އީގަލްސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް
14 ޖޫން 2024 - 15:25
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ރޭ މާޒިޔާ އިން ފަހު ހާފުގައި ކާމިޔާބު ކުރި ތިން ގޯލާއެކު 3-2 އިން ކްލަބް އީގަލްސް ބަލިކޮށްފި އެވެ.
އީގަލްސް ވަނީ 2018 ވަނަ އަހަރު, މި އުމުރުފުރާއަށް ބޭއްވި ފުރަތަމަ މުބާރާތުގެ ފައިނަލްގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ޕެނަލްޓީގައި ބަލިވެފަ އެވެ. ނަމަވެސް ރޭގެ މެޗަކީ 19 އަހަރުން ދަށުގެ މެޗެއްގެ ފުރިހަމަ ވަގުތު ކުޅެގެން އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ.
މިއަހަރުގެ މުބާރާތަކީ 19 އަހަރުން ދަށަށް ހާއްސަކޮށް މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2018 އަށް ފަހު ދެން ބޭއްވީ 2022 ވަނަ އަހަރެވެ. އެއަހަރުގެ މުބާރާތް ކާމިޔާބު ކުރީ އީގަލްސް އެވެ.
މުހައްމަދު އައިމަން އާއި އަޝްހަމް އިބްރާހިމް އަހުމަދު ފުރަތަމަ ހާފުގައި ޖަހައިދިން ގޯލުތަކާ އެކު އީގަލްސް ރޭގެ މެޗުން, މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ޔަގީން ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ދެވަނަ ހާފުގައި މާޒިޔާ ފެނުނީ ތަފާތުކޮށެވެ.
ދެވަނަ ހާފުގެ ވިއްސަކަށް މިނިޓުތެރޭ މާޒިޔާގެ މުހައްމަދު އަފްޒަލް ގޯލެއް ޖަހައި އެޓީމަށް އުންމީދެއް ހޯދައިދިން އިރު, އޭގެ 10 މިނިޓު ފަހުން އިތުރު ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކޮށްދިނެވެ. މާޒިޔާ މޮޅުވި ލަނޑު 83 ވަނަ މިނިޓުގައި ޖަހައިދިނީ އަނޫފް އަބްދުﷲ އެވެ.
މިއާ އެކު ގުރޫޕް ބީގެ ކޮންމެ ޓީމެއް ވެސް މިވަނީ ދެ މެޗު ކުޅެފަ އެވެ. އިއްޔެ ހަވީރު ގްރީން ސްޓްރީޓްސް ވަނީ 4-1 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފަ އެވެ.
އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި 4-1 އިން ޔޫވީ ބަލިކޮށްގެން ހޯދި ތިން ޕޮއިންޓާ އެކު އެޓީމު އޮތީ ގުރޫޕްގެ ތިންވަނައިގަ އެވެ. ގްރީން އާއި މާޒިޔާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.
ގުރޫޕް އޭގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ރޭގެ މެޗަށް ފަހު, ކުރިއަށް އޮތް އަލްހާ އީދަށް މުބާރާތް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ. މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހެވެ. ގުރޫޕް ސްޓޭޖު ނިމޭނީ އެ ދެ ދުވަހުގެ މެޗުތަކަށް ފަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy