10 ޖޫން 2024 - 07:40
ކެމްބަރާ (ޖޫން 10) – ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބަށް އޮސްޓްރޭލިއާ އަށް އެތެރެވުން މަނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގައި އޮސްޓްރޭލިއާއާ ދެކޮޅަށް ފަލަސްތިނު މާދަމާ ކުޅެން ހަމަޖެހިފައިވާ މެޗަށް، ޓީމާ އެކު ޖިބްރީލް ރަޖޫބް ވެސް ދަތުރުކުރައްވާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އޭނާ އަށް ވިސާ ނުދޭން އެސްޓްރޭލިއާގެ ސަރުކާރުން ނިންމި އެވެ.
އޮސްޓްރޭލިއާގެ ފުޓްބޯޅަ އިދާރާ (ސޮކަރޫޒް) އިން ބުނީ ރަޖޫބަށް އޮސްޓްރޭލިއއާގެ ވިސާ ނުލިބުނުކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ ސަރުކާރާ ގުޅޭ ކަމެއް ކަމަށް ސޮކަރޫޒުން ބުންޏެވެ.
ޓީމުގެ އެހެން މެންބަރުންނަށް ވިސާ ލިބި، މިހާރު ތީބީ އޮސްޓްރޭލިއާގަ އެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން، ރަޖޫބަށް ވިސާ ނުދިނީ އޭނާ އަކީ ސިޔާސީ މީހަކަށް ވަތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވެސް ކުރައްވާ ރަޖޫބް ވަނީ، މިދިޔަ މަހު ބޭއްވި ފީފާގެ ކޮންގްރެސްގައި އިޒްރޭލުން ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ހަނގުރާމަ ކުރަން ފެށުމުން، ރަޝިއާއާ ދެކޮޅަށް ފީފާއިން ފިޔަވަޅު އަޅާފައިވާ އިރު ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ކުރާ އިރު ފީފާއިން ފިޔަވަޅު ނާޅާ މައްސަލަ، ފަލަސްތީނުގެ ރަޖޫބް ފެންމަތި ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
10 June 2024
އޮސްޓްރޭލިޔާގެ ރިމޯޓް އޮންނަނީ އެމެެރިކާ އަތުގައި. އެމެރިކާގެ ރިމޯޓް އޮންނަނީ އިޒްރޭލު އަތުގައި. އޮސްޓްރޭލިޔާގެ ރިމޯޓު އއމެރިކާ އަތުގައި އޮތަސް އިޒްރޭލު ބޭނުންއިރަކު އޮސްޓްރޭލިޔާގެ ރިމޯޓާ ވެސް ކުޅެވޭ.
ޢެއީތަ
10 June 2024
އެއީ ދޯ ދުނިޔެ ލީޑް ކުރާ ބަޔަކީ ގުރުއާނުން އޮވޭ ބުނާ އަޑު އަހަން ދުނިޔެ ލިބޭނީ ޔަހޫދީންނަށޭ ފަލަސްތީނުގެ ރައްޔިތުންނަށް ސަހީދުންގެ ދަރަޖަ ދެއްވާ ދިރިތިބީންނައް ކާމިޔާބު ލިބުން އެދެން