ކުޅިވަރު / ޔޫރޯ 2024

ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކާ ހެދި ޔޫރޯ އަށް ފުސް ވިލާގަނޑެއް

ޖަރުމަނުގެ ކަނާތު ފިޔައިގެ ސިޔާސީ ލީޑަރުން: އެ ޕާޓީގެ ފިކުރުތަކާ ހެދި ޖަރުމަނުގެ ޓީމުގެ ކުޅުންތެރިންނަށް ފުރައްސާރަ އަމާޒުވޭ

މިރޭ ޖަރުމަނުގައި ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރިޔަސް، ޖަރުމަނުގައި ހެދި ބޮޑުވަމުން އަންނަ ފާ ރައިޓް ނުވަތަ ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީތަކާ ހެދި އެ ގައުމުގެ ޔޫރޯ އަށް ފުސް ވިލާގަނޑެއް އޮތީ ބޯމަތި ވެފަ އެވެ.

ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖާހާއިރު ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ޖަރުމަނާއި ސްކޮޓްލެންޑެވެ. ކަނާއަތު ފިޔައިގެ ހަރުކަށި ސިޔާސީ ފިކުރުތަކުގެ ސަބަބުން ޖަރުމަނުގެ ގައުމީ ޓީމުގައި ހިމެނޭ އެހެން ނަސްލުތަކުގެ ކުޅުންތެރިންނާ ދިމާ ކުރުމުގެ އަމަލުތަކެއް ވެސް ޖަރުމަނުގެ އާންމު މުޖުތަމައުގެ ތެރެއިން ވެސް ދަނީ ފެންނަމުންނެވެ.

މުބާރާތަށް ވަގުތުކުޑަތަން ވެފައި ވަނިކޮށް ޖަރުމަނުގެ ބްރޮޑްކާސްޓަރެއް ކަމަށްވާ، އޭއާރްޑީން ނެގި ޕޯލަކާ ގުޅިގެން، ފުޓްބޯޅައިގެ މަސައްކަތް ހުއްޓާލާފައި ޖަރުމަނުގެ ކޯޗު ހޫލިއަން ނަގެލްސްމަން އަށް ޖެހުނީ އެކަންތައްގަނޑާ ކުރިމަތިލާށެވެ.

އޭއާރްޑީން ޕޯލަށް ހުޅުވާލީ އެ ގައުމުގެ ގައުމީ ޓީމުގައި ތިބެން އެންމެ ބޮޑަށް ބޭނުން ވަނީ ދޮން ނަސްލުގެ ކުޅުން ތެރިންތޯ ނުވަތަ ނޫންތޯ އެވެ.

މިއަހަރުގެ ޔޫރޯ އަކީ 2006 ގެ ވޯލްޑް ކަޕްގެ ފަހުން ޖަރުމަނުގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ. ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކު ތާއީދު އޭރު ފަނޑެވެ.

ނަމަވެސް ޖަރުމަނުގެ ޒުވާން އާބާދީގެ މެދުގައި ވެސް އެ ފަދަ ޕާޓީތަކަށް އޮތް ތާއީދު މިހާރު ބޮޑެވެ. މީގެ 18 އަހަރު ކުރިއަށް ވުރެ، ކަނާތު ފިޔައިގެ ސިޔާސީ ހަރަކާތް އޮތީ ޖަރުމަނުގެ ސެންޓަ ސްޓޭޖް ޕޮލިޓިކްސްއާ ކައިރީގަ އެވެ.

ޖަރުމަނުގެ ބައެއް ސިޓީތަކުގެ އިންތިހާބުތަކުގައި ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާޓީތަކުން ކުރި ހޯދައިފި އެވެ. ގާނޫނު ހަދާ މަޖިޅިހުގައި އެ ފިކުރުގެ އަޑު ގަދަ އެވެ.

ދި ގާޑިއަންގެ ކޮލަމިސްޓް ފާތިމާ އައިދަމިރް ލިޔެފައިވާ ގޮތުގައި 2006 ގެ ވޯލްޑް ކަޕްގައި ޖަރުމަނުގެ އެކި ގޭގެ ކިޑިކީތަކުން ކަޅާއި ރަތް އަދި ރަން ކުލައިގެ ދިދަ ވިހުރުވި އެވެ. އެކަމަކު މިފަހަރު އެ ކުލަތައް އެ ކިޑިކީތަކުން ވިހުރުވަމުންދާ އަދަދު މަދެވެ.

ފާތިމާ އައިދަމިރް އަކީ ކުރުދީ އަދި ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ނަމަވެސް ޖަރުމަނަށް އުފަން ރައްޔިތެކެވެ. ވޯލްޑް ކަޕް 2006 ކުރިމަތިލި އިރު އޭނާގެ ހައި ސްކޫލުން ގްރެޖްއޭޓްވެ ނިމިއްޖެ އެވެ. އެކުގައި ކިޔެވި ކުދިންނާ އެކު އޭނާ ވެސް އޭރު ޖަރުމަނު އެކުވެރި ކޮށްދިން ހަރަކާތްތަކުގައި ބައިވެރިވި އެވެ.

ނަމަވެސް، މިއަދު ބަދަލުވެފައިވާ ޖަރުމަނުގެ މަސްރަހުގައި، ފާތިމާ އަކީ ވެސް އެ ގައުމުގެ މީހެއް ނޫންކަމަށް ސިފާވާ ގޮތަށް ކަނާތު ފިޔައިގެ ސިޔާސީ ހަރަކާތްތަށް ތާއީދު ކުރާ މީހުން ވާހަކަ ދައްކާކަމަށް އޭނޭ ލިޔެފައި ވެއެވެ.

"އަހަރެން ގްރެޖްއޭޓް ވިތާ ގާތްގަނޑަކަށް 20 އަހަރު ފަހުން، ޖަރުމަނުން 2024 ގެ ޔޫރަޕިއަން ފުޓްބޯލް ޗެމްޕިއަންޝިޕް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، މައިނޯރިޓީންނާއި ފާސިސްޓުންނާ ދެކޮޅު މީހުންގެ މެދުގައި އުފެދިފައިވާ ބޮޑު ބިރަކީ، ހިފެހެއްޓުމެއް ނެތް ޒެނޮފޯބިއާ އާއި ނަސްލީ ތަފާތުކުރުންތަކުގެ އާ 'ސަމާ ފެރީޓޭލް' އެކެވެ،" ދި ގާޑިއަންގެ ކޮލަމްގައި ފާތިމާ ލިޔެފައި ވެއެވެ.

ޖަރުމަނުގެ ކެޕްޓަން ގުންޑޮގާން: އޭނާ އަކީ ތުރުކީ ދަރިކޮޅު ކުޅުންތެރިޔަކަށް ވާތީ ފާޑުކިޔާ

ޖަރުމަނުގެ ކުރީގެ ތަރި މެސްޓް އޮޒިލަކީ ވެސް ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. ޖަރުމަނުގެ ބައެއް ސިޔާސީ ފަރާތްތަކުން އޭނާ އާ ޖައްސާލައި ފުރައްސާރު ކުރާ ކަމަށް މީގެ ކުރިން ވެސް އޮޒިލް ބުނެފައި ވެއެވެ.

"އަހަރެމެން މޮޅުވެއްޖެނަމަ އަހަންނަކީ ޖަރުމަނު މީހެއް. ބަލިވެއްޖެނަމަ އަހަންނަކީ ހިޖުރަވެރިއެއް،" އޮޒިލް ބުނެފައި އެވެ.

ޖަރުމަނުގެ މިހާރު ގައުމީ ޓީމުގައި ވެސް މަސްހުނި ދަރިކޮޅުތަކަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ. ކެޕްޓަން އިލްކައި ގުންޑޮގާނަކީ ވެސް ތުރުކީ ދަރިކޮޅު ކުޅުންތެރިޔެކެވެ. ޖަރުމަނުގެ ޑިފެންޑަރު އެންޓޮނިއޯ ރޫޑިގާ އަކީ ސިއެރަލިއޯން އަށް އާއިލާގެ އަސްލު ނިސްބަތްވާ ކުޅުންތެރިޔެކެވެ. އެންމެ ފަހުން ޓީމަށް ނެގި އެމެރީ ޗޭން އަކީ ވެސް ތުރުކީ ދަރިކޮޅެވެ. ޖަމާލް މުސިއާލާ އާއި ލިރޮއީ ސާނެ އަކީ ވެސް އަސްލު އެހެން ގައުމުތަކާ ގުޅުން އޮތް ކުޅުންތެރިންނެވެ. ޖަރުމަނުގެ ސްކޮޑްގެ ދެބައިކުޅަ އެއްބަޔަކީ އެއީ އެވެ.

މި ގޮތް ޖަރުމަނުގައި ނުފޫޒު ގަދަ ސިޔާސީ މީހުންނާއި، އެ މީހުންނަށް ތާއީދު ކުރާ އާންމުންނަށް ކަމަކު ނުދެ އެވެ.

"މިހާރު މިއޮތީ ޖަރުމަނު ޓީމެއް ނޫން، ބަލާ އެ ޓީމުގައި ޖަރުމަނުގެ ކިތައް މީހުން ކުޅޭތޯ. އެއީ [ޖަރުމަނުގެ ގައުމީ ޓީމަކީ] މިހާރު ޖޯކެއް،" ޑޮކިޔުމެންޓްރީ އުފައްދާ ޖަރުމަނުގެ ނޫސްވެރިޔާ ފިލިޕް އޮވޯނޫގެ އިންޓަވިއުގައި ވާހަކަ ދެއްކި ދުވަސްވީ މީހަކު ބުންޏެވެ.

އެފްރިކާގެ ނަސްލަކަށް ނިސްބަތްވާ އޮވޯނޫ، އެ މީހާއާ ދެން ސުވާލު ކުރީ "އެހެން ވީއިރު ޖަރުމަނުގެ މީހުންނަކީ ކޮބައިތޯ އެވެ.

"އަހަންނަށް ހަގީގީ ޖަރުމަނު މީހުންނަކީ.. ބޭނުމެއް ނޫން ކަލޭ އަށް އުނދަގޫވާކަށް... ހަމުގެ ކުލަ އަލީ މީހުން،" ދުވަސްވީ މީހާ ޖަވާބު ދިނެވެ.

"ކީއްވެ އަހަރެން ޖަރުމަނު މީހަކަށް ނުވާންވީ،" އޮވޯނޫ، ސުވާލު ކުރި އެވެ.

"ސަބަބަކީ ކަލޭގެ މައިންބަފައިންނަކީ ޖަރުމަނު ބަޔަކަށް ނުވާނެތީ،" ދުވަސްވީ މިހާ ޖަވާބު ދިނެވެ.

"އަހަރެންގެ މަންމަ އަކީ ޖަރުމަނު،" އޮވޯނޫ ބުންޏެވެ.

" ރަނގަޅު. އެހެންވީމަ ޖަރުމަނު މީހަކަށް ވެދާނެ، އެ މީހާ ޖަވާބު ދިނެވެ. އެކަމަކު ކޮބާ ހަމުގެ ކުލަ އަލި ޖަރުމަނުގެ ކުޅުންތެރިން."

މި ކަންތައްގަނޑާ ކުރިމަތިލުމުގެ ގޮތުން ޖަރުމަނުގެ ކޯޗު ނަގެލްސްމަން ވަނީ ވަރުގަދަ އިއުލާނެ ވެސް މުބާރާތުގެ ކުރިން ކޮށްފަ އެވެ. އެންމެ މަތީ ފެންވަރުގައި ކުޅެވޭ ކޮންމެ ނަސްލެއްގެ ކުޅުންތެރިޔަކަށް ވިޔަސް ޖަރުމަނު ޓީމަށް ކުޅުމުގެ ހައިސިއްޔަތު އޮތް ކޮންމެ ކުޅުންތެރިޔަކަށް އޭނާ ފުރުސަތު ދޭނެ ކަމަށް ނަގެލްސްމަން ބުންޏެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454