ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުރަހީމް އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހުވާކުރުމުގެ ރަސްމިއްޔާތަށް މިއަދު ހެނދުނު ވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
28 މެއި 2024 - 13:14
މިއަދު ފެށި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި މިހާތަނަށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ، މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރީ އާ މެމްބަރުން މަގާމުގެ ހުވާކުރެއްވުމަށް ފަހު ބޭއްވި 20 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މެދުކެނޑުމެއް ނެތި މަޖިލިހުގައި އެންމެ ގިނަ ދުވަސް ވަންދެން ހުންނެވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ވާދަކުރެއްވި އަބްދުއްރަހީމާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލެވެ.
މަޖިލިހުގެ ރައީސްގެ ގޮނޑި އަށް އަބްދުއްރަހީމް ވަޑައިގަތީ 71 ވޯޓުންނެވެ. ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. މަޖިލިހުގެ ރައީސްގެ އިންތިހާބުގައި ހަތް ވޯޓު ބާތިލްވި އެވެ.
އަބްދުއްރަހީމަށް 71 ވޯޓު ލިބިވަޑައިގަތަސް މަޖިލިހުގެ ނައިބު ރައީސްކަމަށް ނާޒިމް ވަޑައިގަތީ 80 ވޯޓުންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. މިއަދު ފެށި އާ މަޖިލިހުގައި ތިއްބަވަނީ ވެސް އެމްޑީޕީގެ 12 މެމްބަރުންނެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިންތިހާބުގެ ވޯޓު ގުނަން މަޖިލިހުން ފާސްކުރި ފަސް މެމްބަރުންގެ ކޮމިޓީގެ މެމްބަރުން ވޯޓު ގުނުމުގައި.---ފޮޓޯ: މަޖިލިހުގެ އިދާރާ
ވޯޓު ގުނުމަށްޓަކައި މަޖިލިހުން ފާސްކުރި ފަސް މެމްބަރުންގެ ކޮމިޓީގައި ތިއްބަވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސެވެ.
ވިހި ވަނަ މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް އަދި ނައިބަކަށް ނާޒިމް އިންތިހާބު ކުރުމަށް ފަހު އަބްދުއްރަހީމް ވަނީ ރިޔާސަތާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ޖަލްސާ ކުރިއަށް ގެންދަވައިފަ އެވެ.
މަޖިލިހުގެ ރައީސް ކަމަށް އިންތިހާވުބުމުގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގައި މިހާރު ތިއްބެވި 76 މެންބަރުންގެ ސުޕަ މެޖޯރިޓީ ނުރޫޅި، މަޖިލީހުގެ މި ފަސް އަހަރުގެ ދައުރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނާޒިމް އަދި އަބްދުއްރަހީމް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަބްދުއްރަހީމް ވިދާޅުވީ އޭނާގެ އަމާޒަކަށް ވާނީ ރައީސް މުއިއްޒުގެ ވައުދުތައް ފުރިހަމަކަމާ އެކު، ފުއްދަން ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ދޭން ކަމަށާއި އެކަން ރައީސް މުއިއްޒު ހިތްޕުޅާ މިންވަރަށް ކޮށްދޭނެ ކަމަށެވެ.
ނާޒިމް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަނީ 20 ވަނަ މަޖިލީހަކީ ހަމަނުޖެހުންތައް މަދު، ނަތީޖާ ނެރޭ މަޖިލީހަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ނާޒިމް ވިދާޅުވީ އޭނާގެ ލީޑަޝިޕްގައި މަޖިލިސް ވާނީ ނަމޫނާ މަޖިލީހަކަށް ކަމަށެވެ.
މިދިޔަ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބުވި 10 މެންބަރަކު އެ ޕާޓީ އާ ގުޅިވަޑައިގަތުމުން ޕީއެންސީގައި މިހާރު ތިއްބެވީ ޖުމްލަ 76 މެންބަރުންނެވެ.
މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮލިޓިކްސް ގުންޑޮޅި
29 May 2024
އަފްރާޝީމް އަލީ އަދި ރިޟްވާންއާއި ޔާމީން ރަޝީދު މިވަގުތު ދުނިޔޭގައި ހުރިނަމަ އޭ އަހަރެން ހިތަށްއަރާ
އަހްމަދު ނޫރު
29 May 2024
މަޖިލީހުގެ ތަޖުރިބާ ހުރި ގާބިލް ދެމީހުން. މަރުހަބާ ދެމީހުންނަށްވެސް
ހާޔަތުﷲ
29 May 2024
ބަރާބަރު ދެމީހުން. ފަހުގެ ތާރީހެއްގައި މިގައުމުގެ މަޖިލީހަށް އައި އެއްމެ ވަރުގަދަ އެއްމެ ގާބިލް ދެ ރައީސާއި ނައިބު
މުހައްމަދު ޝުހާދު
29 May 2024
މިސަރުކާރު ދެން ދާނީ ބާރަށް ކުރިޔަށް. ބޭނުންވި މަޖިލިސް ލިބިގެން މިދިޔައީ. ދަތިތަކެއް ނެތި ބާރަށް ކުރިޔަށް ދެން ދާނީ
ސިޔާދު ގާސިމް
29 May 2024
މަރުހަބާ އަދުރޭ އަދި ނާޒިމް. ރައީސް މުއިއްޒްގެ ރަނގަޅު ދެ ޗޮއިސް ތިއީ.
މުހުތާޒް މުހުސިން
29 May 2024
މިއީ މިކަމަށް އެއްމެ ގާބިލް ދެމީހުން.
އަފްޘީން
29 May 2024
މިދިޔަ ސޯލިހް ސަރުކާރުގައި އެއްމެ ބޮޑަށް މައްސަލަ ޖެހުނީ މަޖިލިސް ހިސާބުން. ރައީސް ކަނޑައަޅަން ޖެހުނު ހިސާބުން ފުރަތަމަ ރެދުލީ. ނަމަވެސް މި ސަރުކާރުން އެކަން އެވޮއިޑްކޮށްފި.
އަފާފް ސައީދު
29 May 2024
ރައީސް މުއިއްޒްގެ ވަަރަށް ސްމާޓް މޫވްއެއް. އެއްވެސް މައްސަލައެއް ނުޖެހި މިކަންވެސް ނިންމާލީ
ހޔތު
29 May 2024
ނަސީބަކުން މިފަހަރުވެސް މަޖިލީހުގައި އެބައިން ދެވަނަ ޖާބިރު.... ދިމާ ކޮށްބަލަ އެނަންބަރ
ހަމަ ހުވާ
28 May 2024
ރަހީމްބެ ޗާޖު ވީމަ ނިކަން މަޖާވާނެ.