ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު ވާހަކަ ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
12 ޖޫން 2024 - 12:10
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި މިއަދު ކުރިއަށް ގެންދާ ޓެލެތޯން އޮޑިޓް ކުރާނެ ކަމަށާއި އެ ހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާނެ ކަން ޔަގީން ކުރާނެ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
"ފަލަސްތީނާ އެކު ދިވެހީން" ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިންތިޒާމު ކޮށްގެން މިރޭ ދަންވަރު 12 ޖަހަންދެން ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ޒީނާ ވިދާޅުވީ، އެ ހަރަކާތުގެ ކަންކަން ބެލުމާއި އަދި ލިބޭ ފައިސާ ފަލަސްތީނަށް ރައްދު ކުރުމާ ގުޅޭ ކަންކަން ހިނގާ ގޮތް ބެލުމަށް މިނިވަން އޮޑިޓަރެއްގެ ގޮތުގައި "ކްރޯ މޯލްޑިވްސް" ހަމަޖައްސާފައިވާ ކަމަށެވެ.
ޓެލެތޯން މެދުވެރިކޮށް ނަމޫނާ އަދަދަކަށް ފައިސާ އެއްކުރެވޭނެ ކަމަށް އުއްމީދުކުރަން، ދިވެހިންނަކީ ފަލަސްޠީނަށް އެހީވުމުގައި އަބަދުވެސް ނަމޫނާ ދައްކާ ބައެއް: ޒީނާ pic.twitter.com/ngPtsO3BVY
— PSM News (@psmnewsmv) June 12, 2024
"ކްރޯ މޯލްޑިވްސް އިން ވެދޭ އެހީތެރިކަން ފާހަގަކުރަން. ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށް މި ފައިސާ ފަލަސްތީނަށް ފޯރުކޮށްދެވޭނީ. އެންމެ ފުރަތަމަ އަޅުގަނޑުމެން މި ފައިސާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީ އަށް، ފޮރިން މިނިސްޓްރީން އަންރުއާއާ ހަވާލު ކުރާނީ،" ޒީނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު ވާހަކަ ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަަމީރު ވަނީ ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެ އިން ދޭ އެހީ5،000 ޑޮލަރުން 50،000 ޑޮލަރަށް އިތުރު ކުރަން ރައީސް މުއިއްޒު ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
ޒަމީރު ވިދާޅުވީ ޓެލެތޯން އިން ލިބޭ ފައިސާ "އަންރުއާ"އާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަަމަށެވެ.
"ކްރޯވް މޯލްޑިވްސް އެލްއެލްޕީ ވަނީ މި މަސައްކަތާއި ހަވާލުވެފައި. އެ ބޭފުޅުން އޮޑިޓް ކުރެެއްވީމާ އެ ފައިސާ އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންރުއާ ހަވާލުކޮށް، އެ ފައިސާ ލިބުނުކަން ޔަގީން ކުރުމަށް ފަހު ރައްޔިތުންނަށް އަޅުގަނޑުމެން އަންގައި ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގައި ފޮރިން މިނިސްޓަރު ޒަމީރު ބައިވެރިވެވަޑައިގެން ފައިސާގެ އެހީއެއް ވެދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ފަލަސްތީނަށް އެހީވުމަށް ބާއްވާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އާ ހަމައަށް ޓެލެތޯނެއް ކުރިއަށް ގެންދާއިރު ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް މި ސަރުކާރުން އިތުރު ކުރުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމުގެ އަމަލީ މަސައްކަތް ރައްޔިތުންގެ މަޖިލިިހުގައި ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
13 June 2024
ކާކުގަބޫލުކުރާނީ މިސަރުކާރުން އިޚްލާސްތެރިވާނެކަމަށް، ތިޖޫރީގަ 7 ރުފިޔާއިނީމަ ނުވެގެން ތިއުޅެނީ ލާރިހޯދަން، ކިހިނެއް މީހަކަށް ދެވޭނީ.؟
އަބްޑޫޅް +
13 June 2024
އިޒުރޭލު ޕާސްޕޯޓު މަނާނޮށްފި ނަމަ، ދުނިޔޭގެ އެންމަ ބާރުގަދަ ދައުލަތްތަކުން، ދިވެހިރާއްޖޭގެ ޕާސްޕޯޓުގަ، ދިވެހީން ދަތުރުކުރުމަށް ވަރަށް ބޮޑެތި އުނދަގޫ ތަކެއް މެދުވެރި ކުރުވާނެ. މި ފިޔަވަޅަށް ކިޔަނީ "ސެންކުސަން". މި ސެންކުސަން ޖެއްސީމަ، ކަލޭމެން ދިވެހީން ބޭހަށާއި، ކުޅިވަރަށާއި މުނިފޫހި ފިލުވަން ދިޔުން ވަރަށް އުނދަގޫވާނެ. އަވީގަ އެތައް އިރަކު ތިބެގެން ލިބޭ ވިސާގަ ދަތުރު ކުރުމުން، އެޔާޕޯޓުން ނިކުތަ ނުދީ ތިބެންވެސް ޖެހޭނެ. އަދިވެސް ބޭނުމީ ފަލަސްތީނުތަ؟
އަހަންމަދާ
12 June 2024
އަދިވެސް އިޒްރޭލް ޕާސްޕޯޓް ބޭން އެއް ނުކުރިއެންނު. މިހުންނަނީ ވިސްނަން ޖެހޭ ކަންކަން ކުރިން ހީކުރިން މި ސަރުކާރުން އެކަން ކުރާނެ ކަމަށް އެކަމު ވަކި ސަރުކާރަކުން ވާ ކަމެއް ނޫން މިއީ. އަސްލު އަބަދުވެސް އެންމެން އިދިކޮޅުގަ ތިބޭ އިރު ބޭން ކުރަން ގޮވާފަ ލިބުނީމަ ވިސްނާފަ ކުރަން ޖެހޭ ކަމަކަށް ހަދަނީ. ސިޔާސީ ކަންކަން
ލޮޖިކް
12 June 2024
ދެންފަހެ، އިދާރީ ޚަރަދަށް %12.5 ނެގުމަށްފަހު، ދެފުށްފެނި ފުށްޖަހާ ދެފުށަށްޖަހާ ނިމުނީއެވެ.
ލަސް
12 June 2024
އެބުނާ ދެފުށަކީ ގޮދަން ފުށާ މޫނުގަ ޖަހާ ފުށް
ކޮރަލް
12 June 2024
ޕީ އެސް އެމް ގޯތި ތެރޭ ބޮޑު ރެސްޓޯރަންޓް އެއް އެހަދަނީ ދެފުއް ފެންނަ ގޮތަށް ކަމަކަށް ނުބެލެވެ އެވެ. ނޫސްވެރީން އަޅެ ރަނގަޅު ތޯ ބަލާލަ ބަލާށެވެ.
ނުނން
12 June 2024
ދެފުށެއްވެސްނޫން ފެންނާނީ ގޮދަންފުށް ފެންނާނީ....