށަން އެ އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.
ދައުރުގެ ކާމިޔާބެއްގެ ގޮތުގައި އައްޔަ ފާހަގަ ކުރި އަނެއް ކަމަކީ، ޓީޓީ އިންޓަނޭޝަނަލް އަމްޕެޔަރު ކަމުގެ ބްލޫ ބެޖް ރާއްޖޭގެ އަމްޕެޔަރު މުހައްމަދު ޔާމީން ހާސިލު ކުރުމެވެ. އަލީ ވިދާޅުވީ އައިޓީޓީއެފްގެ ބްލޫބެޖް މީގެ ކުރިން އިންޑިއާގެ އަމްޕެޔަރުނޫން ބަޔަކަށް، މި ސަރަހައްދުގައި ވެސް ހާސިލުވެފައި ނެތް ކަމަށެވެ.
"ގިނަ ކުރިއެރުންތަކެއް ހޯދިއްޖެ. ދެން އޮންނާނީ އެންމެ އުނދަގޫ މަސައްކަތް. އެއީ އެ ކާމިޔާބުތައް ދެމެހެއްޓުމާއި އޭގެ މަތީގައި ތިބެ އަދި އިތުރު ކުރިއެރުންތައް ހޯދަމުން ދިއުން.
+ ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ އޮލިމްޕިކްސް އަށް ކޮލިފައިވުން
+ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019
o ތިން ރަން މެޑަލް
o ދެ ރިހި މެޑަލް + އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023
o ތިން ރަން މެޑަލް
o 2 ރިހި މެޑަލް
o އެއް ބްރޯންޒް މެޑަލް
+ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ބްރޯންޒް އަންހެން ޓީމު އިވެންޓުން ބްރޯންޒް މެޑަލް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy