ދުނިޔޭގެ ކުޅިވަރު / ޔޫރޯ 2024

ޔޫރޯ 2024: ޓީމު - ޖަރުމަން

15 ޖޫން 2024 - 23:17

ޖަރުމަނަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ގައުމެވެ. ފުޓްބޯޅައިގެ ކާމިޔާބީއާ ރައްޓެހި ޖަރުމަނު މިފަހަރުގެ މުބާރާތަށް ނުކުންނަނީ އަމިއްލަ ގައުމުގަ އެވެ. އެއީ ޔޫރޯގެ ކާމިޔާބީ އިތުރު ހަރުފަތަކަށް ގެންދަން އެގައުމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

ޖަރުމަނަކީ ވޯލްޑް ކަޕާއި ޔޫރޯގެ ތާރީހަށް ބަލާއިރު ޔޫރަޕްގައި އޮތް އެންމެ ކާމިޔާބު ގައުމެވެ. ވޯލްޑް ކަޕް 1954، 1974، 1990 އަދި 2014 ވަނަ އަހަރު ކާމިޔާބުކުރި އެވެ. ބްރެޒިލްގެ ފަހަތުން ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އެއް ގައުމަކީ ޖަރުމަނެވެ. އެ އަދަދަށް ވޯލްޑް ކަޕް ހޯދި އަނެއް ގައުމަކީ އިޓަލީ އެވެ. ވޯލްޑް ކަޕް ފައިނަލުގައި ހަތަރު ފަހަރު ބަލިވިއިރު ތިން ވަނަ މަގާމް ހަތަރު ފަހަރު ހޯދި އެވެ.

ޔޫރޯގެ ޗެމްޕިއަންކަން ޖަރުމަނު ހޯދީ 1972، 1980 އަދި 1996 ވަނަ އަހަރު އެވެ. ޖަރުމަނާ އެއްވަރަށް ޔޫރޯ ކާމިޔާބުކުރި ގައުމަކީ ސްޕެއިން އެވެ. ޔޫރޯގެ ތިން ފައިނަލުގައި ކުޅެ ޖަރުމަނު ބަލިވި އެވެ. އަދި، ތިން ވަނަ މަގާމް ތިން ފަހަރު ހޯދި އެވެ.

ޖަރުމަނު ވަނީ ވޯލްޑް ކަޕާއި ޔޫރޯ ހިމެނޭހެން ޖުމްލަ 14 ފައިނަލްގައި ކުޅެފަ އެވެ. އެއީ ޔޫރަޕްގެ އެހެން ގައުމުތަކާ ނުބައްދަލު އަދަދެކެވެ.

ބައިނަލްއަގްވާމީ ބޮޑު ދެ މުބާރާތުގެ އިތުރުން ޖަރުމަނުން ވަނީ 1976 ވަނަ އަހަރު ސަމާ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގެ ގޯލްޑް މެޑަލް ހޯދާފަ އެވެ. އަދި، 2017 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކާމިޔާބުކުރި އެވެ.

ތަށިން ގުނާލެވޭ ކާމިޔާބީގެ އިތުރުން ޖަރުމަނަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގިނަ މެޗު ޖެހިޖެހިގެން ކާމިޔާބުކުރި ގައުމެވެ. އެ ރެކޯޑް ޖަރުމަނު ހެދީ 2010 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2012 ވަނަ އަހަރުގެ ޖޫން މަހާ ދެމެދު އެވެ.

ޖަރުމަނު ޔޫރޯގައި ވާދަކުރާ މިއީ 14 ވަނަ ފަހަރެވެ. އެގައުމު ގްރޫޕް ސްޓޭޖުން ކެޓީ އޭގެތެރެއިން ތިން މުބާރާތުގަ އެވެ. މިއީ ޖަރުމަނުގައި ޔޫރޯ ބާއްވާ ދެ ވަނަ ފަހަރެވެ. ފުރަތަމަ އެގައުމުގައި މުބާރާތް ބޭއްވީ 1988 ވަނަ އަހަރު އެވެ. އޭރު އެގައުމު ތަމްސީލުކުރަނީ ހުޅަނގު ޖަރުމަނުގެ ނަމުގަ އެވެ. އެފަހަރު ސެމީ ފައިނަލުގައި ވާދަކޮށް ނެދަލެންޑްސް އަތުން ބަލިވި އެވެ.

އަމިއްލަ ގައުމުގަ ޖަރުމަނަށް ތަށި ހޯދިދާނެތަ؟

ގްރޫޕް އޭގައި ޖަރުމަނާ އެކު ހިމެނެނީ ސްކޮޓްލެންޑް، ހަންގޭރީ އަދި ސްވިޒަލެންޑެވެ. އަމިއްލަ ގައުމުގައި މެޗުތައް ކުޅޭތީ ޖަރުމަނަކީ ޔަގީނުންވެސް މުބާރާތުގެ އެއް ފޭވަރިޓެވެ. އެކަމަކު ޔޫރޯއާ އެޓީމު ކުރިމަތިލަނީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިތާ 18 މަސްދުވަސް ފަހުންނެވެ. މުބާރާތުގެ ކޮލިފައިން މެޗެއް ނުކުޅެ ޖަރުމަނު މިދިޔަ އަހަރުތަކުގައި ކުޅުނީ ޔޫއެފާ ނޭޝަންސް ލީގުގެ މެޗުތަކާއި އެކުވެރިކަމުގެ މެޗުތަކެވެ. ގަތަރު ވޯލްޑް ކަޕް 2022 ގެ ހިތްދަތި ނަތީޖާތަކަށް ފަހު ޖަރުމަނު ކުޅުނު 11 މެޗުގެ ތެރެއިން އެގައުމު މޮޅުވީ އެންމެ ތިން މެޗުންނެވެ. އެ މުއްދަތުގައި މޮޅެއް ނުލިބި ފަސް މެޗު ދިއުމުން އޭރުގެ ކޯޗު ހަންސީ ފްލިކަށް މަގާމް ވެސް ގެއްލުނެވެ.

މުހިއްމު ކުޅުންތެރިން:

ޔޫރޯއާ ކުރިމަތިލާ ޖަރުމަނު ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ގިނަ އެވެ. އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ގައުމީ ޓީމުން ރިޓަޔާ ކުރުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އަލުން ގައުމީ ޓީމާ ގުޅުނު ޓޮނީ ކްރޫސް އެވެ. ރެއާލްގެ މިޑްފީލްޑަރު ކްރޫސް، 34، އަދިވެސް އަންނަނީ އެންމެ މަތީ ފަންތީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ގައުމީ ޓީމާ އަލުން ގުޅެން ކްރޫސް ނިންމީ މިހާރުގެ ކޯޗު ހޫލިއަން ނާގެލްސްމަންގެ އެދުމުގެ މަތިންނެވެ.

ކްރޫސްގެ އިތުރުން ކެޕްޓަން އިލްކާއީ ގުންޑޮގާން އަކީ ވެސް އެޓީމުގެ މުހިއްމު ތަނބެކެވެ. ބާސެލޯނާ އަށް ކުޅޭ ގުންޑޮގާން އަކީ 2011 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 75 މެޗުގައި ގުންޑޮގާން ވަނީ 18 ގޯލު ޖަހައިފަ އެވެ.

ޖަރުމަނުގައި ދެން އެންމެ ފާހަގަކޮށްލެވެނީ 21 އަހަރުގެ ދެ ކުޅުންތެރިން ކަމަށްވާ ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާ އާއި ބަޔާ ލެވަކޫސަންގެ ފްލޯރިން ވިޓްޒް އެވެ. ޔޫރޯއާ ކުރިމަތިލާއިރު ޖަރުމަނު ޓީމުގައި އެންމެ ރަނގަޅު ފޯމުގައި ހުރީ ލެވަކޫސަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިޓްޒް އެވެ. ޖަރުމަނުގެ ކޯޗުގެ ޕްލޭންގައި ވެސް އެކުޅުންތެރިންގެ ދައުރު ޔޫރޯގައި ބޮޑުވާނެ އެވެ.

ކޯޗު :ހޫލިއަން ނާގެލްސްމަން

އުމުރުން އެންމެ 36 އަހަރުގެ ނާގެލްސްމަން އަކީ މިފަހަރުގެ ޔޫރޯގައި އިރުޝާދުދޭނެ އެންމެ ޒުވާން ކޯޗެވެ. ޕްރޮފެޝަނަލް ފުޓްބޯޅައިގައި މެޗެއް ކުޅެފައިނުވާ ނާގެލްސްމަން ޖަރުމަނުގެ ކޯޗުކަމާ ހަވާލުވީ 2023 ސެޕްޓެމްބަރު މަހު އެވެ. އޭގެކުރިން ނާގެލްސްމަން ވަނީ ބަޔާން މިއުނިކާއި އާރުބީ ލައިޕްޒިގް އަދި ހޮފެންހެއިމް އަށް އިރުޝާދުދީފަ އެވެ. ފުޓްބޯޅައިގެ އެންމެ ހައިބަތު ބޮޑު އެއް ގައުމާއި ނާގެލްސްމަން ހަވާލުވި ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވި އެވެ. އެއް މެޗު އެއްވަރުވިއިރު ދެ މެޗުން ވަނީ ބަލިވެފަ އެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454